ރޭ ފްރާންސް ލީގުގައި ތާވަލުގެ ފުލުގައި އޮތް ޑީޖޮން އާއި ނިމިދިޔަ ސީޒަންގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރި މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޑީޖޮން އިން ޕީއެސްޖީ އަށް ބޮޑު ޝޮކެއް ދީފިއެވެ.

ޑީޖޮން ގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓުގައި ޑިމާރިއާ ދިން ޕާހަކުން ގޯލް ޖަހާ އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ކުރި ހޯދަދީފައެވެ. މިއީ ފާއިތުވެދިޔަ 4 މެޗުގައި އެމްބާޕޭ ޖެހި 7 ވަނަ ގޯލެވެ. ފުރަތަަމަ ހާފް ނިމެން އުޅެނިކޮށް މެޗުގެ 45 ވަނަ މިނެޓުގައި ޑީޖޮން ގެ މޮނީރު ޗޮއިޔާ ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އެންމެ ފަހުން ކުޅުނު 6 މެޗުން ވެސް މޮޅުވި ޕީއެސްޖީ އަށް ޝޮކެއް ގެނުވީ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވެ މެޗުގެ 47 ވަނަ މިނެޓުގައި ޑީޖޮން ގެ ޖޯންޑާ ކަޑިޒް ޕީއެސްޖީގެ 3 ކުޅުންތެރިން ކައިރިން ނައްޓާލާފައި ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ޕީއެސްޖީ އަށް ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުޞަތުގެ ބޭނުން ނުކުރެވުމުން 2 ވަނައިގައި އޮތް ނާންޓެސް އަށް މިރޭ ކުޅޭ މެޗުން މޮޅުވެގެން 5 ޕޮއިންޓަށް ފަރަގު ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.