ވެބް ސީރީޒް “ހަނާ”ގެ ޝޫޓިންއަށް ސީރީޒްގައި ހަރަކާތްތެރިވާ ތަރިންނާއި ފިލްމު ކުރޫ މާމިގިއްޔަށް މިއަދު ހިނގައްޖެއެވެ. މިއީ ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ 13 އެޕިސޯޑްގެ ސީރީޒެކެވެ.

މާމިގިއްޔަށް ފުރުމުގެ ކުޑައިރުކޮޅެއް ކުރިން ވެބް ސީރީޒް “ހަނާ”ގެެ ޕޯސްޓް ޕްރޮޑަކްޝަންގެ ހުރިހައި މަސައްކަތަކާ ހަވާލުވެހުރި މަޤްބޫލު ކެމެރާމަން ޢަލީ ރަޝީދު (ގޮޅާ އައްޔަ) މުނިއަވަސް އަށް ބުނީ އަންނަ ނޮވެމްބަރު މަސްތެރޭގައި ބައިސްކޯފުން މި ސީރީޒް ދައްކަން ފަށާނެ ކަމަށެވެ.

ޢަލީ ރަޝީދު (ގޮޅާ އައްޔަ) ބުނީ ސީރީޒްގެ މަންޒަރުތައް ފަނަރަ ދުވަސް ތެރޭގައި ނަގާ ނިންމުމަށް މަސައްކަތްކުރާނެ ކަމަށެވެ. ވެބް ސީރީޒް “ހަނާ” އަކީ ތިނެސްކަން ލޯބީގެ ޑްރާމާއެކެވެ. ވާހަކަ ލިޔެފައިވަނީ އައިމިނަތު ރިނާޒާ އެވެ.

ވެބް ސީރީޒް “ހަނާ”ގެ ކާސްޓާއި ކްރޫ މާމިގިއްޔަށް ފުރުމުގެ ކުރިން – ފޮޓޯ: “ހަނާ” ޓީމް

“ހަނާ”ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ޒީނަތު އައްބާސް، ނޫރާ، ޝަމީލް، ނިޝާ ހިމެނެއެވެ.

“ހަނާ” ޕްރޮޑިއުސްކޮށް ކެމެރާ ކުރަނީ ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ.

އަމްޖަދު އިބްރާހިމް (އަމްޖޭ) އަކީ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ. މީގެ ކުރިން ބައިސްކޯފުގައި “ޝްޝްޝް…” ގެ ނަމުގައި ވެބްސީރީޒެއް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ޕޯސްޓް ޕްރޮޑަކްޝަންގައި ހަރަކާތްތެރިވާ ޢަލީ ރަޝީދު (ގޮޅާ) އަކީ ވެސް ދިވެހި އެތައް ފިލްމެއް އުފެއްދުމުގައި ހަރަކާތްތެރިވެފައިވާ ކާމިޔާބު ކެމެރާމަން އެކެވެ. ޖުމްލަގޮތެއްގައި ފިލްމުގެ ކާސްޓުންނާއި ޓެކްނިކަލް ކްރޫގައިވެސް ހިމެނެނީ ފިލްމީ ދާއިރާގައި ތަޖުރިބާކާރު ފަންނާނުންތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.