ވީމީޑިއާގެ މުނިނިފޫހިފުލުވުމުގެ ޑިވިޝަނުން އެންމެ ފުރަތަމަ އުފައްދާ ފިލްމު “ދައުވަތު” އަންނަ ޖޫން މަހު އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ. މިއީ މިއަހަރު ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭ ތިންވަނަ ފިލްމެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދަމުން އަންނަ އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ބުނީ ޖޫންގައި ފިލްމު އަޅުވަން ނިންނި ނަމަވެސް އަދި ސީދާ ތާރީހެއް ނުނިންމާ ކަމަށެވެ.
ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު ”ދަޢުވަތު“ގެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިންމައިލެވިފާ ވާއިރު މިއީވެސް ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމު “ދައުވަތު” އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ “ނަފުރަތުވުމުން” ގެ ވެސް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ އަދި އަހުމަދު އީސަ (އާނަންދު) އެވެ. ބިރުވެރި ކަންތައްތަކެއް ދައްކައިދޭ ”ދައުވަތު“ގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއުގެ އިތުރަށް ”ފޯޓީ ޕްލަސް“ އިން ފިލްމީ ދާއިރާއަށް ތައާރަފްކުރާ އިރޫ ވެސް ފެނިގެންދާނެއެވެ.
https://www.facebook.com/moosa.ganee/videos/211273613165415/
ވީމީޑިއާ އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމު ”ދަޢުވަތު“ގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ބ. ދަރަވަންދޫގައި އެއްކޮށް ނިންމާލައިފަ އެވެ. ޔޫއްޕެ ބުނީ މި ވަގުތު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކަމަށެވެ.
މި ފިލްމުގައި ދައްކުވައިދޭނީ ލޯބި ހާސިލު ކުރަން ސިހުރުހާހޫރަ ފަދަ ކަންކަން ކުރުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އަހަރުގެ މިހާތަނަށް ހަތަރު ފިލްމެއް ވަނީ އޮލިމްޕަހަށް ގެނެސްފަ އެވެ. އެއީ ސިނަމާގައި މިހާރު އޮތް “ނަފުރަތުވުމުން” ގެ އިތުރުން “ނިވައިރޯޅި”، “ގޮށްރާޅު” އަދި “ފޯޓީ ޕްލަސް” އެވެ.
ފެބްރުއަރީ ފަހެއްގައި ރިލީޒްކުރި ޔޫއްޕެގެ ފިލްމު “ފޯޓީ ޕްލަސް” މިހާރުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަންނަނީ ދައްކަމުންނެވެ. މީގެ އިތުރުން “ނަފްރަތުވުމުން” ވެސް ބައެއް ރަށްރަށުގައި ދައްކަން ފަށާފައިވެއެވެ.
