ޑާކް ރެއިން އެންޓަރޓެއިންމެންޓްގެ އޯނަރ އަދި މަޝްހޫރު ޕްރޮޑިއުސަރ، މުހައްމަދު އަލީ (މޮގާ)ގެ ބޮޑެތި ތުހުމަތުތަކެއް ޝްވެކް ސިނަމާއަށް އަމާޒުކޮށްފިއެވެ.
މިއަހަރުގެ ކުރީކޮޅު ޑާކްރެއިން އިން ނެރުނު ފިލްމް “ގޮށް ރާޅު” ޝްވެކް ސިނަމާގައި އެޅުވުމަށްފަހު ޝްވެކުން ޑާކްރެއިންއަށް ދޭންޖެހޭ ފައިސާ ނުދީވާކަމަށް ބުނެ މޮގާ މިއަދު ފޭސްބުކް އަދި ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެވާހަކަތައް އާއްމުކޮށް ދައްކަން ބޭނުންނުވިއަސް، ފައިސާ ނުދޭއިރު ފޯނަށްވެސް ޖަވާބު ނުދޭތީ އެވާހަކަތައް އާއްމުކޮށް ދެއްކުން ނޫންގޮތެއް ނެތްކަމަށެވެ.

ތުހުމަތުތަކާ ބެހޭގޮތުން މުނިއަވަސްއަށް މައުލޫމާތު ދެމުން މޮގާ ބުނީ ފައިސާ ނުދީ 8 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާކަމަށާއި ޝްވެކްގައި އެ ފިލްމް އަޅުވާފައިވަނީ ވިކޭ ކޮންމެ ޓިކެޓްއެއްގެ 60 އިންސައްތަ ޑާކް ރެއިން އެންޓަޓެއިންމެންޓް އަށް، އަނެއް 40 އިންސައްތަ ޝްވެކަށް ލިބޭގޮތަށް ކަމަށެވެ.
“މީހުން ފިލްމް ބަލަން ދާނީ ކްރެޑިޓަށް ޓިކެޓް ނަގައިގެނެއް ނޫން. އެހެންވީމަ ފައިސާ ލިބިފަ ހުންނާނީ” ފައިސާގެ ތުހުމަތުތައް ތަކުރާރު ކުރަމުން މޮގާ ބުންޏެވެ.
ޑާކް ރެއިންގެ “ގޮށްރާޅު”އަށް ވަނީ ބެލުންތެރިންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބިފައެވެ.
