މޫނު ބުރުގާ އަޅައިގެން ސަރުކާރުގެ ވަޒީފާތަކަށް ނިކުތުމަށް އޮތް ހުރަސް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނައްތާލައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިމަހުގެ 12 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނީ، ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގެ 145 ވަނަ މާއްދާގެ (ހ)ގައި، “ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑިގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި” ކަމުގައި ބަޔާންވެގެންވާއިރު، އެ އިބާރާތުން މާނަކޮށްފައިވަނީ މުވައްޒަފުން އަޅާފައި ހުންނަ ހެދުމުގެ ބާވަތަށާއި ވައްތަރަށް ނުވަތަ ހެދުން އަޅާފައި ހުންނަގޮތަށް އެކަނި ނޫން ކަމަށެވެ. އަދި ހެދުން އެޅުމުގެ ތެރޭގައި، މުވައްޒަފަށް ވަޒީފާ އަދާކުރާ އިދާރާއަކުން ދޫކޮށްފައިވާ، މުވައްޒަފަކީ ކާކުކަން އެނގޭފަދަ ކާޑާއި، މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ފަދަ ޓެގް ބޭނުން ކުރުން ހިމެނޭ ކަމަށެވެ.
އެހެންކަމުން ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ހެދުމާއި ތަކެތި ފިޔަވައި، އެކަށޭނެ ހެދުމެއްގައި ވަޒީފާ އަދާކުރުމަށް ސިވިލް ސާވިސް ގަވާއިދު 2014 ގެ 145 ވަނަ މާއްދާގެ (ހ) އިން ހުރަހެއް ނެތް ކަމަށް ވެސް ސިވިލް ސާވިސްގެ އެ ސާކިއުލާގައި ބުނެފައި ވެއެވެ.
ސިވިލް ސާވިސްގެ ނިންމެވުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ އިސްލާމް ދީނުގައި އޮންނަ ރަނގަޅުގޮތް ބަޔާން ކޮށްދެއްވުމުގައި ދެމިހުންނެވި ޝެއިހު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނިކުތުމަށް އޮތް ހުރަސް، ސިވިލް ސާވިސް ކޮމިޝަނުގެ އެ ސާކިއުލާއިން މިހާރު ނެތިގެން ހިނގައްޖެ ކަމަށެވެ.
Moonu burugaa alhaigen vazeefaa ah nukuthumah oi huras, nethigen mi dhiya e. Maashaa Allah! Mee v ufaaveri khabareh!
جزاكم الله خيرا. pic.twitter.com/6C9JAgdJhG— Ali Zaid (@alizaid1000) March 17, 2019
މޫނު ބުރުގާ އަޅައިގެން އުޅޭ ސިވިލް ސާވިސް މުވައްޒަފުން ވަކިކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތި ވެފައިވާއިރު، އެކަމާ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހައްދަވައި، މޫނު ބުރުގާ އަޅާ މީހުންގެ ހައްގުގައި ޝެއިހު ޒައިދު ވަނީ ވާހަކަ ދައްކަވާފައި ވެއެވެ.
