މުނިއަވަސްގެ ފައުންޑަރ އަދި އެޑިޓަރ އަޙްމަދު ރަޝީދުގެ ވިސްނުންހުރީ ސިޔާސީ ވާހަކަތައް ނުހިމެނޭ އޮންލައިން ނިއުސްއެއް އުފެއްދުމަށެވެ. ނަފުސު ސިޔާސީ އޮއިވަރުން ދުރުކުރުމަށް އަމިއްލަ ނަފުސަށް ދޭ އެންޓި-ޑޯޒެއް އުފެއްދުމަށެވެ. ރާއްޖޭގައި މުނިއަވަސްފިލުވުމުގެ ޚަބަރަށް ޚާއްޞަ އޮންލައިންއެއް ނެތުމުން އެކަމަށް ޚާއްޞަ އޮންލައިންއެއް އުފެއްދުމަށެވެ. ތަފާތު ދާއިރާތަކުގެ މަޢުލޫމާތު ކިޔައިލައި ހިތްނުތަނަވަސްކަން ފިލުވައިލައި މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވާނޭ އޮންލައިންއެއް އުފެއްދުމަށެވެ.

މަތީގައި މި ބަޔާންކޮށްލެވުނީ މުނިއަވަސް އުފެއްދުމަށް ޚިޔާލުކުރެވުނު ގޮތްތަކެވެ. އެ ވިސްނުމުގައި 2017 ވަނަ އަހަރު މުނިއަވަސް އޮންލައިން ފަށައިގެން ކުރިއަށް ގެންދިޔައީ އަޙްމަދު ރަޝީދު އެކަނިމާއެކަނި ލިޔަމުން، އޮންލައިން ނޫހެއް ހިންގުމުގައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރަމުންނެވެ. އެއަށްފަހު މުނިއަވަސް ޓީމަށް މެންބަރެއްގެ ގޮތުގައި ޚަދީޖަތު ސަނާ (ސަންނު)ގެ އިތުރުން ޢަލީ ނިހާސް (މިރޯ) އިތުރުކުރެވުނީ، 2011 ވަނަ އަހަރު އަޙްމަދު ރަޝީދުގެ އެޑިޓަރުކަމުގެ ދަށުގައި ރެޖިސްޓްރީކޮށް ހިންގި ލާމުއެޓޯލް ޑޮޓްކޮމް އޮންލައިން ނޫހުގައި މަސައްކަތްކުރި ޓީމުގެ މެންބަރުންނަށް ހުޅުވައިލި ދަޢުވަތުގެ ދަށުންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ސާޖިދު ޢަބްދުﷲ ގުޅުނެވެ. އޭގެ ފަހުން ނަޒީރެވެ. ބޮޅުތައް އިތުރުވަމުން، ހިލޭ ސާބަހަށް މި ކުރަންފެށި މަސައްކަތުގެ ކަމަރު ބަނދެލި ޒުވާނުންގެ އަދަދު ލިސްޓުކޮށްލަން ތަންކޮޅެއް ދިގެވެ. ނަމަވެސް ޖުމްލަކޮށް އެ ހުރިހައި ފަރާތްތަކަށް މި ފުރުޞަތުގައި ޝުކުރުދަންނަވަން ޖެހެއެވެ.

29 ސެޕްޓެމްބަރު 2017ގައި ހިންގަން ފެށިޔަސް، އޮންލައިން ނޫހެއްގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ދުވަސްތަކެއް ހޭދަވުމަށްފަހު، ނޫސް ރެޖިސްޓްރީކުރެވުނީ 17 ޑިސެމްބަރު 2018 ގައެވެ.

އޭރުވެސް އެ ދާއިރާއަކަށްޓަކައި މުނިއަވަސް އުފެއްދި ދާއިރާ، އާދެ ފިލްމީ އަދި މިއުޒިކީ ދާއިރާއާ މުނިއަވަސް ގުޅުވައިލުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތްކަން ފާހަގަކޮށްލެވުނެވެ. ސަބަބުތައް ބައިވަރެވެ. މުނިއަވަސް ހިންގަންފެށީ ނަން މަޝްހޫރު ބައެއް ނޫނެވެ. އޮންލައިން ނޫހުގެ އިދާރާއަކީ މާލޭގައި ހުންނަ ތަނެއް ނޫނެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާގެ ފަންނާނުންނާ އަޅުގަނޑުމެންނާ ގުޅުމެއް ނެތެވެ. ނަމަވެސް އެ ގުޅުން ޤާއިމުކޮށްދިނުމުގެ އަގުހުރި މެދުވެރިއަކަށްވީ ފިލްމީ ދާއިރާގެ ނަމޫނާ ބަޠަލު އަޙްމަދު ސަޢީދު އެވެ. ސަޢީދުގެ ސީދާ މަސައްކަތުން ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސް ފަންނާނު ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ އުފެއްދުންތައް މުނިއަވަސްގައި ޕްރޮމޯޓްކުރަން ފުރުޞަތުލިބި އެ މަސައްކަތް ފެށުނުނެވެ. މުނިއަވަސްގެ މަސައްކަތުގެ ހަލުވި ސްޕީޑާއި ފިލްމުތައް ޕްރޮމޯޓްކޮށްދިނުމަށް ކުރަންފެށި މަސައްކަތް ބަލައިގަނެ، އަޙްމަދު ޝާޒް ޕްރޮޑިއުސްކުރި “ދެވަންސޫރަ” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރެވުނު ހިސާބުން، ފިލްމުތަކުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ލިބެންފެށިއެވެ.

05 މާރިޗް 2019 އަކީ މުނިއަވަސްގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ތާރީޚެކެވެ. އެ ތާރީޚުގައި ރިލީޒްކުރި އިސްމާޢީލް ޝަފީޤް އަދި ޔޫއްޕެގެ “ފޯޓީ ޕްލަސް” ރިލީޒްކުރި ކުލަގަދަ ހަފުލާގައި، ވީޓީވީގެ ލައިވް ޓެލެކާސްޓާއެކު މުނިއަވަސް ލޯންޗްކޮށްދިނީ ހުނަރުވެރި ފިލްމީތަރި އަދި ޑައިރެކްޓަރ ޢަލީ ސީޒަން އެވެ.

އާދެ މުނިއަވަސް އަކީ އަޅުގަނޑު ވަރަށް ލޯބިވާ އޮންލައިން މެގަޒިންއެއްކަން ފާހަގަ ކޮށްލަން. ރާއްޖޭގަ މުނިފޫހިފިލުވުމުގެ ދާއިރާއަށް ނޫނީ އެންޓަޓެއިންމެންޓް ހަމަ އެކަނި ކަވަރ ކުރާ، ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެފަ އޮތް ހަމައެކަނި އޮންލައިން މެގަޒިން މުނިއަވަސް އިފްތިތާހުކޮށްދިމުގެ އުފާ އަޅުގަނޑު ލިބިގަންނަން. އަދި ޝަރަފުވެސް ލިބިގަންނަން.” އެ ހަފުލާގައި މުނިއަވަސް ލޯންޗްކޮށްދެމުން ސީޒަން ފާހަކުރިއެވެ.

މުނިއަވަސް އިން މިހައިތަނަށް 17 އަށް ވުރެން ގިނަ ފިލްމީ އުފެއްދުމުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވަރަށް ފުރިހަމައަށް ކޮށްދީފައިވާނެކަން ފާހަގަކޮށްލަމެވެ.

މުނިއަވަސްގައި ރާއްޖޭގެ ފިލްމީ ދާއިރާ އާއި މިއުޒިކީ ދާއިރާގެ ޚަބަރާއި މަޢުލޫމާތުގެ އިތުރުން، ޢިލްމީ އަދަބީ، ތާރީޚީ ސަގާފީ ލިޔުންތަކާއި ވައްޓަފާޅި ދައްކުވައިދޭ ލިޔުންތައް ޝާއިޢުކުރަން ގެންދެއެވެ. މުނިއަވަސް އިފްތިތާހު ކޮށްދެމުން ސީޒަން ފާހަގަކުރި ގޮތަށް މުނިއަވަސް އަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގަމުން އަންނަ، ސިޔާސީ ޚަބަރުތައް އެއްގޮތަކަށްވެސް ނުގެނެސްދޭ އޮންލައިން އެކެވެ.

މުނިއަވަސް ވުޖޫދަށް ގެނައީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލުމާތުތައް އެންމެ ތާޒާކޮށް، އެންމެ ފުރަތަމަ ގެނެސްދިނުމުގެ ބޭނުމުގައެވެ. މިއަދު އެކަން މުނިއަވަސް އަށް މިވަނީ ހާސިލްވެފައެވެ. މި ލަނޑުދަނޑިއަށް ވާސިލްވެވުނީ ހިލޭސާބަހަށް މުނިއަވަސްގައި މަސައްކަތްކުރާ ޓީމު މެންބަރުންގެ ހިތްވަރުންނެވެ. ފަންނާނުން މުނިއަވަސް އަށް ކުރާ އިތުބާރާއި މުނިއަވަސް އަށް ދޭ އިސްކަމުގެ ސަބަބުންނެވެ. މިކަމަށްޓަކައި މި ދެ ފަރާތަށް ވަރަށް ފަށްފަށުން މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

ރާއްޖޭގެ ނަންބަރ ވަން ޓީވީ “ރާއްޖެ ޓީވީ”ގެ އިތުރުން ވީޓީވީގެ ފިލްމީ ޚަބަރު ގެނެސްދޭ ޕްރޮގްރާމުގައި މުނިއަވަސް ޕްރޮމޯޓްކޮށްދިނުމަށް ކޮށްދެއްވި އަގުހުރި މަސައްކަތަކީ މުނިއަވަސް މުޅި ރާއްޖެއަށް އެނގިގެންދިޔަ މައިގަނޑު ސަބަބެކެވެ. އެކަމަށްޓަކައި މިއަދުވެސް، އެ ސްޓޭޝަންތަކުގެ އިސްވެރީންނަށް ޝުކުރުދަންނަވަމެވެ.

ކަން މިހެން އޮތްނަމަވެސް، މުނިއަވަސް ހިންގަމުން މި ގެންދަނީ ގިނަގުނަ ގޮންޖެހުންތަކަކާއެކުގައެވެ. އޭގެތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

– މުނިއަވަސް ޓީމުގެ މެންބަރުން ތިބީ އަތޮޅުތެރޭގެ އެކިއެކި ރަށްރަށުގައެވެ.

– މުނިއަވަސް ހިންގުމަށް އެއްވެސް މާލީ މަންފާއެއް އަދިވެސް ވަނީ ލިބޭގޮތް ނުވެފައެވެ. މުނިއަވަސްގެ މީޑިއާ ޕްރޮޕޯސަލް އާއި އެޑްވަރޓޯރިއަލް ޕްރޮޕޯސަލް ރާއްޖޭގެ ހުރިހައި ކުންފުނިތަކަށް ހެން ފޮނުވިއްޖެއެވެ. އޯޓީޓީ ޕްލެޓްފޯމުތަކުގައި ރިލީޒްކުރާ ތަކެތި ޕްރޮމޯޓްކޮށްދިނުމަށް މުނިއަވަސް އިން ކުރަމުން އައި މަސައްކަތް އެ ޕްލެޓްފޯމުތަކުން ބަލައިގަނެފައި ނުވުމުން މިވަގުތު ވަނީ އޯޓީޓީއަށް ރިލީޒްކުރާ ފިލްމު، މިއުޒިކް ފަދަ އުފެއްދުންތައް ޕްރޮމޯޓްކޮށްދިނުން މެދުކަނޑާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.