އެކްޓަރު އަދި ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ)ގެ ފުރަތަމަ ފީޗާ ފިލްމު “ލީނާ”ގެ ހަ ޝޯ އޮލިމްޕަހުގައި ހައުސްފުލްކޮށް ދައްކާފައިވާއިރު، ފިލްމުގެ އާ ޓްރެއިލަރ އެއ މިހާރުވަނީ އާއްމުކޮށްފައެވެ.

މިއަދު ނެރެފައިފާ ޓްރެއިލަރުން ފެނިގެންދަނީ ފިލްމުގައި ހިމެނޭ އެންމެ ހިތްހައިމު މަންޒަރުތަކުގެ ތެރެއިން ބައެއް މަންޒަރުތަކެވެ.

“ލީނާ” ރިލީޒްކުރީ ޖުލައި 23ގައެވެ. ފިލްމު ”ލީނާ“ގެ ވާހަކަ ބިނާކޮށްފައިވަނީ 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުވައްޒަފު އަޒްލީނާގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެންނެވެ.

”ލީނާ“ގައި ފިލްމުގެ މެއިން ކެރްކްޓާ ލީނާ (އައްޒަ)ގެ ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކެއް މި ފިލްމުން ދައްކުވައިދެއެވެ. މި ފިލްމުގައި މުއާ އާއި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޒީނަތު އައްބާސް، އަޙްމަދު ސައީދު، އަޙްމަދު އީސާ (އާނަންދު)، އަދި މަރިޔަމް ހަލީމެވެ.

އއ. އުކުޅަހުގައި ކުޅެފައިވާ މި ފިލްމުގެ ސިނަމޮޓޯގްރަފީ ހަދައިދީފައި ވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ފިލް ޕްރޮޑިއުސް ކޮށްފައިވަނީ މުއާ އާއި ސައްޔާހް އައްބާސްއެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

އޯގަސްޓް ފުރަތަމަ ދުވަހާއި ދެވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ވެސް “ލީނާ” ދައްކާނެ އެވެ. މީގެ އިތުރުން އޯގަސްޓް ތިނެއްގައި ހދ. ކުރިނބީގައި އަދި ހަތަރުވަނަ ދުވަހުގެރޭ ހދ. ކުމުންދޫގައި ފިލްމު ”ލީނާ“ ދައްކާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ