ފޭސްބުކް އިން މިހާރު ބޭނުންކުރާ ލޯގޯގެ ބަދަލުގައި އައު ލޯގޯއެއް ބޭނުންކުރަން ފަށަން މިދިޔަ ހޯމަދުވަހު ނިންމައިފިއެވެ. ފޭސްބުކް އިން ބުނެފައިވަނީ އައު ލޯގޯ ހުންނާނީ މުޅިން ތަފާތު ފޮންޓަކުން “ފޭސްބުކް” މިނަން ކެޕިޓަލް އަކުރުން އެއްކޮށް ލިޔެފައި ކަމަށެވެ.
ފޭސްބުކް އިން ބުނަނީ މި ބަދަލު ގެންނަން ނިންމީ ފޭސްބުކްގެ މައި ކުންފުނީގެ ދަށުގައިވާ ސަބްސިޑިއަރީ ތަކުގެ ތަފާތު ސާފުކޮށް ދެނެގަންނަން ފަސޭހަކުރުމަށް ކަމުގައެވެ. ފޭސްބުކްގެ ސަބްސިޑިއަރީ ތަކަކީ މެސެންޖަރ، އިންސްޓަގްރާމް، ވަޓްސްއެޕް، އޮކިއުލަސް، ޕޯޓަލް އާއި ކެލިބްރާ އެވެ. އައު ލޯގޯ ފަރުމާ ކޮށްފައިވަނީ މިހުރިހާ ސަބްސިޑިއަރީއެއްގެ ލޯގޯގެ ކުލަ ހިމަނައިގެން ކަމަށް ބުނެއެވެ.
ފޭސްބުކްގެ ޗީފް މާކެޓިންގ އޮފިސަރ އެންޓޯނިއޯ ލޫސިއޯ ބުނާގޮތުން އެމީހުން ފޭސްބުކްގެ ނަން ރީބްރޭންޑްކޮށް ބަދަލުކުރަންވެސް ޚިޔާލު ކުރިއެވެ. ނަމަވެސް ފޭސްބުކްގެ މައްސަލަތަކުން ރެކެން ކުރިކަމަކަށް ދެކެފާނެތީ ހަމައެކަނި ލޯގޯ ބަދަލުކުރަން ނިންމީއެވެ. ފޭސްބުކް އުފެއްދިތާ މިހާރު 15 އަހަރު ވެއްޖެއެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
