ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފުރަތަމަ ޕޭޝަންޓް ސޭފްޓީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ދަށުން “ނެޝަނަލް ޕޭޝަންޓް ސޭފްޓީ ފޮރޭމް ވޯކް” އިފްތިތާހުކޮށްފިއެވެ.
މި ފޮރޭމް ވޯކް އިފްތިތާހުކޮށްދެއްވާފައި މިވަނީ ނެޝަނަލް ޕޭޝަންޓް ސޭފްޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްސަ ރަސްމިއްތާތެއްގައި ހެލްތު މިނިސްޓަރ އަލްފާޟިލް އަބްދުﷲ އަމީނެވެ.
ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކަކީ ސިއްޙީ ފަރުވާގެ މުޅި ނިޒާމަކީ ބަލި މީހާއަށް އެންމެ ފުރިހަމަ ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުން ކަށަވަރު ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ހެލްތު މިނިސްޓްރީން ގުޅިގެން އެކުލަވާލާފައިވާ މިންގަނޑެކެވެ. މި ފްރޭމްވަރކްގެ ދަށުން ސިއްޙީ ދާއިރާގައި ދެވޭ ޚިދުމަތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ޚިދުމަތްތެރިން ތަމްރީނުކުރުމާއި ދަސްކުރެވޭނެފަދަ މާޙައުލެއް ޚިދުމަތްތެރިންނަށް ހޯދައިދިނުން ހިމެނެއެވެ. މި ފްރޭމްވަރކްގެ ދަށުން، ސިއްޙީ ޚިދުމަތްދޭ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މި ފުރޭމް ވޯކް އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވަނީ ސިއްޙީ ފަރުވާ ފޯރުކޮށްދޭ ތަންތަނުގެ ވެރިންނަކީ ޒިންމާދާރުކަމާއެކު ރަނގަޅު ޚިދުމަތެއް ބަލި މީހާއަށް ފޯރުކޮށް ދިނުމަށް މުޅި ޓީމު ތައްޔާރުކުރާ ބަޔަކަށް ވުމަށް ގޮވާލައްވައިފައިވެއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ބޭސްފަރުވާގެ މުޅި ނިޒާމު ބިނާވެފައިވަނީ ބަލި މީހާއަށް ދެވޭ ޚިދުމަތަށް ކަމަށްވާއިރު ސިއްޙީ ޚިދުމަތް ފޯރުކޮށްދޭން ތިބޭ މީހުންނަކީ އެކަން ކަށަވަރުކުރުމުގެ އަޒުމުގައި ތިބޭ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި ޚާއްސަކޮށް ސިއްޙީ ފަރުވާ ފޯރުކޮށްދޭ ތަންތަނުގެ ވެރިންނަކީ ޒިންމާދާރުކަމާއެކު ޚިދުމަތް ދިނުމަށް އެފަރާތްތަކުގެ ޓީމު ތައްޔާރުކުރާ ބަޔަކަށްވުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޚިދުމަތްދޭ ތަންތަނުގެ ވެރިންގެ އިސްނެގުން މުހިއްމުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ވަނީ ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވަރކްގެ ތެރެއިން ބަލިތަކަށް ދެވޭ ފަރުވާއިން ލިބޭ ތަޖުރިބާ ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ދުވަހެއް މިއަހަރު މުޅިން އަލަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ފާހަގަކުރަން ފެށުމަކީ ފުރިހަމަ ބޭސްވެރިކަމުގެ ޒަމާނަކަށް ދުނިޔެ ގެނެސްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އެޅި ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ.
ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.
