ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އަތޮޅުތެރޭގެ ހުރިހާ ރަށްތަކަށް ވެސް އެބައޮތްކަމަށާއި މިހުއްދަ ދޫކުރާނީ ކައުންސިލްތަކުންކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރެޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ރާއްޖޭގެ ބޮޑެތި ސިޓީތަކެކޭ އެއްގޮތަށް އާންމު ރަށްތަކުގައި ވެސް ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފައިވާކަމަށެވެ.

އެގޮތުން ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ އުސޫލުތަކާއި އިޖުރާޢަތްތައް ކޮންމެ ރަށެއްގެ ވެސް ކައުންސިލަކާއި ހިއްސާކޮށްފައިވާނެކަމަށާއި އެރަށެއްގައި ސައުވީސް ގަޑިއިރު ވިޔަފާރިކުރަން ބޭނުންވާނަމަ ކައުންސިލަށް އޭގެ ފުރިހަމަ ބާރު ލިބިގެންވާކަމަށް ރެޖިސްޓްރަރ ވިދާޅުވިއެވެ.

“ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ އުސޫލުތަކާއި އިޖުރާޢަތްތައް ކޮންމެ ރަށެއްގެ ވެސް ކައުންސިލަކާއި ހިއްސާކޮށްފައިވާނެކަމަށާއި އެރަށެއްގައި ސައުވީސް ގަޑިއިރު ވިޔަފާރިކުރަން ބޭނުންވާނަމަ ކައުންސިލަށް އޭގެ ފުރިހަމަ ބާރު ލިބިގެން ވޭ” ރެޖިސްޓްރަރ މަރިޔަމް ވިސާމް ވިދާޅުވިއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރި ފަހުން މެއި މަހުގެ ނިޔަލަށް މާލެއިން 14 ތަނަކަށް ހުއްދަދީފައިވާއިރު އައްޑޫ ސިޓީން 13 ސަރަޙައްދެއްގައި ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިހުރިހާ ސަރަޙައްދުތަކަކީވެސް ސިޓީ ކައުންސިލް އަދި ކައުންސިލްތަކުގެ މަޝްވަރާއާއެކު ކަނޑައަޅާފައިވާ ސަރަޙައްދުތައްކަމަށެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ ސައުވީސް ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓް ކުރެވޭގޮތަށް ހުރި ތަނަކަށްވުމާއި، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދެއްގައި ހިންގާ ތަނަކަށް ވާންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުން، ހުއްދަ ދޫކުރެވޭ ތަނަކީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންނެވެ. އެކަން ކައުންސިލުން މިނިސްޓްރީއަށް އެންގުމުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން 2000 ރުފިޔާގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭއިރު، ހުއްދަ ދެވޭ މުއްދަތަކީ، އެހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ދެ އަހަރު ދުވަހުގެ ނިޔަލަށްކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.