ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ރަށްތައް ކަމަށްވާ ‘ކުރޮސްރޯޑްސް މޯލްޑިވްސް’ ހުޅުވައިފިއެވެ. މިތަން ހުޅުއްވައިދެއްވީ ނައިބު ފައިޞައް ނަސީމް އެވެ.

މި ރިޒޯޓް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ބިޔަ މަޝްރޫޢަކީ ނުވަތަ ތަސައްވުރަކީ ރާއްޖޭގައި ހާޞިލުނުކުރެވޭ ވަރުގެ ކަންކަން ނޫކަމަށެވެ. އަދި މިސަރުކާރުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ބާރަކަށް ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކުރޮސްޜޯޑްސްއަކީ ހަމައެކަނި ފަތުރުވެރި ރިޒޯޓެއްގެ ޚިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ޚިދުމަތްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ އެތައް ކަމެއް އޭގެތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރޮސްރޯޑްގައި ހުންނަ ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ތިމާވެއްޓާބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިދޭނެ ތަނެއްކަމަށާއި ކުރޮސްރޯޑްސްގެ ސަބަބުން އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވެގެންދާނެކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ކުރޮސްރޯޑްސް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެތަނުގައި ޤާއިމުކޮށްފައިވާ އެކިއެކި ޚިދުމަތްތައް ބައްލަވާލައްވާފައެވެ.