ޖުލައި 01 ގައި ރިލީޒްކުރާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް “މާމުއި” ގެ ރަހަ އެންމެ ވަރުގަދައަށް ހެޔޮވަރުކޮށްދޭނެ ކަމަށް ބެލެވޭ ލަވަ “އަރައިގެން އައި އިރާއޭ” ދައްކަލައިފިއެވެ.

ކުރީގެ ފިލްމީ ފަންނާނުންނަށް ޓްރިބިއުޓެއްގެ ގޮތަށް ލަވައިގެ ޑައިރެކްޝަން އަދި ކޮރިއޮގްރަފީ ހަދާފައިވާ “އަރައިގެން އައި އިރާއޭ” ލަވައިން ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވަތަކެއްގެ ރަހަ ފެނިގެންދެއެވެ. އެގޮތުން މި ލަވައިން “ވާރޭގެ ޕަރީ”، “އޭ ކީއްވެބާ އިތުބާރު ކުރާށޭ މިތުރާ”، “އަންގައިދޭށޭ އަދުވީ ރުހިގެން އޭމަލާ”، “މަ ހޭނެތި ދާނޭ”، “ފަރިވެފައި ފޮނިވެފައި”، “ދަނީހޭ އައިސްބަލާ” ފަދަ މިހާރުވެސް ދިވެހިންގެ ތެރޭގައި ހިޓް ލަވަތަކުގެ ސްޓެޕްތައް ފެނިގެންދެއެވެ.

ލަވަ ކިޔާފައިވަނީ މި ލަވައިން ވެސް ފެނިގެންދާ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) އެވެ. ބެކިންގ ވޯކަލްސް ކިޔާފައިވަނީ އަޝްރާ އެވެ. ފުބޫގެ ހިތްގައިމު އަދި އެހާމެ މަޖާ ޑާންސް ސްޓެޕްތަކަށް ފައިހަމަކުރަނީ ކުރިއަރަމުން އަންނަ ތަރި ނުޒުހަތު ޝުއައިބް އެވެ. ލަވައިގެ ކޮރިއޮގްރަފީއާއި ކޮސްޓިއުމް ތައްޔާރުކޮށްދީފައިވަނީ އިސްމާއިލް ޖުމާހް (ޖުމާ) އެވެ.

ލަވައިގެ ހިތްގައިމު ރާގާއި މި ޒަމާނާގުޅޭ ގޮތަށް އަދި ސަމާސާ އަދަބުގެ ސްޓައިލަށް ލަވަ ހަދާފައިވަނީ ޑާކްރެއިން ގެ ފިލްމުތަކުން ފެންނަ އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ، މިއުޒިކް ހަދާފައިވަނީ އިކްއެޓިކް ވައިބްސްގައި ކުރިން ހަރަކާތްތެރިވި ޙުސައިން ތަޢުފީޤް އެވެ.

އަރައިގެން އައި އިރާއެކީގައި ފުބޫ ނުވަތަ މި ފިލްމުގައި ‘ހައްޕު’ އޭނާގެ ބައިވެރިޔާ ނުޒުހަތު ޝުއައިބު ނުވަތަ ‘ދިޔާނާ’ ކައިރިއަށް އައިސް ކިޔައިދެނީ ދިޔާނާއަށް ހައްޕު ކޮށްދޭން ވަޢުދުވާ ކަންތައްތަކެއްގެ ވާހަކައެވެ.

އަރައިގެން އައި އިރާއޭ – ޅެން: އަޙްމަދު ޝާކިރު

އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ ”މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު ”މާމުއިގެ ޕްރިމިއާ ނައިޓްގެ ޓިކެޓު ވިއްކަނީ 150 ރުފިޔާ އަށެވެ. އެހެން ރޭތަކަށް ޓިކެޓް ވިއްކަނީ މިހާރު ދިވެހި ފިލްމުގެ ޓިކެޓް ވިއްކާ ރަސްމީ އަގުކަމަށްވާ 100 ރުފިޔާ އަށެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ”މާމުއި”ދެއްކުމަށް މިހާރުވެސް އެދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަތޮޅުތެރޭގައި އެންމެ ފުރަތަމަ ”މާމުއި އެޅުވުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޖުލައި 04 އަދި 05 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.