ޖުލައި 23 ގައި ރިލީޒްކޮށް މިހައިތަނަށް ހައުސްފުލް ފަސް ޝޯ އޮލިމްޕަހުގައި ދައްކާފައިވާ ފިލްމު “ލީނާ”، އަތޮޅުތެރޭގެ ބައެއް ހިސާބުތަކުގައި ދައްކަން ތައްޔާރުވެއްޖެ އެވެ.

“ލީނާ” ޓީމުގެ ފަރާތުން މުނިއަވަސް އަށް ބުނީ އޯގަސްޓް ފުރަތަމަ ދުވަހާއި ދެވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ފިލްމު ދައްކާނެކަމަށެވެ. އަތޮޅުތެރޭގައި “ލީނާ” ޕްރިމިއާކުރެވިގެންދާނީ ކުޅުދުއްފުށީގައި ފިލްމު ދެއްކުމާއިއެކުގައެވެ.

ކުޅުދުއްފުށީގެ އިތުރުން އޯގަސްޓް ތިނެއްގައި ހދ. ކުރިނބީގައި އަދި ހަތަރުވަނަ ދުވަހުގެރޭ ހދ. ކުމުންދޫގައި ފިލްމު “ލީނާ” ދައްކާނެއެވެ.

“ލީނާ”ގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ. ކުޅުދުއްފުށީން ފިލްމުގެ ޓިކެޓް ހޯދުމާއި އިތުރު މައުލޫމާތު ހޯދުމަށް 9955020/ 9944032 ނަންބަރާއި ގުޅުމަށް ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭ ފަރާތުން އެދެއެވެ.

ކުރިނބީން ފިލްމުގެ ޓިކެޓް ހޯދުމަށް 9699600 އަށް ގުޅުމަށް ފިލްމު ދެއްކުމުގައި ހަރަކާތްތެރިވާ ފަރާތުން އެދެއެވެ.

މަސްހޫރު ފިލްމީތަރި އަބްދުﷲ މުއާޒްގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ “ލީނާ”ގައި ކިޔައިދޭނީ އަނިޔާވެރި ގޮތަކަށް މަރާލާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ. ފިލްމުގައި ލީނާގެ ގާތިލު، ޒުހޭރުގެ ރޯލުން ފެނިގެންދާނީ އެކްޓަރު އަބްދުﷲ (މުއާ)އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ އާޒިމް، ނުޒުހަތު ޝުއައިބް، އަހުމަދު އީސަ، ޒީނަތު، އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

އއ. އުކުޅަހުގައި ކުޅެފައިވާ މި ފިލްމުގެ ސިނަމޮޓޯގްރަފީ ހަދައިދީފައި ވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ. ފިލް ޕްރޮޑިއުސް ކޮށްފައިވަނީ މުއާ އާއި ސައްޔާހް އައްބާސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.