ދުވަހުގެ ތާވަލުގައި އަވަދިނެތި މަސައްކަތް ކުރަން ޖެހުމުން ހަށިގަނޑުގެ ބަރުދަނާމެދު އިހުމާލު ވެވޭ މީހުން މަދެއް ނޫނެވެ. ކިޔެވުމުގެ ޕްރެޝަރާއި މަސައްކަތުގެ ސަބަބުން މަންދީޕް ކައުރަށް ހަށިގަނޑުގެ ޞިއްޙަތާމެދު ވަނީ އިހުމާލު ވެވިފައެވެ. މަންދީޕްގެ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށްޓަކައި ވަރުގަދަ އަޒުމަކާއެކު ވަރަށް ބުރަކޮށް ކުރި މަސައްކަތުގެ ފޮނިކަން މިއަދު މަންދީޕް އަންނަނީ އިހުސާސް ކުރަމުންނެވެ.

އުމުރުން 25 އަހަރުގެ މަންދީޕް ކޯރަކީ އިންޑިއާގެ ޗަންދީގަރް ސިޓީއަށް ނިސްބަތްވާ ޑެންޓިސްޓެކެވެ. މީގެ ހަ މަސް ކުރިން މަންދީޕްގެ ބަރުދަނުގައި 65 ކިލޯ ހުއްޓެވެ. 

މަންދީޕް އޭނާގެ ބަރުދަން ލުއި ކުރުމަށް ހޭދަކޮށްފައިވަނީ 3 މަހާ 6 މަހާ ދެމެދުގެ މުއްދަތެކެވެ. މަންދީޕް ބުނެފައިވާ ގޮތުގައި އޭނާ ކަސްރަތު ކުރުމަށް ލޯބި ކުރަންފެށީ، ކަސްރަތު ކުރަން ފެށުމުން ނާރުތަކުގެ އުނދަގޫތަކުން ސަލާމަތް ވުމާއި އެންޒައިޓީ (ފިކުރުބޮޑުވުމަށް) އަށް ފަރުވާ ލިބެން ފެށުމުންނެވެ. ޑެސްޓިސްޓް ކޯހުގެ ފަހު އަހަރު ކަސްރަތު ކުރަން ވަގުތު ދެވޭ ގޮތް ނުވުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި އުނދަގޫ ތަކެއް ކުރިމަތިވި ކަމަށް މަންދީޕް ބުނެފައިވެއެވެ. ނިދި ނުލިބުމާއި ކެއުމަށް ފަރުވާ ކުޑަކުރެވުމުގެ ސަބަބުން ހަށިގަނޑު ވަރަށް ބޮޑަށް ނިކަމެތިވެ ބައެއް ޞިއްޙީ ބަލިތަކާ ކުރިމަތިލާން ޖެހުނެވެ.

ހަށިގަނޑު ފަލަވެ ބަރުދަން އިންތިހާއަށް މައްޗަށް އެރުމުން އަމިއްލައަށް ކަސްރަތުކޮށް ބަރުދަން ލުއިކުރުމަށް އަޒުމް ކަނޑައެޅީ ކަމުގައި މަންދީޕް ބުންޏެވެ.

މަންދީޕް ހެނދުނުގެ ސަޔަށް ބޭނުންކުރީ 6 ބިހުގެ ހުދު ބަޔާއި 50 ގްރާމް އާޓާ ރޮށީގެ އިތުރުން 3 އެމްއެލް ޒައިތޫނި ތެޔޮ އަދި 100 ގްރާމް ކިއުކަމްބާ އެވެ. 

މެންދުރުގެ ކެއުމަށް 100 ގްރާމް ތަރުކާރީ އާއި ބަތް އަދި ކުކުޅު ބޭނުންކުރާ މަންދީޕް ރޭގަނޑުގެ ކެއުމުގައި ހާއްސަ އެއްޗެއް ބޭނުމެއް ނުކުރެއެވެ. ބައެއް ރޭރޭ ކޭކު ކޮޅަކުން ފުއްދާލާ އިރު އަނެއް ބައި ރޭރޭ ބްރައުން ބްރެޑް ސޭންޑްވިޗެއް ބޭނުން ކުރެއެވެ. މަންދީޕް ރޭގަނޑުގެ ކެއުން ކަނީ ކަސްރަތަށް ފަހުގައެވެ.

ކަސްރަތު ކުރަން ފެށުމުގެ ކުރިން އޯޓްސް އާއި ޕްރޮޓީން ސްކޫޕްގެ އިތުރުން ކޮފީ އެއް ބޭނުންކުރާ މަންދީޕް ކަސްރަތަށް ފަހު ބޭނުން ކުރަނީ ޗިކަން ސެލެޑެކެވެ.

ކޮންމެ ހަފްތާއެއްގެ ހަ ދުވަސް ކަސްރަތު ކުރުމުގައި ހޭދަ ކުރާ މަންދީޕް އަރާމުކުރަނީ އާދީއްތަ ދުވަހު އެވެ. ކަސްރަތު ތަކުގެ ތެރޭގައި ކާޑިއޯ ގިނަ އަދަދަކަށް ހިމަނާފައިވާއިރު މަސަލް ލޯޑް އަދި އެބްސް ގެ ކަސްރަތުތައް ހިމަނާފައި ވެއެވެ.

މި ކާމިޔާބު ދަތުރުގައި މަންދީޕް ތަޖުރިބާކުރި އެންމެ އުނދަގޫ ކަމަކީ ގަޑިއަށް ކެއުމެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށް މިއަދު މަންދީޕް އެވަނީ ކާމިޔާބަށް ވާސިލްވެފައެވެ. މަންދީޕް ބުނާ ގޮތުގައި އަމިއްލަ ޑައިޓެއް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. ކޮލެސްޓްރޯލް ނުހިމެނޭ ކެއުން ބޭނުން ކުރުމާއި ހަށިގަނޑަށް ފައިދާ ކުރާ ކެއުން ބޭނުންކުރުން ވަރަށް މުހިންމު ކަމުގައި މަންދީޕް ބުނެފައި ވެއެވެ.

ކަސްރަތު ކުރަން ފެށި ދުވަސްކޮޅު ރައްޓެހިންގެ ފަރާތުން ބަދަލެއް ނާންނަ ކަމަށް ބަސްތައް އަޑުއިވެން ފެށުމުން މާޔޫސްވާގޮތްވި ކަމުގައި މަންދީޕް ބުންޏެވެ. ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން ދުވަސް ކޮޅެއް ފަހުން ބަދަލުތައް އަންނަން ފެށިއެވެ. އަދި އަމިއްލަ އަށް ހަށިގަނޑުގެ ބައިތަކަށް އަންނަން ފެށި ބަދަލުތަކާއި އާއިލާގެ ފަރާތުން ލިބެން ފެށި ފައްސި ބަސްތަކުގެ ސަބަބުން ފޯރި އިތުރުވިއެވެ. އަދި އޭރު ކުރަމުން އައި ކަސްރަތުތައް އެ ގޮތަށް ކުރިއަށް ގެންދިޔައީކަމަށާއި ކޮންމެ ދުވަހަކުވެސް ދެ އިރު ކަސްރަތު ކުރާކަމަށް މަބްދީޕް ބުންޏެވެ. 

ބޮޑީ ބިލްޑިންގ ވޯކްއައުޓް ކުރާ މަންދީޕް ބުނެފައިވަނީ ޑެންޓިސްޓެއްގެ ގޮތުގައި މިހާރު ހުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ޖިމެއް ހުޅުވައިގެން ހަށިގަނޑުގެ ދުޅަހެޔޮކަމަށް މީހުންނަށް އެހީތެރިވުމަކީ ދެކޭ ހުވަފެނެއް ކަމަށް މަންދީޕް ބުންޏެވެ. އަދި އެންމެންވެސް ކަސްރަތު ކުރުމަށް ލޯބިކޮށް ކޮންމެ ދުވަހެއްގެވެސް އެކެއް ނުވަތަ ދެ ގަޑިއިރު ކަސްރަތުގައި ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މަންދީޕް އިރުޝާދު ދީފައި ވެއެވެ.

ވޭތުވެ ދިޔަ ކުރު މުއްދަތުގައި އެންމެ ބޮޑު ބަދަލެއް އައީ ކެއުމަށް ކަމަށް މަންދީޕް ބުނެއެވެ. އަދި ހިކިކޮށް ހުރުމުން މީހުންގެ ފަރާތުން ބޭހެއް ބޭނުންކުރަނީތޯ ކުރާ ސުވާލު ތަކަކީ ހިތަށް އަސަރު ކުރުވާ ސުވާލުތަކެއް ކަމަށް މަންދީޕް ބުންޏެވެ. ނަމަވެސް އެފަދަ މީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށްވެސް މަންދީޕް ބުންޏެވެ.

މަންދީޕް ބުނެފައިވަނީ ބަރުދަން ލުއިކޮަށް ދެމެހެއްޓުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ބޭނުންވަނީ ކުޑަ ކެތްތެރިކަމެއް ކަމަށެވެ. ކެއުމަށް މާބޮޑު ބަދަލެއް ނުގެނައި ނަމަވެސް ކޮންމެ ދުވަހަކުވެސް ކަސްރަތު ކޮށް ގަޑިން ގަޑިއަށް އެއްވަރެއްގައި ކެއުން ހިފެހެއްޓުމުން ނަތީޖާ ފެންނާނެކަމުގައި މަންދީޕް ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.