މި ހަފުތާ ހުކުރު ދުވަހު ރާއްޖެ ޓީވީގެ “ކުލަ ސްކްރީން” ޕްރޮގްރާމު ޚާއްޞަކޮށްލާފައި ވަނީ މުނިއަވަސް އަށް ކަމަށް އެ ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ހޯސްޓް ރިފްޤާ ޢަބްދުލް ވައްޙާބް ބުނެފިއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ޚަބަރުތައް ވަރަށް ތަފުސީލުކޮށް ގެނެސްދެމުން އަންނަ “ކުލަ ސްކްރީނު” ޕްރޮގްރާމުގައ،ި މުނިއަވަސް އިން ދިވެހި ފިލްމީ އަދި މިއުޒިކީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ވަރަށް ތަފުސީލު މަޢުލޫމާތުތައް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޕްރޮގްރާމުގެ މެހެމާނުންގެ ބައިގައި މުނިއަވަސް ގެ ޑެޕިއުޓީ އެޑިޓަރ އަލީ ނިހާސް އާއި ލިޔުންތެރިޔާ މޫސާ ނަޒީރު ބައިވެރިވާނެއެވެ.

ރާއްޖެ ޓީވީ “ކުލަ ސްކްރީން” ޕްރޮގްރާމުގެ ޝޫޓިން ސެޓްގައި މުނިއަވަސްގެ ޓީމު – ފޮޓޯ: ނިހާސް

ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޗެނަލްގެ މިފަދަ ވަރުގަދަ ޕްރޮގްރާމެއްގައި މުނިއަވަސް އަށް ޚާއްޞަ އެޕިސޯޑެއް ގެނެސްދޭކަމީ އެ ޕްރޮގްރާމުން ވެސް ފިލްމީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ މިންވަރު ދައްކައިދޭ ކަމެއް ކަމަށް މުނިއަވަސްގެ ޓީމުން ދެކެއެވެ. އަދި މި ފުރުޞަތުގައި އެ ސްޓޭޝަންގެ ވެރިންނާއި މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް މުނިއަވަސްގެ ފަރާތުން ދަންނަވައެވެ.

17 ޑިސެމްބަރު 2018 ގައި ރެޖިސްޓްރީ ވެގެން ރަސްމީ ސިފައެއްގައި ހިންގަމުން އަންނަ މުނިއަވަސް އިން މި ވީ ކުރު މުއްދަތުގައި އެތަކެއް ދިވެހި ފިލްމުތަކެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަމާއި ބައެއް މިއުޒިކް ބޭންޑްތަކުގެ މީޑިއާ ޕާޓްނަރުކަން އަންނަނީ ކުރަމުންނެވެ. އެހެންކަމުން “ކުލަ ސްކްރީން” ޕްރޮގްރާމުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ މަތި ފަޑީގައި ހިފަހައްޓަމުން އަންނަ ބައެއް ޕްރޮޑިއުސަރުން، ޑައިރެކްޓަރުން އަދި އެކްޓަރުން، މުނިއަވަސް އާމެދު ދެކޭ ގޮތް ވެސް މިމަހު 08 ވާ ހުކުރު ދުވަހުގެ ރޭ 10:00 ގައި ގެނެސްދޭ ޕްރޮގްރާމުގައި ހިމެނިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. މި ޕްރޮގްރާމުގެ ރިޕީޓް ދެއްކުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު މެންދުރު ފަހު 01:00 ގައެވެ.

މުނިއަވަސް އިން މީޑިއާ ޕާޓްނަރުކަން އެންމެ ފުރަތަމަ ކޮށްފައިވަނީ ފިލްމު ”ދެވަންސޫރަ“ އަށެވެ. އެއަށްފަހު ”ފޯޓީ ޕްލަސް“، ”ނަފްރަތުވުމުން“، ”ސޯލް“، ”ކާކު؟“، ”ބަވަތި“، ހިމެނެއެވެ. އަންނަން ހުރި ފިލްމުތަކުގެ ތެރެއިން ސީޒަން އާއި މާސްކޭގެ ”އަނދިރިކަން“، ވީމީޑިއާ އޮރިޖިނަލްސްގެ ”ކޮސް ގިނަ މިސްޓޭކް“ އަދި ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމު ”ނޮވެމްބަރ“ގެ މީޑިއާ ޕާޓްނަރުކަން ވެސް މުނިއަވަސް އިން އަންނަނީ ކުރަމުންނެވެ.

ދިވެހި ފިލްމީ ދާއިރާގެ ރާނީ ނިޢުމާ މުޙައްމަދު ދެން އެންމެ އަވަހަށް އުފައްދާ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ދިނުމާމެދު ވިސްނަމުން އަންނަ ކަމުގެ އިޝާރާތެއް ނިޢުމާ ކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

“ކުލަ ސްކްރީން” ޕްރޮގްރާމުގެ ޝޫޓިން ތެރެއިން – ފޮޓޯ: އިލްޔާސް (އައި ފިލްމްސް)

މީގެ އިތުރުންވެސް ފާތިމަތު ނަހުލާގެ ވެބް ސީރީޒް “ހުވާ” ގެ އެންމެ ފަހުގެ ޚަބަރުތަކުގެ އިތުރުން ބައިސްކޯފުން ގެނެސްދެމުން އަންނަ އަދި ގެނެސްދޭން ހުރި އުފެއްދުންތަކުގެ ޚަބަރާއި މަޢުލޫމާތުވެސް އެންމެ އަވަަހަށް ގެނެސްދެމުން އަންނަނީ މުނިއަވަސް އިންނެވެ. ހަމަ އެހެންމެ، މި ދިޔަ ރަމަޟާން މަހު ޓީވީއެމް އިން ދެއްކި އޮފީސް ޑްރާމާ މުބާރާތުގައި “ކަސްޓަމްސް، ‘އެމްއޭސީއެލް’ އަދި ‘ވެމްކޯ’ ޑްރާމާ ޕްރޮމޯޓްކޮށްދިނުމަށްވެސް ޚަބަރުތައް ގެނެސްދީފައިވެއެވެ.

މުނިއަވަސް ގެ އަމާޒަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ޚަބަރާއި މަޢުލޫމާތުތައް އެންމެ އަވަހަށް، އެންމެ ޞައްޙަކަމާއެކު ގެނެސްދޭ އޮންލައިން އެއްގެ ގޮތުގައި ހަރަކާތްތެރިވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.