“ޢީދަ އޮތޫ ތިން ދޮހަޔޭ، އަދު މަ ނަގާންވީ ދޮހަޔޭ!”

ރޯދަމަހަ ނިމޭން ތިން ދޮހަޔަށް ކާރިވޫމާ ކުދުވެރީން މެހެން ކިޔާން ފަށާޅެތް. އެހިސާބުން އެޔޯ ރޭގަނޑު އެކަނި ބޭރަށް ނުކުންނާންވެސް ބިރަގަންނާން ފެށޫ. ރޯދަމަހަ ނިމޭން ތިން ދޮހަޔަށް ވޫމާ ހަންޓިތެއް ހިލިހިލާނައްޓާޅޭ އަމޭމެން ކިޔަތް. ބޭރަށް ނުކުންނައިރަށް ހަންޓިއެއް ފެނީދާނައިތި އެކަންޏެއް ނުނުކުންނަމު.

ކޮންމަޔަކަސް މި ތިންދޮހާ ތެރޭ ޢީދަށް ރީތިހެދުމެއް ހޯދާ ތައްޔާރަތެއް ވާޅެތް. ހެދުމެއް ނުފެހީގެން ފަހަން މީހުން ކާރިޔަށް އަރުވާޖަހާ ދުވަންމީހުން ވެސް މަދެއް ނުވާޅަ. ގޭގޭށަށް ހިގައިގެން އެއް ކުއްދަކު ލާ ކުޑަވެފާ އޮންނަ ހެދުން ހޯދައިގެން ވިޔަސް އީދަށް ހެދުން ހަމަކެރާޅެތް.

ފަހު ރޯދަ ދޮހާ ހެނދުނު ބައްޕާ ވަލުން އުމަންއިރޭ ރީތިކޮށް މަހު ދެލާފާ އޮންނަ ވަކަ ބޮނޑިޔަކާ ކޭފަތް، ކަނދަފަތް، ޅޮސްފަތް ކަހަލަ ކޮންމަވެސް ވައްތަރެއްގެ ފަތްބޮނޑިއެއް ނިކަން ރީއްޗަށް މެލުވައިގެން ގެނޭޅަ. އަމޭގެ މަސެއްކަތަކަށް އޮންނާނޫ ހީނާފަތް ހޯދުމާ އީދަ ދޮހާ ހެނދުނަށް މައްސުނި ފިހާން އާލާތްތެއް އެއްކެރުން. އަފޭން ވެސް ބައެއް ފަހަރު އަމެޔާ އެކު ހީނާފަތް ފެލުވާން އޮޅެމު.

އަފޭން އީދަށް އެއްކެރީ ލާރިކޮޅަ ގޮނުން ވެސް އޮންނާނޫ މިދޮހާ. ކޮންމަ ކުއްދަކުވެސް އީދުތެރޭ ދަޅާ ފުޅި ބޯށާ، ފަޓާހާ، ހަވަޔާ، ފާދަށު އެނބުރިޔާ، އަލުނަރަ ގަންނާން ދެތިން މަހަ ކުރޫން ރުފިޔާ އެއްކެރާން ފަށަމު. މި ކިޔީ އެއްޗިއްސުން ހަވަޔާ، ފާދަށު އެނބުރިޔާ، އަލުނަރަ ގެނުވޭނޫ ތަންކޮޅެއް ފޯރަން މީހުންގެ ދަރޫންނަށް. އަފޭން ކަހަލަ އާދައިގެ ކުދޫންނަށް ގެނުވޭނޫ ދެތިން ބޮނޑި ފަޓާހާ އަލިފާން ފޮށްޓެއް. އެޒަމާނު ވަރަށް ގެނާން ސަދަގާތް ކެރާން މީސްމީހުން ވަކި ރުފިޔާ ބަހާޅެތް. މިކަހަލަ ގޮތްގޮތުން ލިބެން ރުފިޔާ ބަހައްޓާނޫ އީދަށް ފޮރުވާފާ. އެ ރުފިޔާޔުން ފަޓާހާ އަލިފާންފޮށި ގަނެފާ އެންމަ ކޯކު ދަޅެއް ނަމަވެސް ގެނުވެން ވަރަށް ލާރިއެއް ބޭއްވޭތޯ ބަލަމު. އީދުތެރޭ ދަޅެއްބޯލާ ފަޓާހެއް ރޮއެކޮށް ނުލެވިއްޖައިމު އެޔޯ މީހަކަށްނުވޫ.

ފަހު ރޯދަދޮހާ އިރަ އޮއްސުމާއެކު މައްސުނި ފިހާން އަލިފާންގަނޑަ ރޮއެކޮށްލާޅެތް. މައްސުންޏަކޫ ކުޅިބޯކިބާ ފުއްގަނޑަ ހަދަން އުސޫލުން ހަވާދަ އަޅައިގެން ހަދަން އެއްޗެއް. ތެއްޔަކަށް މައްސުނި ފުއްގަނޑަ އަޅާ އޭގެ މައްތު ކޭފަތް އަޅާ ކޭފަތް މައްތަށް އަޅު އަޅާފާ މުޅި ތެލި ފޮރުވެން ވަރަށް ނާށި އަޅާ އަންދައިގެން ފިހަން އެއްޗެއް. އެރޭ ރޭޑިޔޯޔުން އެހެރި އިވެން އީދު ލަވަ ތެކުންވެސް އީދުގެ އުފާވެރިކަން އިތުރުވެގެންދޭ.

އިޝާ ނަމާދުން ފައިބައިގެން އޮންނާނޫ ހީނާފަތް އެޅުން. ކޮންމަ ކުއްދަކުވެސް ހަތަރެސްފާ ރަންގަޅަށް ދޮވެ ކާށިތޭ ލާ ތައްޔާރަ ވާޅެތް. ހީނާފަތް އަޅާން ތިބެން އިރޭ ބައްޕާ ކޮންމަ ކުއްދަކައް ވެސް އީދަ ހެދުން ދައްކާލާޅަ. އޭރު އަފޭން އާމުކޮށް ލާ އޮޅެނޫ މުންޑު. އެކަމު އީދަށް ކޮންމަ ކުއްދަކަށްވެސް ޓުރެކްސޫޓަކާ އެކި ކުލަކުލައިގެ ގޮޅިޖެހީ ގަމީހެއް ލިބޭޅަ. އެޔޯ ހަމައެކަނި އީދަށް. ކުޑަ އީދަ ނިމެނޫމާ ގަމީހާ ޓުރެކްސޫޓް ދޮވެގެން ބޮޑައީދަށް ފޮރުވާޅެތް. އެރޭ ހީނާފަތް އަޅައިގެން އަވަހާ ބަލާނޫ ނިދޭތޯ.

އަނިއް ދޮހާ ބޮޑަ ފަތިހާ ހޭލައިގެން އެރޭނޫ އަތިރިޔަށް. ހަތަރެސްފަޔު އަޅާފާ ހުންނަ ހީނާފަތްގަނޑަ ދޮންނާން. އަތިރިޔަށް އެރެން އިރޭ އެހިސާބަގަނޑު ކުދުވެރީންތެއް އޮޅޭޅެތް ހީނާފަތް ނަގައިގެން ހަތަރެސްފާ ދޮވެ. ހަތަރެސްފާ ދޮވެގެން އެކަކު އަނެކަކަށް ރަތްކަން ދައްކަ ދައްކާފާ ތިބެ ހީ ނަގާޅެތް. އިރަ އަރާން ކާރިވޫމާ ހުރިހައި ކުދޫންވެސް އަރާނޫ ގޭދަށަށް. ގޭށަށް އަރާ ސައިބޮއެލައިގެން ދާނޫ އީދަށް އިސްޓޭޖު ރީތިކެރީ ވަރެއް ބަލާލާން. މުޅިތާ ފަން ދަމާ، މާފަޅޯގަހަ ޖަހާ، ދޮންވެލިލާ މުޅިތަން އޮންނާނޫ ރީތިކޮށްލާފާ. އިސްޓޭޖް ބަލާލާފާ ދެން ދާނޫ ދަށޭ އަތިރިޔަށް އީދަކޮށު ބަލާލާން. އީދަކޮށްޓަކޫ ހަތަރެސްކަން ކޮށްޓަކަށް ވަން ގޮތަށް އަށުގަނޑަ އަޅާފާ އެތެރޭ މެދު ފަސްބާޑި އަރުވާފާ ވަށައިގެން ފަންޖަހާ ރީތިކޮށްފާ އޮންނަން ތަނެއް.

އީދަށް ވެފާ ހުރީ ތައްޔާރަތެއް ބަލާލޫމާ އެނގޭޅަ އީދުތެރޭ ފޯރި ހުންނާން ވަރަ. އޭރު އަފޭން ކުޑަކަމުން އީދަކޮށު އެޅުމާ، އިސްޓޭޖު ތައްޔާރަކެރަން ތަން ބަލާލާކަށް ދިޔަކު ނުދޭޅެތް. އެހެން ވެގެން ހެނދުނު ހޭލައިގެން މިތަންތަން ބަލާލާފާ އަވަހާދާނޫ އީދަ ނަމާދަށް ދާން. ގޭށަށް ދާނޫ ނިކަން އުފަލުން އީދު ތެރޭ ކޮށްލާން މޮޅެތި ކަންތެއްތެއް ރާވަމުން. މިޔޯ އަފޭން ކުޑައިރޭ އީދަށް ވަން ބައެއް ތައްޔާރީތެއް.

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.