މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ.” (العمران 185 ).

ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. މަރުން އިސްތިސްނާވާނެ ހަމަ އެކަކުވެސް ނުވެއެވެ. މި ލިޔުމުގައި އިންސާނާ މަރުވުމަށް ފަހު ފެށިގެންދާ ކަށުކަމާކެމީގެ އެންމެހާ ކަންތައްތަކުގެ މަޢުލޫމާތު ހިމެނިފައި ވާނެއެވެ.

ކަށުކަމާކެމީގެ ކަންތައްތައް އަވަސްކުރުން

މީހަކު ނިޔާވެއްޖެނަމަ، އޭނާގެ ޖަނާޒާގެ އެންމެހާ ކަންތައްތައް ވީއެންމެ އަވަހަކަށް ނިންމުމަށްފަހު، ވަޅުލުމަކީ އެންމެ ރަނގަޅުގޮތެވެ. ފަހެ އެއީ ދިރިތިބި ހުރިހާ މުސްލިމުންގެ މައްޗަށް މާތްﷲ ލައްވާފައިވާ ކިފާޔަތުގެ ފަރުޟެކެވެ. މައްޔިތާ ހިނަވައި ކަފުންކޮށް ވަޅުލުން އަވަސްކުރުން ހިމެނެނީ މައްޔިތާއަށް ކޮށްދެވޭ ހެޔޮކަންތައްތަކުގެ ތެރެއިން ކަމެއްގެ ގޮތުގައެވެ. މާތްﷲ ރުއްސުންލެއްވި އަލްޙުޞައިން ބުން ވަޙްވަޙްގެ ކިބައިން އަލްއިމާމު އަބޫ ދާވުދު ރިވާކުރެއްވި ހަދީޘެއްގެ މާނާގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޠަލްޙަތު ބުނު އަލްބަރާޢު އާލާސްކަންފުޅާ އުޅުއްވަނިކޮށް އެކަލޭގެފާނުގެ ހާލު ބައްލަވައި ލެއްވުމަށް رسول الله صل الله عليه وسلم ވަޑައި ގެންނެވިއެވެ. އަދި ހަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން ޠަލްޙަތު އަވަހާރަވެއްޖެ ކަމުގައި ނޫނީ ތިމަން ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. ފަހެ ތިޔަބައިމީހުން އޭނާގެ ކަށުކަމާކެމީގެ ކަންތައް އަވަސްކުރާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން މުސްލިމެއްގެ ފުރާނަނެތް ހަށިގަނޑު އޭނާގެ އަހުލުވެރިންގެ މެދުގައި އޮތުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއްނޫނެވެ.)

މާތްﷲ ރުއްސުންލެއްވި އަލީގެފާނުގެ ކިބައިން އަލްއިމާމު އަޙްމަދު ރިވާކުރެއްވި ހަދީޘެއްގެ މާނާގައިވެއެވެ. ހަމަކަށަވަރުން رسول الله صل الله عليه وسلم ހަދީޘް ކުރެއްވިއެވެ. “އޭ އަލީއެވެ! ތިންކަމެއް ފަސް ނުކުރަށްވާ ހުށިކަމެވެ. ފަރުޟު ނަމާދު ވަގުތުން ފަސްނުކުރައްވާހުށިކަމެވެ. އަދި މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ ނަމާދު ފަސްނުކުރައްވާ ހުށިކަމެވެ. އަދި ފިރިއަކުނެތް އަންހެނާއަށް ކުފޫހަމަވާ ފިރިހެނަކު ވެއްޖެނަމަ އޭނާގެ ކައިވެނި ފަސްނުކުރައްވާ ހުށިކަމެވެ. އިސްވެ ބަޔާންވެދިޔަ ހަދީޘް ބަސްފުޅުތަކުން މައްޔިތާގެ ޖަނާޒާގެ ކަންތައްތަށް ފަސްކުރުމަކީ އެއްގޮތަކަށް ވެސް އެދެވިގެންވާ ކަމެއް ނޫންކަން ވަރަށް ފުރިހަމައަށް އެނގިގެން ދެއެވެ.

ކަފުން ކުރުމުގައި ހުދުފޮތި ބޭނުން ކުރުން އެދެވިގެންވޭ

މައްޔިތާ ކަފުން ކުރުމުގައި ސާފްތާހިރު ފޭރާން ޚިޔާރުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިގޮތުން އެ ފޭރާމުގައި ހުރުން އެދެވިގެންވާ ޝަރުތުތަކެއް ވެސް ވެއެވެ. މަރުވެފައިވާ މީހާ ދިރިހުރި އިރުގައި ލައި އުޅުނު ކޮންމެ ފޭރާމަކުން ވެސް ކަފުން ކުރެވިދާނެއެވެ. ނަމަވެސް އެ ފޭރާމަކީ މައްޔިތާ ނިވާވާވަރުގެ ފޭރާމަކަށް ވާންޖެހޭނެއެވެ. މައްޔިތާ ކަފުން ކުރުމަށް އެންމެ ރަނގަޅު ފޭރާމަކީ ހުދު ފޭރާމެވެ. މިކަމުގެ ދަލީލަކީ އަލްއިމާމު އިބުނު މާޖާ އާއި، އަލްއިމާމު އައްތިރްމިޛީ އާއި، އަލްއިމާމު އަބޫދާވުދު ރިވާކުރެއްވި ހަދީޘްއެއްގެ މާނާގައި ވެއެވެ. رسول الله صل الله عليه وسلم ހަދީޘް ކުރެއްވިއެވެ. “ތިޔަބައި މީހުން ލައިއުޅޭ އެންމެ ރަނގަޅު ފޭރާމަކީ ހުދު ފޭރާމެވެ. ފެހެ އެފަދަ ހުދު ފޭރާމުގައި ތިޔަބައިމީހުން މައްޔިތުން ކަފުންކުރާހުށިކަމެވެ. އަދި އެ ފޭރާން އެބައިމީހުންގައި ލައްވާހުށިކަމެވެ.”

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.