އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ހޭންޑްބޯލް ހަތަރުވަނަ މުބާރާތުގެ ސެމީ ފައިނަލަށް ރޯޔަލް ރެޑްސްގެ އިތުރުން އެޕެކްސް އާއި ޔުނީކް އަދި ކާލާމަންނަ ދަތުރުކޮށްފި އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ތިން ޖާގަ ހޯދި ޓީމުތައް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލައިލާއިރު، ގުރޫޕް ބީއިން ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދި ޓީމަކީ އެޕެކްސް އެވެ. ތިން ޓީމު ހިމެނޭ އެ ގުރޫޕްގެ މެޗުތައް ނިމުނުއިރު، ރޯލަޔް ރެޑްސް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދާފައިވާއިރު، އެޕެކްސްއިން ވަނީ އެ ގުރޫޕްގެ ފަހު މެޗު ކާމިޔާބުކޮށްފަ އެވެ.
ގުރޫޕް ބީއިން ސެމީ ފައިނަލް ޔަގީންކުރި ޔުނީކް އާއި ކާލާމަންނަ ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހަމަކޮށްފަ އެވެ. މި ގުރޫޕްގެ ފަހު ދެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މި ގުރޫޕްގައި ދެން ހިމެނޭ ބްލޫ ހާރޓް އާއި ރޯޔަލް ރެޑްސް ޖޫނިއާރސްއަށް 6 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތެއް ނެތެވެ. މި ގުރޫޕުން އެއްވަނަ ލިބޭ ޓީމެއް ޔަގީންވާނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޔުނީކް އާއި ކާލާމަންނަ މެޗަށްފަހު އެވެ.
މި މުބާރާތުގައި ރޭ ކުޅެވުނު ދެ މެޗަށް ބަލައިލާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ އެޕެކްސް އާއި ކުއީން ބީސް އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމު ވެސް ކުޅޭ ފަހު މެޗެވެ. ކުޅުނު ފުރަތަމަ މެޗުން ދެ ޓީމު ވެސް ބަލިވެފައިވާއިރު، މި މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕްގެ ދެވަނަ މަގާމާއިއެކު ސެމީ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ. މިހާތަނަށް ފެނުނު އެންމެ ވާދަވެރި ފޯރިގަދަ މެޗަށްވި މި މެޗު އެޕެކްސްއިން ކާމިޔާބު ކުރީ 7-8 އިން ނެވެ. މި މެޗުގައި އެޕެކްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، އާއިޝަތު މުއުމިނާ، އާއިޝަތު ޔޫލީ ހަމްޒަތު، ފާތިމަތު ނާޒިޔާ، އާމިނަތު ޝުމޫހް އަލީ ފުއާދު އަދި ފާތިމަތު އަމްރާ އެވެ. ކުއީން ބީސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާމިނަތު ލިވާ މުޙައްމަދު އަދި އީނާ ނިމާލް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޕެކްސްގެ ހައްވާ ޝުފައިހާ އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނީކް އާއި ބްލޫ ހާރޓް އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ޔުނީކް މޮޅުވެފައިވާއިރު، ބްލޫ ހާރޓްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށްޓަކައި މޮޅެއް ހޯދުން މުހިންމުވި މި މެޗުގައި ޔުނީކްއިން ތަފާތުބޮޑު މޮޅު ކުޅުމެއް ދެއްކިއިރު، ބްލޫ ހާރޓްސްއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ފުރަތަމަ މެޗު ކާމިޔާބުކުރި ޔުނީކްއިން މި މެޗު ވެސް ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުން ނެވެ. 28-8 އިން ޔުނީކް މޮޅުވި މި މެޗާއިއެކު، ގުރޫޕް އޭއިން ޔުނީކް އާއި ކާލާމަންނައަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ލިބިފަ އެވެ. މި މެޗުގައި ޔުނީކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިންސާ އަޙްމަދު ރިފްއަތު، އަންޖާ ރެޕަނޮވި، ސަންފާ ޝިޔާނާ، މަރިޔަމް ޝީނީޒް، އާމިނަތު ނުޒްހާ މުޙައްމަދު އަދި ފާތިމަތު ޝިފާ އެވެ. ބުލޫ ހާރޓްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް އިމްޝާ އާއި ފިޒާނާ މުޙައްމަދު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނީ ޔުނީކްގެ އަންޖާ ރެޕަނޮވި އެވެ.
މި މުބާރާތުގެ ދެ މެޗު މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި ރޯޔަލް ރެޑްސް ޖޫނިއާރސް އާއި ބުލޫ ހާރޓްސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔުނީކް އާއި ކާލާމަންނަ އެވެ.
