އަޒްމާން އެއަރލައިންސްގައި މީގެ 24 އަހަރު ކުރިން މަސައްކަތުމީހެއްގެ ވަޒީފާއަދާކުރި ނައިޖީރިއާގެ މީހަކު އޭނާގެ ހިތްވަރާއި ގަދަ މަސައްކަތުން މަގާމު މަތިވަމުންގޮސް ކެޕްޓަންކަމުގެ ދަރަޖަ ލިބިއްޖެއެވެ. ނައިޖީރިއާގެ ކާނޯގައި ގާއިމް ކޮށްފައިވާ އަޒްމާން އެއަރ ސަރވިސަސް ލިމިޓަޑްއާ މީގެ ދެ ދަހަރަށް* ވުރެ ކުރިން ގުޅުނު މުޙައްމަދު އަބޫބަކުރު، މިހާ މަތީ މަގާމެއް އޭނާއަށް ލިބިދާނެކަމަކަށް ކުރިން ހީކޮށްފައެއް ނުވެއެވެ.
ކޮންމެއަކަސް އޭނާގެ ގަދަ ހިތްވަރާއި އަޒުމުގެ ސަބަބުން މިހާރު އޭނާގެ ކޮނޑަށް ހަތަރުފަށް އަރާ އޭނާއަކީ މިހާރު އެ މަތިންދާބޯޓު ކުންފުނީގެ ކެޕްޓަނެކެވެ.

މުޙައްމަދުގެ މިކާމިޔާބީގެ ވާހަކަ އޭނާގެ ކުންފުނީގެ ރަހްމަތްތެރިއަކު ޓްވިޓަރގައި ޖެހުމާއެކު މިޚަބަރު ވައިރަލްވެގެން ދިޔައެވެ. މުޙައްމަދުގެ ފޮޓޯއެއް ޖަހައި، އެ ރަހްމަތްތެރިޔާ ފޮޓޯގެ ކެޕްޝަނަކަށް ލިޔުނެވެ. “މުޙައްމަދު އޭވިއޭޝަން ސިނާޢަތާ ގުޅުނީ މީގެ 24 އަހަރު ކުރިން، މަތިންދާބޯޓު ސާފުކުރާ މީހެއްގެ ވަޒީފާއަށެވެ. މިއަދު އޭނާއަކީ ހަތަރު ފަށް އަރާފައިހުރި ކެޕްޓަނެކެވެ. އެއަރ އަޒްމާންގެ މުވައްޒަފުންގެ ފަރާތުން މުޙައްމަދު އަބޫބަކުރަށް ތަހުނިޔާ ކިޔަމެވެ.”
*ދަހަރު = ދިހަ އަހަރު
