ހުވަނި ނުވަތަ ޖިޕްސީ މޮތަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅޭ، ޚާސަކޮށް ވަރަށް ކުރީ ޒަމާނުން ފެށިގެން ރާއްޖޭގެ ގިނަބަޔަކު ދަންނަ ފަންޏެކެވެ. ގިނަބަޔަކަށް ނަން އެގުނު ކަމުގައިވިޔަސް މިފަނި ފާހަގަކުރަން ނޭނގޭކަން ފާހަގަ ކުރެވެއެވެ.

ހުވަންޏަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ދޮޅު އިންޗި ނުވަތަ ދެ އިންޗި ހުންނަ ވަރަށް ބޮޑުވާ ފަންޏެކެވެ. ރާއްޖޭގައި މިފަނި އެންމެ ބޮޑުވާ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް އެއް އިންޗިއަށެވެ. މިފަނި ފުރިހަމައަށް ބޮޑުވެފައި ތިބޭއިރު ފަނީގެ ބުރަކަށިމަތީގައިވާ ފާހަގަތައް (5 ޖޯޑު ނޫތިކި އަދި 6 ޖޯޑު ރަތް ތިކި) ވަރަށް ރީތިކޮށް އެގެން ހުރެއެވެ.

ހުވަނި އަޅަނީ ގަސްގަހުގައި ކަމުގައި ވިޔަސް ހުވަނީގެ އުނދަގޫ އެންމެ ބޮޑުވަނީ އިންސާނުންނަށެވެ. ދިވެހިންގެ ތެރޭގައި ހުވަނި އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީވެސް ގަސްގަހާގެއްސަށް ވުރެން ބޮޑަށް އިންސާނުންނަށް ގެއްލުންދޭ އެއްޗެއްގެ ގޮތުގައެވެ.

ހުވަނީގެ އަންހެން ކޮކާ

ހުވަނީގެ ފިރިހެން ކޮކާ

މި ތަސްވީރުން ތިޔަ ފެނިވަޑައިގަންނަވާ ހުދުކުލައިގެ ކޮކާލަކީ ހުވަނީގެ އަންހެން ކޮކާލެވެ. ގަދަމުށިކުލައިގައި އެއިނީ ފިރިހެން ކޮކާލެވެ.

ހުވަނި އަޅާ ދުވަސްވަރު ފުދޭވަރަކަށް ގިނައިން ހުވަނި އަޅާކަން ފާހަގަ ކުރެވެއެވެ. މިހެން ދިމާވަނީ ހުވަނީގެ އަންހެން ކޮކާ ބިސްއަޅާ ދުވަސްވަރު މާގިނައިން (ހޫނުގަދަ ދުވަސްވަރު ނުވަތަ މޫސުމަށް ބަދަލުއައުމުން) ބިސްއަޅާތީއެވެ. އަދި ހުވަނީގެ ބިސްތަކަކީ ކޮންމެ ދުވަސްވަރެއްގައި އަޅާފައިވާ ބިސްތަކެއް ކަމުގައި ވިޔަސް ވިހެއުމަށް ނުވަތަ ދަރިމައިވުމަށް ބޭނުންވާ ރަނގަޅު މާހައުލު ލިބެންދެން މިބިސްތައް ހަލާކުނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު އެއްފަހަރާ އެއް ދުވަސްވަރެއްގައި މިބިސްތައް ވިހާތީއެވެ.

މިކޮކާ ބިސްއަޅަނީ ބޮނޑި ބޮނޑިއަށެވެ. މިއިން ކޮންމެ ބިސްބޮނޑިއެއްގައި 50 ބިހާއި 1500 ބިހާއި ދެމެދުގެ އަދަދަކަށް ބިސް ހިމެނެއެވެ. މިކޮކާ ބިސްއަޅަނީ ގަސްގަހުގެ ގަސްގަނޑަށާއި އިމާރާތް ތަކުގެ ފާރު ފަދަ ތަންތަނަށެވެ. ބިސްބޮނޑީގައި ބިސް ގިނަވުމުގެ ސަބަބުން އެބިސްތަކުން ގިނައަދަދެއްގެ ހުވަނި އުފުދެއެވެ. ބިސްއަޅާތާ އެއް ހަފުތާ އާއި ތިން ހަފުތާ އާއި ދެމެދުގެ މުއްދަތެއްގައި ހުވަންޏަށް (ފަންޏަށް) ބަދަލުވެއެވެ. މިހުވަނި ދެ ހަފުތާ ތެރޭގައި ޕިޔުޕާޔަކަށް ބަދަލުވެއެވެ. އެއް ހަފުތާ އާއި ދެ ހަފުތާ އާއި ދެމެދުގެ މުއްދަތެއްގައި މި ޕިޔުޕާ ކޮކާލަކަށް ބަދަލުވެއެވެ.

ހުވަނީގެ ކާނާއަކީ ފަތެވެ. ބޮޑެތި ގަސްގަހުގައި ގިނައިން ހުވަނި އެޅުމުން ހުވަނި ޕިޔުޕާޔަށް ބަދަލުވަމުން އަންނަ މަރުހަލާގައި ގަހުގެ ފަތްތައް ކާލައި ގަހުގެ ފެހިކަން އެއްކޮށް ދުއްވާލައެވެ. ހެދެމުން އަންނަ ގަހެއް ނަމަ ބައެއްފަހަރު ގަސްހެދުން ހުއްޓި މަރުވާގޮތް ދިމާވެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ބާވަތްތަކުގެ ގަސްގަހަށް ހުވަނީގެ އަސަރު ކުރެއެވެ. ރާއްޖޭގައި މައިގަނޑުު ގޮތެއްގައި ހުވަނި އަޅާކަން ފާހަގަކުރެފިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބޮޑެތި ގަސްގަހުގައެވެ. މިފަދަ ގަސްގަހަކީ އާންމުުކޮށް ގޯތިތެރޭގައި ހައްދާ އުޅޭ ބޮޑެތި ގަސްގަސް ކަމުން ހުވަނި އެޅުމުން ގަހަށް ގެއްލުން ވުމުގެ އިތުރަށް އިންސާނުންނަށްވެސް ވަރަށް ބޮޑަށް މީގެއަސަރު ކުރެއެވެ. ހުވަންޏަކީ ވައުލައިގެން ގަހުގައި އުޅޭ އެއްޗެއްކަމުން ގަސްކައިރީ އުޅޭއުޅުމުގައި ގަހުން ތިރިވެފައިވާ ވާތައް މީހުންގެ ގައިގައި ޖެހުމުން ގަދައަށް ކަހާ، ހިރުވާ ފިތްނަގާ، ފިތްތައް އެކުވެ ފިތް ނަގާފައިވާ ހިސާބު ރަތްވެ ދުޅަވެއެވެ.

ގޭތެރޭގައި ހައްދާ ބަގީޗާ ގަސްތަކާ ޚިލާފަށް އާންމުގޮތެއްގައި ހުވަނި އަޅަނީ ބިޔަކޮށް ހެދޭ ވައްތަރުގެ ގަސްގަހުގައެވެ. މައިގަނޑު ގޮތެއްގައި މިގޮތަށް ހެދިފަވާ ބޮޑެތި ގަސްގަހަކީ މޭވާއަޅާ ރަނގަޅު އާމުދަނީވެސް ލިބޭފަދަ ގަސްގަހެވެ. އެހެންކަމުން މިއިން ގަހެއްގައި ހުވަނި އެޅުމުން މިއީ ކޮންމެ މީހަކުވެސް މިކަމާމެދު ފިކުރު ބޮޑުވާވަރުގެ ބޮޑު ކަމަކަށްވެއެވެ. އަޅުގަނޑުމެންގެ ގޯތިތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތަކުގައި ހުވަނި އެޅުމުން ގޭގައި އުޅޭ މީހުންނާއި ޅަދަރިން ހުވަނިން ސަލާމަތް ކުރުމަށް ދެން ކުރެވޭނެ އެއްވެސްކަމެއް ނެތްކަމަށް ދެކި ބައެއްފަހަރު އެފަދަ ގަސްތައް ކަނޑާލެވޭކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. މިއީ މިކަމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުދެކެމެވެ. ދުރާލާ ވިސްނާ އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އެޅިއްޖެނަމަ ހުވަނީގެ އާބާދީ ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް އަޅުގަނޑު ނުދެކެމެވެ.

ހުވަނި އަޅަނީ ކުރިން ބަޔާންކުރެވިފައިވާ ފަދައިން ކޮންމެ އަހަރެއްގެވެސް ވަކި ދުވަސްވަރެއްގައި ކަމުން އަދި މައިގަނޑު ގޮތެއްގައި ހުވަނި އަޅަން ފައްޓަނީ އެންމެ ފުރަތަމަ ރަށުގައި ހުންނަ ބޮޑެތި މިދިލިގަސް ފަދަ ގަސްގަހުގައި ކަމުން ކޮންމެ އަހަރެއްގެވެސް މިދުވަސްވަރާ ދިމާކޮށް މިފަދަ ގަސްތައް ބަލައި ކޮންމެވެސް ވަރަކަށް ކޮށައި މިގަސްތަކުގައި ހުވަނި އުޅޭކަމުގައި ވާނަމަ ކޮންޓްރޯލް ކުރުމަށް ފިޔަވަޅުއެޅިދާނެއެވެ. މިހެން ކަންތައް ކުރެވިއްޖެ ނަމަ މުޅި ރަށުތެރެއަށް އިތުރަށް ފެތުރުން މަޑުޖެހޭނެއެވެ.

ހުވަނީގެ ކޮކާ މަދުކުރުމަށް ހުވަނި އަޅާފައިވާ ގަހުގެ ތެރޭގައި އަލިގަދަ ބޮތްކެއް ރޭގަނޑު ދިއްލާފައި ބޮކިދަށުގައި ސައިބޯނިފެންއެއްޗެއް ބެހެއްޓުމުން ބޮކީގެ އައްޔަށް އަންނަ ހުވަނީގެ ފިރިހެން ކޮކާތައް ފެންއެއްޗަށް ވެއްޓި މަރުވާނެއެވެ. ހުވަނީގެ އަންހެން ކޮކަލަކީ އުދުހޭ އެއްޗެއް ނޫނެވެ. މީގެ އިތުރުން ހުވަނީގެ ކޮކާހިފުމަށް ހާއްސަ ދަތިފަދަ އެއްޗެހި ހުރެއެވެ. ބައެއް ގައުމުތަކުގައި އަންހެން ކޮކަލާއި ފިރިހެން ކޮކާ ދުރުކުރުމަށް ،ފެރެނޯންސް، ވެސް ބޭނުންކުރެއެވެ. މިހެން ހެދުމުން އިތުރަށް ބިސްއެޅުން މަދުވެއެވެ.

ހުވަނި ގިނައިން އަޅާފައިވާ ގަސްގަހުގެ ގަސްގަޑުގައި ނުވަތަ ގޮފިގަނޑުގައި ގޯނިގަނޑެއް ނުވަތަ ފޮތިގަނޑެއް ފަދައެއްޗެއް އައްސާލުމުން ހުވަނިތައް މިގޯނިގަނޑުގެ ދަށަށް ޖަމާވާނެއެވެ. ދެން ގޯނިގަނޑު ނައްޓާލާ އެތަނަށް ޖަމާވެފައިހުރި ހުވަނިތައް ނައްތާލެވިދާނެއެވެ. މާހައުލުގައި އުޅޭ އެހެނިހެން ދިރޭތަކެތި މަދުވުމަކީ ހުވަނީގެ އާބާދީ ގިނަވުމަށް ލިބޭ ބާރެކެވެ. ޚާއްޞަކޮށް ކާޅު، ކޮވެލި، ފަދަ ދޫންޏާއި މަކުނު ފަދަ ތަކެއްޗަކީ މިކަހަލަ ފަނި ފަދަ ތަކެތި ކައިއުޅޭ ތަކެއްޗެވެ.

ހުވަނި މަދުކުރުމަށް ސައިބޯނި ނުވަތަ ދޮންނަކުނޑި ފެނަށް އެއްކޮށްގެން މިފެނުން ގަސްތަކަށް ސްޕްރޭ ކުރުމުން ހުވަނީގެ ބިސްތަކާއި ކުދި ފަނިތައްވެސް ނައްތާލެވޭނެއެވެ. ސައިބޯނިފެން ތައްޔާރުކުރާނީ 20-40 ގްރާމް ސައިބޯނި ނުވަތަ ދޮންނަކުނޑި 10 ލީޓަރު ފެން މިންގަނޑުންނެވެ.

ހުވަނީގެ ބައިލޮޖިކަލް ކޮންޓްރޯލެއް ގޮތުގައި ބައިލަސް ތުރިންޖިއަންސީސް (ބީޓީ) ކިޔާ ބެކްޓީރިއާއެއް ބޭނުން ކުރެއެވެ. އަދި މިނޫނަސް ބައެއްކަހަލަ ވައިރަސް އާއި ފަންގަސް ފަދަ ޖަރާސީމު ބޭނުންކޮށްގެން ވެސް ބައެއް ޤައުމުތަކުގައި ހުވަނީގެ އާބާދީ ކޮންޓްރޯލްކުރެއެވެ. ހުވަނި ކޮންޓްރޯލް ކުރުމަށް ކެމިކަލް ބޭހެއް ސްޕްރޭކުރަން ވާނީ މިފަދަ ގޮތަކަށް ކޮންޓޮރޯލް ކުރެވެން ނެތްނަމައެވެ. ކެމިކަލް ބޭސް ބޭނުން ކުރުމަކީ އަޅާ އެންމެ ފަހުފިޔަވަޅު ކަމުގައި ވާންވާނެއެވެ. އަދި ކެމިކަލް ބޭސް ބޭނުން ކުރަންވާނީ ބޭހާބެހޭ މަޢުލޫމާތު ރަނގަޅަށް ސާފުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އެކުގައެވެ. މިހެންކަމުން ގަސް ކަނޑާލުމުގެ ބަދަލުގައި މިފަދަ ގޮތްތައް ބޭނުންކޮށްގެން ހުވަނިން ގަސްތަކާއި އިންސާނުންނަށް ސަލާމަތްކުރެވިދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.