ފުރުޞަތު ދޭނަން ހުންނާށޭ….1
ހޮސްޕިޓަލް ތެރޭގައި ހުރި ކޮފީ ސްޓޭންޑް ގެ ކައުންޓަރު މަތީގައި ހުރި ދެތަށި ކޮފީ އޭނާ ނެގި އެވެ. ލިފްޓް ގެ ދޮރާއި ދިމާއަށް ބަލައިލިއިރު ލިފްޓް ގެ ދޮރު ދިޔައީ ލެއްޕެމުންނެވެ. ލިފްޓަށް އެރެވޭނެ ކަމުގެ އުއްމީދު ގެއްލުވާލަން ބޭނުން ނުވާތީ ފަޔަށް ލެވުނުހައި ބާރެއް ލާފައި ލިފްޓާއި ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ދޮރުފަތް ލެއްޕުނީ އޭނާ ގެ މޫނުމައްޗަށެވެ. ލަދުން ބޯހަލާކު ވާންޖެހުނެވެ. ދޮރުލެއްޕިގެން އެކަންޏެއް ނޫނެވެ. އަތުގައި ހުރި ކޮފީތަށި އެޅުނީ ލައިގެން ހުރި ބްލައުސް އަށެވެ. އޭނާ އުޅުނުގޮތުން ހީވާނީ ހިފިނުހުރެވިގެން އުޅޭ މީހަކަށް އަބަދުވެސް ކޮންމެވެސް ކަންތައްގަނޑެއް ލައިގަނެގެން އުޅެނީ ހެންނެވެ.
ތަށީގައި ހުރި ހޫނު ކޮފީ އެޅުމުން ދެލޯމަރާލެވުނެވެ. ގައިގެ ހަންގަނޑުން ދިލަނަގަން ފެށުމުންނެވެ.
ލާނެތް ވައްތަރަކަށް ޒުވާންފުރާގެ ފިރިހެން ކުއްޖަކު ހީނގަތް އަޑު އޭނާގެ ވާތްފަރާތުން އިވުނެވެ. އެވަގުތު ލޯ ހުޅުވައި ބަލައިލި އެވެ. އެ ލާނެތް ހިނިގަނޑުގެ ވެރިޔަކީ ކާކުކަން އެނގުނެވެ. އެއީ ވޫލުން ހަދާފައިވާ ކޯރިއެއް ބޮލަށް މަހާލައިގެން ގޮނޑިއެއްގައި އިން ޅަވަރުގެ ޒުވާން ފިރިހެން ސޮރެކެވެ. ލާނެތް ފާޑަކަށް ހެވި ދިލިފައި އޭނާ ބަލަން އިނެވެ.
“ހާދަ ހެއްވައޭ ދޯ!” ދަތްކުނޑި ވިކައިލަމުން އޭނާ ބުންޏެވެ. “މިކަންވެސް ކަލެއަށް ވަނީ މަޖާ ކަމަކަށް ދޯ؟؟!!” ކައިރީގައި އިނީ ކޮން ގައުމެއްގެ މީހެއްކަން ނޭނގުނަސް އޭނާ ވާހަކަދެއްކީ ދިވެހި ބަހުންނެވެ.
“އާނ.” އެ ޒުވާނާ ގޮނޑީގައި ހަމަޖެހިލަމުން ޖަވާބު ދިނީ ދިވެހިބަހުންނެވެ. އޭރުވެސް އިނީ ހެވި ދިލިފައެވެ. ހަމަ އެ ލާނެތް ފާޑަށެވެ. “ތީނައަށްވެސް އެނގެންވާނެދޯ އެލިވޭޓަރ އަލުން އަނބުރާ ތިރިއަށް އަންނާނެކަން ތަރޓީ ވަރަކަށް ސެކަންޑުން. ދެން އެލިވޭޓަރ އަތުވޭތޯ ކޮންހާ ދުވުމެއް ދުވާކަށް!؟؟”
“އަހަރެންގެ މާމަ އެކަނިމާއެކަނި ބާއްވަފަ އޭ މި ފްލޯއަށް އައިސް މިހުރީ. އެހެންވީމަ އަވަހާ މާމަ ކައިރިއަށް ދާންށޭ އުޅުނީ.”
“އެހެންތަ! އެކަމަކު މަށަށް ހީވަނީ ތީނަގެ މާމައަށް އަދި ކެތްކޮށްލެވިދާނެހެން ތަރޓީ ސެކަންޑްސް ވަންދެން.” ކޮފީއިން ތެމިފައިވާ ބްލައުސް އާއި ސްކަރޓަށް ބަލައިލަމުން އެ ޒުވާނާ ބުންޏެވެ. “ތަންކޮޅެއް ބަލައިލައިގެން އުޅުނުނަމަ ތިހެނެއް ނުވީހެއްނު!”
“އަހަރެން މާމަ އެކަނި ކޮށްފަ ގިނައިރު ވާން ބޭނުން ނުވީއޭ ބުނެފީމެއްނު. މާމަ ގެނެސްގެން މިއުޅެނީ މާމަގެ ފުރަތަމަ ކީމޯ ހައްދަންށޭ.”
“އަސްލުތަ؟ އޯހް ވާއޯހ. ވަޓް އަ ކޮއިންސިޑެންސް. މަވެސް!”
“ކީކޭ؟” ދެ ބުމަ ގޮށް ޖަހައިލަމުން އޭނާ ބުންޏެވެ.
“އާނ. މަވެސް މިއުޅެނީ މަގޭ ފަސްޓް ޓްރީޓްމެންޓަށް މިތަނަށް އައިސްގެން.” އިށީންދެ އިން ގޮނޑިން އެ ޒުވާނާ ތެދުވި އެވެ. އޭނާ އާއި ދިމާއަށް ހިނގައިގަތެވެ. ވެއްޓިފައި އޮތް ބައިތަށި ކޮފީ ނަގަމުންގޮސް އޭނާ ކައިރީގައި ހުއްޓުނެވެ. “އެހެންވީމަ ތީނަ ގެ މާމަ އާއި އަހަރެންނަށް ވެވިދާނެ ދޯ ކީމޯ ފްރެންޑުންނަށް!”
ހުސްވެފައިވާ ކޮފީތަށި ގެންގޮސް އެ ޒުވާނާ ގެ އަނގައިގައި ޖަހަން އުޅުނެވެ. އެވަގުތު ޒުވާނާގެ އަތުން އޭނާ އަވަސް އަވަހަށް އެ ތަށި އަތުލި އެވެ. ތަށީގައި ބާކީ ހުރި ކޮފީފޮދުގެ ރަހަވެސް އެ ޒުވާނާ ގެ އަނގައިގައި ނުޖެހެންދެނެވެ. އެ ޒުވާނާ ވެސް ދެބުމަ އަރުވައިލި އެވެ. އާފުރިލި އެވެ. “ކެންސަރ ޖެހިފަހުރި ޅަ ޒުވާން ކުއްޖަކާ ދޭތެރޭ ޓްރީޓް ކުރަން ޖެހޭ ގޮތަކީ ތީ ތަ؟”
“ކޮފީ ސްޓޭންޑް އެހެރީ. އެތާ ހުންނާނެ ކޮފީ.” ތުއި ގޮތަކަށް އޭނާ ބުންޏެވެ.
“ފަހަރުގަ ވެދާނެއެއްނު އަހަރެން ބޭނުންވަނީ ތީނަގެ ކޮފީ ކަމަށް.”
“އެހެންވިއްޔާ ރީތިކޮށް ބުނިނަމަ!”
“އޯކޭ. ތީނަ ގެ ކޮފީ އިން ކޮފީފޮދެއް ދީފާނަންތަ؟”
“ނޫން.” ސީރިއަށްކަން ދައްކަމުން، މަޖާ ގޮތަކަށް އޭނާ ޖަވާބު ދިނެވެ. “އަހަރެން ތި ކުއްޖާ ނުވެސް ދަންނަމެއްނު.”
“ކައިފް.”
“ކީކޭ؟”
އެ ޒުވާނާ ހިނިތުންވެލި އެވެ. “މަށަކީ އަޙްމަދު ކައިފް ނާޒިމް. އަހަންނަކީ ކެންސަރ ޖެހިފަހުރި މީހެއް. މަށަށް ތީނަގެ ކޮފީ އިން އެތިފޮދެއް ދީފާނަންތަ؟ ވާއޯހް… ހާދަ ގިނަ ކާފެކޭ ދޯ މި އަމުނާލީ!”
ދެ ބުމަ އަރުވާލަމުން އެ ޒުވާނާ ހޭން ފެށި އެވެ. ދޭނެ ޖަވާބެއް ނޭނގިފައި އޭނާއަށް ހުރެވުނީ އެ ޒުވާނާ އަށް ބަލާށެވެ. އެވަގުތު ލިފްޓް ގެ ރަނގަބީލުގެ އަޑު އިވުނެވެ. އޭނާ އެނބުރި ދިއުމަށް ލިފްޓާއި ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފަމުން، އެ ޒުވާން ފިރިހެންކުއްޖާ އާއި ދިމާއަށް ދަމައިގަތެވެ.
“ތީނަ ގެ ނަމެއްވެސް އަދި ނުބުނަމެއްނު!” ލަދުރަކި އެހެނަސް ލާނެތް ހިނިތުންވުމެއްގައި ހުރި އެ ޒުވާނާ ބުންޏެވެ. އެއީ އެ ޒުވަނާގެ މޫނުމަތިން އާއްމުކޮށް ފެންނަ ހިނިތުންވުމެއް ކަމަށް އޭނާ އަށް ޤަބޫލު ކުރެވުނެވެ.
އެލީޝާ،” އޭނާ ނަން ބުންޏެވެ. ލިފްޓަށް އެރުމަށް ހިނގައި ގަތެވެ. އެވަގުތު އަނެއްކާވެސް ކައިފް ގެ އަތުން އެލީޝާ ގެ އަތުގައި މަޑުމަޑުން ހިފައިލި އެވެ. އެލީޝާ ފަސް އެނބުރި ކައިފް އަށް ބަލައިލި އެވެ.
“އެލީޝާ ވަޓް؟ އިންޑިއަން ޕޮޕްސްޓަރ އެލީޝާ ޗިނޯއީ ތަ؟”
“އާމިނަތު އެލީޝާ ހާރޫން.” ވައި އަޑަކުން ހީނލަމުން އެލީޝާ ގެ ފުރިހަމަ ނަން ބުންޏެވެ.
އެލީޝާ ގެ އަތުން ކައިފް ދޫކޮށްލުމުން ލިފްޓް ގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ދޮރު ލެއްޕުމުގެ ކުރިން ހަށިގަނޑުގެ އެއްބައި ދޮރުފަތުން އެތެރެއަށްލި އެވެ. ހަމައެއާއި އެކު ދޮރު ހުޅުވިއްޖެ އެވެ. ލިފްޓް ގެ އެއްފަރާތުގައި ލެނގިލައިގެން ކައިފް މަޑުކޮށްލި އެވެ. ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ.
“އަޅޭ….. ކީއްތަ ތި ކުރަނީ؟” ކައިފް ބަލަން ހުރިގޮތުން އެލީޝާ އަށް ވަމުންދިޔަ އުނދަގޫ ފޮރުވުމަށް އަހާލި އެވެ.
އޭނާ މޭ މަތީގައި ހަށަން ބަނދެލި އެވެ. ބޮލުން އެލީޝާ ގެ އަތަށް އިޝާރާތް ކޮށްލި އެވެ. “އަޅެ ދީބަލަ ކޮފީ ފޮދެއް؟”
“ނޫން. ކައިފް ގޮސް އަމިއްލައަށް ގަނެގެން ބޮއެބަލަ!”
“އަހަރެން ކޮފީއެއް ގަންނަން ދަނިކޮށް މަރުވެއްޖެއްޔާ ޔޯ؟ އޭރުން އެލީޝާ އަށް އެކުރެވުނީ ކޮންކަމެއްކަން އެނގޭތަ؟ އޭރުން އެއީ މަރަށް ކުޑަތަންވެފަ ހުރި މީހެއްގެ އެއްމެ ފަހުގެ އެދުމަށް ފުރަގަސް ދެވުނީ އެއްނު!”
އެލީޝާ ދެލޯ ބޮޑުކޮށްލި އެވެ. “ކެންސަރު ގެ ޓެގް އަޅުވައިގެން މަށެއް ނުހެއްދޭނެ އިނގޭ. މަށަށް އެނގޭ ތީނަ ފޭކް ޖައްސަނީކަން.”
“ނޫން. އައޭމް ސީރިއަސްއޭ….. އަޅެ ޕްލީސް!” ކޮފީ އަށް އިޝާރާތް ކޮށްލަމުން އަނެއްކާވެސް ކައިފް ބުންޏެވެ.
ކައިފް ގެ ވާހަކަ ޤަބޫލުކުރަން ދަތިވެފައި ހުރެ، އެލީޝާ ގެ އަތުގައި ހުރި ކޮފީ ތަށިން ކޯވަރެއް ބޯލި އެވެ. “އެއްމެ ރަނގަޅު.”
“ކަމޯން. މަގޭ މެޑިކަލް ބިލްތައް ހާދަ އަގު ބޮޑޭ. މަގޭ އަތުގަ މިހާރު ނެތް ކޮފީއެއް ގަނެލާނެ ބޮޑު ލާރިއެއްވެސް.”
ނަސީބެއްނު މި ހޮސްޕިޓަލުގަ އެ ހުންނަ އެމީހުން އަޅުކަން ކުރާ ބުދު ކައިރީގަ ކޮފީ އާއި ސޮފްޓް ޑްރިންކްސް ހަދިޔާކޮށްފަ ހުންނަކަން. ގޮސް އެތަނުން ކޮފީއެއް ބޮއެލާ.” ލިފްޓަށް ވަދެ ހަތަރުވަނަ ފަންގިފިލާއަށް ދިއުމަށް ބަޓަން އަށް ފިއްތަލި އެވެ. “ދެން ކައިފް ތި ދޮރުމަތިން ދޭބަލަ އަޅެ. އޭރުންނެއްނު މަށަށް ދެވޭ—”
“އެލީޝާ މާމަގެ ހުރިހައި ކީމޯ އަކަށްވެސް އަންނަނީ ހަމަ އެލީޝާ ތަ؟”
“އަހަރެން ބުނީމެއްނު މީ މަގޭ މާމަ ގެ ފަސްޓް ކީމޯ ސެޝަން އޭ.”
“އެކަމަކު ތީނަތަ އަންނާނީ؟ އައި މީން މާމަ ގޮވައިގެން އަބަދުވެސް އަންނާނީ؟”
އެލީޝާ މާނޭވައެއް ދޫކޮށްލި އެވެ. “ޔާހ، ޕްރޮބެބްލީ. ކީއްވެ ތިހެން ތި އެހީ؟”
އޭނާ ހިނިތުންވެލި އެވެ. “ދެން ފަހަރަކުން މަށަށް ކޮފީއެއް ދޭނެ ކަމަށް ހީކުރަން. ބައީ އެލީ.”
އެލީޝާ އަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކައިފް އެއްލޯ މަރައިލަމުން ދުރަށް ހިނގައި ގަތެވެ. އިސާހިތަކުން ޖެހިގެން އޮތް ހޯލްވޭއަށް އެޅުމާއި އެކު އެލީޝާ އަށް ކައިފް ގެއްލިއްޖެ އެވެ. ކައިފް ފެނޭތޯ ލިފްޓް ގެ ދޮރުން ބޭރަށް ބޯދިއްކޮށް ބަލައިވެސްލި އެވެ. ނަމަވެސް ލިފްޓް ގެ ދޮރު އައިސް އޭނާގެ ބޯ ތާށިކޮށްލުމުގެ ކުރިން އެތެރެއަށް ދެމިގަތެވެ. ހަތަރުވަނަ ފަންގިފިލާއަށް ދިއުމަށް ލިފްޓް އޭގެ ވާޖިބު އަދާކުރަން ފަށައިފި އެވެ.
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ….2
“ކީމޯ ދޭން މާމަ ގޮވައިގެން މިތަނަށް އައިސްދިނީތީ މާމަ ހާދަހާ އުފާވޭ ދަރިފުޅާ.” އެލީޝާ ވަދެގެން އައިތަން ފެނުމުން މާމަ ބުންޏެވެ. މާމަ އިނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަން މޫނުން ފެންނަން ހުރި ހިނިތުންވުމުން އެނގެއެވެ.
މާމަ އަށް ޖަވާބު ދިނުމުގެ ގޮތުން އެލީޝާ ހިނިތުންވި އެވެ. އެކަމަކު ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފަނޑުވެގެން ދިޔަ އެވެ. އެމީހުން ތިބި ކޮޓަރީގެ ދޮރުން ބޭރުން ފެންނަން ހުރި ފިރިހެން ކުއްޖާ ހަނާއަޅަމުންދާތަން ފެނިގެންނެވެ. އޭނާގެ މާމަ އާފުރިލި އެވެ. އެލީޝާ ގެ ކޮނޑުމަތިން ދޮރުން ބޭރަށް ބަލައިލިއިރު ފެނުނު މަންޒަރަކީ އެލީޝާ ގެ މޫޑަށް އައި ކުއްލި ބަދަލުގެ ސަބަބުކަން އެނގުމުންނެވެ.
“މީދޯ މި ވާގޮތަކީ،” މާމަ ބުންޏެވެ. އެލީޝާ އާއި ދިމާއަށް އެނބުރެމުން ސަމާސާ ފާޑަކަށް ހިނިތުންވަމުންނެވެ. “ގައިމުވެސް އެއީ ރީތި ސޮރެއް. ނޫންތަ އަޅެ؟”
“އާނ ވަރަށް!” ދެބުމަ ގޮށްޖަހައިލަމުން އެލީޝާ ޖަވާބު ދިނެވެ. މާމަ އެބުނި އެއްޗަކާއި އެއްބަސް ނުވާކަން ކިތައްމެހައިވެސް ރަނގަޅަށް އެލީޝާ ގެ މޫނުމަތިން ފެންނަން ހުއްޓެވެ.
“ދަރިފުޅާއި ދިމާއަށް އެތަނުގަ ބަލަން އެހެރަ ދޮންދޮން ފިރިހެން ކުއްޖާ ރީއްޗެއް ނޫންތަ؟ ތިޔަ ކަމެއް އެނގޭނީ މާމަ މިހާރަށްވުރެން ތަންކޮޅެއްވެސް ޅަ ނަމަ-“
“އެއީ ބޮޑު ނޮފޮރެއްޕާނެއް،” އޭނާ ޖަވާބު ދިނެވެ. ކަޅި އަޅައިލަމުން ނެވެ.
އޭނާގެ މާމަ ހީނލި އެވެ. “ރީތި ސޮރެއް ވެއްޖެއްޔާ ވާވަރުދޯތީ. ކީއްކުރާނީ؟”
ދެލޯ ބޮޑުކޮށްގެން އެލީޝާ ބަލަމުން ދިޔައީ އެމީހުންނާއި ދިމާއަށް އަންނަމުންދިޔަ ކައިފް އާއި ދިމާއަށެވެ. އެއްވެސް އެއްޗެކޭ ނުބުނެވި، ކުޑަމިނުން އިޝާރާތެއްވެސް ނުކުރެވި އުޅެނިކޮށް ކައިފް އައިސް ހުއްޓުނީ އެމީހުންގެ ކުރިމަތީގަ އެވެ.
“ހެއްލޯ، އެލީ،” ވަރަށް މަޖާވެލަމުން އެލީޝާ އަށް އެއްލޯ މަރައިލަމުން ބުންޏެވެ. އެއަށްފަހު މާމަ އާއި ދިމާއަށް އެނބުރުނެވެ. “އަދި އެލީޝާ ގެ މާމައަށް އައްސަލާމު ޢަލައިކުމް. މާމަ އާއި ބައްދަލުވެވުނީތީ ވަރަށް އުފާވެއްޖެ. އަޅުގަނޑަކީ ކައިފް.”
“ކައިފް؟” ބުމަ އަރުވައިލަމުން އެލީޝާ ގެ މާމަ ބުންޏެވެ. “ކައިފް އަށް އަހަރެންގެ ދަރިފުޅު އެނގުނީ ކިހިނެކޯ؟”
“އަދި ނޭނގޭ އެހާ ބޮޑަކަށް. ކުރިން ދުވަހެއްގަ ހަމަ އެއްމެ ފަހަރަކު ދިމާވީ.” ބުނަން ފެށި ވާހަކަ މެދުކަނޑައިލަމުން އަނެއްކާވެސް ފެށި އެވެ. “އަހަރެންގެ ކީމޯ ނިންމާފަ ލޮބީގަ މަޑުކޮށްލައިގެން އިންދާ ކޮފީ ގަނެގެން ލިފްޓަށް އަރަން އައިތަނުން ދިމާވީ.”
މާމަގެ މޫނުމައްޗަށް ހިތާމައިގެ އަސަރު ފާޅުވިތަން ބަލަން އެލީޝާ އަށް ހުރެވުނީ އެވެ.
“ކަލޭވެސް މި ބަލީގަ؟ އެކަމަކު ތިހާ ޅަ އުމުރުގަ. ތީ ހާދަހާވާ ދެރަ ކަމެކޭ.”
ކައިފް ހިނިގަނޑެއް ޖަހައިލި އެވެ. “އާނ. މަށަށް ހީވަނީ ކެންސަރަކީ އުމުރުން ޅައެއް ދޮއްޓެއްވެސް ބަލާ އެއްޗެއް ނޫންހެން.”
މަޑުމަޑުން މާމަ ބޯ ޖަހައިލި އެވެ. މާމަ ގެ ދެ ތުންފަތަށް ހިތާމައިގެ ހިނިތުންވުމެއް ވެރިވި އެވެ. އޭނާގެ މާމަ ދަރިފުޅާއި ދިމާއަށް އެނބުރުނެވެ. ވަރަށް އޯގާތެރިކަމާއިއެކު މާމަ ގެ އަތް ބާއްވައިލީ އެލީޝާ ގެ ކޮނޑުމަތީގަ އެވެ. އެވަގުތު ފުރޮޅުލީ ގޮނޑިއެއް ހިފައިގެން އައިސް ނަރުސްކުއްޖެއް އެތަނަށް ވަނެވެ. “މާމަ ހިނގައިދާނަން އެތަނަށް މި ކުއްޖާއާއި އެކުގަ.” ނަރުސް ކުއްޖާއަށް އިޝާރާތް ކޮށްލަމުން މާމަ ބުންޏެވެ. “ދަރިފުޅަށް އާދެވޭވަރު ވީމަ އާދޭ އިނގޭ. ކޮންމެހެން އެހާ އަވަސް އަރުވާލައިގެން ނޫޅުނަސް ރަނގަޅުވާނެ.”
“ނޫން، އެގޮތް ރަނގަޅެއް ނުވާނެ. އަހަރެންވެސް މާމަ އާއި އެކު މައްޗަށް އަރާނަން.” އަވަސް އަވަހަށް އޭނާ ބުންޏެވެ. ކައިފް އަށް ބަލައިލަމުންނެވެ. އޭރުވެސް ކައިފް ގެ މޫނުމައްޗަށް ހަމަ އެ ލާނެތް ހިނިތުންވުން ވެރިވެފައި ހުއްޓެވެ. އެއީ ކުރިން ދުވަހުވެސް ފެނުނު ލާނެތްކަމެވެ.
އެލީޝާ އާއި ކައިރިއަށް ޖެހިލަމުން މާމަ އާފުރިލި އެވެ. “ތިހެން ހަޑިކޮށް އުޅޭއެއްޗެއް ނޫނޭ. މިކުއްޖާ ފަކީރު ހުންނާނީ ކިހާވަރަކަށް ބިރުންގެންފަ ދޯ. ދަރިފުޅު އޭނަ ކައިރީގަ މަޑުކޮށްލިޔަސް އެ ކޮށްދެވެނީ ހާދަ ބޮޑު ކަމެކޭ.”
އެލީޝާ މާނޭވައެއް ދޫކޮށްލި އެވެ. މާމަ ބުނި ވާހަކައަށް އެއްބަސް ވަމުން ބޯ ޖަހައިލި އެވެ. މާމަ އެ ބުނި އެއްޗެއް ރަނގަޅަށް މޭރުންވާތީ އެވެ. މާމަ އަނެއްކާވެސް ކައިފް އާއި ދިމާއަށް އެނބުރުނެވެ.
“ތި ރީތި ޅަނދޮޅު ކުއްޖާއާއި ބައްދަލުވެވުނީތީ މާމަ ވަރަށް އުފާވެއްޖެ. ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާތޯ މާމަ ދުޢާކޮށްދޭނަން.”
ކައިފް ބޯ ޖަހައިލި އެވެ. ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތް ކުރިއެވެ. “މާމައަށްވެސް.”
ނަރުސް ކުއްޖާ އާއި އެކު މާމަ މިސްރާބު ޖެހީ ލިފްޓާއި ދިމާއަށް ދިއުމަށެވެ. ފުރާވަރުގެ އެ ދެކުދިން އެކަނި ބައިތިއްބާފަ އެވެ. ކައިފް އާއި ދިމާއަށް އެލީޝާ އެނބުރުނެވެ. ދެ ފަހަރަކަށް އަވަސް އަވަހަށް ބުމަ އަރުވައިލި އެވެ. އޭނާ މަޑުކޮށްގެން ހުރީ ކައިފް އެހާ ވަރަކުން ބުނަން އެ އައި ވާހަކައެއް ބުނާނެ ވަގުތަކަށެވެ.
ކައިފް ހިނިތުންވެލި އެވެ. ދެއަތް އުފުލާލަމުން އަތްތިލަބަޑިއެއް ޖަހައިލި އެވެ. “ކޮބާ މަށަށް ދޭންބުނި ކޮފީ. ކޮފީ ގެނައިންތަ؟”
“ނޫން.” ފޫހިވާކަން ދެއްކުމަށް އާފުރެމުން ޖަވާބުދިނެވެ. “އަހަރެން ތީނަ ނުވެސް ދަންނަ އިރު ހަމަ އަސްލުވެސް ތީނަ ތިހުރީ ކޮފީ ދޭނެ ކަމަށް އުއްމީދުކޮށްގެން ދޯ؟”
އެމީހުން އެތަނުން ނިކުތީ ލޮބީއަށެވެ. ކައިފް ގެ ބޮލުގެ އިޝާރާތުން ލިފްޓާއި ޖެހިގެން ހުރި ގޮނޑިބަރި ދެއްކި އެވެ. އެލީޝާ އަށްވުރެން ބާރަށް ކައިފް ހިނގައިގަތީވެސް އެދިމާއަށެވެ. ބޮލުގެ އިޝާރާތުން އެބުނީ އޭނާގެ ފަހަތުން ދިއުމަށްކަމަށް އެލީޝާ ނިންމާ އެގޮތަށް ޢަމަލުކުރި އެވެ. ކައިފް އިށީންނި ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގައި އޭނާވެސް އިށީންނި އެވެ.
“ކޮފީގެ ކަންތައް އެއީ ދެން ވާންނެތް ކަމަކަށް އަހަރެން ނިންމައިފިން،” އިށީންދެ ހަމަޖެހިލަމުން ކައިފް ވާހަކަދައްކަން ފެށިއެވެ. އޭނާ އިނީ ގޮނޑިމައްޗަށް ދެފައި ނަގައިގެން ފައި ވަށްކޮށްލައިގެން އެލީޝާ އާއި ދިމާއަށް އެނބުރިގެންނެވެ. “އެއްމެ ރަނގަޅު. އެލީ އަށް ކިތައް އަހަރު؟”
އޭނާ ކައިފް އަށް ލޯ އަޅައިލަމުން ޖަވަބުދިނެވެ. “ނައިންޓީން.”
“އޭތް ސީރިއަސްކޮށްތަ؟ މަށަށްވެސް ނައިންޓީން އޭ.”
އެލީޝާ ޖަވާބެއް ނުދެއެވެ. ދެމީހުންގެ ދެމެދަށް ހިނދުކޮޅަކަށް ނަމަވެސް ހަމަހިމޭންކަން ވެރިވެއްޖެ އެވެ. އެ ހިމޭންކަން ނަގައިލީ ކައިފް ގެ ހިކި ހިނިގަނޑަކުންނެވެ. ކައިފް ހޭން ފެށުމުން އެލީޝާ އަށް އިނދެވުނީ ވާނުވާނޭނގިފަ އެވެ. އެލީޝާ އަނެއްކާވެސް ކައިފް އަށް ލޯ އަޅައިލިއެވެ. އެހާ މަޖާވެގެން އުޅެނީ ކޮންކަމަކާކަން އެނގެން އޭނާވެސް ބޭނުންވި އެވެ.
“އެނގޭތަ؟” ހިނިގަނޑު މަތަކޮށްލަމުން ކައިފް ބުންޏެވެ. “އަހަރެންގެ މުޅި އުމުރު މި ހޭދަކޮށްލެވުނީ ސްކޫލް ގަ. އޭލެވެލް ނިންމިތަނުން އެނގުނީ އަހަންނަށް ހުރީ ކެންސަރު ޖެހިފަކަން.”
އެލީޝާ އަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ސީރިއަސް ވާހަކައެއްވެސް ކައިފް އެ ދައްކަނީ ކިހާ މަޖާވެލާފައި އިނދެގެން ހެއްޔެވެ. އެލީޝާ އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ.
“އެ ހުރިހައި އަހަރެއްގަ އަހަރެން ލައިފް ގަ ކުރަން ބޭނުންވި ކަންތައްތައް ކުރެވުނު ނަމަ. އެކަމަކު ކީއްކުރާނީ. އެ ހުރިހައި ދުވަހެއް ހޭދަކޮށްލީ ސްކޫލް ގެ އެ ބަލާއެއްކަހަލަ ކަންތައް ގަނޑުގަ. ގްރޭޑް 10 ގްރެޖުއޭޝަން، އޯލެވެލް އެގްޒާމް، އޭލެވެލް އަށް ސީއެޗްއެސްސީ އަށް އެޕްލައިކުރުން، އަނެއްކާވެސް އޭލެވެލް އެގްޒާމް ހެދުން. ދެން މަށަކަށް ނޭނގެ. މަގޭ ހިތަށް އަރަނީ އެ ހުރިހައި ކަމެއް މި ކުރެވުނީ ކީއްކުރަން، ކޮން ކަމަކަށް ބާވައޭ؟ މިހާ ޅަ އުމުރުގަ މަރުވެގެން ދާން ބާވައޭ؟ ބަލާއެއް ހުވާ.”
އެލީޝާ އިނީ ކައިފް ގެ ވާހަކަތައް ކަނުލައި އަޑުއަހާށެވެ. އެހެން އިނދެގެން އަތުގައި އޮތް ކުޑަކުޑަ ރޮދިކޮޅަކާއި ކުޅެމުންދިޔައީ ކައިފް އާއި މެދު ހިތުގައި އުފެދެމުންދިޔަ ހަމްދަރުދީތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ. ކައިފް އަކީ އޭނާ ނުދަންނަ ކުއްޖަކަސް، ކިތައްމެ ލާނެތަސް ހަމަ ކުއްލިއަކަށް ކައިފް ގެ އެ ހާލަތާއި މެދު ވަރަށް ބޮޑަށް ވިސްނެން ފެށުނެވެ.
“ލައިފް އެފް ސަކްސް،” ދަތްކުނޑި ވިކައިލަމުން އެފް އަކުރުގެ ބަސް ނުކިޔައި ބުނަން ބޭނުންވި އެތި ބުނެލިއެވެ. އޭރު ކައިފް ވެސް އިނީ ކުރިން އިން މަޖާ މޫޑް ގެއްލި، ސީރިއަސް ވެފަ އެވެ. “އެކަމަކުވެސް އަހަރެންގެ ލައިފް ގަ ބާކީ އޮތް ދުވަސްކޮޅު ވޭސްޓްކޮށްލާކަށް ބޭނުމެއް ނޫން.”
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ….3
ކޮފީ ސްޓޭންޑް ގެ ކައުންޓަރުގައި ހުރި ކުއްޖާއަށް ބޮލުގެ އިޝާރާތުން ޝުކުރުއަދާކޮށްލަމުން އެލީޝާ ހިނގައިގަތެވެ. ލިފްޓާއި ދިމާއަށެވެ. ދެއަތުގައި ހުރި ކޮފީތަށިތަކުގައި ރަނގަޅަށް ހިފަހެއްޓިފައިވޭތޯ ޔަޤީން ކޮށްލަމުންނެވެ. ލިފްޓް ކައިރިއަށް ދެވުނު އިރު ގޮނޑިބަރީގައި ކައިފް އިނެވެ. ފޯނުން ކޮންމެވެސް އެއްޗެއް ޓައިޕް ކުރާށެވެ. އެލީޝާ ގޮސް ހުއްޓުނީ ކައިފް ގެ ކުރިމަތީގަ އެވެ. ކައިފް ބަލައިލާތޯ ކުޑައިރުކޮޅެއްވާންދެން އިންތިޒާރުކޮށްލި އެވެ. އެލީޝާ ހުރިކަން ކައިފް އަށް ހިލަމެއް ނުވުމުން ކަރުކެހިލި އެވެ.
އަވަސް އަވަހަށް ފޯނު ޖީބަށް ލަމުން ކައިފް ހިނިތުންވެލި އެވެ. “ހެލޯ، އެލީ. ހާދަ ހަމަޖެހިލައިގެން ހުރި ދުވަހެއްހެން މިއަދުވެސް ހިވޭ.”
“އަހަރެން މީ ދެން ހަމަނުޖެހި އުޅޭ މީހެއްތަ؟”
“އެހެން ވެއްޖެއްޔާ ބޮޑު އުފަލެއް ލިބުނީ ދޯ؟” ކައިފް އަހައިލި އެވެ. މަޖާވެލަމުން ނެވެ.
އެލީޝާ ދެލޯ ބޮޑުކޮށްލި އެވެ. އާފުރިލި އެވެ. “ތި ބުނާ ބޮޑު އުފަލެއް މިއަދު އަހަންނަށް ލިބުނީމަ ތީނަ އަށް ކޮފީ ދޭނަމޭ ހިތާ މި އައީ. އެކަމަކު މަށަށް ހީވަނީ ކައިފް ކޮފީއެއްވެސް ބޭނުމެއް ނޫންހެން.”
ކައިފް ގެ މޫނުމަތިން ފެންނަން ހުރި ސަމާސާ ގޮތްގަނޑު ކެނޑިއްޖެ އެވެ. ހައިރާންކަމާއެކު ސީރިއަސް ވި އެވެ. “ކީކޭ. މަށަށް ކޮފީ ގެނައީ އޭ؟”
އެލީޝާ ކަރުކެހިލި އެވެ. ކައިފް ގެ މޫޑަށް އައި ބަދަލު ފާހަގަ ކުރެވުމުންނެވެ. “އާނ. ތީނައެއްނު މާ ވަރަކަށް ކޮފީ ބޯހިތުން އުޅުނީ. އެހެންވެ ހިތަށް އެރީ މިއަދު ކޮފީ ގެންނާނީ ކައިފް އާވެސް ލައިގެންނޭ.”
އަތުގައި ހުރި ދެ ތަށިން އެއްތަށި ކޮފީ ކައިފް އަށް ދިއްކޮށްލި އެވެ. އިރުކޮޅެއްވާންދެން ކޮފީ އަށް ބަލަހައްޓައިގެން ކައިފް އިނުމަށްފަހު ތަށީގައި ހިފި އެވެ. “ތޭންކްސް.”
“މިދެން އެހާވަރުގެ ކަމެއް ނޫނެއްނު މާ ރަސްމީވެފަ ޝުކުރު އަދާކުރާކަށް.”
ކޮފީތަށިން އެތިފޮދެއް އެލީޝާ ބޮމުން ކައިފް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނި އެވެ. ކައިފް ވެސް އޭނާގެ ތަށިން ކުޑަކުޑަ އެތިފޮފެއް ދަމާލި އެވެ. ހަމަ އެއާއިއެކު ވަރަށް ހުތް އެއްޗެއް ކެވުމުން މީހަކު އަނގަޔަށް ޖައްސާލާ ވައްތަރު ޖައްސައިލި އެވެ.
” ކޮފީ އަކީ މަށަށް ހާދަ ނުބައި އެއްޗެކޭ!”
“ދެން ކީއްވެޔޯ އަބަދު ކޮފީކޮފީ އޭ ކިޔަމުން މަށަށް ޖެއްސުން ކުރީކީ؟”
“އެދެން ކޮންމެސް އެކްސްކިއުޒެއް ދައްކައިގެންނު-” ކައިފް އިން ގޮނޑިން ތެދުވި އެވެ. ކައިރީގައި ހުރި ކުނިއަޅާ ވަށިގަނޑު ކައިރިއަށް ގޮސް އަތުގައި ހުރި ކޮފީތަށި އެއަށް ވައްޓައިލި އެވެ. އެލީޝާ އަށް އިނދެވުނީ އެވެ. އެއްޗެކޭ ބުނަން ހިތަށް އަރާފައިވެސް ނުބުނެ މަޑުކޮށްލި އެވެ. ކައިފް އައިސް އޭނާ ކުރިންވެސް އިން ގޮނޑީގައި އިށީންނި އެވެ.
“އެނގިއްޖެ ދޯ މަ ބުނަން އުޅުނު އެއްޗެއް؟” ކައިފް ކުރިން ބުނަން ފެށި ޖުމްލަ ފުރިހަމަ ނުކޮށް ކުރީ ސުވާލެކެވެ. އެލީޝާ ޖަވާބެއް ނުދެ އެވެ. އަނެއްކާވެސް ކޮފީ ފޮދެއް ބޮއެލި އެވެ.
“ކީއްކުރަން އެލީ މިތަނަށް ތި އައީ؟” އަނެއްކާވެސް ކުއްލި އަކަށް ކައިފް ކޮށްލީ ސުވާލެކެވެ.
“މަގޭ މާމަ ގޮވައިގެންނު. ކުރިންވެސް ބުނެވުނު ދޯ!”
“ނޫން.” އަޑަށް ބާރުލާފައި ކައިފް ބުންޏެވެ. ބޮލުގައި އަޅާފައި ހުރި ކޯރި ރަނގަޅު ކޮށްލި އެވެ. “މި ބުނީ ކީއްވެހޭ މިތަނަށް ތި އައީ؟ މާމަ ކައިރީގަ ނީނދެ މިތާ މަގޭ ކައިރީ ތީނދީ ކީއްވެހޭ؟” ކައިފް ކޮށްލި ސުވާލު އިތުރަށް ސާފުކޮށްދިނެވެ.
‘ތި ސުވާލަށް އަހަރެން ދޭނީ ކޮން ޖަވާބެެއްހެއްޔެވެ؟ މާމަ އަށް އަޅަމުންދާ ވޭން ދެކެން އަހަރެން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެ އެވެ. ކައިފް އާއި މެދު ހަމްދަރުދީ ވެވެނީކަމަށްވެސް ވެދާނެ އެވެ. ކައިފް ގެ އެކަނިވެރިކަމުގައި އަހަރެން ބައިވެރިވާން ބޭނުންވަނީ ކަމަށްވެސް ވެދާނެ އެވެ.’ އެލީޝާ ގެ ހިތަށް އެތަކެއް ޝުޢޫރުތަކެއް އަރައި ފައިބަމުން ދިޔަ އެވެ.
އެއްވެސް ޖަވާބެއް ނުދީ ކަރު ކެހިލަމުން އަނެއްކާވެސް ކޮފީފޮދެއް ބޮއެލި އެވެ. ކައިފް ވެސް އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އިސާހިތަކުން ދެމީހުންގެ ދެމެދަށް ހަމަހިމޭން ކަން ވެރިވި އެވެ. ކައިފް ގެ ސީދާ ނަޒަރު އަމާޒުވެފައި ހުރީ އެލީޝާ އަށެވެ. ކައިފް އަށް ނުބަލާ ހުރުމަށްޓަކައި އެލީޝާ ގެ ކަޅި ހިންގަމުން ދިޔައީ އެމީހުން ތިބި ލޮބީގެ އެކި ދިމާދިމާ އަށެވެ.
“އޯކޭ. ދެން ތީނަ މިތާ މަގޭ ކައިރީ އިންނަކަމަށް ވަންޏާ ކޮންމެވެސް ވާހަކައެއް ދައްކަބަލަ. އަނގައިން ނުބުނެ ތިބެން ވެއްޖެއްޔާ މިތަނަށް ވެރިވެފަ މިއޮތް ހަނުކަމަށް ނިމުމެއް ނާންނާނެ އެއްނު!”
އެލީޝާ ލުއި ގޮތަކަށް ހީނގަތެވެ. ކައިފް ގެ މޫނަށް ބަލައިލި އެވެ. އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ކައިފް ވެސް ހީނލި އެވެ. “އަހަރެން ހިއެއް ނުކުރަން އެލީ ގެ މޫނުމަތިން ތިފަދަ ހިނިތުންވުމެއް ފެނިދާނެ ކަމަކަށް. މިހާރު އެނގިއްޖެ ތީނައަށް ހޭންވެސް އެނގޭކަން.” ދިމާކޮށްލަމުން ކައިފް ބުންޏެވެ.
“ހައިރާން ވާ އެތައް ކަމެއް އަހަރެންގެ ކިބައިގަ ހުންނާނެ ކަމަށް ހީކޮށްލާ.”
“އާނ، ދެން ތި ޖެހުނީ ތިގޮތަށް ވިސްނައިގެން ހުންނަންތާ ދޯ. ތިއެއް ނޫނޭ، އެލީ އާއި ބެހޭގޮތުން ކޮންމެވެސް އިންފޯ އެއް ދީބަލަ.”
“އެލީޝާ ގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ފަނޑުވި އެވެ. “މިސާލަކަށް؟”
“މިސާލަކަށް ތިއީ ކާކުކަން؟ ފޭވަރިޓްސް؟ ހޯޕްސް އެންޑް ޑްރީމްސް؟ އެނީތިންގ ޔޫ ކޭން އެންޑް ވޯންޓެޑް ޓު ޓެލްމީ!”
އެއްވެސް ޖަވާބެއް ނުދީ ކުޑައިރުކޮޅަކު މަޑުކޮށްލި އެވެ. ވިސްނަން ފެށި އެވެ. ބުނާނެ އެއްވެސް އެއްޗެއް ނެތްކަމަށް ބުނުމުގެ ގޮތުން ބޯ ހޫރާލި އެވެ.
“ވަޓް އިފް އައިޑޯންޑް ވޯންޓް ޓު ޓެލް އެނީތިންގ އެޓް އޯލް!!” ފޮނިވެލަމުން އެލީޝާ ބުންޏެވެ.
ކައިފް ގެ ތިރީ ތުންފަތުގައި ދަތްއެޅި އެވެ. “އެއްމެ ރަނގަޅު. އަހަރެން ކިޔައިދީފާނަން މަށާ ބެހޭ ބައެއް މަޢުލޫމާތު. މަށަކީ މަގޭ ކަންކަން މީހުންނާ ޝެއަރ ކުރަން ޖެހިލުންވާ މީހެއް ނޫނޭ.”
“ތިކަން އެނގެޔޭ.” ޖެއްސުމުގެ ރާގަކަށް ބުނެލި އެވެ.
“ހޫމް. އަހަރެން މަސައްކަތް ކުރަނީ ޖަމާއަތްތެރިއަކަށް. މަޖާ، ދޯ؟”
“ގަބުރުސްތާނު ގަ ތަ؟ ދެން ސަމާސަ ނުކޮށް ބަލަ!”
“މިއީ ސަމާސައެއް ނޫން. އަހަރެން މަސައްކަތް ކުރަނީ ޤަބުރުސްތާނުގައޭ ވެސް ބުނެވިދާނެ. ކޮންމެ ދުވަހަކުވެސް އެތައް ޤަބުރެއް ފެނޭ. ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބަޔަކު މަގޭ ޤަބުރާއި މެދު ކަންތައްތައް ކުރާނެ ގޮތްތައް ތަކުރާރުކޮށް މަށަށް އަންނަނީ ފެންނަމުން.” ފަނޑުފަނޑު ގޮތަކަށް ކައިފް ހީނލި އެވެ.
ކައިފް ކޮށްލީ ސަމާސާއެއް ނޫންކަން އެނގުމުން އެލީޝާ އިނީ ހައިރާންވެފަ އެވެ. “އެކަމަކު ކީއްވެގެން ޤަބުރުސްތާނުގަ ވޯރކް ކުރަނީ؟ މި ބުނީ އޭލެވެލް ވެސް ހަދާފަ ހުރިއިރު ކީއްވެ ކޮންމެވެސް އޮފީހެއްގަ ވޯރކް ނުކުރަނީ؟ ނޫނީ ކޮންމެވެސް ކެފޭ ގަނޑެއްގަ ނަމަވެސް!!”
“އަނެކުން، ….. މަރާއި ގާތްވާ ޒާތުގެ ކާނާ ވިއްކާ ތަނެއްގަ ވޯރކް ކުރުމަށް ވުރެން މިގޮތްވެސް މާ ސަޅިއެއްނު.” ކައިފް ގެ ކޮޅު ދިފާޢުކުރަމުން ބުންޏެވެ.
އެލީޝާ ބޯ ޖަހައިލި އެވެ. “އޯކޭ، ތިބުނީވެސް ރަނގަޅު ވާހަކައެއް. ދެން އެހެންވީއިރު ކީއްވެޔޯ އޮފީހެއްގަ ވޯރކް ނުކުރަނީކީ؟ ނޫނީ ކޮންމެވެސް ފިހާރައެއްގެ ސޭލްސް ބޯއީ ކަން ނުކުރަނީކީ؟”
“މަށަކީ މޮޔައެއްކަމަށް ހީކުރިޔަސް މަށަށް ހެޔޮ. އަހަރެން ޤަބުރުސްތާނުގަ ވޯރކް ކުރާހިތްވާތީ އޭ އެ ޖޮބް ގަ މި އުޅެނީ. އެތަނުގެ ހަމަހިމޭންކަން މަށަށް ވަރަށް ކަމުދޭ.”
“ބިރެއްވެސް ނުގަނޭތަ؟”
ކައިފް ހިނިގަނޑެއް ޖަހައިލިއެވެ. “ބައެއް ފަހަރަށް ބިރުވެސް ގަނޭ. އެކަމަކު އެއީ ބޭކާރު ބިރެއްކަމަށް ހިތަށް އަރުވާލީމަ އޯކޭ.”
“އެކަމަކު ކިހިނެތް….” ބުނަން ފެށި އިބާރާތް ފުރިހަމަ ނުކޮށް ހުއްޓާލި އެވެ. އެ ޖުމްލަ ނިންމާނީތޯ ނުވަތަ ނޫންތޯ ހިތަށް އަރާފަ އެވެ.
އެލީޝާ އާއި ދިމާއަށް ކައިފް ބަލައިލި އެވެ. ބުނަން ފެއްޓި ޖުމްލަ ނިންމާށޭ ބުނާކަހަލަ ގޮތަކަށެވެ. ނަމަވެސް އެލީޝާ އަށް އެ ޖުމްލަ ފުރިހަމަ ކުރަން އެހައި ފަސޭހަ ނޫންކަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. “މިބުނީ ތިގޮތަށް ބަލިކޮށް އުޅޭއިރު ކީއްކުރަންހޭ ވޯރކް ކުރަނީ؟”
“ހަމަ ކުރާހިތްވާތީ.” ކަރުދެތެ ސާފުކޮށްލުމަށް ކަރުކެހިލި އެވެ. “އަހަރެން ބަލިވެ އުޅޭކަން ނުބުނަން މާ ގިނަ މީހުން ކައިރިއަކު. އަހަރެންގެ ބޮސް އަކަށްވެސް ނޭނގޭނެ. އެނގޭނީ މަގޭ ފެމެލީ އާއި ބައެއް ކްލޯސް ފްރެންޑުންނަށް އެކަނި. އަހަރެން ހޮސްޕިޓަލުގަ އެޑްމިޓް ކުރާވަރަކަށް ބައްޔެއްވެސް ނުވޭ އަދި. ދެން ކީއްކުރަން ޖޮބަށް ނުގޮސް ހުއްޓާލަންވީކީ؟”
“މާނަ އަކީ ލައިފް ވޭސްޓް ކޮށްލާނީ ވޯރކް ކުރުމުގައޭތަ؟ ދެން އެހެންވީއިރު ކުރިން ދުވަހު ދެއްކި ވާހަކަތަކޯ؟”
ތިރީ ތުންފަތުން މަތީ ތުންފަތް ފިއްތާލައި ދޫކޮށްލަމުން ވާހަކަދައްކަން ފެށިއެވެ. “ވޯރކް ކުރުމަކީ ޓައިމް ވޭސްޓް ކުރުމެއް ނޫންދޯ. މަސައްކަތް ކުރީމަ އަހަންނަށް އެކަން ވަނީ ޕަރޕޯސް އަކަށް. ސޮސައިޓީ އަށް ސަރވް ކުރެވޭތީ ލިބޭ އުފާވެރިކަންވެސް އެހާމެ ސަޅި.”
ކައިފް ދެއްކި ވާހަކަ ތަކަށް ވިސްނަން އެލީޝާ އަށް މަޖުބޫރުވި އެވެ. އެއްވެސް އެއްޗެކޭ ނުބުނެ މަޑުކޮށްލެވުނެވެ.
” އެނގޭތަ؟،” އެލީޝާ ގެ ސަމާލުކަން ހޯދަމުން ކައިފް ވާހަކަދައްކަން ފެށިއެވެ. “އަހަރެން އަބަދުވެސް މީހުން ކައިރީގަ ބުނަން އަހަރެންގެ އެއްމެ ފަހު ޑިއުޓީގަޑިއަކަށް ވާނީ އަހަންނަށް ކޮޅަށް ނުހުރެވޭ ވަރަށް ބަލިވުމުން އެކަންޏޭ.”
އަދިވެސް އެލީޝާ އަށް އިނދެވުނީ އެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާހަކަ ދައްކަން ފަށާނެ ކޮޅެއް ނޭނގިފައެވެ. ކައިރީގައި އިން ކައިފް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑިތެރޭގައި އެނބުރެމުން ދިޔައެވެ. ކައިފް އެ ވާހަކަތައް ދެއްކިއިރު ހިނިތުންވުމެއް ދެއްކި ނަމަވެސް، އެ ހިނިތުންވުމަކީ އަސްލު ހިނިތުންވުމެއް ނޫންކަން އެލީޝާ އަށް އެނގެއެވެ. ކައިފް ގެ މޫނުން ފެންނަމުން ދިޔައީ އެއްމެ އިޙްސާސެކެވެ. ބިރެވެ.
އުއްމީދު ގެއްލިފައިފާ ކައިފް ގެ ނަޒަރު އެލީޝާ އަށް އަމާޒު ކޮށްލި އެވެ. އެވަގުތު އެލީޝާ ގެ ކަރުތެރެ ބެދޭގޮތްވި އެވެ. އެއްޗެކޭ ބުނަން ކަމަށް އަނގަހުޅުވައިލި އެވެ. އެވަގުތު ކައިފް އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. “މަގޭ އެއްމެ ފަހު ޑިއުޓީ ގަޑިއަކީ، މަގޭ ލައިފް ގެ ވެސް އެއްމެ ފަހު ވަގުތުކޮޅު. ފުރުޞަތެއް ލިބިގެން ހުރެވުނަސް، މަށަށް އެނގޭ މިކަމުން ސަލާމަތްވުމަކީ ވުމަށްވުރެން ނުވުން ގާތްކަމެއްކަން.”
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ….4
އެލީޝާ ގެ ނިތްކުރިއަށް ރުލެއް އަރުވައިލި އެވެ. އެހެން ދުވަސްދުވަހުވެސް ކައިފް އިށީންދެ އިންނަ ގޮޑީގައި އިންތަން ފެނުމުންނެވެ. އޭނާގެ އަތުގައި ދެ ތަށިވެސް ހުއްޓެވެ. ކައިފް ގެ ނަޒަރުގޮސް ހުއްޓުނީ އެލީޝާ އަށެވެ. އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި އެވެ. ތަތް ރާގެއްގައި އެލީޝާ ހިނގައިގަތީ ކައިފް އާއި ދިމާއަށެވެ.
ކައިފް ގެ ކުރިމަތީގައި އެލީޝާ އައިސް ހުއްޓުނެވެ. ކައިފް ގެ އަތުގައި ހުރި ދެ ތަށިން އެއްތަށި އެލީޝާ އަށް ދިއްކޮށްލި އެވެ. ތަށީގައި ހިފަމުން އެލީޝާ ސުވާލުކުރި އެވެ. “މީ ކޮންކަމެއް؟”
ކައިފް ޖަވާބެއް ނުދެއެވެ. އެލީޝާ ގެ އަތުގައި ޖެހޭވަރަށް ތަށި ދިއްކޮށްލީ އެވެ. “ދެން މީގަ ހިފާބަލަ!”
ތަށީގައި ހިފަމުން ތަށްޓަށް ރަނގަޅަށް ބަލައިލި އެވެ. ބަލާބެލުމަށް ހީވަނީ އެއީ ހަމަ އާދައިގެ ކިރުކޮފީއެއް ހެންނެވެ. ދުވަނީވެސް ކޮފީ ވަހެވެ. އިތުރު ތަފްޞީލެއް ދޭތޯ ކުޑަކުޑަކޮށް ބޯ ހަލުވައިލަމުން ނިތް އަރުވައިލި އެވެ.
“ކުރިން ދުވަހު އެލީ ގަތްދިން ކޮފީ ބޭކާރުކޮށްލެވުނީތީ އަހަރެން ފަހުން ވަރަށް ދެރަވި. އެހެންވެ އެލީ އަށް ގެނެސްދިން ކޮފީއެއް ތީ.” އެލީޝާ ގެ އަތުގައި ހުރި ތަށްޓަށް އިޝާރާތް ކޮށްލަމުން ތަފްޞީލް ދިނެވެ. އެއަށްފަހު ކައިފް ގެ އަތުގައި ހުރި ތަށިން އެތިފޮދެއް ބުޔެވެ. ” ދާދިފަހުން އަހަންނަށް އެނގިއްޖެ ކޮފީ އަކީ މަށާ ގުޅޭ އެއްޗެއް ނޫންކަން. އެހެންވެ މަށަށް ގަތީ ‘ހޮޓް ޗޮކްލެޓެއް’.”
“ތޭންކްސް،” ދެ ތުންފަތް ޖައްސައިގެން ހުރެ މަޑުމަޑުން ބުންޏެވެ. ކައިފް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން ތުންފަތުގައި އޭނާގެ ތަށި ޖައްސައިލި އެވެ.
“އެނގޭތަ؟'” ސީދާ އެލީޝާ ގެ ދެލޮލަށް ބަލަމުން ކައިފް ވާހަކަދައްކަން ފެށި އެވެ. “އަހަންނަށް އަބަދުވެސް މި ފެންނަނީ ތީނަ ބްލައުސް އަކާއި ސްކަރޓެއް ލައިގެން ހުއްޓާ. ކީއްވެތަ އަބަދު ތި އެއްޗެއްހި ލަނީ؟”
އެލީޝާ ގެ ކަރުތެރެ ސާފުކޮށްލުމަށް ކަރު ކެހިލި އެވެ. ކައިފް އަށް ޖަވާބު ދިނުމަށެވެ. “މަށަކަށް ނޭނގެ. ހީވަނީ ފަސޭހައީ ހެން މީތި ލައިގެން އުޅެން.”
“ތީތި ކަޑައޭ.” ކައިފް އާއްމުކޮށް ދޭ ހިނިތުންވުން ދެމުން ބުންޏެވެ. “އެނގޭތަ؟ ތިކަހަލަ ސަޅި ކުއްޖަކު އަބަދު ބްލައުސް ގަނޑެއް ލައިގެން އުޅުނީމަ ވަރަށް ކަޑަކަމެއް ތީ.”
ލޮލުތެރޭގައި އެލީޝާ ދެ ލޮލުގެ ކަޅި އަނބުރާލި އެވެ. އަވަގުތު ކައިފް ގާތަށް އައީކީ އަމަށަކު ހިންޏެއް ނޫނެވެ. އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ކޮންމެހެން އަންހެންކުދިން ހައްދަން ގޮވާ ގޮވެލިފަތި ގޮވާނެ ކަމެއްނެތް. ތީ އަހަރެން އަހާއަހާ ބާވެފަ އޮތް ގޮވެލިފައްޗެއް. އަހަރެން ލާ ހެދުން ބަދަލުކުރަންޏާ ޖެހޭނީ މަގޭ މަންމަ ގެ ހުއްދަ ހޯދަން.”
“މަންމަ ގެ ބޭބީ އެއް ދޯ!؟”
“އާނއެކޭ މީ މަންމަ ގެ ބޭބީއެކޭ. ކީއްތަ ވާނީ!” އެލީޝާ ތުއިވެލަމުން ޖަވާބު ދިނެވެ.
ކައިފް ގޮނޑީގައި ލެނގިލިއެވެ. ވާތްތިލަ ފުއްކިބައިގައި ޖައްސާލައިގެން ފާރުގައި ބޯ ޖައްސައިލި އެވެ. އަތުގައި ހުރި ތަށިން ހޮޓް ޗޮކްލެޓްފޮދެއް ބުޔެވެ. “ތީގެ މާނައަކީ ކޮބައިކަން ބުނެދީބަލަ!”
“މަށަކީ ކުރިން ބައެއް ފިލްމުތައް ކުޅުނު ޗައިލްޑް އާރޓިސްޓެއް.” ކައިފް އަށް އެލީޝާ ބަލައިލި އެވެ. ކައިފް ގެ މޫނުމަތިން މަލާމާތުގެ ހިނިތުންވުމެއް ފެންނާނެ ކަމަށް ހީކޮށެވެ. އެކަމަކު އެގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ވަރަށް ޝައުޤުވެރިކަމާއިއެކު އެލީޝާ ގެ ސީދާ ދެލޮލަށް ބަލަހައްޓައިގެން އިނީ އެވެ. ފަނޑުފަނޑު ހިނިތުންވުމަކާއި އެކުގައެވެ.
“އަސްލުވެސްތަ؟”
“އާނ. އަހަރެން އެކްޓިންގ އަށް ފުދޭވަރަކަށް މޮޅުވެސް ވާނެ. އެވޯރޑްވެސް ލިބިފަ ހުންނާނެ. ކައިފް އަށް ހަމަ ނޭނގޭތަ؟” އެލީޝާ ސުވާލުކުރި އެވެ. ކައިފް ބޯ ޖަހައިލީ އާނއެކޭ ބުނުމަށެވެ.
“އަސްލު އެއީކީ އަހަރެން ކުރާހިތުން ކުރި ކަމެއް ނޫން. އެހެންވެ ފަހުން ހުއްޓައިލީ. މަންމަ ވެސް އެހާ ޤަބޫލެއް ނޫން.” އެލީޝާ އިތުރަށް ކިޔައިދިނެވެ.
“އޯހް،” ބޭ އިޚްތިޔާރުގައި ކައިފް އަށް ބުނެވުނެވެ. “ސޯ ޔޯރ މަމް އިޒް އަ ވެރީ ކެއަރިންގ މަމް ދޯ؟”
“ހޫމް. މަންމަ އަކީ ފިލްމު ކުޅޭ މީހުންނާ ވަރަށް ފްރެންޑް މީހެއް. ކޮންމެވެސް ބަޔަކު ބުނެގެން އަހަރެން ލައްވާ މީގެ ފިފްޓީން ޔަރސް ކުރިން ކުޅުވީ ‘ހަނގާ’ ކިޔާ ފިލްމެއް. މަންމަ ތަންކޮޅެއް ސިނގު ރުޅި ހުއްޓަސް ބައްޕަ ވަރަށް ކޫލް ވާނެ.”
“ސޯ ޔޫ އަރ ކްލޯޒް ވިތު ދެމް ދޯ؟”
އެލީޝާ ހިންދިރުވައިލި އެވެ. ކައިފް އަށް ލޯ އަޅައިލަމުން ދުރަށް ބަލަމުން ބުންޏެވެ. “އަމް، ސޯޓް އޮފް. ނޮޓް ރިއަލީ އެނީ މޯރ.”
އަނެއްކާވެސް ކައިފް އަށް އެލީޝާ ބަލައިލި އެވެ. އޭރު ކައިފް އިނީ ހަމަ ޤަސްދުގައި އެލީޝާ އަށް ފިސާރި ރަނގަޅަށް ބަލާށެވެ. ކައިފް އިން ގޮތުން އޭނާ އިނީ އެލީޝާ ކުރިން ބުނި އެއްޗެއް އިތުރަށް އޮޅުންފިލުވައިދޭނެ ކަމުގެ އުއްމީދުގައި ކަން އެނގެއެވެ. އޭނާ އަބަދުވެސް އިތުރަށް އޮޅުންފިލުވަން ބޭނުންވެ އެވެ. އެކަމަކު އިތުރު އެއްޗެހިތަކެއް ކިޔައިދިނުމަކީ މިވަގުތު ކުރުން ކޮންމެހެން ބޭނުންކަމެއް ކަމަކަށް އެލީޝާ ނުދެކެ އެވެ. އެހެނަސް އޭނާ ވާހަކަ ދައްކަން ފެށި އެވެ.
“ބައްޕަ ވީ ޖަލުގަ.”
ކައިފް ގެ ދެލޯ ބޮޑުކޮށްލި އެވެ. އަދިވެސް އިތުރަށް އޮޅުންފިލުވުމަށް ކައިފް ބޭނުންވެފައި އިންކަން އެލީޝާ އަށް އެނގުނެވެ. “ފަރުވާކުޑަކޮށް ވެހިކަލް ދުއްވަނިކޮށް ކުއްޖެއް މަރުވީ ބައްޕަ ގެ ސަބަބުން. ކުރިމަތިން ކުއްޖަކު ހުރަސް ކުރި ވަގުތު ބައްޕަ ކާރުގައި އިނީ ފޯނެއްގަ.”
“އޯހ މޭން.” ދެފަރާތަށް ބޯ ހޫރަމުން ކައިފް އަށް ބުނެލެވުނެވެ. “ޝިޓް.”
“އާނ. ބައްޕަ ޖަލުގަ ހުންނާތީ ރިލޭޝަންޝިޕް އިޒްންޓް ވެލް މެއިންޓެއިންޑް.”
ފުންނާބު އުސް ބޫޓަކުން ޓޮއްޓޮއް ލައްވަމުންދާ އަޑާއި ރުޅިއައިސް ގެން ހުރި އަންހެނަކު ހަޅޭއްލަވަމުން އަންނަ އަޑު އިވެންފެށިއެވެ. އިރުކޮޅަކުން ހޮސްޕިޓަލުގެ ހޯލްވޭ ތެރެއަށް އަންހެނަކު ވަދެގެން އަންނަތަން ފެނުނެވެ. ހަޅޭއްލަވަމުން ގެންދިޔައީ އެމީހާކަން އެނގުނެވެ. އޭނާގެ މޫނު ހުރީ ކުނިކޮށްފަ އެވެ. ރުޅި އައިސް ރަތްވެފަ އެވެ. އަޅައިގެން ހުރި ބްލޫޓޫތު ހެޑްސެޓުން ކޮންމެވެސް މީހަކަށް ބަވައި ކުޑަކުރަމުން ދިޔައެވެ. އެމީހާ ފެނުމުން އެލީޝާ އަށް ހީވީ ދިވެހި ފިލްމުތަކުގައި ރުޅިގަދަ މަންމަ އެއްގެ ރޯލު ކުޅޭ އާރިފާ ފެނުނުހެންނެވެ. އެ އަންހެންމީހާ ބަލަމުން ދިޔަގޮތުން އެމީހާ ހިނގަމުން އައީ އެމީހުންނާއި ދިމާއަށްކަން އެނގުނެވެ.
“ކައިފް!” އެ އަންހެން މީހާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަތެވެ. އަމުރުވެރި ގޮތަކަށް ބޮލުން އިޝާރާތެއް ކޮށްލި އެވެ. ވަގުތުން އައުމަށް އަންގާ ކަހަލަ ގޮތަކަށެވެ.
“މަންމައިންގެ ވާހަކަ ދައްކާއިރު މިއޮތީ ބޮޑު……” ބުނަން ފެށި ޖުމްލަ ފުރިހަމަ ނުކޮށް ކައިފް ހުއްޓާލި އެވެ.
“އެއީ ކައިފް ގެ މަންމަ ތަ؟”
“އާނ.” ހިކި ގޮތަކަށް ކައިފް ހީނލި އެވެ. “އެލީޝާ އަށް ހީކުރެވުނު ގޮތަށް އެހާ ކެއަރިން މަމް އެއް ނޫންދޯ؟ އަނެއްކާވެސް ހަޅޭއްފަޅޭއް ޖަހައިގަތުމުގެ ކުރިން މަވާ މި ނައްޓާލަނީ. މަގޭ ކެންސަރު ބައްޔަކީވެސް ‘އެމީހާ‘ އަށް އެއްވެސް ކަމަކަށް ނުވޭ. ތަރޓީ ވަރަކަށް ސެކަންޑްސް ތެރޭގަ އަހަރެން އޭނަ ކުރިމަތީގަ ނުހުރެއްޖެއްޔާ މަށަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްލަފާނެ!”
ގޮނޑިން ތެދުވަން އުޅުނު ވަގުތު އޭނާ ކާލި އަޅައިލި އެވެ. ނުވެއްޓި ސަލާމަތްވީ ގޮނޑީގެ އަތްގަނޑުގައި ހިފުނީތީ އެވެ. ކޮޅަށް ތެދުވެ ހަށިގަނޑު ދަމައިލި އެވެ.
“އާރ ޔޫ އޯކޭ؟” ކައިފް އަށް ވީގޮތް ފެނިފައި އެލީޝާ ހުރީ ކަންބޮޑުވެފަ އެވެ.
“އާނ. އައިއޭމް ފައިން.” ބޯ ޖަހައިލަމުން ކައިފް ޖަވާބު ދިނެވެ. “ކުޑަކޮށް ބޮލަށް އެނބުރުން އަރާގޮތްވީ. ކީމޯ އަކީވެސް ބޮޑު ބަލާއެއް ކަހަލަ ކަމެއް.”
“ފެން ފޮދެއް ގެނެސްދެންތަ؟”
“ނޫން. މަ އޯކޭ އޭ. ގެއަށްދާއިރު ވެހިކަލް ތެރޭގަ މަގޭ ސޯ ކޯލްޑް މަންމަ މަށަށް ބަވައި އަޅައިލާއިރު މަގޭ ލޮލުން ފައިބާނެ ކަރުނައިން އެކަނިވެސް މަގޭ ބޮޑީ ހައިޑްރޭޓް ކޮށްދޭނެ!” ފާޑަކަށް ހީލަމުން ކައިފް ބުންޏެވެ.
ދުރުގައި، އިންތިޒާރުގައި ހުރި މަންމައާއި ދިމާއަށް ކައިފް ހިނގައިގަތެވެ. ހިނގައިގަތުމާއި އެކު ފަސް އެނބުރި އެލީޝާ އަށް ގޮވައިލަމުން ވާހަކަދައްކަން ފެށި އެވެ. “މި ހުކުރު ދުވަހުގެ ރޭ ކޮންކަމެއް އޮތީ؟ އެނީ ޕްރޮގްރާމްސް އޮން ޔޯރ ޝެޑިއުލް؟”
އެލީޝާ ދެލޯ ބޮޑުކޮށްލި އެވެ. އިރުކޮޅެއް ވާންދެން ލޯ ބޮޑުކޮށްގެން ހުރެފައި ކުރިން ހުރި ސައިޒަށް ލޯ ކުޑަކޮށްލަމުން ޖަވާބު ދިނެވެ. “އޫމް، ހިއެއް ނުވޭ އެއްވެސް ކަމެއް އޮތްހެނެއް.”
“އަހަރުން ގެއަށް އަންނަންވީނު. މަގޭ ފްރެންޑްވެސް ގެދަރ ވާނެ.”
“އެހެންތަ؟”
“ޔެޕް.” ކައިފް ހިނިތުންވަމުން ބުންޏެވެ. “އެމީހުންވެސް އެލީ އާ ލައިކްވާނެކަން މަށަށް ހަމަ ޔަޤީން.”
“ކައިފް! ….. ހަމަ މިހާރު އާދޭ މިކޮޅަށް!” އަނެއްކާވެސް އޭނާ ގެ މަންމަ ހަޅޭއްލަވައިގަތެވެ.
ކައިފް ލޮލުން ވައްތަރު ޖައްސައިލި އެވެ. އޭނާގެ މޫނަށް ވެރިވެފައި ހުރި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. “އެންޑް އައިއޭމް ޝުއަރ މަގޭ މަންމަ އެއް ނޫޅޭނޭ ފްރައިޑޭ ނައިޓް ގަ ގޭގައެއް. ދީ ބަލަ ފޯނު. މަގޭ ނަންބަރު ޖަހައިދޭނަން.”
އެލީޝާ ގެ ދަބަސް ތެރެ އިން ފޯނު ނަގައި ކައިފް އަށް ދިއްކޮށްލި އެވެ. އަވަސް އަވަހަށް އެލީޝާ ގެ ފޯނުގައި ކައިފް ގެ ނަންބަރު ޓައިޕްކޮށްލި އެވެ. އެއާއިއެކު ކައިފް ގެ ފޯނަށް މިސްކޯލް އެއް ޖަހަމުން އެލީޝާ ގެ އަތަށް ފޯނު ދީފައި އޭނާގެ މަންމައާއި ދިމާއަށް ދުއްވައިގަތެވެ. އޭނާ ގެ މަންމަ އާއި އަރައި ހަމަވެފައި ލައިގެން ހުރި ޖީންސް ގެ ކުރިމަތީ ދެ ޖީބަށް އަތްކޮށްޕައިލި އެވެ. މަންމަ އާއި އެކު ހިނގައިގަންނަމުން ފަސް އެނބުރި އެލީޝާ އަށް ބަލައިލަމުން އެއްލޯ މަރައިލި އެވެ. އިސާހިތަކުން އެލީޝާ ގެ ކުރިމަތިން ނުފެންނަ ހިސާބަށް ގޮސް ކައިފް އޮބައިލައިފި އެވެ.
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ….5
‘އެލީޝާ ބޭނުމިއްޔާ އަދިވެސް ފަސްއެނބުރި ގެއަށް ދެވިދާނެ.’ އަމިއްލަ ނަފުސަށް އޭނާ އަށް ބުނެލެވުނެވެ. އެލީޝާ ހިނގަމުން ދިޔައީ ކައިފް ގެ ގެއަށް ވަންނަން ހުރި ބޮޑު ދޯރާއްޓާއި ދިމާއަށެވެ. އެއީ ޓްރިވެންޑްރަމް ގެ މުއްސަނދިންގެ ގޭގޭގައި އާއްމުކޮށް އެ ހުންނަ ވައްތަރުގެ ޑިޒައިންކޮށްފައިވާ ދަގަނޑު ގޭޓް ދޮރެކެވެ. ކައިފް ފޮނުވި އެސްއެމްއެސް ގައި ބުނެފައިވާ ގޮތުން އޮޓޯ އަކަށްވެސް ނުވަދެވޭ އެ ހަނި ގޯޅިގަނޑުގައި ބޮޑު ގެއަކަށް ހުރީވެސް އެ ގެ އެކަންޏެވެ. އެހެންކަމުން ހަމަ ގައިމުވެސް އެ ގެއަކީ ކައިފް އުޅޭ ގެ ނޫން އެހެން ގެއަކަށް ނުވާނެ ކަމަށް އެލީޝާ ނިންމި އެވެ.
‘ކައިފް ކައިރީގަ މަށަށް ބުނެވިފަ އޮތީ ދާނަމޭ؟ .. އެހެންވީމަ އަހަރެން ޖެހޭނެ ދާން.’ އަނެއްކާވެސް އެލީޝާ ގެ އަމިއްލަ ނަފުސަށް ވިސްނައިދޭން ފެށި އެވެ. އޭރު ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަދެގެންގޮސް އޭނާ ހުއްޓުނީ ގޭގެ މައި ދޮރު ކައިރީގައެވެ. ހާސްކަން ފިލުވައިލުމަށް ފުންނޭވައެއް ދޫކޮށްލަމުން ބެލް އަށް ފިއްތައިލި އެވެ.
ކައިފް ދިން ދައުވަތު ޤަބޫލުކޮށް އެގެއަށް އަންނަން އެއްބަސްވެވުނީ ކީއްވެގެން ކަމެއް ޚުދު އެލީޝާ އަކަށްވެސް ނޭނގެއެވެ. ވަކިން ޚާއްޞަކޮށް ކައިފް ގެ ރައްޓެހިންނަކީ އޭނާ ނުވެސް ދަންނަ، ނުވެސް ދެކޭ ބަޔަކަށްވާއިރު އެމީހުންނާއިއެކު ވަގުތު ހޭދަކުރަން އަންނަންވީ ކީއްވެގެން ކަމެއްވެސް ނުވިސްނުނެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ ކައިފް ގެ އެދުމަށް އާނބަސް ބުނެވުނީ އެވެ.
އިތުރަށް އެއްވެސް އެއްޗެއް ވިސްނާނެ ވަގުތެއް އެލީޝާއަކަށް ނުލިބުނެވެ. ކުއްލިއަކަށް ދޮރުހުޅުވިއްޖެ އެވެ. ދޮރުފަތުގެ އަތްގަނޑުގައި ހިފަހައްޓާާލައިގެން ހެވިފައި ހުރީ ކައިފް އެވެ.
“ހައި އެލީ،” އުފަލުން ފޮޅިފައިހުރި ކައިފް އެއްފަރާތަށް ޖެހިލަމުން ބުންޏެވެ. އެލީޝާ ވަނުމަށް ޖާގަ ދައްކަމުންނެވެ. ” ނައިސް ލަސްވީމަ އެލީ އަންނާނެ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަން.”
އެ ގެއަށް އައި މަގުމަތީގައި ޚިޔާލު ބަދަލުވެ އަލުން އަނބުރާ ގެއަށް ދިއުމަށް އެތައް ފަހަރަކު ހިތަށްއެރި ވާހަކަ ކައިފް ކައިރީގައި ނުބުނުމަށް އެލީޝާ ނިންމި އެވެ. “އަސްލު ވީގޮތަކީ އޮޓޯ ޑްރައިވަރަށް ނޭނގިގެން ފުރަތަމަ ދެވުނީ އެހެން ސަރަޙައްދަކަށް.” ގަސްދުގައި އެލީޝާ ދޮގެއް ހަދައިލި އެވެ.
“އެހެންތަ؟ … އެލީ އައިމަ އަހަރެން ވަރަށް އުފާވެއްޖެ.” އެ ދެމީހުން އެތެރެއަށް ވަންނަމުން ދޮރުލައްޕައިލި އެވެ. ދެމީހުންގެ ދެމެދަށް ހަމަހިމޭންކަމެއް ވެރިވެއްޖެ އެވެ. ކައިފް ގެ ދެއަތް ހޫރަމުން ސިޓިންގ ރޫމްތެރެއަށް ބަލަމުން ދިޔައީ ދައްކާނެ ވާހަކައެއް ނޭނގިގެންނެވެ. “އަމް…. މީ އަހަރެންގެ ގެއަކީ.”
“ބޮޑު ގަނޑުވަރެއްގަ އުޅޭ ވާހަކަ ކައިފް ނުވެސް ބުނަމެއްނު. ކުރިން އެކަން އެނގުނު ނަމަ އަހަރެން އަންނާނީ މިއަށްވުރެން ރީތިވެގެން. މިހެން ހަޑިކޮށް ހުއްޓާ މި ގޭތެރެ ހަޑިވެސް ވެދާނެ.”
ކައިފް ހީނގަތެވެ. “ކޮންމެހެން މާ ފޯރމަލް ވާނެކަމެއްނެތޭ. މަގޭ މަންމަ ގެންގުޅޭ ރޫލްސް ތަކަށް ޗެލެންޖް ކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް. މަށަށް ހީވަނީ ބޭރަށް ނިކުމެ ކިސަޑު ފެންގަނޑަކަށް އެރިފައިކަން ނޭނގޭ މިގެއަށް އައިސް ވަންނަންވީވެސް. އޭރުން ކިހާާ މަޖާވާނެ.” ކައިފް މަޖާވަމުން ބުންޏެވެ.
ކައިފް އެވަރަށް ހޭ އިރު މިފަހަރު މިއީ އެލީޝާ ވެސް ހޭން ޖެހޭނެ ފަހަރެކޭ ހިތަށް އެރިއެވެ. ނަަމަވެސް ގަދަކަމުން ހުނުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ސިޑިން މައްޗަށް އަރަމުން ދިޔައިރުވެސް ކައިފް ހުރީ ފަރި ހިނިތުންވުމެއްގަ އެވެ. “އެއްމެން އެބަތިބި މަތީގަ ހުންނަ ސިޓިންގ ރޫމްގަ. ގޭގަ އެހެން އެއްވެސް މީހަކުވެސް ނޫޅޭ.”
އެލީޝާ ބޯ ޖަހައިލި އެވެ. ދެމީހުން އެކުގައި ސިޑިން އަރަމުން ދިޔައެވެ. ސިޓިންގ ރޫމަށް ވަތް ވަގުތު، ކައިފް ގެ ރައްޓެހިންގެ ތެރެއިން އެކަކު އަތުން ހަނާ އަޅައިލި އެވެ. އެ އަންހެން ކުއްޖާގެ ކިބައިން ނުތަނަވަސް ކަމެއް ފެންނަން ހުއްޓެވެ.
ސިޓިންގ ރޫމް ގެ ދޮރު ލައްޕައިލަމުން އެލީޝާ އާއި ދިމާއަށް ކައިފް އެނބުރުނެވެ. “ކޮންމެހެން މާ އާވެފަ ހުންނާނެ ކަމެއްނެތް އިނގޭ. އެއީވެސް ހަމަ އަހަރެން ކަހަލަ ލޫޒަރސް ތަކެއް.”
އެލީޝާ ބޯ ޖަހައިލި އެވެ. ހިތްހަމަޖެހުނުކަން ދެއްކުމަށް ހިނިތުންވެލިއެވެ. ކައިފް ވެސް ބޯޖަހައިލި އެވެ. ދެމީހުން އެތެރެއަށް ހިނގައިގަތެވެ. ބޮޑު ޓީވީއެއް ކައިރީގައި ތިން ޒުވާނުން ފޯރިނަގަމުން ދިޔައެވެ. އެމީހުން ޕީއެސްޕީ އިން ކުޅެމުންދިޔައީ ގަދަފަދަ ހަނގުރާމައެއް ކުރަމުންދާ ގޭމެކެވެ.
“ބައްޔެއް ހުވާ، ބެންޖޯ!!!!، ކައޭ ދުވެބަލަ!” އެތަނުން އަންހެން ކުއްޖަކު ހަޅޭއްލަވައިގަތެވެ. އަތުގައި އޮތް ޖޮއިސްޓިކް މަތީގައި ބޮނޑިއެއް ޖަހަމުންނެވެ. އެ އަންހެން ކުއްޖާ އާއި ޖެހިގެން އިން ފިރިހެން ކުއްޖާގެ އަތުގައި އޮތް ޖޮއިސްޓިކަށް ފިއްތަމުން ހަޅޭއްލަވައިގަތެވެ.
ކައިރީގައި ހުރި އެހެން ސޯފާއެއްގައި ހެވިދިލިފައި ފިރިހެން ކުއްޖަކު އިނެވެ. ކުޅެމުންދިޔަ ގޭމުގައި ކުރެވެމުން ދިޔަ ގަދަ ހަނގުރާމަ އަށް ބަލާށެވެ. ދޭތެރެއަކުން އޭނާވެސް ބާރަށް ހަޅޭއްލަވައިގަނެއެވެ. ހީވަނީ ހަނގުރާމައިގެ އެ މައިދާނުގައި އޭނާވެސް ހުރިހެންނެވެ. ފާޑަކަށް ދެލޯ ބޮޑުކޮށްގެން ރަކި ގޮތަކަށް ކައިފް އަށް ހުރެވުނެވެ. އެލީޝާ އަށް ހުރެވުނު ގޮތުންނެވެ. އެލީޝާ އަށް އިޝާރާތް ކޮށްލަމުން ސޯފާގައި އިށީންނުމަށް ދިޔައެވެ.
“ޝަޓް ދަ އެފް އަޕް!” މަޖާވެލަމުން ކައިފް ހަޅޭއްލަވައިގަތެވެ. “ބަލާއެއްނު، ތީ ބަލަގަ ވީޑިއޯ ގޭމް އެކޭ. އަސްލެއްނަމަ ކިހާ ފޯރިއެއް ދައްކާނެބާ؟ އެއްމެންނޭ މިހިރީ އެލީޝާ.”
ހުރިހައި އެއްމެން އެއްފަހަރާ އެލީޝާ އަށް ބަލައިލި އެވެ. އެލީޝާ ގަތް ލަދުން ހުރީ ހަދާނެގޮތެއް، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެވަގުތު އެލީޝާ އަށް ބުނެވޭ އެއްޗަކުން އެމީހުން އޭނާއާއި މެދު ކޮންމެފަދަ ގޮތަކަށްވެސް ދެކެފާނޭ ހިތަށް އަރާފައެވެ. ލަދުން ހުރެ ނަމަވެސް އަތުން ހަނާ އަޅައިލިއެވެ. ގަދަކަމުން ނަމަވެސް ހިނިތުންވަމުންނެވެ. “ހެލޯ، އިޓްސް ނައިސް ޓު މީޓް ޔޫ ގައިޒް.” އެއްމެފަހުން އެލީޝާ ގެ ދުލަށް އައި ޖުމްލަ ބޭރުކޮށްލި އެވެ.
“އެލީ،” ކައިފް ބުންޏެވެ. މީނދީ ބެންޖޯ، ނައްޓެ، އަދި ނައްޓެގެ ބިޓު ޖުމް.”
“ހެލޯ،” އަނެއްކާވެސް އެއްމެނަށް އެލީޝާ ބުންޏެވެ.
“ފޫކޮޅުގަ ކައްޓެއް ނެތިއްޔާ އިށީންނިޔަސް އޯކޭ އޭ،” ބެންޖޯ ބުންޏެވެ. “އެކަމަކު ބުނަން، ނައްޓެ ކައިރީ ނުއިށިންނާތި. އެގޮލާ ވަރަށް ފޮޑި ޖަހާނެ. ފޮޑި ޖަހާވަރުން އެއްގޮތްވާނެ ޖަމަލެކޭ. އެކަމަކު ޖަމަލު ފޮޑީގަ ވަސްނެތަސް މިގޮލާ ޖަހާ ފޮޑީގަ ހަބޭހަށް ވަސް ލަޑާނެ. އެކަމަކުވެސް މީ އަހަރުންގެ ބެސްޓް ބަޑީއެއް.”
ސޯފާއިން ބާލީހެއް ނަގައި ބެންޖޯ އާއި ދިމާއަށް ނައްޓު އެއްލިއެވެ. އެލީޝާ އަށް އެއްވެސް އިޚްތިޔާރަކާ ނުލައި ހީނގަނެވުނެވެ. ސޯފާ ކައިރިއަށްގޮސް ޖުމް ކަމަށް ބުނި ކުއްޖާ ކައިރީގައި އިށީންނި އެވެ.
“މަށަކީ ޖުމާނާ،” ވަރަށް ލޯބިގޮތަކަށް އޭނާ ބުންޏެވެ. “ޖަމަލު ފޮޑީގެ ވާހަކަ އެއީ ތެދެއް. އޭނަޔާ ރައްޓެހިވުމުގެ ކުރިން އެކަން އެނގުނުނަމައޭ މިހާރު ހިތަށް އަރާ.” ހިނިގަނޑެއް ޖަހައިލަމުން އޭނާ ސަމާސާ ކޮށްލިއެވެ.
ޖުމާނާ ގެ ސަމާސާގައި ބައިވެރިވުމަށް އެލީޝާ ހިނތުންވެލި އެވެ. “ޖަމަލު ފޮޑި ރަސްގެފާނާ ވެސް ކޮންމެވެސް ކުއްޖަކު ޖެހޭނެތާ ޑޭޓް ކުރަން.”
އަނެއްކާވެސް ޖުމާނާ ހިނިގަނޑެއް ޖަހައިލި އެވެ. “އާނއެކޭ ދޯ!”
“ނައްޓު އާ ޖުމް އުޅެނީ އަޙްމަދިއްޔާ ގްރޭޑް 12 ގަ.” ކައިފް ބުންޏެވެ. “އެމީހުން މިތަނަށް އައިސް އެތިބީ ސެމެސްޓަރ ބްރޭކަށް.”
“އެހެންތަ؟” ވަރަށް ޝާއުޤުވެރިކަމާއެކު އެލީޝާ ބުންޏެވެ. “މަވެސް އަހުމަދިއްޔާ އަށް ވަންނަން އުޅުނިން. އެކަމަކު މަގޭ މަންމަ ބޭނުންވީ ސީއެޗްއެސްސީ އަށް މަ ވައްދަން. ކައިފް ދިޔައީ ކޮންތާކަށް؟”
“އަހަރުން ދިޔައީ ވިލާ އަށް.” ޖަވާބު ދިނީ ނައްޓު އެވެ. “އަހަރުން އުޅެނީ އެއް ނެއިބަރހުޑެއްގަ. އެހެންވެގެންނޭ މި ޖުމް އަށް މީނދަ ޖަމަލުފޮޑި އާއި ރައްޓެހިވެވުނީ.”
ޖުމާނާ ލޯ އަޅައިލި އެވެ. އެއަށްފަހު އެލީޝާ އަށް ބަލައިލަމުން ބުންޏެވެ. “އަސްލު މަށަކީ މާލޭ މީހެއް ނޫން. މަށަކީ އައްޑޫ ކުއްޖެއް. ގްރޭޑް ޓެން ނިންމާފަ މާލެ ބަދަލުވީ.”
“މަވެސް އަންނަ ސެމް ގަ ޗޭންޖް ވާނަން އަހްމަދިއްޔާ އަށް.” ވަރަށް ފޮނިވެލަމުން ބެންޖޯ ބުންޏެވެ. “އަހަރެން ސްކޫލް މަތިން ފޫހިވެގެން ދިގު ޗުއްޓީއެއް ހަދާލީ. އެކަމަކު މިހާރު އަނެއްކާވެސް ދާހިތްވެގެން މިއުޅެނީ.”
“އެ ތެދެއް. މިގޮލާ ވާ ޗުއްޓީ ހަދައިފި. ހަތަރުދަމު ގޭމް ކުޅުން ކަމަކީ. ދެން ފަތިހު ނިދަން އޮށޯންނަ ގޮލާ ހިއްލާލާނީ މެންދުރުފަހު، ނޫނީ ހަވީރު!” ދިމާކޮށްލަމުން ނައްޓު ބުންޏެވެ.
“ތިގޮލަޔަށް އެގޮތަށް ފްރީޑަމް އެއް ނެތީމަ ކޮންމެހެން ޖޭ ވާނެ ކަމެއްެނެތް އިނގޭ!” ދިމާކުރާ ރާގަށް ބުންޔާމީން ބުންޏެވެ.
“ކޮބާ ސަމާހާ؟” މައުޟޫ ބަދަލުކޮށްލަމުން ނައްޓު ސުވާލުކުރިއެވެ.
“އޭނާ ކޮއްކޮ އަށް ކޮންމެވެސް ހެލްޕެއްވަނިއްޔޯ. ނޭނގޭ މަށަކަށްވެސް ކޮން ކަމަކަށް ކަމެއް،” އެލީޝާ އަށް ބަލައިލަމުން ކައިފް ބުންޏެވެ. “ސަމާހާ، ނައްޓު ނަޝީދު އަދި މަ އުޅެބޮޑުވީ އެއް ފްލެޓް ބަރީގަ. ބެންޖޯ ވެސް ސްކޫލަށް ދިޔައީ އަހަރުންނާ އެކު. އެއީ އަހަރުން މިހާ ކްލޯސް ކަމަކީ.”
ވާނުވާ އެނގުމުން އެލީޝާ ބޯ ޖަހައިލި އެވެ. އޭނާ އިނީ ފައިގެ ފަލަމަސްގަނޑު މަތީގައި ދެ އުޅަނބޮށި ޖައްސާލައިގެން އެއް އަތް މައްޗަށް އަނެއް އަތް ހުރަސްކޮށްލައިގެންނެވެ. “އަޅެ، ވަރަށް ލޯބި އޭ ދޯ!” ހަމަޖެހިލަމުން ކައިފް ދެއްކި ވާހަކައަށް ޖަވާބު ދިނެވެ.
ތިރީ ތުންފަތުން މަތީ ތުންފަތަށް ބާރުކޮށްލައި ފިއްތައިލަމުން ސޯފާގައި ލެނގިލަމުން ކައިފް ހަމަޖެހިލި އެވެ.
“އެލީޝާ އަށް އެނގޭތަ؟،” ނައްޓު ސީރިއަސްވެލަމުން ބުންޏެވެ. “ކައިފް އާ އެލީޝާ ފްރެންޑްވިކަން ހަމަ ނަސީބެއް. ކެންސަރު ޖެހުނުފަހުން މިގޮލާ ވެއްޖެ ރަނޑު އަންހެނަކަށް.”
އެލީޝާ އަށް ހެވެން ފެށިއެވެ. ނަމަވެސް ގަދަކަމުން ހިނިގަނޑު އޮއްބައިލީ މާ ބާރަކަށް ނައްޓު ހަޅޭއްލަވައިގަތުމުންނެވެ. ކައިފް ގެ އަތުން ނައްޓުގެ ބުރަކަށީގައި ބާރު ބޮނޑިއެއް އެޅުމުން ވީ ތަދުންނެވެ.
“ފުރަތަމަ ކަމަކަށް، މަށަކީ ރަނޑު އަންހެނެއް ނޫން،” ނައްޓު އާއި ދިމާއަށް ކަޅިއަޅައިގެން ބަލަން އިނދެ، ދިފާޢުގައި ކައިފް ވާހަކަދައްކަމުން ދިޔައެވެ. “ދެވަނަ ކަމަކަށް، ކެންސަރޭ ކިޔައިގެން ކައޭ ޖޯކް ނުޖަހާތި. އަހަރެން ޖޯކް ޖެހިޔަސް ތިގޮލާ އެކަން ނުކުރާތި.”
“އައްދެ ތިދެން ހާދަ ހެއްވާ ގަވާއިދެކޭ ދޯ،” ރައްދުގައި ނައްޓު ބުންޏެވެ.
“އެ ކީއްވެޔޯ؟ ތިގޮލަޔަކަށް ނެތެއްނު ކެންސަރު ޖެހިފައެއް!” އަޑުބެދޭ ގޮތްވުމުން ކަރުކެހިލަމުން ކައިފް ބުންޏެވެ.
ކުއްލިއަކަށް އެއްމެންގެ މޫޑު ބަދަލުވެއްޖެ އެވެ. އެއްމެން ސީރިއަސް ވިއެވެ. މުޅި ސިޓިންގ ރޫމަށް އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވީ ގޭމް ކުޅެން ތިބި ކުދިން ގޭމް ޕޯސްކޮށްލައި ޓީވީ މިއުޓް ކޮށްލުމުންނެވެ. ކައިފް ވެސް ހުރީ ހަނުކޮށެވެ. އެއްމެންގެ މޫޑަށް އެ ބަދަލު އައީވެސް އެހެންވެ އެވެ. އެކަމަކު މާގިނައިރަކު އެ ހިމޭންކަން އޮންނަ ގޮތެއް ނުވި އެވެ.
“ކައޭމެން ތި ގޭމް ނިންމަން އުޅޭ. މޮޅުވާ މީހަކާ އެކީގަ މަވެއްޖެ ކުޅެން.” ތަނަށް ވެރިވެފައި އޮތް ހިމޭންކަން ފޫދުއްވައިލީ އެތަނަށް ވަދެގެން އައި ސަމާހާ އެވެ.
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ… 6
“މާމަ ނިމެންވާއިރަށް އަހަރެން އަންނާނަން އިނގޭ.” މާމަގެ ކޮލުގައި ކޮއްޓާލައި ސަމާސާކޮށްލަމުން އެލީޝާ ބުންޏެވެ. ތަންކޮޅެއް ދުރުގައިހުރި ލިފްޓް ކައިރީގައި ހުރި ގޮނޑިބަރީގައި އިށީންދެ އިން ޒުވާން ފިރިހެންކުއްޖާ އާއި ދިމާއަށް އެލީޝާ ހިނގައިގަތެވެ.
ކިހިނެތް ވެގެން ކަމެއްވެސް ނޭނގެއެވެ. އެލީޝާ ގެ ފިޔަވަޅުތައް ހުއްޓުވުމަށް ތަޅުންގަނޑުގައި ޖަހާފައިވާ މާބުލް މުށިތައް ހުރަސް އަޅާހެން ހީވަމުންދިޔައެވެ. ނޫނެކެވެ. އެލީޝާ ގެ ހިތަށް ނުތަނަވަސް ކަމެއް ވެރިވަމުންދިޔައީ އެވެ. ހޮސްޕިޓަލުގެ ހަތަރުފާރުން ބޭރުގައި ކައިފް އާއި އެކުގައި ވަގުތުތަކެއް ހޭދަކުރެވުނު ފަހުން މިއީ އޭނާ އާއި ބައްދަލުވާ ފުރަތަމަ ފަހަރެވެ. އެ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ އާދަޔާޚިލާފް ރަހުމަތްތެރިކަން ދެމެހެއްޓުމަށް ކައިފް ބޭނުން ނުވެދާނެޔޭ ހިތަށް އަރާތީކަމަށްވެސް ވެދާނެ އެވެ. ހިނިތުންވެފައިވާ މޫނަކާއިއެކު ކައިފް ގެ ނަޒަރު އެލީޝާ އަށް ހުއްޓުނު އިރު މުޅި މީހާ ހުރީ ފިނިވެފައެވެ.
“މި ފެންނަނީ އަތުގެ ހަންގަނޑުތަ؟” ކައިފް އަށް އެއްމެ ފުރަތަމަވެސް ބުނެވުނީ މިހެންނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އެލީޝާ ގެ އަތުގެ މުލައްދަނޑީގައި ހިފަމުންނެވެ. އަބަދު އަތްދިގު ބްލައުސް ލައިއުޅޭ އެލީޝާ ގެ އަތް ނުފޮރުވޭވަރުގެ އެއްޗެއް ލާފައި ހުރެދާނެކަން ޤަބޫލުކުރަން ކައިފް އަށް ދަތިވި އެވެ.
އެލީޝާ ގެ ދެލޮލުން ވައްތަރެއް ޖައްސައިލި އެވެ. އޭނާގެ މުލައްދަނޑީގައި ބާއްވާލާފައި އޮތް ކައިފް ގެ އަތްތިލައިގައި ހިފައި ފިތާލަމުންނެވެ. “މިއަދު މިއީ އެއްޗެހި ދޮންނަ ދުވަހޭ. އެހެންވެ އެއްމެ އަވަހަށް އަތުޖެހުނު އެއްޗެއް ލައިގެން އަންނަން ޖެހުނީއޭ.”
“ތިއުޅެނީ އަހަރެން އިންޕްރެސް ކުރުވަން ދޯ. ޔޫ ކޭން އެޑްމިޓް އިޓް އިފް ޔޫ ވޯންޓް އޯރ ނޮޓް.”
ކައިފް ގެ ދިމާކުރުމަށް އެލީޝާ ސަމާލުކަމެއް ނުދެއެވެ. ހަމަ ގަސްދުގައެވެ. އަތުގައި ހުރި ކޮފީތަށިން ކުޑައެތިފޮދެއް ބޮއެލި އެވެ. ކައިފް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީންދެ ހަމަޖެހިލި އެވެ. އަނެއްކާވެސް އެލީޝާ ގެ އަތުފައި ކައިފް ހިފިއެވެ. މަޑުމަޑުން އެލީޝާ ގެ އަތުގައި ކައިފް ގެ އިނގިލިތަކުގެ ކޮޅު ޖައްސައި ހާކަން ފެށިއެވެ. އެލީޝާ އާފުރިލަމުން ކައިފް ގެ އަތް ފޮޅުވައިލި އެވެ.
“ތިހެން ނުކޮށްޓަބަލަ.”
ލުއި ހިނިގަނޑެއް ޖަހައިލަމުން ކައިފް އިން ގޮނޑީގައި ލެނގިލިއެވެ. މެޔާއި ހަމައިގައި ދެ އަތް ޖައްސާލައި ދެއަތް ހުރަސްކޮށް ބުޅިއަޅުވައިލިއެވެ. “އަސްލުވެސް އަހަރެން މިހުރީ ޝޮކެއް ލިބިފަ. އަހަރެން މި ބަލައިލީ ތީ ހަމަ އެލީޝާ ގެ އަތުގެ އަސްލު ހަންގަނޑުތޯ ނޫނީ ބޮޑީއާއި ޓޯންވާ ސްކިން ސްލީވެއްތޯ.”
“އެ ކޮންއެއްޗެއްކޯ ސްކިން ސްލީވް އަކީ؟”
“މަށަކަށް ނޭނގެ.” ކަރުތެރެ ސާފުކޮށްލުމަށް ކަރުކެހިލަމުން ކައިފް ބުންޏެވެ. “ހަންގަނޑާއި އެއްކުލައަށް ހުންނަ ސްލީވް ނޫނީ އަތުއުރައަކަށް ނޫންތަ އެހެން ކިޔަނީ؟ އެއްވެސް މީހަކު ސްކިން ސްލީވް ލާކަމަށްވަންޏާ ތިވެސް އޭގެ މީހެއް.”
“މަ ނައްޓުވަން ކަމަށްދޯ ތިއުޅެނީ.”
ކައިފް ހިނިގަނޑެއް ޖަހައިލި އެވެ. އެލީޝާ ގެ އަތުގައި ހުރި ކޮފީތަށްޓަށް ކަޅިއެއް، އެލީޝާ ގެ މޫނަށް ކަޅިއެއް އެއްލަމުންނެވެ. “އަޅެ މަށަށްވެސް ދީބަ ކޮފީފޮދެއް!”
ކައިފް އެ ބުނި އެއްޗެއް ނުވިސްނުނުކަން އެލީޝާ ގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަތަކުން ފެންނަމުން ދިޔައެވެ. ނަމަވެސް އެއްމިޔަކަނުން ކައިފް ހިނިތުންވުމެއް ދެމުން އޮޅުންފިލުވައިދިނުމުން އެލީޝާ އަށް ހަމަޖެހުމެއް ލިބުނެވެ. “ކަންބޮޑުނުވޭ. އެއްމެ ފަހުން އަހަރެން ޗެކް ކޮށްލިއިރުގަ އެއްވެސް އެއްޗެއްގަ ލިޔެފައެއް ނެތް ކެންސަރަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމަކަށް.”
އެލީޝާ ގެ ބޯ ދެފަރާތަށް ހޫރާލަމުން ތުންފަތްމައްޗަށް ލުވި ހިނިތުންވުމެއް ގެނައެވެ. “ތިކަން މަށަށްވެސް އެނގެޔޭ. އެކަމަކު އަހަރެން ކައިފް އަށް ގަނެދިން ކޮފީ ދިޔައީ ޑަސްބިނަކަށްނު.”
“ޔޭސް. އައި ހޭޓް ކޮފީ.”
ކައިފް ގެ ޖަވާބުން އެލީޝާ އަށް އަނެއްކާވެސް އިތުރަށް އޮޅުން އަރާގޮތްވި އެވެ. ކައިފް އެ ކިޔާ އެއްޗެއް ކުޑަކޮށްވެސް މޭރުންވާ ގޮތެއް ނުވިއެވެ. “ދެން ކީއްކުރަންށޯ މަގޭ ތަށިން އެތިފޮދެއް ނުބޮވިގެން ތި އުޅެނީ؟”
“އަހަރެން ކީމޯ ހަދަމުންނެއްނު މި ގެންދަނީ.” ކައިފް މިހެން ބުނިގޮތުން ހީވީ ހުރިހައި އޮޅުމެއް ފިލައިގެން ދާނެވަރުގެ އެއްޗެއް ބުނެވުނުހެންނެވެ. އެކަމަކު އެލީޝާ އަށް ވިސްނޭވަރެއް ނުވިއެވެ.
“ދެނޯ؟”
“ރޭޑިއޭޝަން ގެ ސަބަބުން އިންސާނުންނަސް ސުޕަރޕަވަރ ލިބޭކަމަށްވަންޏާ، ކީމޯ ގެ ސަބަބުން މަށަށް ކޮފީ މީރުވުމަކީވެސް ހަމަ ވެދާނެ ކަމެއްދޯ. ކިހިނެތް އެނގެނީ…. އަހަރެން މަރުވުމުގެ ކުރިން މަށަކީވެސް ކޮފީ އަށް މޮޔަވެފަ ހުރި މީހަކަށްވެސް ވެދާނެ އެއްނު!”
އެލީޝާ އެއްވެސް އެއްޗެކޭ ނުބުނެވެ. ކައިފް ގެ އެ ޖުމްލައަށް ދޭނެ ރައްދެއް އޭނާ އަށް ނުވެސް ވިސްނުނެވެ. އޭގެ ބަދަލުގައި އަތުގައި ހުރި ކޮފީތަށި ކައިފް އަށް ދިއްކޮށްލި އެވެ. ކޮފީތަށިން އެތިފޮދެއް ބުއި އިރު އެތަން ބަލަން އިނެވެ. އެވަގުތު ކޮފީގެ ހިތި ރަހައާއިއެކު ކައިފް ގެ މޫނުމައްޗަށް ވެގެންދިޔަގޮތް ފެނުނެވެ. އެއީ އެލީޝާ އުއްމީދުވެސް ކުރިގޮތެވެ. ކައިފް ގެ އަތުގައި ހުރި ކޮފީތަށި، އަވަސް އަވަހަށް އެލީޝާ އަށް ދިއްކޮށްލި އެވެ. ގަދަކަމުން އޭނާގެ އަނގައިގައި ހުރި ކޮފީފޮދު ދިރުވައިލެވޭތޯ މަަސައްކަތް ކުރަމުންނެވެ.
“އަސްލުވެސް ކައިފް ގެ މަރު ވަރަށް ކައިރިވެއްޖެތަ؟” ކުއްލިއަކަށް އެލީޝާ އަށް އަހައިލެވުނެވެ. ދުލުން އެ އިބާރާތް ބޭރުވީތީ ފަހުން ދެރަވެސް ވިއެވެ.
ޖަވާބުގައި ކައިފް ބޯ ޖަހައިލި އެވެ. އެލީޝާ ގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ކުރެވުނު ސުވާލުގެ ބޮޑުކަމުންނާއި ކައިފް ދިން ޖަވާބުގެ ސަބަބުންނެވެ. “އައޭމް ސޮރީ. އަހަ… މަށަށް އެހެން އެހުނީ މަރޭ ކިޔައިގެން ކައިފް ޖޯކް ޖަހާވަރުން. ޕްލީސް ޑޯންޓް މައިންޑް!”
“އަހަންނަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ވަރަށް ފަހުން. ނަމަވެސް އެކަން އެނގުނީ ވަރަށް ބޮޑަށް ޖެހުނުފަހުން. މަށަކީ ހަމަ ބައްޔެއް ވެލާއިރަށް މީހުން ކައިރީގައި އެހެން ކިޔައިއުޅޭ މީހެއް ނޫން. މާ ބޮޑުކަމަކަށް ނުހަދައި ވަމުންދިޔަ އުނދަގޫތައް ކެނޑިދާނެކަމަށް މަޑުކޮށްގެން ހުރީ. މަށަށް އެކަން އެގޮތަށް ކުރެވުން މީގެ ގޯހަކީ.”
“ރަނގަޅުވާނެ ކަމުގެ ހަމަ އެއްވެސް ޗާންސެއް ނެތީތަ އަޅެ؟”
ކައިފް ހިންދިރުވައިލި އެވެ. ދެއަތް ޖޯޑުކޮށްލައި ފަލަމަސްގަނޑުގައި އުޅަނބޮށި ވިދެލި އެވެ. “ތިއެއް ބުނާކަށް ނޭނގޭ. އެމީހުން ކީމޯ ދީގެން ވާގޮތެއް ބެލީމަ އެނގިދާނެ ދޯ. ފަހަރެއްގައި ރަނގަޅުވެސް ވެދާނެއެއްނު.”
“ދެން ކީއްކުރަން އަބަދުވެސް މަރުގެ ވާހަކަ ދައްކަނީކީ؟” އަވަސް އަވަހަށް އެލީޝާ އެހިއެވެ. އެ ސުވާލުކޮށްގެން އިތުރަށް އެ ވާހަތައް ކުރިއަށް ގެންދިޔުން ރަނގަޅުވާނެބާއޭ ހިތަށް އަރައިގެން އިނދެއެވެ. “މިހެން މި ބުނީ އަބަދު މަރުގެ ވާހަކަ ދެއްކީމަ ދެރައެއް ނުވޭތަ؟ އަބަދު އެކަމާ ވިސްނީމަ؟”
އާނއެކޭ ބުނުމަށް ކައިފް ބޯ ޖަހައިލި އެވެ. އެލީޝާ އަށް ބަލައިލި އެވެ. “އާނ. އެކަމަކު އެ ވާހަކަ އެގޮތަށް ދެއްކުންކަން ކަން ނޭނގޭއެއްނު ރަނގަޅީ.”
“ކީއްވެ ތިހެން ތިބުނީ؟ ކީއްވެ އެވާހަކަ ދެއްކީމަ ފަސޭހަ ވަނީ؟ އައި މީން ކޮން ގޮތަކުން؟”
ދެކޮނޑު އަރުވައިލަމުން ކައިފް ފުން ނޭވައެއް ދޫކޮށްލި އެވެ. “މީހުން އަބަދުވެސް ބުނޭ ކެންސަރާ ބެހޭގޮތުންނާއި އެކަމުން ސަލާމަތް ވުމާއި ބެހޭގޮތުން އަބަދު ވާހަކަދައްކާށޭ. އަހަންނަށް ކެންސަރު ޖެހިފައި ހުރިކަން އެނގޭ އެއްމެން ބުނާނެ އަހަރެން ރަނގަޅު ވާނެޔޭ. މީހުން އެހެން ކިޔީމަ އުފާވެސް ވޭ. ފަހަރެއްގަ ރަނގަޅުވެސް ވެދާނެދޯ. އެކަމަކު ނުވެއްޖެއްޔާ، އެމީހުން އެދައްކާ ވާހަކަ ވެގެންދާނީ އަހަރެން ހިތްހަމަޖެއްސުމަށް ދެއްކި ވާހަކަތަކަކަށްނު. އެކަމަކު އަހަރެން މަރުވާނެ ކަމަށް ވިސްނުން ބަހައްޓައިގެން އުޅެންޏާ ރިއަލިޓީ އެކްސެޕްޓް ކުރަން ފަސޭހަ ވާނެދޯ.”
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ… 7
ފޫހިވެގެން އެލީޝާ ފޯނު ނެގި އެވެ. ވައިބަރ ހުޅުވާލަމުން ކައިފް އަށް ގޮވައިލި އެވެ. ކައިފް އަބަދުވެސް އޮންލައިންގައި އިންނާނެ ކަން އޭނާއަށް އެނގެއެވެ. ކައިފް މެންގެ ގެއަށް ދިޔަފަހުން މިހާރު އެ ދެމީހުން އަބަދުހެން ތިބެނީ ވައިބަރ އިން ގުޅިފައެވެ.
ކީއް ތިކޮށްލަނީ؟
ކިހިނެތްވީ؟ ކަމެއް ނުކުރަން. މިއަދު ހަތަރު ދަމު ސީރީޒް ބެލީ.
އައިސްބަލަ އަހަރުން ގެ ކައިރީ އޮންނަ ޤަބުރުސްތާނަށް.
ކައިފްއެއްޗެކޭ ހީނުކުރާތި. ތި ޤަބުރުސްތާނަށް ދިއުމަށްވުރެން މަށަށް މާރަނގަޅު ދެފައި ދަމާފަ ނިދަން އޮންނަންވެސް.
އެއްޗެކޭ ހީނުކުރާށޭ ބުންޏަސް އެއްޗެކޭ ހީކޮށްފިން. ދެނޯ J
ފިހެފަ ހުރި ވަރަށް ތާޒާ ޒުވާރިވެސް އެބަހުއްޓޭ!! ދެން އަޅެ އާދެބަ. ޔަޤީނުންވެސް އެލީ ފޫހިވިޔަކަ ނުދޭނަން.
ސައުންޑްސް ކޫލް ބަޓް މަ ވެއްޖެ ނިދަން
އެލީ އަހަރެން މިއޮށްގެން މަރުވަނީ އޭ!
އެހެންތަ؟ ނަސީބެއްނު ޤަބުރުސްތާނުގަ ހުއްޓާ މަރުވާކަން.
ޢީދު ގަ އެއްވެސް ކަމެއްވެސް ނެތީތަ؟ ރާއްޖޭ ގަ ނުތިބެވުނަސް ބޮޑު އީދު ވާނީ ހަމަ ބޮޑު އީދަކަށްނު؟
އައްދެ، އަދި އީދު އަންނަން ތިން ދުވަސް އެބަ އޮތެއްނު. ހާދަ އަވަހަކަށް ޢީދު ތި ގެނައީ.
އެކަމަކު ފަރަންޖީން ތަކެއް ވަޅުލާފަ ހުރި ޤަބުރުސްތާނެއްގެ ބެންޗެއްގެ އިނދެގެން ދެ ލޮލުން ކަރުނަ ބާލަމުން ދެރަވެފަ އިނދެ ތިވަރަށް މެސެޖް ކުރަންޏާ ދެން ޖެހޭނީ މަވެސް ދާންތާ ދޯ.
“ހޫމް، ކީއްކުރަންށޯ ބޮޑު ކޮތަޅެއް ފުރެންދެން ފިހުނު ޒުވާރި ގަނެގެން ތިއުޅެނީ މިސްޓަރ ކޭމާޓް؟” ކައިފް އިށީންދެ އިން ހިލަ ގޮނޑީގައި އިށީންނަމުން އެލީޝާ ސަމާސާކުރަމުން ސުވާލުކޮށްލި އެވެ.
ކައިރީގައި ހުރި ކޮތަޅު ނަގަން އަތްދިއްކޮށްލަމުން ކައިފް ގެ އަނގަަޔަށް ވައްތަރެއް ޖައްސާލި އެވެ. ވަރަށް ރީތިކޮށް ފިހެފައި އޮތް ޒުވާރިއެއް ނަގައި އެލީޝާ އަށް ދިއްކޮށްލި އެވެ. ފަރުވާތެރިކަމާއެކު ޒުވާރީގައި އެލީޝާ ހިފިއެވެ.
“ވަރަށް ފައްކާކޮށް ފިހެފަ ހުރި ޒުވާރިތަކެއް މީ. އެހެރަ ގާޑިޔަލުން ގަނެފަ.” ތަންކޮޅެއް ދުރުގައި ހުރި ގާޑިޔަލަށް އިޝާރާތް ކުރަމުން ކައިފް ބުންޏެވެ. އެލީޝާ ގެ ޖަވާބަކަށް އިންތިޒާރުގައި އިރުކޮޅަކު އިނެވެ. އެލީޝާ ގެ މޫނުން ފެނުނު ކުލަވަރުން ކައިފް ހީގަތެވެ. “ކަންބޮޑު ނުވޭ. ތިއީ ހަންޑްރެޑް ޕަސެން ޖަރމްސް ފްރީ ގާޑިޔަލަކުން ގަނެފަ.”
އަތުގައި އޮތް ޒުވާރިއަށް އެލީޝާ ރަނގަޅަށް ބަލައިލި އެވެ. ވަށައިގެން އަނބުރާލަމުންނެވެ. “ކީއްކުރަންށޯ އެހާވަރަކަށް ޒުވާރި ކަނީ؟”
“އަހަރެން ކިޔި އާރޓިކަލް އެއްގަ އޮތް ފިހުނު ޒުވާރިއަކީ ވަރަށް ރަނގަޅު އެންޓިއޮކްސިޑެންޓެއްކަމަށް. ލޮލުގެ ސިއްހަތަށްވެސް ވަރަށް ފައްކާ އެއްޗެއްމީ. ވިޓަމިންސް އަދި މިނަރަލްސް ވެސް ރިޗް ސޯސް އެއް. ޑައެޓް ހަދަން ވަރަށް ސަޅި އެއްޗެއް މީ.”
އަނގަހުޅުވިފައި ކައިފް އަށް ބަލަން އެލީޝާ އަށް އިނދެވުނެވެ. ކައިފް ވާހަކައެއް ދައްކަންޏާ އަބަދުވެސް އޭނާ އަށް އިނދެވެނީ އެފަދަ ގޮތަކަށެވެ. ކައިފް ގެ ވިސްނުން ގެންގުޅޭ ގޮތަކީ އެލީޝާ އަށް ވަރަށް ކަމުދާ ގޮތެކެވެ. ކައިފް ދައްކާ ކޮންމެ ވާހަކައަކީ ފުން މާނައެއް އެކުލެވޭ ފައިދާ ހުރި ވާހަކަތަކެކެވެ. ނަމަވެސް އެހެން މީހުނަށް ހީވާނީ ކައިފް ގެ ވާހަކަތަކަކީ މާާބޮޑު އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށެވެ. ކައިފް ދައްކާ ވާހަކައިގެ ފުންމާނަ ދެނެގަތުމަކީ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.
“ޒުވާރިއަކީ ކެންސަރަށްވެސް ރަނގަޅު އެއްޗެއް.” ކައިފް ގެ ވާހަކަތަކުގެ މޮޅުކަން ހިތުތެރޭގައި ފާހަގަކުރަމުންދަނިކޮށް އެކަން ޚަރާބުކޮށްލީ ކައިފް ގެ މި ޖުމްލައިންނެވެ.
އެލީޝާ ދެލޯ ބޮޑުކޮށްލަމުން ލޯ އަޅައިލިއެވެ. އަތުގައި އޮތް ޒުވާރިން ކައިފް ގެ އަތުގައި ބޮނޑިއެއް ޖެހިއެވެ. ކައިފް ބާރަށް ހޭންފެށިއެވެ. އެލީޝާ ގެ އަތުން ޒުވާރި އަތުލުމަށްފަހު ޒުވާރީގެ އެއްފަރާތުގައި ދަތްއަޅަމުން އެތިކޮޅެއް ކައިލި އެވެ. ތެދުވެގެން ޤަބުރުސްތާނު ގެ މަހާނަ ގާ ތަކުގެ ތެރެއަށް ވަންނަން ފެށިއެވެ.
“އާާދެބަލަ. ކޮންކަމަކާ ބިރުގަންނަންވީކީ. މިތާ ތިބޭނީ މުޅިންވެސް މަރުވެފަ ތިބި މީހުންނޭ. ޔަޤީނުންވެސް އެއްވެސް މީހަކު މަހާނަ ފަޅާފަ ނުއެއް ނިކުންނާނެ.” މަހާނަތަކު ތެރެއަށް ވަންނަން ނުކެރިފައި ހުރި އެލީޝާ އަށް މަލާމާތް ކުރަމުން ކައިފް ބުންޏެވެ.
“މަރުވެފަ ތިބޭ މީހުންގެ ވާހަކަ ނުވާާނެ ތިހެން ދައްކާކަށް.”
ކޮށިއަރައިގެންފައި ކައިފް ކެއްސައިގަތެވެ. “އެލީ. މިތާ މިތިބީ މުޅިންވެސް މަގޭ ބަޑީސް އޭ. ވީ އާރ ކޫލް. ނިކަން މިކޮޅަށް އައިސްބަލަ.”
ކައިފް އާދޭސްކުރުން ނުހުއްޓާނެކަން އެނގޭތީ އެއްމެފަހުން އެލީޝާ ހިނގައިގަތެވެ.
“މަށެއް ބިރަކުން ނޫނޭ ނުވަންނަން މިހުރީކީ. އެކަމަކު މި ދެން ކޮންތަނެއްތަ ޓައިމް ޕާސް ކޮށްލަން. މިއަށްވުރެން ރަނގަޅު ވާނެ ބީޗަކަށް ދިޔަސް.” މަހާނަ ތަކުގެ ތެރެއިން ކައިފް އާއި ދިމާއަށް ހިނގަމުން އެލީޝާ ބުންޏެވެ.
“އެހެންވެއްޖެއްޔާ ބުނޭ ދާންބޭނުން ބީޗެއް. ސަންގްމުންގަމް ނޫނީ ކޯވަޅަމް ބީޗް ކިހިނެތް؟” ވަރަށް މަޖާވެލަމުން ޓްރިވެންޑްރަމް ގެ މަޝްހޫރު ދެ ބީޗެއްގެ ނަން ކައިފް ބުންޏެވެ.
“ކޮންމެ ބީޗަކަސް އޯކޭ ވާނެ. އެކަމަކު މިއަދަކު ނޫން ދޯ.” އެލީޝާ ގެ އަތުގައި އޮތް ޒުވާރިއަށް ބަލަމުން ކައިފް ގެ ސުވާލަށް ޖަވާބު ދިނެވެ. ކައިފް އެއްޗެކޭ ނުބުނުމުން ބަލައިލިއިރު އޭނާ އޮތީ ގުދުވެގެންނެވެ. ބަނޑުގައި ވަރަށް ބާރަށް އަތް އަޅައި އޮއްބައިގެންނެވެ.
“ކިހިނެތްވީ؟” އެލީޝާ އަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ބިންމައްޗަށް ކައިފް ވެއްޓިއްޖެ އެވެ.
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ… 8
ލިފްޓް ގެ ދޮރު ހުޅުވުނުއިރު އެލީޝާ ހުރީ އޭނާގެ މާމަގެ އަތުގައި ހިފަހައްޓައިގެންނެވެ. މާމަ އަށް ރަނގަޅަށް ކޮޅަށް ހުރެވެނީ މީހެއްގެ އެހީއާއި އެކުގަ އެވެ. ލިފްޓުން ނިކުމެގެން އެމީހުން މިސްރާބު ޖެހީ ހޮސްޕިޓަލުން ނިކުމެގެން ގޮސް ކާރަށް އެރުމަށެވެ. އޭރު ހޮސްޕިޓަލް ގެ ޕޯޓިކޯ ތެރޭގައި އެމީހުން ކުއްޔަށް ހިފައިގެން އުޅޭ ކާރު ޑްރައިވަރު އެމީހުންގެ އިންތިޒާރުގައި އިންނާނެކަން އެލީޝާ އަށް އެނގެއެވެ. ޑްރައިވަރަކަށް ހުންނަނީ ވަރަށް ފަރިތަކޮށް ދިވެހިބަހުން ވާހަކަދައްކަން ދަންނަ ޓްރިވެންޑްރަމް މީހެކެވެ.
ކީޕޯތެރަޕީ ދޭން ފެށުމުން ދިމާވާ ބަލިކަށިކަމާއި ބޯ އެނބުރުންފަދަ ކަންތައްތައް އެލީޝާ ގެ މާމައަށް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންވެ މިހާރު މާމަ އަށް އަމިއްލައަށް ކޮޅަށް ހުންނަންވެސް ވަރަށް އުނދަގުލެވެ.
ޑޮކްޓަރުން ޔަޤީންކަން ދޭގޮތުން ކީމޯތެރަޕީ ފަރުވާގެ އަސަރުތައް އެދެވޭގޮތެއްގައި އެލީޝާ ގެ މާމައަށް އަންނަނީ ލިބެމުންނެވެ. އެކަމަކު މާމައަށް ބަލައިލާފައި ކޮންމެ މީހަކަށްވެސް ހީވާނީ އޭގެ އިދިކޮޅަށެވެ. ލޮލުގެ ތިރީ ބޮނޑީގެ ދުޅަކަން އިތުރުވުމާއި ބޮލުން އިސްތަށި މަދުވުމުންފަދަ ކަންކަން އެއީ ހަމައެކަނި ބޭރުފުށުން ފެންނަމުންދާ ބައެއް ބަދަލުތަކެވެ. އެކަން އެއްމެ ރަނގަޅަށް ފާހަގަ ކުރެވޭ އެކަކީވެސް ޚުދު އެލީޝާ އެވެ. ކޮންމެ ދުވަހަކުވެސް މާމަގެ ސިފައަށް އަންނަމުންދާ ބަދަލުތަކުން މާމަ ގެ އަސްލު ސިފަ މިހާރު އަންނަނީ ގެއްލެމުންނެވެ.
“އެލީ!” ވަރަށް ބާރަށް ކައިފް ގޮވައިލި އަޑު ޖެހުނެވެ. ކައިފް ގެ އަޑު އައި ދިމާާއަށް ބަލައިލިއިރު ޢާއްމުކޮށް އޭނާ އިންނަ ގޮނޑީގައި އިނދެ އަތް ހޫރަމުން ދެއެވެ.
އެލީޝާ މާމައަށް ބަލައިލަމުން ބޮލުން އިޝާރާތެއް ކޮށްލި އެވެ. މާމަ ގެ ތުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް ވެރިކުރުވަމުން ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަން ފަހިކޮށްލި އެވެ.
“ވަރަށް އަވަހަށް އެބަ އަންނަން އިނގޭ މާމާ،” ގޮނޑީގައި މާމަ އިށީންނުމަށް އެހީތެރިވަމުން އެލީޝާ ބުންޏެވެ. “ހައި ކައިފް!!” އެމީހުން ތިބި ލޮބީގެ އަނެއް ފަރާތުގައި އިން ކައިފް އާއި ދިމާއަށް ހިނގައިގަންނަމުން ކައިފް އަށް ގޮވާލި އެވެ.
“ޢީދު މުބާރިކް!” ކައިފް ޖަވާބު ދިނީ އެއްދުވަސް ކުރިއާލައި ޢީދުގެ ތަހްނިޔާ ކިޔަމުންނެވެ.
“އައްދެ. އަދި މީ ޙައްޖު ދުވަހެއްނު!” ހީނލަމުން އެލީޝާ ބުންޏެވެ.
އާއްމުކޮށް ކައިފް ގެ ދެލޮލުގެ ކަޅި އަނބުރާލާ ގޮތަށް ކަޅި އަނބުރާލި އެވެ. “އެހެންވެއްޖެއްޔާ ޙައްޖު މުބާރިކާ ޢީދު މުބާރިކް. މިކަހަލަ ދުވަހެއްގަ ތީނަ ހޮސްޕިޓަލުން ފެންނާނޭ އަހަރެން ހިތަށްވެސް ނާރާ. އުފާވެރި ދުވަހެއްގަ މިހާ ޑިޕްރެސިންގ ތަނެއްގަ އެލީ ހުންނަން ނުވެސް ގުޅޭ.”
“އައްދެ. ކައިފް އެއް ނޫންތަ ބުނީ ‘ކެންސަރ ޑަސްންޓް ކެއަރ’ އޭ.”
ކައިފް ހީނގަތެވެ. “ހާދަ ހަނދާންވެސް ގަދައޭ ދޯ.”
ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވި އެވެ. އެލީޝާ ގެ ހިތް ނުތަނަވަސްވެ ދެއަތް ދެއަތަށް އޮޅެން ފެށި އެވެ. އެއްފައި މައްޗަށް ހުރެލާފައި އަނެއްފައި މައްޗަށް ހުންނަމުންނެވެ. ފަސް އެނބުރި އޭނާގެ މާމައާއި ދިމާއަށް ބަލަމުންނެވެ. އޭރު މާމަ އިނީ އަތުގައި އޮތް ފިލްމުފެއަރ މަޖައްލާއެއްގެ ތެރެއަށް ގެއްލިފައެވެ. އެލީޝާ ބަލަމުންދާކަމެއް މާމައަށް ރޭކާވެސް ނުލައެވެ. އެލީޝާ އަނެއްކާވެސް ކައިފް އަށް ބަލައިލި އެވެ. ކަޅިޖަހައިނުލާ ކައިފް ބަލަމުން ދިޔައީ އެލީޝާ އަށެވެ.
“އޫމް… އަހަރެން ހިއެއްނުކުރަން ތީނަ ވެސް މިއަދު އަންނާނެ ކަމަކަށް. އަހަރެން އައިއިރު ތީނަ ފެންނާކަށްވެސް ނެތް.”
“އަހަންނަށް މިއަދު އެޕޮއިންޓްމެންޓް ލިބުނީ ތަންކޮޅެއް ކުރިއަށް.”
“ދެން ކީއްވެ މިހާއިރު ވާންދެން ގެއަށް ނުގޮސް ތީނދީ؟”
ކައިފް އަށް ޖަވާބެއް ނުދެވުނެވެ. އެލީޝާ އަށް ބަލައިލަމުން އިސްޖަހައިލެވުނީ ލަދުންނެވެ. “ތިއެއް މަށަކަށްވެސް ނޭނގޭ. ފަހަރެއްގަ ވެދާނެ އެލީ އާދޭތޯ މަޑުކުރެވުނީ ކަމަށްވެސް.”
“އެހެންތަ.” ބުނަން ފެށި ޖުމްލަ މަޑުޖައްސައިލި އެވެ. ދެން ބުނާނެ އެއްޗެއް ނޭނގިގެންނެވެ. “ކޮބާ ކައިފް ގެ މަންމަ؟”
“މަންމަ ގެއަށް ފޮނުވާލީ. އެލީ އަޔަސް އަންނާނީ ކިހާއިރަކުންކަން ނޭނގޭތީ.”
“ދެން ކިހިނެކޯ ކައިފް ގެއަށް ދާނީ؟” އާފުރިލަމުން އެލީޝާ ސުވާލު ކުރިއެވެ.
“އޮޓޯއެއްގަ އެއްނު.”
“އެކަމަކު މިގަޑީގަ. އެކަނި. އޮޓޯއެއްގަ؟”
“ކިހިނެތްވީ؟ އޮޓޯ ޑްރައިވަރު އަހަރެން ކާލާނެތަ؟” ހިނިގަނޑެއް ޖަހައިލަމުން ކައިފް ސަމާސާކޮށްލި އެވެ.
“ކައިފް ބޭނުމިއްޔާ ގެންގޮސްދީފާނަން.” ފަސް އެނބުރި މާމައަށް ބަލައިލަމުން ބުންޏެވެ. “އަހަރުމެން ދާން ނިކުންނަނިކޮށް މި ދިމާވީވެސް.”
ކައިފް ބޯ ހޫރާލިއެވެ. ނޫނެކޭ ބުނުމަށެވެ. “އުހުނ. އަހަރެން ބޭނުމެއްނޫން އެލީ އަށް އިތުރު އުނދަގުލެއް ޖައްސާކަށް. މަ ގޮސްފާނަމޭ އޮޓޯއެއްގަ.”
އެލީޝާ ގުދުވި އެވެ. ފިނިވެފައިވާ ކައިފް ގެ ދެއަތްތިލައިގައި ހިފައި ނެގި އެވެ. “ދެން ކޮންމެހެން މާ ފޯރމަލް ވާން ނޫޅެ އާދޭ ދާން.”
ކައިފް ދެކޮޅެއް ނުހަދަ އެވެ. އޭގެ ބަދަލުގައި ގޮނޑިން ތެދުވެ އެލީޝާ އާއިއެކު ހިނގައިގަތެވެ. މާމަ އާއި ހަމައަށް ދެވުނުއިރު މާމަ އިނީ އަތުގައި އޮތް މަޖައްލާ އުނގުމަތީގައި ބާއްވައިގެން އެ ދެމީހުންނަށް ބަލާށެވެ.
“މީނަ ގެއަށްލާފަ އަހަރުން ގެއަށް ދާނީ.” ނުރަސްމީކޮށް މާމަގެ ހުއްދަ ހޯދަން އެލީޝާ ބުންޏެވެ.
“މިއަދު ހަވީރު ކައިފް ގެ ޢާއިލާއިން ކަމެއް ރާވާފަ އެބައޮތްތަ؟” މާމަގެ އެދުމުގެ މަތިން ފަހަތު ސީޓްގައި އިން ކައިފް އަށް ބަލައިލަމުން ކުރީ ސީޓްގައި އިށީންދެ ހަމަޖެހިލުމަށްފަހު މާމަ ސުވާލުކުރި އެވެ.
“ތިއެއް ބުނާކަށް ނޭނގޭ.” ކައިފް ދިނީ ކުރު ޖަވާބެކެވެ.
ކުރިމަތީގައި ހުރި ރިއަރ-ވިއު ލޯގަނޑުން ކައިފް އާއި ދިމާއަށް އެލީޝާ ބަލައިލިއިރު އޭނާ އިނީ ބޭރަށް ބަލާށެވެ.
“އެމީހުންނަކީ ޙައްޖެއް ޢީދެއް ފާހަގަކުރާ ބައެއް ނޫން. އެހެންވީމަ މިބުނީ ނޭނގެޔޭ.” އެހެން މީހަކު އެއްޗެކޭ ބުނުމުގެ ކުރިން ކައިފް ތަފްޞީލަކަށް ދިޔަ އެވެ.
“އެހެންތަ! އެކަމަކު ކީއްވެ؟ އެހާ ދީންވެރި ނޫނީތަ؟” ސުވާލު ފަތިވަރެއް މާމަ އަމުނާލި އެވެ.
ފަނޑުގޮތަކަށް ކައިފް ހީނލިއެވެ. “އާނ. އެމީހުންނަށް އެހާ މުހިއްމު ކަންތައްތަކެއް ނޫން އެއީކީ. އެކަމަކު އަހަރެން ކުޑައިރު އެމީހުން އެހެނެއް ނޫން. އެކަމަކު މިހާރު އެމީހުންނަށް އެއްޗަކީ މަސައްކަތާ ފައިސާ.”
އެލީޝާ ގެ މާމަ ފުން ނޭވައެއް ދޫކޮށްލި އެވެ. “ތީ ހާދަ ދެރަ ކަމެކޭ ދޯ. ނޫންތަ ދަރިފުޅާ؟”
އެލީޝާ ބޯ ޖަހައިލި އެވެ. ލޯގަނޑުން ކައިފް ގެ މޫނަށް ބަލައިލަމުންނެވެ. ކައިފް ގެ މޫނުން ފެންނަން ހުރީ ހިތާމަ އެވެ. އެލީޝާ ބަލަމުންދާކަން އެނގިގެން ލޯގަނޑުގެ ޒަރީޢާއިން އެލީޝާ އަށް ބަލަން ފެށި އެވެ. އެލީޝާ އަވަސް އަވަހަށް މަގުމައްޗަށް ބަލަން ފެށި އެވެ.
“ޢީދަކީ އަހަންނަށް ވަރަށް އުފާވެރިކަން ގެނެސްދޭ ކަމެއް.” އަވަސް އަވަހަށް ކައިފް ބުންޏެވެ. “އެއީ އަބަދުވެސް އަހަރެންގެ ފޭވަރިޓް ހޮލިޑޭ. އެކަމަކު އަހަރެންގެ ޢާއިލާއިން މިހާރު އެއްގޮތަކަށްވެސް ޢީދު ފާހަގައެއް ނުކުރޭ.”
“އެހެންވެއްޖެއްޔާ މާދަން މާމަމެންގެ ގެއަށް އަންނަންވީނު؟” އެލީޝާ ގެ މާމަ އެދުނެވެ.
“މާމާ-” އިތުރަށް އެހެން އެއްޗެކޭ މާމަ ބުނުމުގެ ކުރިން މާމަގެ ވާާހަކަ މެދުކަނޑާލީ އެލީޝާ އެވެ.
“ސަމާސައެއް ނޫނޭ މީކީ.” މާމަ ބުންޏެވެ. “މާމަމެންނާއެކު ޢީދު ފާހަގަ ކުރަން އާދޭ. ކައިފް އައިމަ އުފާވާނެ މީހުންވެސް ތިބޭނެ.” އެލީޝާ އަށް ބަހެއް އެއްލަމުން ލާނެތް ގޮތަކަށް މާމަ ބުންޏެވެ.
“ނޫނޭ މާމާ. އޭރުން މާމަ މެންގެ ސެލެބްރޭޝަން އެއްނު ޚަރާބު ވާނީ.”
“މާމަ ބުނާ އެއްޗަކަށް ދެކޮޅު ހަދަން ނޫޅޭތި!” މާމަ މިހެން ބުނުމުން އެލީޝާ ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މާމަގެ ދުލުން ‘ދެކޮޅު ހަދަން ނޫޅޭތި’ މިހެން ބުނަމަކީ މާމަ ސީރިއަސް ވެއްޖެކަން އަންގައިދޭ ލަފުޒެއްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.
އެލީޝާ ގެ މޫނުގެ ކުލަވަރަށް އައި ބަދަލުން މިކަން ކައިފް އަށް އެނގުނު ކަހަލަ އެވެ. ސަބަބަކީ ކުއްލިއަކަށް ކައިފް ހިންދިރުވައިލަމުން އަވަސް އަވަހަށް އާނއެކޭ ބުނުމެވެ.
“ތީ ކެންސަރު ޖެހިފަހުރި ޅަނދޮޅު ކުއްޖެއް. އެކަން އެނގެއެއްނު؟ ކިތައް އަހަރުތަ؟ އަށާރަ އަހަރު ދޯ؟”
“ނަވާރަ އަހަރު.” އަވަސް އަވަހަށް މާމަގެ ސުވާލަށް ކައިފް ޖަވާބު ދިނެވެ.
“ކެންސަރު ޖެހިފަހުރި އެއްމެ ނަވާރަ އަހަރުގެ ކުއްޖަކު ނުވާނެ ބޮޑުސިންގާ ޢީދެއް ގޭގަ އެކަނި ހޭދަކޮށްލާކަށް. ތިފަދަ ކުއްޖެއް ހުންނަން ޖެހޭނީ އެހެން މީހުންގެ އަޅައިލުމާއި އޯގާތެރިކަން ލިބޭ އުފާވެރި މާހައުލެއްގަ. ތި ގޭގަ ކަމެއް ނެތޭ ކިޔާފަ ކޮންމެހެން އެހެން ބަޔަކާއެކު މަޖާ ނުކޮށް ހުރުމުގެ ބޭނުމެއް ނެތެއްނު. އެހެންވީމަ މާމަމެންނާއެކު ސައިބޮއެ ކައި ހަދާލަން އަންނަންވާނެ. މާމަ ނިކަން މީރުކޮށް ބޮނޑިބަތްވެސް ކައްކަމޭ. އެކަމަކު މާދަމާ ބޮނޑިބަތް ކައްކާނީ މަގޭ ދަރިފުޅު ޖީޒާ. މާމަ ގައިގަ ކައްކަން އުޅޭހާ ވަރެއް ނެތެއްނު. އެކަމަކު އޭނާ ކައްކާ ބޮނޑިބަތްވެސް ވަކިން ދުލެއް ނުކުރާނެ. އެހެންވީމަ ކޮންމެހެންވެސް ކައިފް ވާނެ އަންނަން.”
ރިއަރ-ވިއު ލޯގަނޑުން ކައިފް ގެ މޫނަށް އެލީޝާ ބަލައިލި އެވެ. އޭރުވެސް ކައިފް އިނީ އެލީޝާ ގެ މޫނަށް ބަލާށެވެ. ‘އަހަރެން ތި ގެއަށް މާދަން ދިޔައިމަ އެލީ އުފާވާނެ ހެއްޔެވެ؟’ ކައިފް ގެ ލޮލުން މި ސުވާލު ކުރަމުންދާހެން އެލީޝާ އަށް ހީވި އެވެ. އެލީޝާ ގެ މާމަ ދެއްކި ވާހަކަތަކުން އެއް ޕޮއިންޓަށް އޭނާވެސް އެއްބަސްވެ އެވެ. ކައިފް ކަހަލަ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ ޒުވާނަކު އެއްމެން މަޖާ ނަގާއިރު އެކަނިމާއެކަނި ތަނެއްގައި އެއްވެސް ކަމެއް ނެތި އިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އެލީޝާ ވެސް ދެކެއެވެ.
ކައިފް ގެ ލޮލުން އަހާލި ސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލި އެވެ. “އަންނަންވާނެ އިނގޭ. އޭރުން ފޫހިވެފަ އިންނާކަށް ނުޖެހޭނެދޯ!” އެވަރުން ނުވެގެން އެލީޝާ ބުންޏެވެ.
ކައިފް ގެ ތުންފަތަށް ވެރިވި ހިނިތުންވުން ލޮލާއި ހަމައަށްވެސް ފެތުރިގެން ދިޔައެވެ. ކައިފް ވެސް އާނއެކޭ ބުނުމުގެ ގޮތުން އަނެއްކާވެސް ބޯ ޖަހައިލި އެވެ. “އޯކޭ މަ ދާނަމޭ.”
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ… 9
ގޭގެ ބޮޑުދޮރުގައި ޓަކިޖަހައިލި އަޑަށް އެލީޝާ އިން ގޮނޑިން ފުއްމައިގެން ތެދުވެވިއްޖެ އެވެ. އޭރު އޭނާގެ މަންމަ އަށް މާމަ ކިޔައިދެމުން ގެންދިޔައީ ކައިފް ގެ ވާހަކަ ތަކެވެ. މާމަ ގެ ލާނެތްކަމުން ކައިފް ގެ ރީތިކަމުގެ ވާހަކަވެސް ދެއްކީކީ އަމަށަކު ވަރަކަށް ނޫނެވެ. މާމަ ބުނި ޖުމްލަ އެލީޝާ ގެ ކަންފަތުގައި ހަރުލާފައިވަނީ ވަރަށް ހިތްގައިމު ތަރާނާއެއް ގޮތަށެވެ.
‘ތަލިން ކުޅުހިކި، ދެމިޔަކަނުން ސޮނިވެއްޓޭހާ ރީތި ސޮރެއް އެ ކައިފް އެއީ.’
މާމައަށް ކަޅިއެއް އެއްލަމުން ތެދުވެގެން ދުއްވައިގަތެވެ.
ކުޑަކޮށް މާނޭވާ ލަމުން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ކައިފް އެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް ހުރީ ކަޅު ކޮށެވެ. ބޮލުގައި ކަޅު ކޯރިއެއް، ކަޅު ގަންޖުފަރާހަކާއި ކަޅު ޖީންސެއް އަދި ކަޅު ކެސުއަލް ބޫޓެއްގައެވެ.
“ހާދަ ވަރަކަށް ޢީދުހެދިލައިގެންނޭ ދޯ!” ކައިފް ލައިގެން ހުރި އެއްޗެހި ފެނިފައި އެލީޝާ ޖޯކް ޖަހައިލި އެވެ.
ކައިފް ގެ ތުންފަތް، މައްޗަށް ގޮނިކޮށްލައި ކުޑަކޮށް ހިނިތުންވި އެވެ. “ޢީދު ބުބާރިކް.”
އިތުރު އެއްޗެކޭ ނުބުނެ ކައިފް މަޑުކޮށްލީ އެލީޝާ ލައިގެންހުރި ހެދުމަށް ރަނގަޅަށް ބަލައިލުމަށެވެ. ކައިފް ބަލަންފެށިގޮތުން އެލީޝާ އަށް އުނދަގޫވާން ފެށިއެވެ. ކައިފް ގެ ބެލުމުގައި ހުންނަ އިޝްޤީގޮތެއްގެ ސަބަބުން އެލީޝާ އަށް ހުރެވުނީ ލަދުގެންފައެވެ. މެޔާއި ހަމައިގައި ދެއަތް ހުރަސްކޮށްލައި ހަށަން ބަނދެލިއެވެ.
“ތީ ހަމަ އަސްލު ހެދުމެއްތަ؟” ހައިރާންވެހުރެ ބަލަމުން ކައިފް ސުވާލުކުރިއެވެ. “އަހަރެން އަންނާތީދޯ ހެދުމެއް ލައިގެން ތިހުރީ؟ ތިވަރުން ނޫޅުނަސް އޯކޭވާނެ!”
އެއްކޮށް ހުންނަ ހެދުން އެލީޝާ ނުލާތީ ކައިފް އެވާހަކަ ދެއްކީ މީގެ ދެދުވަހެއް ކުރިންނެވެ. މިއަދު އެލީޝާ ހެދުމެއް ލައިގެން ހުރުމުން އެކަމާ ހަމަ ޙަޤީޤަތުގައިވެސް ކައިފް އަށް ހުރެވުނީ އާޝޯޚްވެފަ އެވެ.
ކައިފް ގެ ކަތި ބެލުމާއި ބުނި ޖުމްލައިން އެލީޝާ ކޮށިއަރައިގެން ކުޑަކޮށް ކެއްސާލި އެވެ.
“މަންމަ ގެ ކަންތަކާހެދި އޭ މިއަދު މި ހެދުންގަނޑު ލާން މިޖެހުނީ. ކައިފް އަންނާތީ އަހަރެން ހެދުން ލީ ކަމަށް ހީކުރިކަން ތީދެން ކައިފް ގެ ކިއުޓް ކަން ދޯ.”
ކައިފް ގެ ތިރީ ތުންފަތް ބޭރަށް ފުރޮޅާލައި އަނގަ ޗޭ ކޮށްލިއެވެ. “މަ ވަރަށް ކަޑަވެއްޖެ ތިވީ ގޮތުން. މަ ހީކުރީ މަ ސްޕެޝަލް ވީމަ ފޯރމަލް ކޮށް ޑްރެސްއަޕް ކޮށްލީކަމަށް.”
“ދެން ތިވަރަށް ތުއި ނުދައްކާ ވަދެބަ.” ކައިފް ގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދިނުން މިވަގުތަށް ރަނގަޅުވާނެކަމަށް ނިންމަމުން އެލީޝާ ބުންޏެވެ.
ގޭތެރެއަށް ފިޔަވަޅު އަޅަމުން ވަށައިގެން ބަލަމުން ދިޔައެވެ. އެލީޝާ ހުރީ ލަދުގެންފަ އެވެ. ކައިފް މެންގެ ގެއާއި އަޅައި ބަލާއިރު އެލީޝާ މެންގެ ގޭގެ އާދައިގެން ކަން ހިތަށް އަރާފައެވެ. ކައިފް ގެ ގެ ހީވަނީ ރީތި ނަމޫނާ ގެތަކެއް ހުރި ކެޓަލޮގަކުން ނަގައިގެން ގެންގޮސް ބިންމަތީގައި ބަހައްޓާފައި ހުރި ގެއެއް ހެންނެވެ. އޭގެ ބަދަލުގައި އެލީޝާ މެންގެ ގެއަކީ ނުލާހިކު އާދައިގެ ކަޓު ގެއެކެވެ.
“އަމް، … މާމަ މެން އެއްމެން އެބަތިބި ބަދިގޭގަ.”
ކައިފް ބަލަމުންދިޔަ ފޮޓޯ ލޯގަނޑުން މޫނު ނައްޓައިލަމުން އެލީޝާ އަށް ބަލައިލި އެވެ. ކައިފް ގެ ފަރި ހިނިތުންވުމާއި އެކުގައެވެ. “އެހެންވެއްޖެއްޔާ ހިނގާ އެދިމާއަށް ދަމާދޯ.”
ސިޓިންގރޫމުން ގޮސް ވަދެވޭގޮތަށް ވަކިން ހަދާފައި ހުންނަ ބަދިގެއާއި ކާގެއާއި ދިމާއަށް ކައިފް ގޮވައިގެން އެލީޝާ ހިނގައިގަތެވެ. އޭނާގެ ފަހަތުގައި ނުހަނު ކައިރިން ކައިފް ހިނގަމުން އަންނަކަން އެލީޝާ އަށް އިޙްސާސް ކުރެވެމުން ދިޔައެވެ. އެލީޝާ ގެ ސިކުނޑި ތެރޭގައި ތަފާތު ޚިޔާލުތައް ފުނިޖެހެމުން ދިޔައެވެ. ‘އޭނަ އެހެރީ އައިހެވެ. މިގޭގަ އެވެ. އިރުކޮޅެއްތެރޭގައި އޭނަ އަހަރެންގެ ޢާއިލާއާއި ބައްދަލުކުރާނެ އެވެ. އެކުގައި ކައިބޮއެ ޢީދުގެ މަޖާ ކުރާނެ އެވެ. މިކަން މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ މީގެ ދުވަސްކޮޅެއް ކުރިން އޭނާއަކީ ދިވާނާއެއް ކަމަށް އަހަރެން ބުންޏަސް މިއަދު އޭނާ މިގެއަށް އައިސް އަހަރުމެންނާއިއެކު މަޖާކޮށްލަން އައުމަށް ހިތުން ރުހުމުން އެދިއެދި މިހުރީ އަހަންނެވެ. އަނެއްކާ އަހަންނަށް މިވަނީ ކިހިނެތްބާވައެވެ؟’
ކުއްލިއަކަށް އެލީޝާ އަށް ހުއްޓެވުނެވެ. އެލީޝާ ގެ ފަހަތުން ހިނގަމުން އައި ކައިފް ހުއްޓުމަށް ވަގުތެއް ލިބޭގޮތެއް ނުވިއެވެ. އެއައިގޮތަށް އައިސް ކައިފް ލައިގަތީ އެލީޝާ ގެ ގައިގައެވެ. އެވަގުތު އެލީޝާ އަށް އެނބުރެވުނީ ކައިފް އާއި ދިމާއަށެވެ. އެއްވެސް ހުރަހެއް ނެތި ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައީ ކަރަންޓްގެ އޮއެވަރެއް އުފައްދަމުންނެވެ. ނަމަވެސް ހަމަ އެވަގުތު އެލީޝާ އަށް ފަހަތަށް ޖެހިލެވުނެވެ.
“އަހަރުން ދެމީހުން އެކަނި ޑިނަރ އަކަށް ދިޔުން ކިހިނެތްވާނެ. މިބުނީ މަގޭ ފެމެލީއާއެކު މި ސަކަރާތެއް ނުޖަހައި ކިހިނެތްވާނެ-؟” އަވަސް އަވަހަށް އެލީޝާ ސުވާލުކުރިއެވެ.
ފަނޑުފަނޑު ގޮތަކަށް ކައިފް އާފުރިލި އެވެ. “އަހަރެން އައުން އެލީއަށް އޯކޭ ނޫނިއްޔާ އަހަންނަށް އޯކޭ އޭ އަހަރެން ގެއަށް ގޮސްފާނަން.”
“އަޅެ. މަށެއް ތިހެންނެއް ނުބުނަމެއްނު.” އެލީޝާ ދެން ބުނާނެ އެއްޗަކަށް ވިސްނައިލުމަށް މަޑުކޮށްލި އެވެ. “އަޅާ ނުލާ. އިގްނޯރ ވަޓް އައި ހޭވް ޖަސްޓް ޓޯލްޑް ޔޫ އޯކޭ!” އެލީޝާ އަށް ބުނެވުނީ ކައިފް ހިތްހަމަ ނުޖެހޭ އެއްޗެއްހެން ހީވި އެވެ.
“އަސްލު މިގޭ މީހުން ބުނާ އެއްޗަކުން ކައިފް ހިތްހަމަނުޖެހުންފަދަ ކަމެއް ވެދާނެތީ އަހަރެން އެހެން ބުނީ.”
މަޑުމަޑުން ކައިފް ހީނގަތެވެ.
“އެލީ ދުށީމެއްނު މަގޭ މަންމަ. އެއީ ހައްދުންނައްޓާފަ ހުންނަ އަންހެނެއްނު. މައްސަލަ އުފެއްދުމުގެވެސް އައްމަ އެއީ. އެހެންވީމަ އެލީ ގެ ފެމެލީ އާއިއެކު މިގޮތަށް ޢީދެއް ސެލެބްރޭޓް ކޮށްލަން ލިބުމަކީ މަގޭ ފެމެލީ އާއެކު ޓައިމް ސްޕެންޑް ކުރުމަށްވުރެން މާ ސަޅިކަމެއްކަމަށް މަށަށް ވާނީ.”
ގަދަ ކަމުން އެލީޝާ ގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނައެވެ. “ތިވަރަށް ކޮމްޕެއަރ ނުކުރިޔަސް އޯކޭއޭ.”
ބަދިގެއާއި ދިމާއަށް ދިއުމަށް އަނެއްކާވެސް އެލީޝާ ހިނގައިގަތެވެ. ނަމަވެސް އެލީޝާ ގެ އަތުގެ ކުޑަހުޅުގައި ކައިފް ހިފުމާއިއެކު ހުއްޓުނެވެ. ކައިފް އާއި ދިމާއަށް އެނބުރި އޭނާގެ އަތުގައި ހިފަހައްޓާލާފައި އޮތް ކައިފް ގެ އަތަށް ބަލައިލި އެވެ. އެލީޝާ އަށް ހުރެވުނީ ވާނުވާއެއް ނޭނގި ހައިރާން ވެފައެވެ.
“އަހަރެން ކިރިޔާ ހަނދާން ނުނެތުނީ،” އަތް ތިރިކޮށްލަމުން ޖީންސް ގެ ޖީބަށް އަތްޖަހަމުން ކައިފް ބުންޏެވެ. “އަހަރެން އެލީ އަށް ގެނައިމޭ ޢީދު ހަދިޔާ އެއް.”
“ޢީދު ހަދިޔާއެކޭ. އަޅެ ކީއްކުރަންތަ؟ ދެން އޯކޭވާނޭ!” ހައިރާންކަމާއެކު އެލީޝާ ބުންޏެވެ.
“ނުވާނެ. އަހަރެން ބޭނުމޭ ދޭން.”
އިތުރަށް އެލީޝާ ދެކޮޅުހެދުމުގެ ކުރިން ޖީބުން ކުޑަކުޑަ ކަރުދާސް ފޮށްޓެއް ނަގައި ދިއްކޮށްލި އެވެ. “ޕެކް ކުރަން ޓައިމް އެއް ނުވި. އެހެންވެ އެކަމަށް ސޮރީ.”
ކައިފް ދިއްކޮށްލި ފޮށީގައި ހިފަމުން އެއަށް ބަލައިލިއެވެ. އެއީ ކޮން އެއްޗެއްކަން އެނގުމުން ދެލޯ ބޮޑުކޮށްލި އެވެ. “ޓެޓޫ ސްލީވްސް؟”
“ޔެސް. ސްކިން ސްލީވް އާ އެއްމެ ގުޅޭ އެއްޗަކަށް މަށަށް ފެނުނީ ޓެޓޫ ސްލީވްސް.” ކައިފް ގެ ތުންފަތަށް ވައްތަރެއް ޖައްސައިލި އެވެ.
“ކައިފް އަށް ތޭންކްސް އޭ ބުނާނީކަމެއް ނޫނީ ސައްޕެއް ޖަހާފަ މިގެއިން ބޭރުކޮށްލާނީ ކަމެއް ނޭނގިފަ އަހަރެން މިހުރީ.” މަޖާވެލަމުން އެލީޝާ ބުންޏެވެ.
“ނޫން ދޫނިގަނޑާ. އޭރުން ފިނިވެގެން އަހަރެން ރޯގާ ޖެހިދާނެ.” ކައިފް ވެސް ސަމާސާކޮށްލި އެވެ. ހަމަ އެކަނި ތަފާތަކީ ދޫނިގަނޑާއޭ ބުނީ ސަމާސާ ރާގަށް ނަމަވެސް އެއީ ކައިފް ގެ ހިތުގެ އަޑިން އެލީޝާ އަށް ގޮވަން އެއްމެ ހިތްއެދޭ ގޮތްކަމަށް ވުމެވެ.
“ތެންކިޔޫ ފޯރ ދަ ގިފްޓް. މީތި އަހަރެން ބޭނުން ކުރަން ނުވެސް ކެރޭނެ. އެކަމަކުވެސް ތޭންކްސް އަ ލޮޓް. ގިފްޓް ގެ މުހިއްމީ ގިފްޓް ދޭ މީހާ އާއި ލިބޭ މީހާ ވިސްނާގޮތެއްނު ދޯ.”
“މަޑުކޮށްބަލަ، އަދިވެސް އެކަތި އެބަ އޮތޭ،” ބަދިގެއާއި ދިމާއަށް ހިނގައިގަތް އެލީޝާ ހުއްޓުވަމުން ކައިފް ބުންޏެވެ. ޖީންސް ގެ ކުރިމަތީ ޖީބަށް އަތްކޮށްޕާލައި ހާވަން ފެށިއެވެ. އެއްވެސް އެއްޗެއް ނުފެނުނެވެ. ފަހަތު ޖީބަށް އަތްކޮށްޕާލި އެވެ. އެވަގުތު އޭނާގެ މޫނަށް ވެރިވި ހިނިތުންވުމުން މޫނު ފޮޅިގެންދިޔަގޮތުން އޭނާ ހޯދަން ބޭނުންވި އެއްޗެއް ފެނުނުކަން އެލީޝާ އަށް އެނގުނެވެ. ޖީބުން އަތްނަގައި އެލީޝާ އާއި ދިމާއަށް ދިއްކޮށްލިއެވެ. އަތްތިލަ ހުޅުވާލިއިރު އޮތީ ވަރަށް ކުޑަކުޑަ ރިހިކުލައިގެ ތާޖެކެވެ.
“މިޔޯ؟” ކައިފް ގެ އަތްތިލަ މަތީގައި އޮތް ތާޖު ނަގަމުން ހައިރާންކަމާއެކު އަހާލި އެވެ.
“އެލީ،” ކައިފް ވަރަށް ސީރިއަސްވި އެވެ. “ތީ ކްރައުން އެއް ނު.”
އެލީޝާ ލޯ އަޅައިލި އެވެ. “ތިކަން އެނގޭ. ކީއްކުރަން މަށަށް ކްރައުން އެއް ތި ދިނީ؟”
“ސޯ ޔޫ ކޭން ޕުޓް އަ ޕްރައިވެޓް ޕެޖަންޓް އޮން ފޮރ މީ ދޯ.” އެއް ލޯ ކުޑަކޮށްލަމުން ކައިފް ބުންޏެވެ.
އެލީޝާ ހީނގަތެވެ. ކައިފް ގެ އަތުގައި ހިފަމުންނެވެ. ކައިފް ގެ އަތްދިލަ ހުޅުވާލައި އެ ތާޖު އޭނާގެ އަތަށް ލި އެވެ. ކައިފް އާފުރިލަމުން އަތުގައި އޮތް ތާޖަށް ބަލައިލި އެވެ.
“ތިބުނާގޮތަށް ވާނީ ކައިފް ވެސް އެގޮތަށް ތި ކްރައުން އަަޅައިގެން ފެޝަން ޝޯވް ގަ ހިނގާގޮތަށް މަގޭ ކުރިމަތީގަ ހިނގާލީމަ.”
“ހިތުގާ ދޮރުފަތް ހުޅުވާލަދީ އަދި އަހަރެން އެދޮރުން ވަނަދޭށޭ…. ލާލަލާ ލާލަލާލާ ލާލާލާލާލާ ލާލާ.” އެލީޝާ ގެ މާމަ އައިސް ހުއްޓުނީ ކައިފް އާއި އެލީޝާ އާއި ދެމީހުން ކުރިމައްޗަށެވެ. ލާނެތް ހިނިތުންވުމަކާއެކު ލަވަކިޔަމުން ލާލާ އަޅުވަމުން އެއް ލޯ މަރައިލީ ކައިފް އަށެވެ.
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ… 10
“ދެން އިތުރަށް ބޮނޑިބަތް ކޮޅެއް ނުކާނަންތަ؟” އެލީޝާ ގެ މަންމަ އެހެން އެ އެހީ މިހާރު ތިންވަނަ ފަހަރު އެވެ.
“މިހާރު ފުދޭވަރުވެއްޖޭ ދައްތާ. ޝުކުރިއްޔާ. މާމަ ބުނިހެން ވަރަށް މީރު މި ބޮނޑިބަތް.” ކައިރީގައި އޮތް ޓިޝޫ ނަގައި އަނގައިގެ މިޔަކަން ފޮހެލަމުން އަނެއްކާވެސް ކާންފެށި އެވެ.
“އެހެންވެއްޖެއްޔާ ރަހަ ބަލާލަންވާނެއެއްނު މިހިރަ ހަނާކުރި ބަނބުކެޔޮ ގެވެސް؟” މާމަ އަނެއްކާވެސް އެހިއެވެ.
“އެކަމަކު ދޯ!،” މާމަ ގެ ވާހަކަ މެދުކަނޑާލީ އެލީޝާ އެވެ. “ކައިފް މިގެއަށް އައީކީ މާމަމެން އޭނައަށް ގަދަކަމުން ކާންދޭކަށް ނޫނޭ. އޭނަ ބޭނުންވީމަ ބޭނުން އެއްޗެއް ކާނެއެއްނު.” އެލީޝާ އިނީ ހަމަ ރަނގަޅަށްވެސް ހިތްހަމަ ނުޖެހިފަ އެވެ.
އެލީޝާ ގެ މަންމަ އެލީޝާ އަށް ލޯ އަޅައިލި އެވެ. އެއްޗެއް ބުނުމަށް ތަންމިނަށް އަނގަ ހުޅުވައިލި އެވެ. ނަމަވެސް އެވަގުތު ފޯނު ރިންގުވާ އަޑުން މުޅި ކާގެ ގުގުމާލި ކަހަލަ އެވެ. ގޮނޑިން ތެދުވެގެން ދުއްވައިގަތީ ބަދިގޭ ކަބަޑު މަތީގައި އޮތް އޭނާގެ ފޯނާއި ދިމާއަށެވެ. ފޯނު ނަގައި ކަންފަތުގައި ޖަހަމުން ކާމޭޒު ކައިރިއަށް ޖީޒާ ހިނގައިގަތެވެ.
“އެއީ ކަރެކްޝަންސް އިން ބައްޕަ ގެ ކޯލް އެއް،” ކައިފް އަށް އަޑުއިވޭވަރަށް ސިއްރުސިއްރުން އެލީޝާ ބުންޏެވެ. ކައިފް ބޯ ޖަހައިލި އެވެ. އޭރު ފޯން ސްޕީކަރަށް ލައިގެން އައިސް ޖީޒާ ހުއްޓެނީ އެވެ. އިރުކޮޅަކުން އެލީޝާ ބައްޕަގެ ބަރު އަޑު މުޅިތަނުގައި ގުގުމައިގަތެވެ.
“ހެލޯ. އަޑުއިވޭތަ؟” އެލީޝާ ބައްޕަ ތަކުރާރުކޮށް އަހަންފެށިއެވެ.
“އާނ އަޑުއިވެޔޭ. ކީކޭ ޔޫނުސް،” އުފަލުން ފޮޅިފައިހުރި އެލީޝާ ގެ މަންމަ ވާހަކަދައްކަން ފެށިއެވެ.
“ޢީދު މުބާރިކް!” އެލީޝާ ގެ ބައްޕަ ޔޫނުސް ގެ އަޑުން އޭނާ ހުރީ ހެވިފައިކަން އެނގެ އެވެ.
“ޢީދު މުބާރިކް އެއްމެންގެ ފަރާތުން،” ކާމޭޒު ދޮށުގައި ތިބި އެއްމެން އެއްފަހަރާ ވަރަށް ބާރަށް ޢީދުގެ ތަހުނިޔާ ކިޔެވެ. ކައިފް އާއި ދިމާއަށް އެލީޝާ އަށް ބަލައިލެވުނެވެ. އެވަގުތު ކައިފް ގެ ލޮލުން ފެންނަމުން ދިޔައީ ތަފާތު ޖަޒްބާތު ތަކެކެވެ. ކައިފް ވިސްނަމުން ދިޔައީ ކޮން ކަމަކާމެދުގައި ކަން ބުނަން ނޭނގުނަސް އޭނާ އިނީ ދެރަވެފައިކަން އެލީޝާ އަށް އެނގުނެވެ.
“މިއަދު ވެސް ބޮނޑިބަތް ކެއްކިންތަ؟” އެލީޝާ ގެ ބައްޕަ ގެ ސުވާލާއިއެކު ކައިފް އަށް އަމާޒް ކޮށްގެން އިން އެލީޝާ ގެ ނަޒުރު ގޮސް ހުއްޓުނީ ފޯނަށެވެ.
“ޖީޒާ އެބަހުއްޓޭ ބަނބުކެޔޮ ބޯކޮށްފަ ވެސް.” ބާރުބާރަށް މާމަ ބުންޏެވެ. “އެހެންވީމަ ޔޫނުސް ކަންބޮޑުނުވޭ. މާކަ ގިނަ ބާވަތްތަކެއް ޔޫނުސް އަށް ނުދީ އެއް ނުކަމުއޭ!” ޖެއްސުމުގެ ރާގަކަށް މާމަ ގެ ވާހަކަ ބަދަލުކޮށްލި އެވެ.
“މަންމާ!” އެލީޝާ ގެ މާމައަށް ލޯ އަޅައިލަމުން ޖީޒާ ބުންޏެވެ.
“އެއީ އަހަރެން އެހެން ބުނިއެއްޗެއް ނޫނޭ. ޖީޒާ ބޯކުރާ ބަނބުކެޔޮ މީރުކަމުން އެހެން މި ބުނީ.” ކައިފް އާއި އެލީޝާ އަށް ބަލައިލަމުން މާމަ ބޯހޫރާލަމުން ބުންޏެވެ. މާމަ ގެ މޫނުން ފެން ހިނިތުންވުމެއް ފެންނަން ހުއްޓެވެ.
“ޢީދުގެ ސުފުރާމަތި ވަރަށް މިސްވޭ. މިކޮޅުގެ ކެއުންވެސް މިއަދު ރަނގަޅު. މިބުނީ ޖަލުގެ ކާނާ އާއި ބަލާފަ ރަނގަޅޭ.” ޔޫނުސް ގެ އަޑުން ހިކި ހިނިތުންވުމެއް އައެވެ. “އެލީ؟”
“އޯތް ބައްޕާ.”
“ބައްޕަގެ ދޮންދޫނި ކިހިނެތްތަ؟”
“އަހަރެން ރަނގަޅޭ-” އެލީޝާ ބުނަން ފެށި ޖުމްލަ މެދުކަނޑައިލި އެވެ. އެތަނުގައި ވަށައިގެން ތިބި އެއްމެންގެ މޫނަށް ބަލައިލި އެވެ. ހިންދިރުވާލަމުން އަނެއްކާވެސް ވާހަކަދައްކަން ފެށި އެވެ. “ބައްޕަ ނެތީމަ ހާދަ މިސްވޭ.” އެލީޝާ ގެ ލޮލުން ކަރުނަ ހިލުނެވެ.
“ބައްޕަ ގެ ދޫނި މަތިން ބައްޕަވެސް ވަރަށް ހަނދާންވޭ. ވަރަށް މިސްވޭ.”
“އެއްމެ ފަހުން ގުޅި ދުވަހުގެ ފަހުން ޖަލުގަ އިތުރު މާރާމާރީ އެއް ހިންގައިނުލާ ކަމަށް ހީކުރަން!” އެލީޝާ އާއި އޭނާގެ ބައްޕަ ޔޫނުސް އާއި ދެމެދު އުފެދުނު މޮޅިކަން ފިލުވައިލީ މާމަ ގެ ވިހަ ބަސްތަކުން ނެވެ.
“މަންމާ! ދެން ހަމަ ތިހެންވެސް ބުނަން ޖެހޭތަ!!؟” އެލީޝާ ގެ މަންމަ ގެ މޫނުގެ ކުލަވަރު ގޯސްވެގެން ދިޔަތަން އެލީޝާ އަށް ފާހަގަ ކުރެވުނެވެ. އެވަގުތު ވަރަށް ލަދުން އިނދެ ކައިފް އަށް ބަލައިލެވުނެވެ. ކައިފް ހިތަށް އަރާނެ އެއްޗަކާއި މެދު ވިސްނަން ފެށުނެވެ. އެލީޝާ ގެ ބައްޕަ ގުޅި ވަގުތުވެސް އެކަހަލަ ކަމެއް ހިނގާފާނެކަމަށް އެލީޝާ އަށް ހީކުރެވުނެވެ. އެލީޝާ ގެ މާމަ އާއި އޭނާގެ ބައްޕަ އާއި ދެމެދު އަބަދުވެސް އޮންނަނީ ހީނަރުވެފައިވާ ގުޅުމެކެވެ. ޚާއްޞަކޮށް އެ ގުޅުން ގޯސްވީ މާމަ ގެ ގެ ކުއްޔަށް ދީފައި އިންޑިއާ އަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވި ހިސާބުންނެވެ. ޢާއިލާ އަށް ކުރާ ހުރިހައި ޚަރަދަކާއި މާމަ ގެ ކެންސަރު ބައްޔަށް ބޭސްފަރުވާ ކުރަމުން ދަނީވެސް މާލޭގައި ހުރި އަށްބުރިއަށް ނަގާފައިވާ ގެއަށް ލިބޭ ކުލީގެ ފައިސާ އިންނެވެ.
“ޖީޒާ އެކަމާ ނުވިސްނާ،” އެއްމެފަހުން އެލީޝާ ގެ ބައްޕަ ބުންޏެވެ. ގަދަކަމުން ހީނލަމުންނެވެ. “އެކަހަލަ އެއްވެސް ކަމެއް ނުކުރަމޭ. މަންމަ ގެ ތި ކަންބޮޑުވުމާއިމެދު އަހަރެން އުފާކުރަން.”
“އަހަރުމެން އެއްމެންވެސް ޔޫނުސް އާއިމެދު ކަންބޮޑުވަމޭ.” ޖީޒާ އަށް ރޮވުނެވެ.
“އަހަރެން ހަމަ ގަދަވެ ހެޔޮހާލުގަ އޭ މިހުރީ. އެހެންވީމަ އަހަންނާމެދު ޖީޒާމެން އެހާ ކަންބޮޑުވާއެއްޗެއް ނޫނޭ.”
ކާކޮޓަރި ތެރެއަށް ހަމަހިމޭންކަމެއް ވެރިވި އެވެ. އެލީޝާ ގެ މަންމަ ކައިފް އަށް ބަލައިލަމުން ވާހަކަދައްކަން ފެށި އެވެ. “ޔޫނުސް. އެނގޭތަ މިތާ އެބައިނޭ ވަރަށް ޚާއްޞަ ކުއްޖެއްވެސް.”
“މަންމާ-” އެލީޝާ މަންމައަށް ލޯ އަޅައިލި އެވެ.
“ފިރިހެން ކުއްޖެއްދޯ. ހަމަ އަސްލުވެސްތަ؟ އެލީޝާ ތަ؟”
“ދެން މަންމާ-” އެލީޝާ އަށް އިނދެވުނީ ހަމަ ރަނގަޅަށްވެސް ލަދުންގޮސް ހަދާނެގޮތް ހުސްވެފަ އެވެ.
“މަގޭ އެލީޝާ ފިރިހެން ކުއްޖެއް ގެނައީ؟” ވީ އުފަލެއްގެ ބޮޑުކަމުން ވަރަށް ބާރަށް އެލީޝާ ގެ ބައްޕަ އަށް ހަޅޭއްލަވައިގަނެވުނެވެ.
“އާނ. ފިރިހެން ކުއްޖެއް. އަޖައިބެއް ދޯ؟ ކައިފް ނިކަން އެލީޝާ ބައްޕަ އަށް ގޮވާލަބަލަ!” ލަދުގެންފައި އިން ކައިފް އިތުރަށް ލަދުގަންނަން ޖެހުނީ އެލީޝާ ގެ މަންމަ އެދުނު ކަންތަކުންނެވެ.
ވަރަށް ލަދުން އިނދެ އެލީޝާ އަށް ދެފަހަރަކު ބަލައިލި އެވެ. އެއްމެ ފަހުން އިތުރު އެހެން ގޮތެއް ނެތުމުން އެލީޝާ ގެ މަންމަ ގެ އެދުމަށް އަމަލުކުރި އެވެ.
“އެލީޝާ ބައްްޕަ ކިހިނެތްތޯ؟”
“ބައްޕާާ،” އެލީޝާ ގެ ބައްޕަ އަށް ޖަވާބެއް ނުދެވި އުޅެނިކޮށް ހުރަސް އެޅީ އެލީޝާ އެވެ. “އެއީ ހަމަ އެކަނި މަގޭ ފްރެންޑެކޭ. މަންމަ އަށް ވެސް އެކަން އެނގޭނެ. މަންމަ އެހާ ކަންތައް ބޮޑުކޮށްލައިގެން އެ އުޅެނީ ކީއްވެގެން ކަމެއް މަށަކަށް ނުވިސްނުނު.”
އެލީޝާ މަންމަ އަށް ކަޅި އަޅަައިލި އެވެ. ދެނަހުރި ކަމަށްވެސް މަންމަ ނުހެދި އެވެ. “ޔޫނުސާ ބުނާކަށް މިއީ ވަރަށް ލޯބި ވެސް ކުއްޖެކޭ. ޔަޤީން ޔޫނުސަށް ވެސް ކަމުދާނެ.”
ކައިފް ގެ މޫނުން ފެންނަމުން ދިޔައީ އެލީޝާ ގެ އިޙްސާސް ތަކާއި މުޅިން ތަފާތު އިޙްސާސް ތަކެއްކަން އެލީޝާ އަށް ފާހަގަ ކުރެވުނެވެ. އެލީޝާ އަށް އިނދެވުނީ ރުޅި އައިސްފަ އެވެ. ފޫހިވެފަ އެވެ. ލަދުވެސް ގެންފަ އެވެ. މަންމަ ކަންތައް ކުރި ގޮތުންނެވެ. ނަމަވެސް ކައިފް އިނީ ލަދުރަކި ހިނިތުންވުމަކާއި އެކު ހިތްހަމަ ޖެހިފަ އެވެ. ހީވަނީ ކައިފް ބޭނުންވާާ ގޮތަށް ކަންތައްތައް ވަމުން ދާތީ ހިތްހަމަޖެހިފައި އިންހެން ނެވެ.
“ކިހިނެތް ތި ދެކުދިން ބައްދަލުވީ؟” ޝައުގުން ފުރިފައިވާ އަޑަކުން އެލީޝާ ގެ ބައްޕަ ސުވާލު ކުރި އެވެ.
އެލީޝާ އަނގަ ހުޅުވާލަން ހިތަށްވެސް ނުއަރުވަ އެވެ. ފޯނަށް ބަލަހައްޓައިގެން އިނީ ރޭސް ގެރިއެއް ގެ ދެކަންފަތުން ރުޅިވެރިކަމުގެ އަލިފާން ނެރެމުންދާހެންނެވެ. ނަމަވެސް ބައްޕަ ގެ ސުވާލަށް ޖަވާާބު ދޭން ކައިފް ނިންމި އެވެ.
“އެލީޝާ މާމައަށް ކީމޯ ދޭން ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް ދިމާވީ. އަޅުގަނޑުވެސް އެދުވަހު ގޮސް އުޅުނީ އަޅުގަނޑުގެ ފުރަތަމަ ކީމޯ ނަގަން. އަޅުގަނޑަކީ ގޮހޮރުގެ ކެންސަރ ޖެހިފައިވާ މީހެއް. އެލީޝާ ގެ ރަނގަޅުކަމުން އަޅުގަނޑާ ވާާހަކަ ދައްކަން ފެށީ. އެލީޝާ އަކީ ވަރަށް އޯގާތެރި ރަނގަޅު ކުއްޖެއް.”
ހުރިހައި ވަނަވަރެއް އަމުނާލުމަށްފަހު އެލީޝާ އަށް ބަލާލަމުން ކައިފް ހިނިތުންވެލި އެވެ. ކަޅި ޖަހައި ނުލާ އެލީޝާ ބަލަމުން ދިޔައީ ކައިފް އަށެވެ. އެމީހުން ފުރަތަމަ ބައްދަލުވި ދުވަހު ކަން ހިނގިގޮތް އޮޅުވާލައިގެން ކައިފް އެ ކިޔައިދިނީ ކީއްވެގެންތޯ އެލީޝާ ގެ ހިތަށް އަރަމުން ދިޔައެވެ. ގައިމުވެސް ފުރަތަމަ ބައްދަލުވުން ދިޔައީ އެބުނާ ގޮތަކަށް ނޫނެވެ. ކަައިފް ގެ ކިބައިން ސަލާމަތް ވެވޭނެ ހުރިހާ ކޮޅެއް ފެނޭތޯ އެދުވަހު އެލީޝާ މަސައްކަތް ކުރި އެވެ. ކައިފް ކޮންމެ ގޮތަކަށް ވާހަކަ ބަދަލުކޮށްލައިގެން ކިޔަސް ދަނޑިވަޅުގެ ގޮތުން އެކަމާ އެއްޗެއް ބުނާކަށް އެލީޝާ ބޭނުމެއް ނުވި އެވެ. ކައިފް ގެ ހިނިތުންވުމުގެ ޖަވާާބުގައި އެލީޝާ ވެސް ފެން ގޮތަކަށް ހިނިތުންވެލި އެވެ.
“އާނ. އެލީޝާ އަކީ ވަރަށް ހިތްހެޔޮ ކުއްޖެއް. ބައްޕަ ވަރަށް ދެރަވެއްޖެ ބަލިވާާހަކަ ބުނީމަ. ކައިފް ދޯ ކިޔަނީ؟”
“އާދެ.”
އެލީޝާ ގެ ބައްޕަ ހީނގަތެވެ. “ކޮންމެހެން ބައްޕަ އަށް އާދެ ލައްބަ ނުކިޔަސް އޯކޭ ވާނެ. ބައްޕަ ކިޔާާ.”
“ލައްބަ.”
އިރުކޮޅަކަށް ނަމަވެސް އަނގަ މަޑުކޮށްގެން އިނުމަށްފަހު އެލީޝާ ގެ މާމަ އަނެއްކާވެސް ވާހަކަދައްކަން ފެށި އެވެ. މައުޟޫ ބައްދަލުކޮށްލުމަށް މާމަ ބޭނުންވިކަހަލަ އެވެ. “ކޮބާ ޔޫނުސާ ޖަލުގަ ވެސް ކޯޑި ކެނޑުން އޮތްތަ؟”
“މާމާ…. ތީ ދެން ކޮން ކަމެއް،” މޫނުގައި ދެއަތް އަޅަމުން އެލީޝާ ހަޅޭއްލަވައިގަތެވެ. “މާމަ ގެ ކަންތައްވެސް މާ ބޮޑޭ ތިވަނީ. އަހަރެން ހިއެއް ނުކުރަން ކައިފް ގެނައިމަ މަންމަ ވެސް މިއީ ދެން ބޮޑު ކަންތައް ގަނޑަކަށް ހަދާނެ ކަމަކަށް.” އެލީޝާ ގެ ރުޅިގަނޑު އޭނާގެ މަންމަ އާއި މާމަ އަށް ބާލާލި އެވެ.
ކައިފް ރަކި ފާޑަކަށް ހީނލި އެވެ. “އެއީ އެހާވަރުގެ ކަމެއް ނޫނޭ އެލީ. ކިހާ ސަޅިތަ ފެމެލީ އެކުގަ މަޖާ ވާހަކަ ދައްކަމުން ކާާން ތިބީމަ. އައި ހެޑް އަ ގްރޭޓް ޓައިމް އޭ. ތޭންކްސް ފޮރ އިންވައިޓިންގ މީ.” ބޭރަށް ނިކުންނަަން އެލީޝާ ގެ ފަހަތުން ހިނގައިގަންނަމުން ކައިފް ބުންޏެވެ.
“އާނ، ކިހާ މަޖާ!” ޖެއްސުމުގެ ރާގަށް އެލީޝާ ބުންޏެވެ.
“ހަމަ އަސްލަށޭ މި ބުނީ. ހޮސްޕިޓަލުން ބޭރުގަ ޓައިމް ސްޕެންޑް ކޮށްލެވުނީމަ ކިހާ ސަޅި. މިހެން އިތުރަށް ޓައިމް ސްޕެންޑް ކޮށްލުން ސަޅިއެއް ނޫންތަ؟”
އެލީޝާ ހިނިތުންވެލި އެވެ. ކައިފް ގެ ސުވާލަށް އާނބަސް ބުނުމަށް ބޯ ޖަހައިލަމުންނެވެ. “އާނ. ހަމަ ސްޕެންޑް ކުރަންވީ.”
އެލީޝާ ގެ ލޮލުން ޖައްސާލި ވައްތަރާއި އެކު މޫނުމައްޗަށް ވެރިވި ހިނިތުންވުން ފަނޑުވެގެން ދިޔަ އެވެ. “ދެން މަގޭ ކައިރީ ނުބުނާތި ހިނިތުންވާން.”
ކައިފް ގެ ރަސްމީ ހިނިތުންވުމުން އޭނާ ގެ މޫނުމަތި އުޖާލާވެގެން ދިޔަ އެވެ. ހިނިތުންވުން ހިނިގަނޑަކަށް ބަދަލުވި އެވެ. “މަ އެބައުޅެންދޯ އެލީޝާ ހިނިތުންވާށޭ ބުނަން. ކިތައްމެ ވަރަކަށް ހިނިތުންވިޔަސް އަދި ނުވިޔަސް އެލީ ވާނީ ހަމަ އެލީ އަށް. އަހަންނަށް އެލީ ގެ ތި ފަނޑުފަނޑު ހިނިތުންވުންވެސް ވަރަށް ހިތްގައިމު. އެލީ އާ ވަރަށް ގުޅޭވެސްމެ. އެލީ ހީނލީމަ ވަަރަށް ސަޅި.”
“ހޫން. ދެން ހެވޭ. އެކަމަކު ތޭންކްސް،” ކައިފް އާއި ހަތަރުކަޅި ހަމަ ނުކުރަން ދުރަށް ބަލައިލަމުން އެލީޝާ ބުންޏެވެ.
“އޯކޭޭ. އެހެންވީމަ ހޮސްޕިޓަލުން ބައްދަލުވާނެ ދޯ.”
“އާނ.” އެލީޝާ އެއްބަސް ވި އެވެ.
ކައިފް ގޮވައިގެން ގޭގެ ދޮރާށްޓާއި ހަމައަށް އެލީޝާ ނިކުތެވެ.
“އޯކޭ އެހެންވީމަ މަ ދަނީ އޭ.” ރަކި ފާޑަކަށް މިހެން ބުނަމުން ކައިފް ހިނގައިގަތެވެ.
“ހަމަ ދަނީތަ؟ ހާދަ ވައި ގޮތަކަށް ތި ނައްޓާލަނީ!” ނުސީދާކޮށް ނަމަވެސް އެލީޝާ އެބުނީ އެއްޗެކޭކަން ކައިފް އަށް ވިސްނައިގަންނަން މާ ގިނަ ވަގުތެއް ނުނެގި އެވެ.
“ދެން ކުލަ ބޮކި ލައިގެން މުޅިތަން ދިއްލާލާފަތަ ދާންވީ!!؟” ކައިފް ބޭނުންވީ އެލީޝާ ތަަޅުވާލާށެވެ.
“ކުލަ ބޮކި ނުލިޔަސް ދެން….” އެލީޝާ ކައިފް އާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުންޏެވެ.
“ދެން ތި ބުނަނީ ކިސް އެއް ދޭށޭތަ؟” ލަދުގެ ފަރުދާ ކަހާލަމުން ކައިފް ބުންޏެވެ.
“އަހަރެން އެބަ ބުނަންތަ ތިހެން!” އިތުރަށް ކައިފް އާއި ކައިރިއަށް ޖެހިލަމުން އެލީޝާ ބުންޏެވެ.
ކައިފް ގެ މޫނު އެލީޝާ ގެ މޫނާާއި ކައިރިކޮށްލި އެވެ.
“ކައިފް. އަޅެ ނޫން.” އިތުރަށް ކައިރިއަށް ޖެހިލަމުން ތުއި ގޮތަކަށް އެލީޝާ ބުންޏެވެ.
އެލީޝާ އާއި އިތުރަށް ކައިރިވެލަމުން ކައިފް ގެ ފިނިފިނި އަތުން އެލީޝާ ގެ ދަތްދޮޅީގައި ހިފަހައްޓާލިއެވެ. އެވަގުތު އެލީޝާ އަށް ހީވީ ކަރަންޓް ގައި ޖެހުނުހެންނެވެ. ކައިފް ގެ އަތުގެ ފިނިކަމާއި ޙާލަތުގެ ނާޒުކު ކަމުން އެލީޝާ ގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް އުފެދުނެވެ. ކައިފް ގެ ތުންފަތް އެލީޝާ ގެ ތުންފަތާއި ދާދި ކައިރިކޮށްލަމުން ހިނިތުންވެލި އެވެ.
“ކޮންމެހެން އެހާވަރަށް ކައިރި ނުވިޔަސް މިވަރު އޯކޭ އެއްނު.” ވައި އަޑުން ކައިފް ބުންޏެވެ.
ޖަވާާބުގައި އެއްވެސް އެއްޗެކޭ އެލީޝާ އަކަށް ނުބުނެވުނެވެ. ކައިފް ގެ އެ ރީތި ދެލޮލަށް ބަލަން ހުރެވުނީ އެވެ. ކުއްލިއަކަށް ކައިފް ގެ ތުންފަތް ގެންގޮސް އެލީޝާ ގެ ތުންފަތުގައި ޖައްސާލި އެވެ. ގަނޑުވެފައި ހުރެވުނު އެލީޝާ ގެ ލޭގެ ހިނގުން ހުއްޓިފައި ހުރުމަށްފަހު ދައުރުވާން ފެށި ކަހަލަ އެވެ.
ކައިފް ގެ ތުންފަތް ނައްޓާލަމުން ލުއި ގޮތަކަށް ހީނލި އެވެ. “ވަރަށް އަވަހަށް ބައްދަލުކުރާާނަން. ތޭންކްސް އަގެއިން ފޮރ ދަ އިންވިޓޭޝަން.”
ކައިފް ގޭޓާއި ދިމާއަށް ހިނގައިގަތެވެ. ކައިރީގައި ހުރި ގަސްތަކަށް އަރާފައިއޮތް ވެލަނބުލި ވެޔޮގަނޑަށް ބަލައިލުމާއި އެކު އެލީޝާ އަށް ރަނގަޅު ތަދުބީރެއް ކުރެވުނު ކަހަލަ އެވެ. ވެލަނބުލި އަޅާފައިވާ ތަންގަނޑެއް ނައްޓާލަމުން ކައިފް އަށް ގޮވައިލި އެވެ. ވަގުތުން ފަސް އެނބުރި އެލީޝާ އަށް ކައިފް ބަލައިލި އެވެ. ކުޑަކޮށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކައިފް ކައިރީގައި ހުއްޓެމުން އޭނާގެ އަތުގައި އޮތް ވެލަނބުލި ވެޔޮކޮޅު ކައިފް ގެ އަތަށް ލި އެވެ.
“މީ ކީއްކުރާ އެއްޗެއް؟” ހައިރާން ވެފައި ހުރެ ކައިފް އަށް އަހައިލެވުނެވެ.
ހިތްގައިމު ހިނިތުންވުމެއް ކައިފް އަށް ދެމުން ކައިފް ގެ ދެލޮލަށް އެލީޝާ ބަލަން ފެށިއެވެ.
“ހަނދާނަކަށް މީތި ބާއްވަ ދީފާނަންތަ!”
“އޯ…ކޭ….” ވާނުވާއެއް ނޭނގި ހުރެ ހީނގަންނަމުން ކައިފް އެއްބަސްވި އެވެ. “އެކަމަކު ކީއްވެ؟”
“ތީ ވެލަނބުލި. އިނގިރޭސި ބަހުން ތިޔަށް ކިޔަނީ މިސްލްޓޯ. ތީގެ މާނައަކީ ‘ލައިފް ދެޓް ނެވަރ ޑައިޒް.” ދެއަތުން ހަށަން ބަނދެލަމުން އެލީޝާ ބުންޏެވެ. “އަހަރެން އެދެނީ ކައިފް ގެ ލައިފް ވެސް ދުވަހަކުވެސް މަރު ނުވުމަށް.”
ނުނިމޭ
ފުރުޞަތު ދޭނަން ހުންނާށޭ… 11
ދަމާލި ކޮފީފޮދު އަރުތެރެއިން ދިޔައިރު ކޮފީގެ ރަހަލީ ވެސް ހަމަ ކިރިޔަކިރިޔާ އެވެ. އެހާވެސް އެ ކޮފީ ހޫނެވެ. އަނެއްކާވެސް ކޮފީ ފޮދެއް ބޮމުން ލޮބީގެ ލިފްޓް ކައިރީގައި ހުންނަ ގޮނޑިބަރިއާއި ދިމާއަށް ބަލައިލި އެވެ. އޭރު ހަމަ އެތަނުގައި ކައިފް އިނެވެ. އޭނާ އާއްމުކޮށް އިންނަ ގޮނޑިބަރީގައެވެ. ލިފްޓާއި ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ ގޮނޑީގަ އެވެ. ގޮނޑީގައި ލެނގިލައިގެން އިން އިރު އޭނާގެ ބޯ އޮތީ ކުރިމައްޗަށް ލަންބާލައި އިސްޖެހިފަ އެވެ. އެއްވެސް ދަތިކަމަކާއި ނުލައިވެސް އޭނާ އިނީ ނިދާފައިކަން އެ އިންގޮތުން އެލީޝާ އަށް ފާހަގަ ކުރެވުނެވެ.
ދެފަރާތަކަށް އެލީޝާ ބޯ ހޫރާލިއެވެ. މަޑުމަޑުން ގޮސް ޖެހިގެން ހުރި ގޮނޑީގައި އިށީންނި އެވެ. ހަމަޖެހިލަމުން އަނެއްކާވެސް ކޮފީފޮދެއް ބުޔެވެ. މާބޮޑަށް ވިސްނައިނުލާ ތަންކޮޅެއް ބައިވަރު ދަމާލެވުމުން އޭނާގެ ދޫ ހީވީ ފިހި މާއެރިހެންނެވެ. އެވަގުތު ދުލަށް ވީ ތަދުން ޗޫސް ކިޔާފައި އެތެރެއަށް ނޭވައެއް ދަމާލި އެވެ. އެ އަޑު ތަންކޮޅެއް ގަދަވީކަމަށްވެސް ވެދާނެ އެވެ. ދެ ފަރާތަކަށް ކައިފް ހެލުވިލި އެވެ. ބޯ އުފުލާލަމުން އިސާހިތަކުން ތަންމިނަށް ދެލޯ ހުޅުވައިލި އެވެ. އެލީޝާ އަށް އެ ބޮޑު ދެލޮލުން ބަލަންފެށި އެވެ.
“ހައި،” ނިދީގައި އިނދެގެން ކަންނެތް އަޑަކުން އެލީޝާ އަށް ބުންޏެވެ. ތަންމިނަށް އަނގަ ހުޅުވަމުން އާފުރިލި އެވެ.
“ހެލޯ.”
އާފުރިލުމަށް ކައިފް ގެ ދެ އަތް އުފުލާލި ވަގުތު އޭނާގެ ދޮން ބަނޑުން ހާމަވެގެން ދިޔަ ތަނަށް ނުބެލުމަށް އެލީޝާ މަސައްކަތް ކުރި އެވެ. ކައިފް ގެ މޫނުމަތިން ކަންނެތް ހިނިތުންވުމެއް ފެންނަން ހުއްޓެވެ. މައްޗަށް އުފުލާލި ދެ އަތް ތިރިކޮށްލަމުން ޓީޝާޓް ރަނގަޅުކޮށްލި އެވެ. އޭނާގެ ބަނޑަށް އެލީޝާ ބަލަމުންދިޔަކަން ފާހަގަ ކުރެވުނެވެ.
“ޗޮސް ބަނޑެއް ނޯންނާނެ މާ ވަގުވަގަށް ބަލާކަށް. ހަމަ އެއްމެ ސަޅި ސިކްސް ޕެކެއް އޮންނާނީ.” ގޮނޑީގައި ހަމަޖެހިލަމުން ކައިފް ބުންޏެވެ. އެލީޝާ ރަކި ފާޑަކަށް ހީނލި އެވެ.
“އެހެންތަ؟ ސިކްސްޕެކެކޭ މަ ބަލަން ބޭނުމީވެސް.” ކައިފް އަށްވުރެން ދެރަވާކަށް އެލީޝާ ޤަސްދެއް ނުކުރިއެވެ. “ކައިފް ހޭލައްވާކަށް ނޫން އިނގޭ މަ އުޅުނީކީ،” އެލީޝާ އިތުރަށް ބުންޏެވެ. “ކޮފީއެއް ގަނެގެން މާމަ ކައިރިއަށް އެނބުރި ދިއުމުގެ ކުރިން ކައިފް މިތާ އިންތަން ފެނިގެން ކައިރިކޮށްލީ.”
ކައިފް ދެކޮނޑު އަރުވާލި އެވެ. “އިޓްސް އޯކޭ އޭ. ނަސީބެއްނު ހޭލެވުނުކަން. މިދުވަސްކޮޅު އަބަދުވެސް އަހަރެން މި ހުންނަނީ ހެސްކިޔާފަ ވަރުބަލި ވެފަ. އަބަދު ނިދާކަށް މަށެއްވެސް ބޭނުމެއް ނޫން. ލައިފް ގަ ބާކީ އޮތް ކުޑަ ދުވަސްކޮޅު ނިދުމަށް ސްޕެންޑް ކޮށްލާކަށް މަ ބޭނުމެއް ނޫން.”
އެލީޝާ ގެ އަތުގައި ހުރި ކޮފީ ތަށްޓަށް ބަލައިލަމުން ކައިފް ބޯޖަހައިލައި ދެ ބުމަ އަރުވައިލި އެވެ. ބުމައިން އިޝާރާތް ކުރީ ކޮފީ ފޮދެއް ދިނުމަށެވެ. ކޮފީ ތަށީގެ ތެރެއަށް ބަލައިލަމުން އެލީޝާ ގެ ކޮފީތަށި ކައިފް އަށް ދިއްކޮށްލިއެވެ. ކޮފީތަށީގައި ހިފުމާއި އެކު އެތިފޮދެއް ބުޔެވެ.
“އަމާ ފޫޅު… ހާދަ ހޫނޭ!” އެއް އަތުން އަނގަޔާއި ދިމާއަށް ވިހެލަމުން އެލީޝާ އަށް ކޮފީތަށި ދިނެވެ. “އަދިވެސް މަށަށް ކޮފީ އަކާއި ލައިކެއް ނުވެވޭ. ހީވަނީ މަށަށް މި ދޭ ކީމޯ ރަނގަޅަށް މަސައްކަތް ނުކުރަނީހެން.”
އެލީޝާ ފަނޑު ގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ. ހަމަ އެއާއިއެކު ދެމީހުންގެ ދެމަދަށް ހަމަހިމޭންކަން ވެރިވެއްޖެ އެވެ. އެލީޝާ އަށް އިނދެވުނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެމީހުންނާއި ތަންކޮޅެއް ދުރުގައި ތިބި ދުވަސްވެފައިވާ ދެމަފިރިން ފެނިފައެވެ. މުސްކުޅި ފިރިހެން މީހާ އޭނާގެ އަނބިމީހާ ފުރޮޅުލީ ގޮނޑިއެއްގައި ބައިންދައިގެން އެ ގޮނޑި ކޮއްޕަމުން ދެއެވެ. އަންހެން މީހާއަށް އިނީ ނިދިފައެވެ. ނުވަތަ ވަރުބަލިކަމުން ލޯ މެރިފައެވެ. ނޭފަތަށް ލައްވާފައިވާ ކެނޫލާ އާއި ގުޅާފައިވާ ކުޑަކުޑަ އޮކްސިޖަން ޓޭންކް ހީވަނީ އެ އަންހެންމީހާގެ ހަށިގަނޑުގެ ގުނަވަނެއް ހެންނެވެ. ކެނޫލާ ގުޅާފައިވާތަން ފެނުމުން އެ އަންހެން މީހާގެ ހާލު ދެރަކަން އެލީޝާ އަށް ފާހަގަކުރެވުނެވެ.
“ހިތާމަވެރި މަންޒަރެއްދޯ؟” ކުރިމަތިން ފެންނަން ތިބި ދެމަފިރިންނަށް އެލީޝާ ބަލަމުންދާކަން އެނގިގެން ކައިފް ބުންޏެވެ.
ކައިފް އާއި ދިމާއަށް އެލީޝާ ބަލައިލިއެވެ. އޭރު ކައިފްގެ ނަޒަރުވެސް އަމާޒުވެފައި ވަނީ އެ ދެމަފިރިންނަށެވެ. އަނެއްކާވެސް އެލީޝާ އެ ދެމަފިރިންނަށް ބަލަން ފެށިއެވެ. އިތުރު އެއްޗެއް ކައިފް ބުނަން އުޅޭހެން ހީވެގެން ކައިފް ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި މަޑުކޮށްލި އެވެ.
“ހީވަނީ އެ އަންހެން މީހާގެ އަޖަލު ޖެހިފަ ވާހެންދޯ.” އެމީހުންނަށް ބަލަން އިނދެފައި އަނެއްކާވެސް ކައިފް ގެ ނަޒަރު އެލީޝާ އާއި ސީދާ ކޮށްލިއެވެ. އެލީޝާ އަށް ހިންދިރުވައި ލެވުނެވެ.
“އަހަރެންގެ އެއްމެ ފަހު ދުވަސްތައް ހޮސްޕިޓަލުގަ ހޭދަކޮށްލާކަށް ބޭނުމެއް ނޫން،” މަޑުމަޑުން ކައިފް ބުންޏެވެ. އެވަގުތު އަނެއްކާވެސް ކައިފް ގެ ނަޒަރު އެ ދެމަފިރިންނަށް އަމާޒުކޮށްލިތަން އެލީޝާ އަށް ފެނުނެވެ. “އަހަރެން މަރުވާން ކައިރިވެއްޖެ ކަމަށް ޑޮކްޓަރުން ބުނެފިއްޔަކާ އަލުން އަނބުރާ މި ހޮސްޕިޓަލަކަށް ނާންނާނަން. މިހާރު އެ ދޭ ރޭޑިއޭޝަން އިން ރަނގަޅު ނުވެއްޖެއްޔާ، މަރުގެ ވަސްދުވާހެން ހީވާ މިތަނުގަ އެއްމެ އިރުކޮޅަކުވެސް ހޭދަކުރާކަށް ނޫޅެން. އޭރުން އަހަރެން ވަގުތުތައް ހޭދަކޮށްލާނީ ގެއިން ބޭރުގަ. ދުނިޔޭގެ އެތަން މިތަން ބެލުމުގަ. ދިރިހުރުމުގެ ފުރިހަމަ އުފާ ލިބިގަންނާނީ.”
ކައިފް ދެއްކި ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން އެލީޝާ ބޯޖަހައިލި އެވެ.
އަނެއްކާވެސް އެމީހުންގެ ދެމެދަށް ހަމަހިމޭންކަމުގެ ސާލު ފަތުރާލައިފި އެވެ. ދެމީހުންގެ ލޮލުކޮޅަށް ގޮސް ގެއްލެންދެން މުސްކުޅި ދެމަފިރިންނަށް ބަލަން އެމީހުން ތިއްބެވެ.
“އެލީ؟”
އެލީޝާ ކައިފް އަށް ބަލައިލިއެވެ. ކައިފް ގެ ލޮލުގެ ތިރީބޮނޑިދަށުގައި ކަޅުވެފައިވާތަނަށް އެލީޝާއަށް ބަލައިލެވުނެވެ. “ހޫމް… ކީކޭ.”
“މަށާއެކީ ކަމެއް ކޮށްފާނަންތަ؟”
އެލީޝާ އަށް ދެބުމަ ގޮށްޖަހައިލެވުނެވެ. “ކީކޭ ތިބުނީ؟”
“މިސާލަކަށް މިވަގުތަކީ، ހަމަ ސީދާ މިހާރު މިއީ، މަގޭ ލައިފް ގެ އެއްމެ ފަހުދުވަސް ކަމަށްވާނަމަ، އަހަރެން ބޭނުންވޭ މީގެ ކުރިން އަހަރެން ދުވަހަކުވެސް ނުކޮށްހުރި ކަންކަން ކޮށްލަން. މަށާއެކީ އެކަންކަން ކޮށްފާނަންތަ؟”
“އޯކޭ…..” ކަންބޮޑުވުމާއި ޖެހިލުންވެ އިނދެ އެލީޝާ އަށް ބުނެލެވުނެވެ. ކައިފް އެބުނި ބަހެއްގެ މާނައެއް ހަމަ ޙަޤީޤަތުގައިވެސް އެލީޝާ އަކަށް ނުވިސްނުނެވެ.
“އެއްމެ ރަނގަޅު. އަވަހަށް ބިއްލޫރި ކުޑަ ގުޅިއެއް ގެނޭ.” ކައިފް ފެއްޓިއެވެ. “އެއަށް އަހަރުން އަޅާނީ ކަރުދާސްކޮޅު ތަކެއް. ކޮންމެ ކަރުދާސްކޮޅެއްގަވެސް އަހަރުންނަށް މިނީ އެޑްވެންޗަރސް ތަކެއް ލިޔެފަ ހުންނާނީ. ކޮންމެ ހޮނިހިރެއްގަ އެއިން ކަރުދާސްކޮޅެއް ނަގައިގެން އޭގަ އިން ކަމެއް އެދުވަހު ކުރާނީ. ކޮންމެ ކަމެއް ލައްވާލިޔަސް ފަސްޖެހުމެއްނެތި އެކަމެއް ކުރާގޮތަށް.”
އެލީޝާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ތީ ވަރަށް މަޖާވާނެ ކަމެއްހެން ހީވޭ.”
ކައިފް ބޯ ޖަހައިލި އެވެ. އޭނާގެ ދެ ތުންފަތަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިކޮށްލަމުން ހީނލިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ އުފާވެރިކަން ފަނޑުވެ އޭނާގެ މޫނަށް މޮޅިކަން ވެރިވެއްޖެ އެވެ. ފައިގެ ފަލަމަސްގަނޑު މަތީގައި ބާއްވާލާފައި އޮތް އޭނާގެ ދެ އަތްތިލައަށް އިރުކޮޅެއް ވާންދެން ބަލަން އިނުމަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. “އަހަރެންގެ ލައިފް ވޭސްޓް ކޮށްލާކަށް ބޭނުމެއް ނޫން. އަހަރެން މަރުވާން އުޅޭ ކަމަށް ވަންޏާ، އަހަރެން ކުރަން ބޭނުންވި ކަންކަން ކުރެވިފައިވާ ކަމުގެ ހިތްހަމެޖެހުމާއިއެކުގައި މަރުވެދާން ބޭނުމީ.”
ކައިފް ގެ އަތުގައި އެލީޝާ މަޑުމަޑުން ހިފާލިއެވެ. ކައިފް ގެ އަތް ފިނިވެފައިވާވަރުން އެލީޝާ އަށް ކުޑަކުޑަ ސިހުމެއް ލިބުނެވެ. ކައިފް އެލީޝާ އަށް ބަލައިލިއެވެ. ނިތްކުރިން ފެށިގެން ބަލަމުން ގޮސް އެލީޝާ އާއި ހަތަރުކަޅި ހަމަކޮށްލި އެވެ. “އެހެންވީމަ ތިބުނާހެން ކައިފް ބޭނުން ހުރިހައި ކަމެއް އަހަރުމެން ދެމީހުންވެގެން ކުރާނީ ދޯ.”
ކައިފް ގެ އަނގައިގެ އެއް މިޔަކަން މައްޗަށް އުފުލާލިއެވެ. އެއީ އާއްމުކޮށް ކައިފް ގެ މޫނަށް ވެރިކޮށްލާ ލާނެތް ހިނިތުންވުން ގެނައުމަށެވެ. ކައިފް އެހެން ހީނލުމުން އެލީޝާ އަށް ވަރަށް ކަމުދެއެވެ.
“މީގަ ހިމަނާ ކަންކަމަކީ ހަމައެކަނި މަބޭނުން ކަންކަން އެކަނި ވާކަށް އަހަރެން ބޭނުމެއް ނޫން. މަށަކީ މިތަނުން ބަލިމީހާ ނަމަވެސް އެއީކީ ކޮންމެހެން އެލީ ބޭނުންވާ ކަންކަން ނުކޮށް ހަމައެކަނި އަހަރެން ބޭނުންވާ ކަންކަން އެކަނި ހިމަނަން ޖެހޭނެ އުޒުރެއް ނޫން. ސޯ،…. ގުޅިއަށް އަޅާނީ އަހަރުން ދެމީހުން ކުރަން ބޭނުންވާ ކަންކަން. ދެން ދެމީހުން އެކުގަ އެކަންކަން ކޮށްލާނީ.”
އެލީޝާ ބޯ ޖަހައިލިއެވެ. ކައިފް ގެ އަތުގައި ހިފަހައްޓާލައިގެން އިން އޭނާގެ އަތް ގެނެސް އަމިއްލަ އުނގުމަތީގައި ބޭއްވިއެވެ. އެވަގުތު ކައިފް ގެ ލޮލުގެ ކަޅި އެލީޝާ ގެ އަތަށް އަމާޒުކޮށްގެން ބަލަމުންދިޔަކަން އެލީޝާ އަށް ފާހަގަ ކުރެވުނެވެ.
“ދެމީހުން އެކުގަ.” އެލީޝާ ގެ އަތަށް ކައިފް ބަލަން އިންގޮތުން އަވަސް އަވަހަށް ކައިފް ދެއްކި ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބުންޏެވެ.
“އެބައޮތްތަ ކަރުދާސް ކޮޅެއް؟” ކުއްލިއަކަށް ކައިފް ސުވާލުކުރި އެވެ.
އެލީޝާ ގެ ޕާސް ނެގިއެވެ. ޒިބު ކަހާލައި ޕާސް ތެރެ ހާވަން ފެށިއެވެ. ޕާސް ތެރޭގައި އޭނާ ގެންގުޅޭ ޕޮކެޓް ސައިޒް ގެ ނޯޓްފޮތް ފެނޭތޯ އެވެ. ލެދަރުން ބޭރުގަނޑު ލާފައިވާ ފޮތުގައި އޭނާގެ އަތް ޖެހުމުން ފޮތް ނެގިއެވެ. ފޮތުން ދެ ގަނޑެއް ވަރު ވީދާލައި ކައިފް އަށް ދިއްކޮށްލި އެވެ.
ކައިފް ގެ މޫނަށް ފަނޑުފަނޑު ލަދުވެތިކަމެއް ވެރިވިއެވެ. “އަދި ގަލަމެއް ވެސް؟”
މަޖާވެލަމުން އެލީޝާ ގެ ކަޅި އަނބުރާލިއެވެ. އަނެއްކާވެސް ދަބަސް ތެރެއަށް އަތްކޮށްޕާލައި ގަލަމެއް ނަގައި ކައިފް އަށް ދިއްކޮށްލި އެވެ.
“އޯކޭ. ބިއްލޫރި ގުޅިއެއް ނެތްތަ؟” ގަލަމުގައި ހިފަމުން ކައިފް އަހާލި އެވެ.
މަޖަވެލާފައި އާފުރިލަމުން ޕާސް ތެރެއަށް އެލީޝާ އަތްކޮށްޕައިލި އެވެ. އެވަގުތު ކައިފް ގެ ހިނިގަނޑު ފަޅައިގެންގޮސް އަތުގެ އިޝާރާތުން ހުއްޓާލާށޭ ކިޔަން ފެށިއެވެ.
“މާތް ކަލާއްކޯ! އެލީ ތިގެންގުޅެނީ އުމަރު އައްޔާރު ގެ ސުންބުލި ކަމަކަށް އަހަރެން ހިއެއް ނުކުރަމޭ. އެކަމަކު ބުނަން، އެލީ މިހާރު ތި ދައްކާ މިސާލުން މަށަށް ހަމަ ޔަޤީންވޭ ކޮންމެވެސް ދުވަހަކުން އެއްމެ ޕަރފެކްޓް ގްރޭންޑް މަދަރ އަކަށް އެލީ ވާނެކަން. ލެއްވިހައި ސާމާނެއް ތިގޮތަށް ޕާސް ތެރޭގަ ގެންގުޅުން ތީ ގުޑް ސްޓަރޓެއް.”
މިފަހަރު އެލީޝާ ގެ ލޮލުގެ ކަޅި އަނބުރާލީ ސަމާސާ ގޮތަކަސް ނޫނެވެ. “އަޅެ ކީއްކުރަންތަ ތި އުޅެނީ؟”
“ޖަސްޓް ގިވް މީ ވަން ސެކަންޑް އޯކޭތަ؟” ޖަވާބު ގައި ކައިފް އެދުނެވެ. ދެ ތުންފަތް ފިއްތާލަމުން އަތުގައި އޮތް ކަރުދާހުގައި އެއްޗެއް ލިޔަން ފެށިއެވެ. ކަރުދާސްކޮޅުގައި އެ ލިޔުނު އެއްޗެއް ލިޔުމަށްފަހު ބޮނޑިކޮށްލައި މައްޗަށް އެއްލިއެވެ.
ތަޅުން މައްޗަށް ވެއްޓުނު ކަރުދާސް ބޯޅައަށް ބަލަން އެލީޝާ އިނީ ކުރަން އުޅޭކަމެއް ކައިފް ކިޔައިދޭނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. އެއްމެ ފަހުން ކައިފް އެއްވެސް އެއްޗެކޭ ނުކިޔުމުން އޭނާއަށް މަޑަކުން ނީނދެވުނެވެ. “އެހެން ވެއްޖެއްޔާމުން ތީ ކޮން ކަމެކޯ؟”
“އަހަރުން އަތުގަ ނެތެއްނު ބިއްލޫރި ގުޅިއެއް.”
އެލީޝާ ބޯ ހޫރާލިއެވެ. ހަމަ ހަޤީޤަތުގައިވެސް ކައިފް އެ ދައްކާވާހަކައެއް އެލީޝާ އަކަށް ނުވިސްނުނެވެ. ކައިފް ހިނިގަނޑެއް ޖަހައިލިއެވެ.
“އަދިވެސް ގެޓެއް ނުވޭދޯ. ގުޅިއެއް ނެތީމަ އަހަރުން މިތިބަ ތަނަކީ މިބަލަނީ މިއީ ގުޅިއެއް ކަމަށް. އެހެންވީމަ ފުރަތަމަ އެކްޓިވިޓީ ނަގަމާ ހިނގާ.”
އެލީޝާ ގެ ދެލޯ ކުޑަކޮށްލިއެވެ. ހައިރާންވެފައި ކައިފް ގެ ދެލޮލަށް ބަލަން އިނެވެ. “މަށެއް ނޫޅެން އެ ނަގާކަށް. ކީއްކުރަންށޯ އޭތި މައްޗަށް އެއްލީ؟ ހަމަ ކޮންމެހެން ޖެހޭދޯ ތިހާ ޑްރާމާ ޖައްސަން؟ ހަމަ މަގޭ އަތަށްވެސް ދެވިދާނެއެއްނު؟”
“ޑްރާމާ އަކީ އަބަދުވެސް ވަރަށް މުހިއްމު އެއްޗެކޭ.”
އެލީޝާ ފޫހި ގޮތަކަށް ގޮނޑިން ތެދުވެގެންގޮސް އެ ކަރުދާސް ބޯޅަ ނެގިއެވެ. ކަރުދާސްކޮޅު ހިފައިގެން ގޮސް ގޮނޑީގައި އިށީންދެފައި، ކަރުދާސްކޮޅު ނިއުޅުވައިލި އެވެ.
“އާ އަހަރު ފެށުން ފާހަގަ ކުރުން؟” ކަރުދާސްކޮޅަށް ބަލައިލަމުން އޭގައި ލިޔެފައިވާ އިބާާރާތްކޮޅު ކިޔައިލީ ސުވާލެއް ކޮށްލާ ގޮތަށެވެ.
“ޔެސް. އަހަރުންގެ ފުރަތަމަ އެޑްވެންޗަރ،” ބައްތިރީސް ދަތް އެއްކޮށް ދައްކަމުން ކައިފް ބުންޏެވެ. “އާ އަހަރު ފާހަގަ ކުރުމަށް ޕާޓީއެއް ބާއްވަން.”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް
- 3 މެއި 2025ޚަބަރުލޯބިން ކުޅެން ފަށައިފި