ފެބްރުއަރީ ފަހެއްގައި ރިލީޒްކުރި މެގަހިޓް ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް”ގެ އަޑު ކުޑަކޮށްވެސް ފަނޑުވުމެއް ނެތި އަދިވެސް އަންނަނީ ސިނަމާ ތަކުގައި ދައްކަމުންނެވެ.

މިމަހު 19 ވަނަ ދުވަހުގެރޭ ލ. މާމެންދޫގައި، 20 ވަނަ ދުވަހުގެރޭ ލ. ފޮނަދޫގައި އަދި 22 ވަނަ ދުވަހުގެ ރޭ ލ. މާބައިދޫގައި ދައްކާފައިވާއިރު، މިމަހު 25 ވަނަ ދުވަހުގެ ރޭ ލ. މާވަށުގައި “ފޯޓީ ޕްލަސް” ދެއްކުމަށް ނިންމާފައިވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

މިމަހު 25 ވަނަ ދުވަހުގެ ރޭ ލ. މާވަށުގެ އިތުރުން ގއ. ގެމަނަފުށްޓާއި ށ. މިލަންދޫގައި ދައްކާނެ ކަމަށް “ފޯޓީ ޕްލަސް”ގެ އެއް ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް މުނިއަވަސް އަށް ބުންޏެވެ.

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަނުން އުފައްދާފައިވާ “ފޯޓީ ޕްލަސް”ގެ ޝޯއެއް ގދ. ތިނަދޫގައި މިމަހު 26 ވަނަ ދުވަހުގެރޭ ދައްކާނެ ކަމަށްވެސް ޝަފީޤް ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރުނު ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” އަކީ މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު އެ ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ “ނޯޓީ ފޯޓީ” ގެ ސީކުއަލްއެކެވެ.

ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ “ފޯޓީ ޕްލަސް” އަކީ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަން ދިންގޮތަށް ބެލުންތެރިން ކިތަންމެހާވެސް ރަނގަޅަކަށް ހެއްވައިލި މޮޅު ފިލްމެކެވެ.

ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމް ވެސް ހިމެނެއެވެ.

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި އިޝްތިހާރުކުރި މި ފިލްމު ސިނަމާތަކުގައި ދައްކަމުން އަންނަތާ ތިން މަހާއި ގާތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.