ޖުލައި މަހު 02 ން 07 އަށް ބާއްވަން ތާވަލުކޮށްފައިވާ ސާކް ފިލްމު ފެސްޓިވަލްގައި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކްރައިމް ތްރިލާ “ގޮށްރާޅު” ބައިވެރިކުރަން ނިންމައިފި އެވެ. “ގޮށްރާޅު” ވާދަކުރަންޖެހޭ ވަރުގަދަ އެއް ފިލްމަކީ ބޮލީވުޑްގެ ފިލްމު “ޕަދްމާވަތު”އެވެ.

“ޕަދްމާވަތު” އަކީ ބޮލީވުޑުން ނެރެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ފިލްމެވެ. ހަމަ އެހެންމެ ދިވެހި ފިލްމީ ދުނިޔެއަށް ނެރެފައިވާ އެންމެ ވަރުގަދަ އެއް ފިލްމަކީ “ގޮށްރާޅު” އެވެ. ބޮލީވުޑާއި ފައިހަމަކޮށް ނުލެވުނަސް، ދިވެހި ފިލްމެއް ބޮލީވުޑްގެ ފިލްމަކާއި ވާދަކޮށްލުމަކީ ހަމަ ގައިމުވެސް ކުޑަކަމެއް ނޫނެވެ. މިކަން ޑާކްރެއިން އެންޓަޓެއިންމަންޓްން ވެސް ސިފަކުރަނީ މި ދެންނެވިހެންނެވެ. “ޕަދްމާވަތް” ކަހަލަ މޮޅު ފިލްމަކާ “ގޮށްރާޅު” ވާދަކޮށްލުމީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ދެކެއެވެ.

ދިވެހި މާސްޓާޕީސް ފިލްމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ފިލްމު “ގޮށްރާޅު”ގެ ގަދަ ބާނިތައް އޭޝިޔާ ބައްރަށް ދައްކައިލުމަށް ސްރީ ލަންކާއަށް ދާނީ ފިލްމުގެ ޑައިރެކްޓަރު އަހްމަދު ޝިނާނު އެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަންއިން އިންތިޒާމް ކުރައްވައިގެން ބާއްވާ ސާކް ފިލްމު ފެސްޓިވަލަކީ ސާކްގެ 8 ގައުމަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލެކެވެ. އަދި މިއީ ދިވެހި ފިލްމުތައް އާންމުކޮށް ބައިވެރިވާ ހަމައެކަނި ފެސްޓިވަލް ވެސް މެ އެވެ. ސާކް ފިލްމު ފެސްޓިވަލް މިފަހަރު ބާއްވަނީ އަވަށްޓެރި ސްރީ ލަންކާގަ އެވެ.

މިއީ މެދު ނުކެނޑި ސާކް ފިލްމު ފެސްޓިވަލް ބާއްވަމުން އަންނަތާ ނުވަ ވަނަ ފަހަރެވެ. ސާކްގައި ހިމެނޭ އަށް ގައުމުން މި ފެސްޓިވަލްގައި ބައިވެރިވެ އެކި ކަހަލަ ފިލްމުތައް ހުށައަޅައެވެ. ނިމިގެން ދިޔަ 2018 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ބަންގްލަދޭޝްގެ ”ހަލްދާ“ އެވެ.

ސާކް ފިލްމު ފެސްޓިވަލް 2017 ގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް ވަނީ ފިލްމު ވިޝްކާ އިން ލިބިފަ އެވެ.

ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތަކަށް ވެސް މީގެ ކުރިން ވަނީ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު އެ ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު ”އިނގިލި“އަށް ބްރޯޒް މެޑަލް ވަނީ ލިބިފަ އެވެ. އަދި 2015ގައި އަލީ ސީޒަންގެ ފިލްމު، ”އިންސާނާ“އަށް ވެސް ވަނީ ބްރޯންޒް މެޑެލް އެއް ލިބިފަ އެވެ.

މި ފެސްޓިވަލްގައި 02 ކުރު ފިލްމު އަދި 02 ފީޗަރ ފިލްމު އަދި 01 މާސްޓަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ވެސް ވަނީ ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.