5 އޮކްޓޯބަރ 2019 ދުވަހާއި ގުޅޭ ……

މައްޔިތާ ކަފުންކުރުން
ކަފުން ކުރާނީ ހިނެވުމަށް ފަހުގައެވެ. ދިރިހުރިއިރު ލައި އުޅުނު ކޮންމެ ފޭރާމަކުން ކަފުންކުރުން ހުއްދަވެގެންވެއެވެ. ނަމަވެސް ފަށުވި ފޭރާމުން ފިރިހެނުން ކަފުންކުރުމަކީ ޙަރާމް ކަމެކެވެ. ކަފުންކުރުމަށްޓަކައި މާމޮޅު، އަގުބޮޑު ފޭރާން ބޭނުން ކުރުމަކީ މަކުރޫޙަ ކަމެކެވެ.

ކަފުންކުރުމުގެ އެންމެ މަދު މިންވަރަކީ އެންމެ ފޭރާމެކެވެ. އެއީ މުޅި ހަށިގަނޑު ނިވާކުރެވޭފަދަ އެއް ފޮށައެވެ. މުޙުރިމަކު ނަމަ ހިނެވުމަށްފަހު ކަފުންކުރާނީ އޭނާލައިގެން އޮތް ފޮށައިންނެވެ. މުޙުރިމު ފިރިހެނުން ބޯ ނިވާކުރުމާއި، މުޙުރިމު އަންހެނުންގެ މޫނާއި ދެ އަތްތިލަ ނިވާކޮށް ކަފުން ކުރުމަކީ ޙަރާމް ކަމެކެވެ. އިޙްރާމުގެ ހާލުގައި މަރުވި މީހަކާއި ބެހޭގޮތުން رسول الله صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “إغسلوه بماء وسدر وكفنوه في ثوبين ولا يمسوه طيبا ولا تخمروا وأسه فإن الله يبعثه يوم القيامة ملبيا “(رواه البخاري) މާނައީ: “ސާފު ފެނާއި ކުންނާރުފަތު ފެނުން، ތިޔަބައި މީހުން އޭނާ ދޮވެލާށެވެ. އަދި ދެ ފޮށައިން އޭނާ ކަފުން ކުރާށެވެ. އަދި މީރުވަސްދުވާ އެއްޗެއް އޭނާގެ ގައިގައި ނުލާށެވެ. އަދި އޭނާގެ ބޯވެސް ނިވާނުކުރާހުށިކަމެވެ. އެހެނީ ޤިޔާމަތްދުވަހު އޭނާ ފޮނުއްވާހުށީ ތަލްބިޔާ ކިޔާ ހާލުގައެވެ.”

އެންމެ އިތުރުކަން ބޮޑީ ހުދު ފޭރާމުގައި ކަފުން ކުރުމެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. البسوا من ثيابكم البيا ضفإنها خير ثيابكم وكفنوه فيها موتاكم (رواه الترمذي) މާނައީ:”ތިޔަބައިމީހުން ހުދު ފޭރާން ލާށެވެ. ފަހެ ހަމަކަށަވަރުން ރަނގަޅު ފޭރާމަކީ ހުދުފޭރާމެވެ. އަދި ތިޔަބައިމީހުން މައްޔިތުން އެފަދަ ފޭރާމުން ކަފުންކުރާށެވެ.”

ކަފުންކުރުމުގެ ފުރިހަމަ މިންވަރަކީ ފިރިހެނެއްނަމަ ހުދުކުލައިގެ ތިން ފޮށައެވެ. ތިންކަފުނުން ކަފުން ކުރުމަކީ މުސަތަޙައްބު ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އަޢިޝަތުގެފާނުގެ ވިދާޅުވިއެވެ. “أن الرسول الله صلي الله عليه وسلم كفن في ثلاثة أثواب يمانية بيض كرسف ليس في كفنه قميص ولا عمام” “(رواه البخاري) މާނައީ:” ޔަމަނުކަރައިގެ ސަޙޫލުއޭ ކިޔުނު ރަށުގައި ވިއެފައިވާ ހުދު ތިން ފޭރާމުގައި رسول الله صلي الله عليه وسلم ގެ ހަށިކޮޅު ކަފުން ކުރެވުނެވެ. އޭގެތެރެއަކު ގަމީސްކޮޅެއް އަދި ފަގުޑިކޮޅެއް ވެސް ނުވެއެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.