މިވަގުތު ރާއްޖޭގައި ދައްކަމުން އަންނަ އެންމެ ހެއްވާ މަޖާ ސީރީޒް “ކަރުހަކުރު”ން މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ އަންހެނުން އަޝްފާ ދައްކާލައިފިއެވެ.

ސިޓްކޮމް ސީރީޒް “ކަރުހަކުރު”ގެ 12 ވަނަ އެޕިސޯޑު ‘ނައިޓިންގޭލް’ އިން އަޝްފާ ފެންނަނީ ރަޝީދު އާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަ ގެއާއި އިންވެގެން ހުންނަ ‘ކުޑޭ’ އުޅޭ ގޭގެ ބެލްކަނިންނެވެ. މީގެ ކުރީގެ އެޕިސޯޑުތަކުން އެހެންޏާ ފެންނަ ކުޑޭގެ ބަދަލުގައި 12 ވަނަ އެޕިސޯޑުން ފެނިފައިވަނީ އަޝްފާއެވެ.

ކުޑޭގެ ގޭގެ ބެލްކަނީގައި އަޝްފާ ފޯނަކުން ސެލްފީ ނަގަމުން ލަވަކިޔަން ހުއްޓާ އެންމެ ފުރަތަމަ ފެންނަނީ ރަޝީދުގެ ގޭގައި ޕޭއިން ގެސްޓެއްގެ ގޮތުގައި އުޅޭ ޢަލީ އާޒިމް ނުވަތަ ޒެކް އަށެވެ. އަޝްފާ ފެނިގެން ޒެކް އަށް ހީވަނީ އެއީ ކުޑޭގެ ދަރިއެއް ކަމަށެވެ. އަޝްފާ ފެނުމާއެކު ޒެކް އަށް ‘ކުޗް ކުޗް ހޯތާ ހޭ’ގެ ބަލިގަނޑު ޖެހި ދީވާނާވެ ހުރެ އެވާހަކަ ނާއީ، ލިއު އަދި ލީޒް ކައިރީގައި ދައްކައެވެ. ނަމަވެސް އެކަން އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ.

އަޝްފާ ފެނިގެން ޢަލީ އާޒިމް ނުވަތަ ޒެކް – ފޮޓޯ: ކަރުހަކުރު ސީރީޒްގެ ސްނިޕެއް

އެންމެފަހުން ކުޑޭގެ ގޭގެ ބެލްކަނިން ނާއީ އަށް އަޝްފާ ފެނެއެވެ. އަޝްފާ ފެނުމާއެކު ނާއީ ފިނިވެގެން ގޮސް ހަދާނެގޮތެއް ނޭނގިގެން އެތަކެއް ސަކަރާތެއް ޖަހާއިރު ހީނހީނ އަވަދިވާ ވަރު ވެއެވެ.

އަޝްފާ ފެނިގެން ޢަލީ ރައުފަތު ނުވަތަ ނާއިފް – ފޮޓޯ: ކަރުހަކުރު ސީރީޒްގެ ސްނިޕެއް

ރަޝީދުގެ ގޭގައި މި ހުރިހައި ކަމެއް ހިނގަމުންދާއިރު މި އެޕިސޯޑުން ރަޝީދު ފެންނަނީ ކޮންމެވެސް ކަންތައް ގަނޑެއްގައި އަވަދިނެތި ކޮޓަރީގައި އުޅޭ ތަނެވެ. ގޭތެރެއިން އެކިއެކި ސާމާނުތައް ކޮޓަރިތެރެއަށް ވައްދައިގެން ރަޝީދު ކުރަނީ ކޮން ކަމެއްކަމެއް އެކަކަށްވެސް ނޭނގެއެވެ. އެންމެ ފަހުން ރަޝީދު އަތުންފައިން ގޯހެއް ހަދަނީކަމަށް އެންމެނަށް ހީވެގެން ކަންބޮޑުވެގެން ރަޝީދަށް ގޮވަގޮވައި ތިއްބާ ފެނިގެންދަނީ ވަރަށް އާދަޔާޚިލާފް ސިފައެއްގައި ރަޝީދު ހުއްޓައެވެ.

ބާރަވަނަ އެޕިސޯޑުން މެހެމާނެއްގެ ގޮތުގައި އަޝްފާ ދައްކާފައިވާއިރު މީގެ ކުރިން އެހެން އެޕިސޯޑެއްގައި މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް ގެ ކެރެކްޓަރގައި ޖުމައްޔިލް ދައްކާފައިވެއެވެ.

އަޝްފާ ފެނިގެން ޢަލީ އާޒިމް ނުވަތަ ޒެކް – ފޮޓޯ: ކަރުހަކުރު ސީރީޒްގެ ސްނިޕެއް

މަޖާ އެޕިސޯޑުތަކެއް ހިމެނޭ “ކަރުހަކުރު” ސީރީޒް އަކީ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދުގެ ސްކްރީން ޕްލޭއަކަށް ‘އޯކޭޒް އިންކް’ އިން ތައްޔާރުކޮށް ބައިސްކޯފުން ދައްކަމުން އަންނަ އެންމެ ކާމިޔާބު އެއް ސީރީޒެވެ.

“ކަރުހަކުރު”ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު) އެވެ.

”ކަރުހަކުރު“ ދައްކާނީ ކޮންމެ އަނގާރަ ދުވަހެއްގެ ރޭ ހަމައެކަނި ބައިސްކޯފް ވީޑިއޯ ސްޓްރީމިންގ އެޕް މެދުވެރިކޮށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.