ބ. ކުޑަރިކިލު އާސާރީ މިސްކިތް މިހާރު ހުރިގޮތުގެ ކުރެހުން ތައްޔާރުކޮށް އެ ސަރަހައްދު އާސާރީތަނެއްގެ ގޮތުގައި ތަރައްގީކުރުމަށް ޕްރޮޕޯސަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ، ހެރިޓޭޖުން އަންދާސީ ހިސާބު ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާފައިވާއިރު، ޖުލައި 25ވަނަ ދުވަހު 11:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ބ.ކުޑަރިކިލު ކައުންސިލް އިދާރާ އިން މަޢުލޫމާތު ސާފުކުރުމަށް ހެރިޓޭޖް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިޢުލާނުގައި ބުނެއެވެ.
އަންދާސީ ހިސާބު ހުށައެޅުމުގެ ސުންގަޑިއަކީ 01 އޯގަސްޓް 2019 ވަނަ ދުވަހުގެ 11:30 ކަމަށާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ބ.ކުޑަރިކިލު ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށައެޅުމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
ބ ކުޑަރިކިލުގައި ހުންނަ އެރަށުގެ އާސާރީ މިސްކިތް ނަމާދު ނުކޮށް ދޫކޮށްލާފައި ހުންނަތާ 30 އަހަރު ފަހުން މި ދިޔަ ޖޫންމަހު 06 ވަނަ ދުވަހު މިސްކިތް ސާފުކޮށްފައިވެއެވެ. މިސްކިތް ސާފު ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެރަށުގެ ޒުވާނުންތަކެއްގެ އިސްްނެގުމާއި އެކު، ރަށު ކައުންސިލާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި ގުޅިގެންނެވެ.
