ﷲ އާއި، ރަސޫލާއަށް އަދާކުރަންޖެހޭ ހައްޤުތަކުގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވާކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި، رسول الله صلي الله عليه وسلم އަށް ލޯބިކޮށް އެކަލޭގެފާނަށް އަދަބު އިޙްތިރާމް އަދާކުރުމާއި، އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަތުމަކީ، ކޮންމެ މުސްލިމައެއްގެ މައްޗަށް ވާޖިބެއްކަމުގައި މިއަދުގެ ޚުޠުބާގައި ވެއެވެ.
މިއަދުގެ ޚުޠުބާގައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލިއަޅުވާލާފައިވެއެވެ. އަދި އެ ޙައްޤުތަށް އަދާނުކޮށް އެއްވެސް މުސްލިމަކު ދޫކޮށްނުލުމަށް ނަސޭޙަތްތެރި ވެފައިވެއެވެ.

އެއް މުސްލިމަކު އަނެއް މުސްލިމަކާއި ބައްދަލުވާއިރު އެކަކު އަނެއްކަކަށް ސަލާމްކުރުމުގެ މުހިންމުކަމާއި، އަދި އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަމާއި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާވެގެން ދާނެކަމުގައި މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައިވަނީ ސަލާމް ކުރުމަށް ވަޞިއްޔަތް ކުރައްވައި އެކަމަށް އަމުރު ކުރައްވާފައެވެ. އެކަލާންގެ ވަޙީ ކުރައްވާފައިވެއެވެ. وَإِذَا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا (النساء 86 ) މާނަ: “ތިޔަބައި މީހުންނަށް އެއްވެސް ކަހަލަ ސަލާމަކުން ސަލާމް ކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައި މީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

މުޖްތަމަޢުގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަންތައްތަކުގެ ތެރޭގައި އެކަކު އަނެއްކަކަށް ޒިޔާރަތްކުރުމާއި، ތިބާއަށް ދަޢުވަތެއް ދެވިއްޖެނަމަ އެ ދަޢުވަތަށް އިޖާބަދިނުން ހިމެނެއެވެ. رسول الله صلي الله عليه وسلم ހަދީސް ކުރައްވާފައި ވެއެވެ. وإذا دعاك فأجته (صحيح مسلم) މާނައީ: “އަދި ތިބާއަށް ދަޢުވަތެއް ދެވިއްޖެނަމަ، އެކަމަށް އިޖާބަދޭށެވެ. ކައިވެނީގެ ދަޢުވަތެއް ދެވިއްޖެނަމަ އެ ދަޢުވަތަށް އިޖާބަދިނުން އަވަސްކުރަންވާނެ ކަމުގައި މިއަދު ޚުޠުބާގައި ފާހަގަ ކޮށްފައިވެއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ “އިސްލާމު ދީނުގައި ކަނޑަ އަޅުއްވާފައިވާ ހެޔޮ ކަންތަކުގެ ތެރޭގައި ބަލިމީހުންނަށް ޒިޔާރަތް ކުރުން ހިމެނެއެވެ. ބަލިމީހާ އޮތީ ހޮސްޕިޓަލުގައި، ނުވަތަ ގޭގައި ކަމުގައި ވީ ނަމަވެސް އެކަމުގައި ތަފާތެއްނެތެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ ސަބަބުން ބަލިމީހާގެ މަޢުނަވީ ރޫޙު އިތުރުވެގެން ދާނެއެވެ.” އަދި މީގެ އިތުރުން ބަލީމީހާއަށް އަދާކޮށްދޭންޖެހޭ ހައްޤުތަކުގެ ތެރޭގައި ބަލިމީހާއަށް ޒިޔާރަތްކުރުން ހިމެނެއެވެ.

رسول الله صلي الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.” އޭނާ މިދުނި ދޫކޮށްފިނަމަ ޖަނާޒާގައި ބައިވެރިވުމެވެ.” ޖަނާޒާގައި ބައިވެރިވުމަކީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤެކެވެ. އެކަމަކީ ޖަނާޒާގައި ބައިވެރިވާ މީހާއަށް ގިނަގުނަވެގެންވާ ސަވާބާއި ދަރުމަހުރި ކަމެކެވެ. ހަމަ އެފަދައިން މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތަކުގައި ދިރިތިބީންގެ ތެރެއިން ވީހާ ގިނަބަޔަކު ބައިވެރިވުމަކީ އެކަމުގެ ސަބަބުން މައްޔިތާއަށް ލިބޭ ސަވާބު އިތުރުވެގެން ދާނެ ކަމެއްކަމުގައި މިއަދުގެ ޚުޠުބާގައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.