މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ތިމާވެށީގެ ދުވަހެވެ. ދުނިޔޭގެ ތިމާވެއްޓާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ އެންމެ ބޮޑު ދުވަހަކަށް މިދުވަސްވާއިރު ދުވަހާ ގުޅުވައިގެން ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ފެންވަރުގައި ހަރާކަތްތަށް ހިންގަމުންދެއެވެ. ރަސްމީ ގޮތުން މިއަހަރުގެ ތިމާވެށި ދުވަސް ފާހަގަ ކުރަން ކަނޑައަޅާފައިވާ ޤައުމަކީ ޗައިނާ އެވެ.

މި އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން ކަނޑައަޅުއްވާފައިވަނީ “އެއާރ ޕޮލިއުޝަން ނުވަތަ ވައި ތަޣައްޔަރުވުން“މިއެވެ. މި ޝިޢާރުގެ ދަށުން ތިމާވެއްޓާ އިންސާނުންނާ ހުރި ގުޅުމާއި ތިމާވެއްޓަށް ވައި ނުސާފުވާ މިންވަރާ މެދު ވިސްނާ ފިކުރު ކުރުމަށް ބާރުއަޅައެވެ.

ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ތިމާވެށީގެ ސަބަބުން މޫސުމަށް އަންނަ ކޮންމެ ބަދަލަކަށް ކުރިމަތިލާންޖެހޭ ފުރަތަމަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭތީއެވެ. އެގޮތުން ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ރާއްޖެ ދަނީ ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ނަމޫނާ ދައްކަމުންނެވެ. ސަރުކާރުން ދަނީ ބައިނަލްއަޤުވާމީ އެތަށް ވުޒާރާއަކަށް ތިމާވެއްޓާ ގުޅޭގޮތުން ރައްޖޭގައި ހުރި ކަންބޮޑުވުންތަށް ޙިއްސާކުރަމުންނެވެ.

ވައި ނުސާފުވުމުން ދުނިޔެ ހޫނުވުމަށް މަގުފަހިކޮށްދެ އެވެ. ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. އޭގެ ނުރައްކާ އެންމެ ބޮޑުވާ ޤައުމުތަކަކީ ކުދި ޖަޒީރާ ޤައުމުތަކެވެ. ރާއްޖެ މި މައްސަލާއިގައި ބަހުސްކުރާ މައިގަނޑު ސަބަބަކީވެސް މިއީއެވެ. ސަރުކާރުން ގެންދަވަނީ މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކަށް ކުރައްވަމުންނެވެެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މިހާރުވެސް އެތައްގޮތަކުން އޭގެ ނޭދެވޭ އަސަރުތައް ފޯރަމުންދެއެވެ. މިގޮތުން ރަށްގިރުމުގެ މައްސަލައާ ހޫނު މޫސުން ދިގުލައިގެން ގޮސް ފެނަށް ޖެހުމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެތައް މަޝްރޫއެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާއިރު، ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށްޓަކާ ސަރުކާރުން މިހާރުވެސް ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަނީ ތިމަވެއްޓާބެހޭގޮތުން، ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ތިމާވެށީގެ ކޮންފަރެންސާ ގުޅުވައިގެންނެވެ. ރަސްމީ ގޮތެއްގައި މިދުވަސް ފަހަގަ ކުރަން ފަށާފައިވަނީ ނަވާރަސަތޭކަ ހަތްދިހަ ހަތަރުވަނަ އަހަރުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.