ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ މިމަހު 09 ން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ އަސަރުގަދަ ލޯބީގެ ފިލްމު “ނަފްރަތުވުމުން” އޮލިމްޕަހުގެ އިސްކިރީނާ އަލްވަދާޢު ކިޔަނީއެވެ. “ނަފްރަތުވުމުން“ގެ މިރޭގެ ޝޯ އަށްފަހު، ދެން އޮލިމްޕަހުން މި ފިލްމު ބަލައިލެވޭނެ އެންމެ ފަހު ރެއަކީ މާދަމާރޭ އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމު “ނަފްރަތުވުމުން”ގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދަނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސާ (އާނަންދު) އެވެ. މީގެ އިތުރުން ޔޫއްޕެ ވެސް ފެނިގެންދެއެވެ.

މިއީ އައްޒަގެ ތަފާތު ފިލްމެކެވެ. އައްޒަ އަށް އެކި މީހުންގެ ފަރާތުން އެކި ކަހަލަ އަނިޔާ ލިބެމުންދާ މަންޒަރުތައްފެނި ހިތުގައި ޖެހޭނެ ފިލްމެކެވެ. މާޔޫސްވެ ހިތް މަރުވެފައި ހުންނަ އައްޒަ އަބަދުވެސް ރޮއެލަ ރޮއެލާ ހުންނަ މަންޒަރުތައް ފެނުމުން އެންމެ ހަރުހިލަ ހިތަށްވެސް އަސަރުކުރާނެހާ މޮޅަށް އައްޒަގެ އެކްޓިން ދައްކާފައިވެއެވެ.

ފިލްމުގެ ހުރިހާ ކާސްޓުންގެ އެކްޓިން އަށް ބެލުންތެރިންގެ ތަޢުރީފް އޮހެމުންދާއިރު، ފިލްމުގެ ތަރިން ދައްކައިދީފައިވާ އެކްޓިންއާމެދު ޔޫއްޕެވެސް ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.

“ނަފްރަތުވުމުން” އަކީ ބެލުންތެރިންނަށް ޔޫއްޕެ ގެނެސްދޭ ޚާއްޞަ ހަދިޔާއެކެވެ. ޚާއްޞަކޮށް ލޯބީގެ ފިލްމު ބެލުމަށް ފޯރި ހުންނަ އޯޑިއަންސަށްދޭ ހަދިޔާއެކެވެ. އެހެންކަމުން މިހައިތަނަށް މި ފިލްމު ނުބަލައި ތިބި މީހުން ކުރިއަށް އޮތް ދެ ޝޯއިން ކޮންމެވެސް އެއް ޝޯ އެއްގެ ޓިކެޓް ހޯދުން ބުއްދިވެރިއެވެ.

“ނަފްރަތުވުމުން” އާމެދު ޑައިރެކްޓަރު ޔޫއްޕެ ބުނީ، ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ ނިކަން ރަނގަޅަށް މި ފިލްމުން ސާބިތުކޮށްދޭނެ ކަމަށެވެ. ހަމަ އެހެންމެ ދިރިއުޅުމުގައި ސަމާލުކަން ނުދެވި އެކަމަކު ސަމާލުކަންދޭންޖެހޭ މުހިއްމު ކަމަށް ފިލްމުގައި އަލިއަޅުވާލާފައިވާނެ ކަމަށާއި އެ މައްސަލައަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ ހުރަސްތަކެއް ފިލްމުން ފެނިގެންދާނެ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.

ބ. ދަރަވަންދޫގައި ޝޫޓްކޮށްފައިވާ “ނަފްރަތުވުމުން” މިހާރު އަތޮޅުތެރޭގައިވެސް ދައްކަން ފަށައިފިއެވެ.

“ނަފްރަތުވުމުން”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.