ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އާނަންދު އެލް ރާއީ އަދި މަޤުބޫލު އެކްޓަރު ދަނުޝް، އެ ދެމީހުންގެ ހަތަރުވަނަ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މީގެ ކުރިން “ރާންޖަނާ”، “އަތުރަންގީ ރޭ” އަދި “ތޭރޭ އިޝްޤް މޭ” އިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައިވާ މި ޖޯޑު މިފަހަރު ފެނިގެންދާނީ ރޮމޭންޓިކް ޕީރިއަޑް އެކްޝަން ޑްރާމާއަކުންނެވެ. ވެރައިޓީ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައިވާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މެދުތެރޭގައެވެ.
މި ފިލްމަކީ ހަމައެކަނި ލޯބީގެ ވާހަކައެއްގެ އިތުރުން، ބޮޑެތި ސްޓަންޓްތަކާއި ވަރުގަދަ މަންޒަރުތައް ހިމެނޭ އެކްޝަން ފިލްމެކެވެ. ޚަބަރުތައް ބުނާގޮތުގައި، ފިލްމުގެ އެކްޝަން މަންޒަރުތައް ސިފަކޮށްދޭނީ މާޒީވެ ގޮސްފައިވާ ޒަމާނެއްގެ މާހައުލު ވަރަށް ފުރިހަމައަށް އަލުން ދައްކުވައިދޭ ގޮތަށެވެ. އަދި އެ ޒަމާނުގެ މާހައުލަކީ މި ފިލްމުގެ ވިޝުއަލްތަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.
މި ޕްރޮޖެކްޓަކީ ޑައިރެކްޓަރު އާނަންދު އަދި އެކްޓަރު ދަނުޝްއަށްވެސް މުޅިން އާ ޖޯންރާއެކެވެ. މި ފިލްމު ވެގެންދާނީ އެ ދެ ފަންނާނުން މީގެ ކުރިން މަސައްކަތް ނުކުރާ ފަދަ އާ ދުނިޔެއަކަށް ވަދެ، ތަފާތު އުފެއްދުންތެރި ގޮންޖެހުމަކާ ކުރިމަތިލާނެ ފިލްމަކަށެވެ. އަދި މީގެ މައިގަނޑު މަޤުސަދަކީ ސިނަމާތަކަށްދާ ބެލުންތެރިންނަށް މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ތަފާތު ތަޖުރިބާއެއް ގެނެސްދިނުމެވެ.
މި ފިލްމުގެ އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖަރުމަނުގެ ސްޓަންޓް ޑައިރެކްޓަރު ސްޓެފަން ރިކްޓާއެވެ. އޭނާއަކީ “ޑޯން 2″، “ކިކް”، “އުރީ: ދަ ސާޖިކަލް ސްޓްރައިކް”، “ސާހޯ” އަދި “ޝިވާއީ” ފަދަ މަޝްހޫރު ފިލްމުތަކުގެ އެކްޝަން ތައްޔާރުކޮށްފައިވާ ފަރާތެކެވެ. ރިކްޓާގެ ބައިވެރިވުމާއެކު، މި ފިލްމުގެ ތަޅާފޮޅުމުގެ މަންޒަރުތަކަށް ދުނިޔޭގެ ފެންވަރުގެ ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ފިލްމު އުފެއްދުމުގައި އިސްކޮށް އުޅޭ ފަރާތަކުން ބުނި ގޮތުގައި، އެމީހުންގެ ވިސްނުމަކީ ހަޤީޤަތާ އެއްގޮތް ވަރުގަދަ އެކްޝަންތަކާއި، ބޮޑެތި މަންޒަރުތައް އެކުލެވޭ ފުރިހަމަ ބެލެންސެއް ގެނެސްދިނުމެވެ.
މި ފިލްމަކީ ވަރަށް ބޮޑު އުންމީދަކާއެކު އުފައްދާ ފިލްމަކަށް ވާއިރު، ފިލްމުގެ ކާސްޓާއި، ވާހަކަ އަދި ކެރެކްޓާތަކާ ބެހޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ޝައުޤުވެރި އަނެއް ކަމަކީ، އާނަންދު އެލް ރާއީގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ އަޖޭ ދޭވްގަންގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު “ޗޯހާން” ގެ އެކްޝަން ޑައިރެކްޓަރަކީވެސް ސްޓެފަން ރިކްޓާ ކަމެވެ.
