ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ގޮތުގައި ހިމެނޭ ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތަޢާރަފް ކުރުމުގެގޮތުން އެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ދޫކުރުމާބެހޭ ސިޔާސަތު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން އަނެއްކާވެސް އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ވިދާޅުވަނީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެގޮތުން، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް އެމަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމް ދެވަނަ ފަހަރަށް އާންމުކޮށް ހުޅުވައިލާ ކަމަށެވެ.

މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ މިމިނިސްޓްރީގެ ފެޑް ސެންޓަރއިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހާމަކުރައްވައެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް އެދި ހުށަހަޅާ ފޯމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ރިސެޕްޝަނުންނާއި މިމިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިތަކެއްޗަށް އެދިހުށަހަޅުމުގެ ފުރުސަތު މި އޭޕްރިލް މަހުގެ 15 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމަޔަށް ހުޅުވިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.