މުނި ފޫހި ފިލުވުމުގެ ދާއިރާއަށް އަދި ޚާއްސަކޮށް ފިލްމީ ދާއިރާއަށް އިންގިލާބީ ބޮޑު ބަަދަލެއް ގެނެސްދީފައިވާ އެޕްލިކޭޝަން ބައިސްކޯފާއި ޢަލީ ސީޒަން ގުޅިގެން އުފައްދާ މުޅިން އައު ކޮމެޑީ ސީރީޒެއް މިއަދު ހަވީރު 1600ގައި ދައްކަން ފަށާނެއެވެ.

‘ޔެސް ސަރ’ގެ ނަމުގައި ސީޒަން އުފައްދާ ކޮމެޑީ ސީރީޒްގެ މަޢުލޫމާތު މުނިއަވަސް އަށް ދެމުން ބައިސްކޯފުގެ އޮފިޝަލް އަޙްމަދު އިޤްބާލް ބުނީ މި ސީރީޒްގެ އާ އެޕިސޯޑެއް ކޮންމެ ބުދަދުވަހެއްގެ ރޭ 2100ގައި ބައިސްކޯފު އެޕުން ދައްކާނެ ކަމަށެވެ.

ޖުމުލަ 10 އެޕިސޯޑް ހިމެނޭ “ޔެސް ސަރ” ކޮމެޑީ ސީރީޒްގެ ފުރަތަމަ ސީޒަން ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ ޢަލީ ސީޒަން އެވެ.

މި ސީރީޒްގެ ތަރިންގެ ތެރޭގައި އިސްމާޢިލް ޖުމައިހް (ޖުމާ)، މުޙައްމަދު މަނިކް (މަނިކް)، މުޙައްމަދު ފައިސަލް (ފައިސަލް)، ޢަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު، އިރުފާނާ އިބްރާހިމް (އިރޫ)، ނަވާލްގެ އިތުރުން ނިޝްފާ ހިމެނެއެވެ.

“ޔެސް ސަރ”ގެ ސްކްރީންޕްލޭ ލިޔުނީ ‘މިއަދު’ ނޫހުގެ ނޫސްވެރިޔާ އަދި ބައިސްކޯފުން ދައްކަމުން އަންނަ ކާމިޔާބު ސީރީޒް “އެހެނަސް” އިން އެކްޓިންގެ ދާއިރާއާއި ގުޅިފައިވާ މަރިޔަމް ވަހީދާ (ޔަމް) އެވެ.

މި ސީރީޒްގެ ޑައިރެކްޓަރ ސީޒަން އާއްމުކޮށްފައިވާ ޕޯސްޓަރަކުން ފެންނަގޮތުން މީގައި ދައްކުވައިދޭނީ ‘ޕޮލިސް އެމްވީ’ގެ ނަމުގައި ހަރަކާތްތެރިވާ ފުލުހުންތަކެއްގެ މަސައްކަތްތަކެވެ. ކޮންމެއަކަސް، މާގިނަ މަޢުލޫމާތު ތަކެއް މިހައިތަނަށް ހާމަކޮށްފައި ނުވިޔަސް، “ޔެސް ސަރ” ގެ ފުރަތަމަ އެޕިސޯޑް މިއަދު ހަވީރު ފެންނާނެ އެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.