މިއަހަރުގެ އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ)ގެ ބައިނަލްއަޤްވާމީ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިޔާ ޙަސަން އިރުފާން (ޒަކިއްޓެ)ގެ ހުށައެޅުން މާދަމާ ރާއްޖޭ ގަޑިން 18:00 އޮންނާނެއެވެ. ޒަކިއްޓެގެ ހުށައެޅުން ޕީއެސްއެމްގެ ‘ޔެސް’ ޓީވީ އާއި ‘ދިވެހި އެފްއެމް’ އިން ވަގުތުން ގެނެސްދޭނެއެވެ.
ޒަކިއްޓެއަކީ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަން އިން އާންމުގެ ތެރެއަށް މަޝްހޫރުވި ލަވަކިޔުންތެރިއެކެވެ. ޒަކިއްޓެ ހުށައަޅައިދޭން ނިންމާފައިވަނީ ދާދިފަހުން އޭނާ ނެރުނު ލަވަ “ރާޅު މާލި” އެވެ. އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޒަކިއްޓެއާއެކު މިއުޒީޝަން އަދި ޕްރޮޑިއުސަރު ސަމޫހު ތައުފީގުވެސް ބައިވެރިވާނެއެވެ.
”ރާޅު މާލި“ ލަވައާ ބެހޭގޮތުން މަޢުލޫމާތު ދެމުން ޒަކިއްޓެ ބުނީ މި ލަވައަކީ ރާޅުގަނޑުގައި ރާޅާއަޅާ ސާފަރުންނަށް ހަދާފައިވާ ލަވައެއް ކަމަށެވެ.
”އަޅުގަނޑަކީވެސް ސާރފާއެއް، މިއުޒިކު ކުޅުމުގައި އަހަރެން ކިތަންމެ ވަދި ވިޔަސް (ބިޒީ ވިޔަސް) އަބަދުވެސް މޫދު ދެކެ ލޯބިވާނަން.“ ޒަކިއްޓެ އިތުރަށް ބުނީ ’ސަރައްކާލި‘ އެ ލަފުޒު ލައިގެން ލަވައެއް ހަދާ އެންމެ ފުރަތަމަ ދިވެހި މިއުޒީޝަނަށް ވެސް އޭނާ ވުމަށް ބޭނުންވާ ކަމަށެވެ.
”ރާޅު މާލި“ ލަވަ ލިޔެފައިވަނީ ޒަކިއްޓެ އާއި ހުވޭ ނިހާދު އެވެ. ލަވަ އެރޭންޖްކުރީ ޒަކިއްޓެއެވެ. މިކްސިން އަދި މާސްޓަރިން ހެދީ ސިނޫ އަޙްމަދު އެވެ. މި ލަވަ ލަވަފޮށީގެ އިތުރުން ޒަކިއްޓެގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެއެވެ.
އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލް މި އަހަރު ބާއްވަނީ ބަންގްލާދޭޝްގެ ވެރިރަށް ޑާކާގައެވެ. ފެސްޓިވަލް އޮންނާނީ މިމަހުގެ 29 އިން 31 އަށެވެ.
އޭބީޔޫއަކީ ދުނިޔޭގެ ފަސްދޮޅޮސް ނުވަ ޤައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޕީއެސްއެމުން ރާއްޖެ ތަމްސީލްކުރާ މިއީ ހަތަރުވަނަ އަހަރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!