ލިޔުންތައް ބެހިގެން މިދަނީ މައިގަނޑު ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ލިޔުންތެރިޔާގެ ހިތުގައި އުފެދޭ ޝުޢޫރުތަކުން ނުވަތަ ސިކުނޑީގައި ހުރި ޚިޔާލުތަކުން އުފަންކުރުވާ ލިޔުންތަކެވެ. އަނެއްބަޔަކީ ހިނގާފައިވާ ކަމެއް، އޭގެ އަސްލު ނުގެއްލޭ ގޮތަށް، ކިޔުންތެރިންނާއި ހަަމައަށް ގެނެސްދޭ ޙަޤީޤީ ލިޔުންތަކެވެ. މީގެތެރޭގައި ވާހަކައާއި، ޚަބަރު ހިމެނެއެވެ. އާދެ! މިއަދު އަޅުގަނޑު ޚާއްސަ ނަޒަރެއް މިދެނީ ޚަބަރަށެވެ. ވާހަކައިގެ ތެރޭގައި ޚިޔާލީ ވާހަކައާއި، ޙަޤީޤީ ވާހަކަ ހިމެނުނުކަމުގައި ވިޔަސް، ޚަބަރަކީ އޭގެ ޒާތުގައި ޙަޤީޤީ އެއްޗެކެވެ. ޚަބަރަކީ ޚިޔާލަކަށް ވެގެން ނުވާނެއެވެ. އަދި ކިީއްތޯއެވެ. ކަމެއް ހިނގާ ގޮތް އުނިއިތުރަކާއި ނުލައި ޙަޤީޤަތް ހާމަކޮށްދިނުމަކީ، ޚަބަރެވެ.

އާދޭހެވެ! މިއަދު މިކުޑަކުޑަ ރާއްޖޭގައި ވެސް، ނޫސް މަޖައްލާތައް ގިނަވެއްޖެއެވެ. ތަފާތު ޗެނަލްތައް ގިނަވެއްޖެއެވެ. ނޫސް މަޖައްލާތަކުން ރެޔާއިދުވާލު އައްޑަމުގައި، ކެނޑިނޭޅި ޚަބަރުތައް ގެނެސްދެމުން ދެއެވެ. އިންތިހާއަށް މުރާސިލުން ގިނަވެއްޖެއެވެ.

އެހެންނަމަވެސް ހިތާމައަކީ، މިއަދު ބައެއް ފަރާތްތަކުން ގެނެސްދޭ ޚަބަރުތައް ސައްޙަ ނޫންކަމެވެ. ޚަޤީޤަތާއި ޚިލާފު ދޮގު ޚަބަރުތައް ފަތުރަމުން ދާކަމެވެ. ޙަޤީޤަތުގެ ތެރެއަށް، ފޮނިތޮށްޓާއި ކާފޫރުތޮޅި އެއްކޮށްގެން، މަސްހުނިކުރާ ކަމެވެ. ކަނު ކަލޮޔަށް އިރުވާހުދު ދައްކާ ފަދައިން، ޙަޤީޤަތް އޮޅުވާލައި އެހެން ގޮތަކަށް ސިފަކޮށްދޭން އުޅޭކަމެވެ. މުރާސިލު ބޭނުންވާ ގޮތަށް، ޚަބަރުގެ އަސްލު އޮޅުވާލާ ކަމެވެ. މިހުރިހާ ކަންތައްތަކަކީ ވެސް، މިއަދު މި މުޖުތަމަޢު ކަންބޮޑުވެފައިވާ ކަންތައްތަކެވެ.

ބައެއް ޚަބަރުތަކަކީ، ވަކިވަކި ފަރުދުންނަށް ނިސްބަތްވާ ޚަބަރުތަކެވެ. އަނެއްބައި ޚަބަރުތަކަކީ، ތަނަކަށް ނުވަތަ ރަށަކަށް ނިސްބަތްވާ ޚަބަރުތަކެވެ. މިފަދަ ކޮންމެ ޚަބަރެއްގައި ވެސް ޙަޤީޤަތް އޮޅުވާލައިފި ނަމަ، ނިސްބަތް ކުރެވޭ ފަރާތަކަށް އެލިބެނީ ކިހާ ހުތުރު ނަމެއްތޯއެވެ. ޚަބަރު ނިސްބަތްވަނީ ތަނަކަށް ނުވަތަ ރަށަކަށްނަމަ، އެތަނާއިމެދު، އެރަށަކާއިމެދު އަފްރާދުން ދެކޭގޮތް އެބަދަލުވަނީ ކިހައި އަވަހަކަށްތޯއެވެ.

ހިތާމަ ހުއްޓެވެ. މިއަދު ދޮގު ޚަބަރު ފެތުރުން ޢާންމުވެއްޖެއެވެ. މިފަދަ ޚަބަރުތަކުން އިންސާނާގެ ކަރާމާތް ނަގާލައި، އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެވިގެން ގޮސްފިއެވެ. ސަރުކާރުގެ މުއައްސަސާތަކާއި މެދުގައ،ި ޢާންމު ފަރުދުން ދެކޭގޮތް ބަދަލުކުރުވައިފިއެވެ. ރަށްރަށުގެ ވިނަރެސް ނުވަތަ މަލަމަތި ނުސާފުކޮށް އެރަށްތަކުގެ އަގުވައްޓާލައިފިއެވެ. ސަރުކާރުގެ އިސް ސަފުގައި ފައިތިލަ ސާބިތުކޮށްގެން ތިއްބެވި، ފުންނާބުއުސް ބޭފުޅުންގެ ޤަދަރާއި ޝަރަފަށް ހުތުރު އަރުވައިފިއެވެ. ހަމައެހެންމެ މިފަދަ ޚަބަރުތައް ފެތުރުމުން އިޖްތިމާޢީ ގުޅުންތަކަށް ހީނަރުކަން އަަތުވެއްޖެއެވެ. އިޤްތިޞާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ކުރިމަތިކުރުވައިފިއެވެ.

.ދަންނަވަންތޯއެވެ. ނޫސްވެރިންނަކީ، ތެދުވެރި ބަޔަކަށް ނުވެއްޖެނަމަ، މިމުޖުތަމަޢު އޮންނާނީ އޮޅުންބޮޅުމެއްގެ ތެރޭގައެވެ. ދަންނައެ، ދޮގު ޚަބަރު ކަތުރުފަންޏެއް ފަދައެވެ. އެ ކަތުރުފަނި މުޖުތަމަޢުގެ އަމާންކަން ކައި ހުސްކުރަމުންދާނެއެވެ. ދޮގު ޚަބަރު، ހިތި ހަބަރުފަދައެވެ. އެދޮގު ޚަބަރުން މާހައުލަށް ފޮނިކަމެއް އައުމެއް ނުވެއެވެ. ހިތި ނަތީޖާ އެއްނޫނީ ނުނިކުމެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.