ކުރިއަށް އޮތް އަޟްޙާ ޢީދުގައި ފުޓްސަލް މުބާރާތްތަކާއި ހޭންޑްބޯޅަ މުބާރާތްތަކުގައި ބައިވެރިވާ ކުދިން ކައިރީ ސިއްރެއް ބުނަން ހެއްޔެވެ؟ ވަރަށް ރީތިކޮށް، ބޭނުން ޑިޒައިނަކަށް، ދިވެހި ފަންނުވެރި ޓީމެއްގެ އެހީގައި ޖޯޒީބައި ހައްދާލެވެން އެބައޮތެވެ. އަދި އެވެސް އެހާމެ ހެޔޮ އަގެއްގައެވެ. އަގުތައް ހުރީ އަތްފޯރާ ފަށުގައެވެ.

މިދައްކަނީ ކަސްޓަމް ޑިޒައިންގައި ޖޯޒީބައި ހަދައިދޭ ބައެއްގެ ވާހަކައެވެ. ’ޖާރޒިއާ’ ގެ ނަމުގައި މަސައްކަތް ކުރަމުން އަންނަ އުފެއްދުންތެރި ދިވެހި ޒުވާން ޓީމަކުން ދެމުން ގެންދާ ޚިދުމަތެއްގެ ވާހަކައެވެ. ’ޖާރޒިއާ’ އިން ތައްޔާރު ކުރަނީ ފެންވަރު ރަނގަޅު ޖޯޒީއެވެ.

”މި މަސައްކަތް ނުރަސްމީކޮށް ކުރާތާ 10 ވަރަކަށް އަހަރު ވެދާނެ. އެންމެ ފުރަތަމަ ޑިޒައިންކުރަން ފެށީ ރަށު ޓީމެއްގެ އެދުމުގެ މަތިން، ހދ. ނޭކުރެންދޫގެ މާޒިންސް ޓީމަށް. ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީ ހެދުމުގެ އެކި މުބާރާތް ތަކުގައިވެސް އަޅުގަނޑު ބައިވެރިވެފައި ހުންނާނެ. ނަމަވެސް އަދި އަޅުގަނޑުގެ ޑިޒައިނެއް ވަނައަކަށް ހޮވިފައެއް ނުވާނެ. ބްރޭންޑެއް ހަދަން ނިންމީ ޓީމުތަކަށް، އަގުހެޔޮ އަދި ރީތި ޑިޒައިންތަކެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި. ދެން މި އަހަރު ޖޫން މަހުގައި އަޅުގަނޑާއެކުގައި މި މަސައްކަތުގަ އުޅޭ ޕާޓްނަރާ ދެމީހުން ވާހަކަ ދައްކާފައި ނިންމީ ކަސްޓަމައިޒްކޮށް ޖޯޒީ ޑިޒައިން ކުރަން.“ ’ޖާރޒިއާ’ގެ އެއް ފައުންޑަރ އަދި ޑިޒައިނަރ ހަސަން ދިލްޝާން (ދިލް) މުނިއަވަސްއަށް މި މަސައްކަތް ކުރަން ފެށުނުގޮތް ކިޔައިދިނެވެ.

ޖާރޒިއާ އިން ފަރުމާކޮށްފައިވާ ޖޯޒީއެއް – ފޮޓޯ: ޖާރޒިއާ

”އަޅުގަނޑު މެންނަކީ ފަޚުރުވެރި ދިވެހި ބްރޭންޑެއް. އަޅުގަނޑުމެންގެ ޖޯޒީތަކުގައި ހުންނާނެ ދިވެހި ވަންތަކަން އެކުލެވިފަ. މިސާލަކަށް ހިރިގަލުގައި އެ ހުންނަ ކުރެހުން އަދި ކުނަލުގައި އެ ހުންނަ ޑިޒައިން. މިނޫންވެސް، އިތުރު އެހެން ދިވެހި ޑިޒައިންތައްވެސް ހުންނާނެ. ރާއްޖޭގެ ފަސްޓް ޑިވިޝަން ފުޓްބޯޅަ ޓީމަކަށްވެސް އަޅުގަނޑުމެންގެ އަމިއްލަ ޑިޒައިނެއްގެ ޖޯޒީ ފަރުމާކޮށް ދީފައިވާނެ.“ ދިލްއާއި އަމީން (ފައުންޑަރ އަދި ޕާޓްނަރ) ގެ ’ޖާރޒިއާ’ އިން ހިންގަމުން އަންނަ ޖޯޒީ ވިޔަފާރި އިތުރަށް އޮޅުންފިލުވައި ދެމުން ބުންޏެވެ.

ޖާރޒިއާ އިން ފަރުމާކޮށްފައިވާ ޖޯޒީގައި ތިބި ކުޅުންތެރިންތަކެއް – ފޮޓޯ: ޖާރޒިއާ

”މަސްދުވަސް ތެރޭގަ އަޅުގަނޑުމެން ވަރަށް ގިނަ އަދަދެއްގެ ޖޯޒީ އެކިއެކި ޓީމުތަކަށް ފޯރުކޮށްދީފައި ވާނެ.“ ދިލް އެންމެ ބޮޑަށް ޝައުޤުވެރިކަން ހުންނަނީ ފުޓްބޯޅައަށް ނަމަވެސް ފުޓްބޯޅަ ޖާޒީގެ އިތުރުން އެހެނިހެން ކުޅިވަރުތަކަށްވެސް ’ޖާރިޒިއާ’ އިން އަމިއްލަ ފަރުމާތަކުގެ ޖޯޒީ ތައްޔާރުކޮށްދެއެވެ.

”އަޅުގަނޑުމެންގެ ކުނާ ކަލެކްޝަންގެ ޖޯޒީ ވަނީ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކަށް ދިޔަ ރިވައިވަލްސް ސްޕޯޓްސް ކްލަބުން ބޭނުންކޮށްފަ“ ’ޖާރޒިއާ’ގެ މަސައްކަތް ފުޅާވެގެން ދާގޮތް ދިލް އިތުރަށް ކިޔައިދިނެވެ.

ޖާރޒިއާގެ ކުނާ ކަލެކްޝަން ޖޯޒީގެ ޓީޝާޓެއް – ފޮޓޯ: ޖާރިޒިއާ

ކުރިންވެސް ބުނިހެން، ’ޖާރޒިއާ’ އިން ތައްޔާރުކޮށްދޭ ޖޯޒީތަކުގެ އަގުތައް ހުރީ އަތްފޯރާ ފަށުގައެވެ. މިގޮތަށް ހެޔޮއަގުގައި ޖޯޒީގެ ޚިދުމަތް ލިބޭގޮތަށް އަގުތައް ކަނޑައެޅުމުގެ އެއް ސަބަބެއް ކަމަށް ’ޖާރޒިއާ’ ޓީމުން ބުނަނީ ރަށްރަށުގައި ކުޅިވަރުތައް ކުޅެން އުޅޭ ކުދިކުދި ޓީމުންތަކަށް އެކަށީގެންވާ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމުގައެވެ.

”ރަށްރަށުން މި އަންނަ ކުދިކުދި ޓީމުތަކުން ބާއްވާ މުބާރާތްތަކުގައި މި ކުޅެނީ ފަހެއް ނުވަތަ ހަތްވަރަކަށް މެޗް ފައިނަލާ ހަމައަށް ދެވޭ ޓީމުން. އެހެންވީމަ އެބޭފުޅުން ބޭނުމެއް ނުވާނެ އެހާ ބޮޑު އަގު ދީފައި ޖޯޒީ ސެޓެއް ހައްދާކަށް. އަޅުގަނޑުމެން ތައްޔާރުކުރާ ޖޯޒީތައް ތަފާތުވެފައި، ހުންނާނެ ދިވެހިވަންތަ ގޮތްގަނޑު. އެހެންކަމުން އަޅުގަނޑުމެންގެ ޖޯޒީ ސެޓް ޑިޒައިންތައް ކަމުގޮސްގެން އެކަމާ މެދު ވަރަށް ހިތްހަމަ ޖެހިގެން ކަސްޓަމަރުން ވަރަށް ޕޮޒިޓިވް ކޮމެންޓު ކުރޭ.“ ޑިޒައިންތަކާއި ބެހޭ ގޮތުން ދިލް ބުންޏެވެ.

ޖާރޒިއާގެ ހިރިގާ ކަލެކްޝަން ޖޯޒީގެ ޓީޝާޓެއް – ފޮޓޯ: ޖާރިޒިއާ

ފުޓްސަލްގެ ރަސްގެފާނު އަލީ ހާފިޒް (ހާއްޕެ) ކުޅުނު ދިއްގަރު ޖަމިއްޔާއެއް ކަމަށްވާ ”ޑީ.ސީ.ޖޭ“ ޓީމަށް ޖޯޒީ ހަދައިދިނުމަށް ’ޖާރިޒިއާ’ އާއި ޑީ.ސީ.ޖޭ އެކުގައި ވަނީ މީގެ ދެމަސްކުރިން އެގްރިމެންޓެއް ހަދާފައެވެ. އެއީ އެއް އަހަރު ދުވަހު، އެ ޓީމަށް ޖޯޒީ ހަދައިދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށް ދިލް ބުންޏެވެ.

ޖާރޒިއާ’ އިން ޖޯޒީ ހައްދަން އެހާބޮޑު ތަކްލީފެއް އުފުލާކަށްވެސް ނުޖެހެއެވެ. ’ޖާރޒިއާ’ގެ ވެބްސައިޓް www.jerzia.com އަށް ވަދެ އޮންލައިންކޮށް ޖޯޒީ ބަޔަށް އޯޑަރު ކުރެވޭނެއެވެ. އަދި އޭގެ އިތުރުން ސޯޝަލް މީޑިޔާގެ، ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް މެސެޖްކޮށް އޯޑަރު ކުރެވޭނެއެވެ.

ދިލްމެންގެ މަސައްކަތަށް އެންމެ ބޮޑައް އެހީތެރިކަމެއް ލިބެނީ އާއިލާގެ މެންބަރުންނާއި އެކުގައި އުޅޭ ރައްޓެހިންގެ ފަރާތުންނެވެ. ގިނަ ރައްޓެހިންނަކީ ފުޓްބޯޅަ ކުޅޭ މީހުންކަމަށްވާތީ، އެމީހުންގެ ފަރާތުން ޖޯޒީ ހެދުމަށް ޚިޔާލުތަކާއި އެހީތެރިކަން ލިބެމުން އަންނަކަން ދިލްމެން ފާހަގަކުރަނީ ޝުކުރުވެރި ކަމާއެކުގައެވެ.

މިފަހަރު ޖޯޒީ ބައި ތައްޔާރުކޮށްލަން ’ޖާރޒިއާ’ ގެ އަޖުމަ ބަލައިލުން ކިހިނެއްވާނެ ހެއްޔެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.