ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގެއްލިފައިވާ “ރޭލު ކަނބުލޮ” 20 އަހަރު ފަހުން ފެނިއްޖެ

“ރޭލު ކަނބުލޮ” ގެ ނަމުން މަޝްހޫރު ވެފައިވާ ޔޫލިއާ ގޯރީނާ ވަނީ އޭނާގެ ބައްޕައާއެކު ދަތުރުކުރި ރޭލެއްގައި ބައްޕައަށް ނިދިފައި އޮއްވައި މީގެ ވިހި އަހަރު ކުރިން ގެއްލިފައެވެ.

މިހާރު އުމުރުން 24 އަހަރު ވެފައިވާ ޔޫލިއާ، ބެލަރުސްގެ މިންސްކް އާއި އަސިޕޮވިޗީއާ ދެމެދު ދަތުރުކުރި ރޭލެއްގައި 1999 ވަނަ އަހަރު އަޖައިބެއްފަދަ ގޮތަކަށް ގެއްލުނެވެ. ޔޫލިއާގެ އެ ދަތުރު ނިމުނީ ތިން ހަފުތާ ފަހުން 885 ކިލޯމީޓަރު ދުރުގައިވާ އަވަށްޓެރި ރަޝިޔާގެ ރިޔާޒަން އަށެވެ.

އޭރު އުމުރުން ހަތަރު އަހަރުގެ ޔޫލިއާ ރޭލު ދަގަނޑުކައިރީ އެކަނި ހުއްޓާ އެތާނގެ ފުލުހުންނަށް ފެނިގެން ސުވާލުކުރުމުން އޭނާ ދަތުރުކުރީ ބައްޕައާ އެކުގައި ކަމަށާއި ބައްޕަ ނުފެނިގެން އުޅޭކަމަށް ބުންޏެވެ. ފުލުހުން ވަރަށް މަސައްކަތް ކޮށްގެންވެސް އޭނާގެ ބައްޕަ ނުފެނުމުން އޭނާ ބަލަން އާއިލާއަކާ ހަވާލު ކުރީއެވެ.

“ރޭލު ކަނބުލޮ” ގެ ނަމުން މަޝްހޫރު ވެފައިވާ ޔޫލިއާ ގޯރީނާ

މިހާރު ވިހި އަހަރު ފަހުން ޔޫލިއާ ރައްޓެހިވެގެން އުޅޭ މީހާ، އިންޓަނެޓް ސަރޗް ކޮށްގެން ޔޫލިއާގެ މައިންބަފައިން ހޯދައި، އެމީހުންނާ ބައްދަލު ކުރުވިއެވެ. ޑީއެންއޭ ޓެސްޓް ހަދައިގެން އެއީ ޔޫލިއާގެ މައިންބަފައިންކަން ސާބިތުވިއެވެ.

ޔޫލިއާގެ މައިންބަފައިން މިހާރުވަނީ އުމުރުން ފަންސާހުގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ތެދުވެރިކަމާއެކު އެމީހުން ދަރިފުޅު ފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެތަނުގެ ފުލުހުންވެސް މެއެވެ. ދަރިފުޅު ނުފެނުމުން ބައްޕަގެ މައްޗަށް ދަރިފުޅު މަރާލިކަމުގެ ތުހުމަތު ކުރެވުނެވެ. މި ތުހުމަތު 2017 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ. އެއަހަރު ދޮގު ދެނެގަންނަ މެޝިނެއް ބޭނުންކޮށްގެން ހެދި ޓެސްޓަކުން ދަރިފުޅު މަރާނުލާކަން ސާބިތުވިއެވެ.

ޔޫލިއާގެ މައިންބަފައިންނާއެކު

ޔޫލިއާއަށް އަސިޕޮވިޗީ އިން ރިޔާޒަން އަށް ދެވުނީ ކިހިނެއްތޯ އެއީ އަދިވެސް ސާފުނުވެ އޮތް ކަމެކެވެ. ގޮތްނޭނގޭ ދެމަފިރިއަކާއެކު ރޭލު ދަތުރެއް ކުރިކަމުގެ ބަލި ހަނދާނެއް ޔޫލިއާގެ ހުރެއެވެ. ޔޫލިއާ އަދިވެސް ދިރިއުޅެނީ 1999 ވަނަ އަހަރު އޭނާއަށް ދެވުނު ރިޔާޒަން ގައެވެ.

އޭނާގެ މަންމަ ބުންޏެވެ. “20 އަހަރަކީ މުޅި ހަޔާތް ކަހަލަ. ނަމަވެސް އަހަރެމެން އުންމީދު ކަނޑައެއް ނުލަން. އެންމެ ފަހުން އަހަރެމެންގެ ދަރިފުޅާ މި ބައްދަލުވީ”

މި ބައްދަލުވުން ބޭއްވުނީ މަރްޖީނާހޯކާގެ ފުލުސް ސްޓޭޝަނެއް ގައެވެ.

ޔޫލިއާ ބުންޏެވެ. “މަންމަމެނާ ބައްދަލުވި ވަގުތު އަހަރެންގެ ލޯ ވަނީ ކަރުނުން ފުރިފައި. ވާހަކައެއް ނުދެއްކުނު. ކުރެވުނުހާވެސް ކަމަކީ ބައްދަބައްދާފައި ރުއިން.”

“މަންމަމެން އަހަރެން ހޯދުން ހުއްޓާނުލާކަމަށް ބުނި. އަހަރެން ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން މަންމަމެނަށް އޮތް”  “އެދުވަހު މަންމަ އިނީ އަހަރެން ނަގާ އުނގަށް ލައިގެން. ކުޑަކުއްޖެއް ހެން”

އަހަރެންނަށް މިދިމާވި ކަންތަކާ ގުޅިގެން ބައްޕަ އަހަރެން ކިބައިން މާފަށް އެދުނު” ޔޫލިއާ ބުންޏެވެ.

“އަހަރެން މާފު ކުރިން. އަހަރެން ގެއްލުނު ރޭލު ސްޓޭޝަން ކައިރިއަށް އަހަރެމެން ދިޔައިން. އަހަރެމެން ތިބީ ފެންކަޅިވެފައި”

“އަހަރެންގެ އާއިލާ ފެނޭތޯ ވަރަށްގިނައިން އިންޓަރނެޓް ސަރޗް ކުރިން. އެކަމަކު ވީކަމެއް ނެތް.” ޔޫލިއާ ބުންޏެވެ.

ލުޑްމިލާ އާއި ވިކްޓަރ ވެސް ދަރިފުޅު ހޯދަން ކުރި މަސައްކަތް ކިޔައިދިނެވެ. “ދުވަސްތަކެއް ވަންދެން އަހަރެމެންވެސް ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރިން. މިންސްކް އިން އަސިޕޮވިޗީ އަށް އަންނަ ކޮންމެ ރޭލަކުން ފައިބާ މީހުންނާ ސުވާލުކޮށް ދަރިފުޅު ދުށިންތޯ އެހިން. ވަޅުވަޅާއި ފިހާރަތައް، ފަޅުގެ ތަކަށް ދަންދެން ހޯދާ ބެލިން” ލުޑްމިލާ ބުންޏެވެ.

“ދަރިފުޅު ހަނދާންވާވަރުން އެންމެފަހުން އެހެން ގެޔަކަށް ބަދަލުވިން. އަހަރެމެންނަކަށް ކެތެއް ނުކުރެވުނު ދަރިފުޅު މަޖާކޮށް ހީނހީނފައި ކުޅުނު ގޭގައި އުޅޭކަށް. މަގުތަކާއި ރޭލުތަކުންވެސް ދަރިފުޅު ހަނދާންވަނީ. އެހެންވެ އެހެން ހިސާބެއްގައި ހުރި ގެޔަކަށް ބަދަލުވީ. އަހަރެމެން އޭގެފަހުން ރޭލުދެކެވެސް ފޫހިވޭ.” ވިކްޓަރ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top