ކަސޯޓީ ޒިންދަގީކޭ ސީޒަން 2 ގައި މިސްޓަރ ބަޖާޖްގެ ރޯލުން ފެނިގެންދާ ކަރަން ސިންގް އެ ޝޯއާއި ވަކިވާން އުޅޭކަމަށް އޭނާ ބުނެފިއެވެ. މިކަން ހާމަކޮށް އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކަސޯޓީގެ ޓީމާއެކު މަސައްކަތް ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ކަސޯޓީގައި ބަޖާޖްގެ ކެރެކްޓާ އަކީ މުހިންމު ކެރެކްޓާ އެއް ނަމަވެސް އެ ކެރެކްޓަރ އަށް ބެލުންތެރިންގެ މާބޮޑު މަގުބޫލުކަމެއް ލިބިފައި ނުވާކަމަށް ރިޕޯޓް ތައް ބުނެއެވެ. އެހެންކަމުން އެކަމާ ކަރަން އެހާ ހިތްހަމަ ނުޖެހޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކަސޯޓީއިން ވަކިވިނަމަވެސް މިހާރުވެސް 3 ފިލްމެއްގެ މަސައްކަތް ކުރަމުންދާކަމަށް ކަރަން ބުނެއެވެ. މީގެ ތެރެއިން 2 ފިލްމެއް މިއަހަރު ނިމުމުގެ ކުރިން ސިނަމާތަކަށް އަންނާނެކަމަށް އުއްމީދު ކުރާ ކަމަށް ކަރަން މައުލޫމާތު ދެއެވެ.
ކުޅަދާނަ ބަތަލާ ބިޕާޝާ ބާސޫ އާއި ކައިވެނިކޮށްގެ އުޅޭ ކަރަންގެ މާ ގިނަ ފިލްމްތަކެއް މިހާތަނަށް ނުކުމެފައި ނުވާއިރު އޭނާ ކުޅެފައިވާ ހޭޓް ސްޓޯރީ 3 އަކީ ކާމިޔާބު ފިލްމެކެވެ.
