ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު” ގެ އަގުހުރި ދައުވަތަށް އިންސާފުކުރުން މިރޭ 0845 ގަައި ފެށިގެންދާއިރު، ބެލުންތެރިން އެ ދައުވަތު ބަލައިގަތުމަށް ތިބޭނީ ކެތްމަދުވެފައި ކަން ޔަޤީނެވެ.

“ދައުވަތު” ޕްރިމިއާކުރުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މިއީ ދިވެހި ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށްވާނެއެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މިއީ ފާހަގަކޮށްލެވޭ ފިލްމަކަށްވާނެއެވެ.

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވަރަށްވެސް އިބްރަތްތެރި ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާދިޔަ ހާދިސާއެކެވެ. އެތައް އުންމީދުތަކަކާއެކު އުފާވެރި ޖަވާޒީ ހަޔާތަކަށް އެދި ކައިވެނިކުރި ދެމަފިިރިންނަށް ދިމާވި ދުވަހަކުވެސް އެމީހުންގެ ހަނދާނުން ފިލައިގެން ނުދާނެ ހާދިސާއެކެވެ. “ދައުވަތު” މި ފިލްމުގައި މި ހާދިސާ ވަރަށް ފުރިހަމައަށް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައި ވާނެކަމަށް ޔޫއްޕެ ބުނެއެވެ.

މި ފިލްމު ޑައިރެކްޓުކުރާނީ ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރު އަދި ވީމީޑިއާގެ ޕްރޮގްރާމް ކޯޑިނޭޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ޔޫއްޕެ ބުނީ މިއީ އޭނާގެ ފިލްމީ ހަޔާތުގައި ކުރެވުނު އެންމެ ތަފާތު މަސައްކަތްކަމަށެވެ. ވަކިން ޚާއްސަކޮށް މިހާ މުހިންމު މައްސަލައަކަށް އުފައްދާފައިވާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކަށްވާތީ ފިލްމުގައި ހާދިސާ އޭގެ އަސްލާއި އެއްގޮތަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.

އަދި ސިހުރުގެ މިފަދަ އެހެން ބައެއް ހާދިސާތައްވެސް ދިރާސާކޮށް، އެފަދަ ކަަންކަން ދިމާވާ ގޮތާއި، ސިހުރުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ލިބޭ ގެއްލުމާއި، އެކަމުގެ ވޭން ތަހަންމަލުކުރަމުންދާ މީހުންގެ ހާލަތު ފިލްމުގައި ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށްވެސް ޔޫއްޕެ ވަނީ ބުނެފައެވެ.

“ހަގީގަތަށް ދަންނަވާނަމަ މިއީ އަޅުގަނޑަށް ކުރެވުނު އެންމެ ތަފާތު މަސައްކަތް. އެންމެ ބުރަކޮށް އެ ފިލްމެއްގެ ސްކްރިޕްޓަށް މަސައްކަތް ކުރެވުނު ފިލްމު. މިއީ ހަގީގީ ހާދިސާއެއް. އެ ހާދިސާ ވަރަށް ފުރިހަމައަށް ފިލްމުގައި ގެނެސްދީފައި ވާނެ. މިއީ އިބްރަތުން ފުރިގެންވާ ފިލްމެއް. ހަމަ ޔަގީން ބެލުންތެރިންނަށް ވަރަށް ކަމުދާނެކަން. ފިލްމުގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށްވުމަކީ ފިލްމު ބަލާލަންޖެހޭ ސަބަބެއްކަމަށް އަޅުގަނޑު ދެކެން. އަނެއްކާ މިއީ އެތަށް އިބްރަތްތަކެއް ލިބޭނެ ފިލްމެއް.” ޔޫއްޕެ ބުންޏެވެ.

މިފަދަ އެތައް ސަބަބުތަކަކާއިއެކު “ދައުވަތު” މިއީ ކޮންމެހެންވެސް ބަލާލަންޖެހޭ ފިލްމެއްކަން ޔަގީނެވެ.

ބައެއް ފަހަރު ފިލްމު ބަލާލަން ދަނީ ހަމައެކަނި މުނިފޫހިފިލުވާލުމުގެ ބޭނުމުގައިނަމަވެސް “ދައުވަތު” ބަލާލަންދާންޖެހޭ ސަބަބުތައް ގިނަކަން ކުރިން ބުނެވުނު ވާހަކަތަކުން ޔަގީންކުރެވޭނެއެވެ.

“ދައުވަތު”ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓް މިހާރުވެސް އޮލިންޕަހުން ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

އޮލިމްޕަހުގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު ހުޅުވައިލެވިފާއި ވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

“ދައުވަތު”ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް ފެނިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.