ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ ތިން ދުވަސް ވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އަމީތާބް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ލިވަރއަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި އިމަރޖެންސީގައި އަމީތާބް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.
ފިލްމް ޝޫޓިންއެއްގެ ތެރެއިން 1982 ވަނަ އަހަރު ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާ ދިނުމުގެ ތެރޭގައި، އަމީތާބަށް ވަނީ ނުރައްކާތެރި ހެޕަޓައިޓިސް ބީ ޖެހިފައިކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ލިވާރގެ 75 އިންސައްތަ މަސައްކަތް ނުކުރާކަމަށްވެސް ބޮލީވުޑްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަމީތާބަށް ހެޕަޓައިޓިސް ބީ ޖެހުނީ އަމީތާބަށް ލޭ ހަދިޔާކުރި މީހެއްގެ ހަށިގަނޑުގައި ހެޕަޓައިޓިސް ބީ ގެ ވައިރަސް ހުއްޓާ އެ ލޭ އެޅުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
