ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މައްޔިތާ ހިނެވުމާއި ކަފުންކުރުން – ހަތަރުވަނަ ބައި

10 ނޮވެމްބަރ 2019 ދުވަހާއި ގުޅޭ….

މައްޔިތާ ކަފުންކުރާނެ ގޮތް
ކަފުންކުރާއިރު އެންމެ ފުރަތަމަ ފަތުރާނީ އެންމެ ރަނގަޅު އަދި އެންމެ ފުޅާ ފޮށައެވެ. އޭގެ މައްޗަށް ހަނޫތު އެޅުމަށްފަހު އަނެއް ދެ ފޮށާ މި ފޮށާމަތީގައި ފަތުރާނީއެވެ. (ހަނޫތަކީ ކެލަޔާއި ބޮކަރާއި ހުދު ކާފޫރާއި އެއްކޮށްގެން އަތަރު ޖަހައިގެން މޮޑެފައިވާ ހުވަނދެކެވެ.) އަދި މައްޔިތާގެ ގައިމައްޗަށް ހަނޫތު ބުރުއްސައިލުމަކީ ސުންނަތެކެވެ.

މައްޔިތާ މި ފޮށާމަތީގައި އުޑުތިލަމަތިން ބާއްވައި ދެ ފިނދުކިބަ ފޮތިގަނޑަކުން ބާރަށް އައްސާލާނީއެވެ. އެ ދެތާނގައި ކަފައިގައި ހަނޫތު ލައިފައި ބަންނާށެވެ. މައްޔިތާގެ ހުރިހައި ދޮރުތަކެއްގައި ހަނޫތު ކަފަ ބެހެއްޓުން އިތުރުވެގެން ވެއެވެ. ދެ ކަންފަތުގެ ހިނދުރީގައްޔާއި ނޭފަތުގައްޔާއި ސަޖިދައިގެ ގުނަވަންތަކުގައި ވެސް ހަނޫތު ކަފަ ބެހެއްޓުން އިތުރުވެގެން ވެއެވެ.

ދެން އެއަށްފަހު މައްޔިތާގެ ގައިމައްޗަށް ވާގޮތަށް ކަފުންތައް މަޅައިލާށެވެ. ކަފުން މަޅައިލާނީ ފުރަތަމަ ކަފުނުގެ ވާތް މަތީގައި އޮތް ކައިރި ކަނާތް މައްޗަށެވެ. ކަނާތް މަތީގައި އޮތް ކައިރި ވާއަތް މައްޗަށެވެ. ކަފުނުން މައްޔިތާއަށް ދިގުކޮށް އޮތްތަން ފައިތިލަ ކޮޅަށްވުރެ ބޯކޮޅަށް ދިގުކުރާށެވެ. މުޙްރިމަކު ނޫންނަމަ ބަންދުތަކުން ބަނދެލާށެވެ، ސަންދޯކުގައި ބޭއްވުމަށްފަހު މި ބަންދުތައް މޮހައިލަންވާނެއެވެ.

އަންހެނަކުނަމަ ކަފުން ކުރުން ފުރިހަމަވެގެން ދާނީ ފަސް ފޮށައިންނެވެ. އެއް ފޮށައިން ނިވައިކުރާނީ ފޫޅުން ފެށިގެން ތިރިއެވެ. އަނެއް ފޮށައިން ނިވައިކުރާނީ ކަރުން ފެށިގެން ތިރިއަށްގޮސް ތިރިން އެންދެވި ފޮށައާއި ހަމައަށެވެ. ތިންވަނަ ފޮށައިން ނިވައިކުރާނީ ބޮލެވެ. ދެން އަނެއް ދެ ފޮށާ މުޅިގައިގައި އޮޅައިލާށެވެ.

ކަށުކަމާއިކެމީގެ އެންމެހައި ކަންތައްތަކަށް ޚަރަދުކުރާނީ މައްޔިތާގެ ތަރިކައިންނެވެ. އަނބިމީހާ ފިޔަވައެވެ. އަނބިމީހާއަށް ޚަރަދުކުރާނީ ފިރިމީހާގެ މުދަލުންނެވެ. މަރުވި މީހާގެ ތަރިކައިގައި އެއްޗެއް ނެތްނަމަ އެކަމަށް ޚަރަދު ކުރާނީ އޭނާގެ ވާރުތަވެރިންނެވެ. އެފަދަ މީހަކު ނެތްނަމަ އެ ޚަރަދު ކުރާނީ ބައިތުލްމާލުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top