އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ބަދަލުވަމުން އަންނަ ގޮތާއިމެދު ވިސްނައި ފިކުރުކޮށްލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ދިވެހިން އެ މީހުންގެ ދަރިންނަށް ކިޔަމުން އައިސްފައިވާ ނަންތަކުގެ ތެރެއިން އެއް ނަމެއް، އެކި ދުވަސްވަރު ބޭނުުން ކުރެވެމުން އަންނަ ގޮތުގައި ބޮޑެތި ތަފާތުތަކެއްވެއެވެ. އާއިލާާތެރޭ ބޭނުންކުރެވޭ މަންމަ، ބައްޕަ ފަދަ ނަންތަކުން ވެސް މި ތަފާތު ފާހަގަވެއެވެ. އެއީ ދިވެހި ބަހުގެ ތަނަވަސްކަން ކަމުގައި ވެސް ބުނެވިދާނެއެވެ. ނުވަތަ އެކަންކަން ބަދަލު ކުރުުމަށް މަޖުބޫރު ކުރުވަނީ ޒަމާން ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޔޫސުފް، މަރިޔަމް، ފާތިމަތު، އައިޝަތު، މި ނަން ތަކަކީ އޭރުވެސް އަދި މިހާރުވެސް ދިވެހިންގެ ތެރޭގައި، އެބައި މީހުންގެ ދަރިންނަށް ކިޔަމުން އަންނަ ނަންތަކެވެ. ނަމަވެސް ތަންކޮޅެއް ކުރިއަށް ވިސްނާލާއިރު މި ނަންނަން ބޭނުން ކުރެވެމުން އައިސްފައިވަނީ ތަފާތު ގޮތަކަށެވެ. ޔޫސުފަށް ޔޫސުބު، މަރިޔަމަށް މަރިޔަނބު، ފާތިމަތަށް ފާގުމަތު އަދި އައިޝަތަށް އައިސަ، މިހެންނެވެ. މިއީވެސް ޒަމާނެކެވެ.

ބަދަލުވެފައި ވަނީ ކޮން ހިސާބަކުން ނުވަތަ ކޮން ނުފޫޒަކުން ކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް ފެންނަން އޮތީ ބޭނުން ކުރެވެމުން އަންނަ ގޮތް ބަދަލުވެފައިވާ މަންޒަރެވެ. މިގޮތުން ބަލާއިރު މިހާރު ނަމަ ޔޫސުފް ޔޫސޭއަށް، މަރިޔަމް މަރީއަށް، ފާތިމަތު ފާތުން އަށް އަދި އައިޝަތު އައިޝް އަށް މިވަނީ ބަދަލުވެފައެވެ.

އާއިލާގެ ތެރޭގައި ބޭނުން ކުރެވެމުންދާ ނަންތަކަށް ވެސް މި ވަނީ އެކި ދުވަސްވަރު މަތިން ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން ބައްޕަ ބައްޕިއަށް، މަންމަ މަންމިއަށް، ދޮންދައިތަ ދޮންތައަށްވެ، މިހާރު މި ވަނީ ދޮންތިއަށް ވެފައެވެ. ބޮޑުދައިތަ ބޮޑާއްތައަށްވެ މިހާރު މިވަނީ ބޮއްޑު އަށް ނުވަތަ ބޮޑޫ އަށްބަދަލު ވެފައެވެ. ކުޑަދައިތަ ކުޑާއްތައަށްވެ މިހާރު މިވަނީ ކުޑޫ، ކުޑީ ނުވަތަ ކުޑާ އަށް ވެފައެވެ. މިފަދަ އެތައް މިސާލެކެވެ. ފާހަގަވާ އެއްކަމަކީ ގިނައިން ބަދަލުތައް އައިސްފައިވަނީ އަންހެން ނަންތަކަށް ކަމެވެ.

ބައެއް ނަންނަން ބަދަލުވެފައި ހުންނަ ގޮތަށް ވިސްނައިލުމުން އެ ނަމަކުން މުޚާތަބު ކުރެވޭ ފަރާތަށް އޮންނަ ލޯބި އިތުރަށް ދެއްކުމަށް ގެނެސްފައިވާ ބަދަލެއްހެން ވެސް ހީވެއެވެ. ނުވަތަ ދުލަށް ފަސޭހަގޮތަށް ބަދަލުވެފައި ވަނީހެން ވެސް ހީވެއެވެ.

މި ކަންކަން މި ގޮތަށް ބަދަލު ކުރުވުމަށް މަޖުބޫރު ކުރުވަނީ ހަމަ އަސްލުގައި ވެސް ޒަމާން ހެއްޔެވެ؟ މިފަދަ ބަދަލު ތަކަކީ ދިވެހި ބަހަށް ލިބޭ ކުރިއެރުމެއް ކަމުގައި މާނަ ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ އެއީ ބަސް ބޭނުން ކުރުމުގައި ފަރުވާ ކުޑަކުރުން ހެއްޔެވެ؟

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.