ނެދަލޭންޑްސްގެ ފުޓްބޯޅަ ކްލަބް އަޔެކްސްގެ ޒުވާން ހުނަރުވެރި ފުލްބެކް ސާޖީނިއޯ ޑެސްޓް، ނެދަލޭންޑްސް އަށް ނޫނެކޭ ބުނެ ޔޫ.އެސް.އޭ ގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.
ނެދަލޭންޑްސްގެ މަންމަ އަކާ ޔޫ.އެސް.އޭ ގެ ބައްޕަ އަކަށް އުފަން އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ އުފަންވެ އުޅެބޮޑުވެފައި ވަނީ ނެދަލޭންޑްސްގެ އަލްމީރެ ސިޓީގައެވެ.
މި ސީޒަން ގައި އަޔެކްސްގެ ޓީމުގެ ފުރަތަަމަ 11 އިން ޖާގަ ހޯދައި މޮޅުކުޅުމެއް ދައްކަމުން އައުމާއިއެކު ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ރޮނާލްޑް ކޮއެމަންގެ ޝައުގުވެރިކަން އޭނާއަށް ހުއްޓި ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުމަށް އޭނާއަށް ވިސްނައިދޭން ވަނީ މަސައްކަތް ކޮށްފައެވެ. ޔޫ.އެސް.އޭ އަދި ނެދަލޭންޑްސްގެ ރައްޔިތުކަން އޮންނަ ކުޅުންތެރިޔާ ސީނިއަރ ލެވެލްގައި ޔޫ.އެސް.އޭ އަށް ކުޅެފައިވަނީ ރަހުމަތްތެރިކަމުގެ 2 މެޗު ކަމަށް ވުމުން ރަސްމީކޮށް މެޗެއް ކުޅުމުގެ ކުރިން 2 ގައުމު ތެރެއިން ގައުމެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު އޭނާއަށް އޮތެވެ.
މި ސީޒަނުގައި އަޔެކްސް އަށް 16 މެޗު ކުޅެފައިވާއިރު އޭނާވަނީ ޔޫ.އެސް.އޭގެ 17 އަހަރުން ދަށާއި، 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ވެސް ތަމްސީލް ކޮށްފައެވެ.
އަޔެކްސްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޑެސްޓް ބުނެފައިވަނީ “އަހަރެން ޔޫ.އެސް.އޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ކުރިއަށް ދިއުމަށް ނިންމައިފިން. މި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް. އަހަރެން މި ނިންމުން ނިންމީ އަހަރެންގެ އަމިއްލަ ވިސްނުމުގެ މައްޗަށް”.
ސާޖީނިއޯ ޑެސްޓް އިތުރަށް ބުނެފައިވާގޮތުގައި އޭނާގެ ނިންމުން ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކޮއެމަންއާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އޭނާގެ ނިންމުމާ މެދު ކޮއެމަން ހިތްހަމަނުޖެހުނު ނަމަވެސް އެ ނިންމުމަށް އިހްތިރާމް ކުރާ ވާހަކަ ކޮއެމަން އޭނަ ގާތުގައި ބުނިކަމަށެވެ. ޑެސްޓް ރަސްމީކޮށް ޔޫ.އެސް.އޭގެ ސީނިއަރ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުޞަތު ލިބޭނީ ނޮވެމްބަރު މަހު ކޮންކަކަފް ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކެނެޑާ އާ ދެކޮޅަށް ކުޅޭ މެޗުގައެވެ.
