ދިވެހިބަހުގެ އެކަޑަމީން ދިވެހި ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ދިވެހި ފޮތް ވިއްކުމަށް އަސްކަނި މައުރަޒުގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް އެ އެކަޑަމީން ހާމަކުރައްވާފިއެވެ.
މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 10ވަނަ ދުވަހުގެ ހެނދުނު 10 ން ހަވީރު 4:00 އަށް ދިވެހިބަހުގެ އެކަޑަމީ ހިންގާ ސޯސަންގޭ އަސްކަނީގައެވެ. ދިވެހިބަހުގެ އެކަޑަމީ ފޮތްފިހާރައިގައި ވިއްކަން ހުންނަ ހުރިހާ ފޮތްތަކެއްވެސް މި އަސްކަނި މައުރަޒުން ލިބެން ހުންނާނެއެވެ. ފޮތްތައް ވިއްކުމަށް ހަމަޖައްސަވައިފައި ވަނީ 20 އިންސައްތަ އާއި 30 އިންސައްތަ ދެމެދު ހެޔޮ އަގުގައެވެ.
އަސްކަނި މަޢުރަޒުން ގަންނަން ލިބޭނެ ފޮތްތަކުގެ ތެރޭގައި ކުޑަކުދީންގެ ފޮތްތަކާއި ދިވެހި ތާރީޚީ ފޮތްތަކާއި ބަހާ އަދަބިއްޔާތުގެ ފޮތްތައް ހިމެނެއެވެ. ދިވެހިބަހުގެ އެކަޑަމީން ވަނީ އަސްކަނި މަޢުރަޒެއް މިދިޔަ އަހަރުގެ ލިޔުންތެރީންގެ ދުވަހާއި ގުޅުވައިގެންވެސް ބާއްވައިފައެވެ.
ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބޮޑު ފޮތް މަޢުރަޒު މިއަހަރު ބޭއްވުމަށް ހަމަޖައްސަވައިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. މި މަޢުރަޒުގައި އެކަޑަމީގެ އިތުރަށް އެހެން ފަރާތްތަކުންވެސް ބައިވެރި ވާނެއެވެ. ޚާއްޞަ ފޮތްތަކެއްވެސް އެ މަޢުރަޒުގައި ނެރުމަށް ވަނީ ހަމަޖައްސަވައިފައެވެ.
