​ބަރުދަން އިތުރުވުމަކީ ނުވަތަ ފަލަވުމަކީ މިއަދު ވަރަށް ގިނަބަޔަކަށް ދިމާވަމުންދާ މައްސަލައެކެވެ. މިކަން ހައްލުކުރާނެ ވަރަށްގިނަ ” ފޯމިއުލާ” ނުވަތަ ގޮތްތައް އެކިއެކި ލިޔުންތަކުން ފެނެއެވެ. ނަމަވެސް މިކަމަށް ހައްލު ހޯދުމުގައި، ކާމިޔާބު ހޯދުނު މަދުބަޔަކު ނޫނީ ނުފެނެއެވެ.

ބަރުދަން ލުއި ކުރުމަށް މަސައްކަތް ފެށުމުގެ ކުރިން ދެނެގަންނަން ޖެހޭ ބައެއް ކަންކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. އެ ގޮތުން  ފަލަވެ ބަރުދަން  އިތުރުވެފައި ވަނީ ވެސް  އެއް ދުވަހަކުން  ދެދުވަހަކުން ނޫނެނެވެ. އެހެންކަމުން  ބަރުދަން  ލުއިކުރުމަށް  ވެސް  މުއްދަތެއް  ބޭނުންވާނެކަން ގަބޫލުކުރަން ޖެހެއެވެ. މި ދެ ނުގުތާއަކީ މިކަމަށް އަޒުމުކުރާއިރު ފުރަތަމަ ވިސްނުމުގައި ބަހައްޓަންޖެހޭ ދެ ނުގުތާއެވެ. 

ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމުން، އެކަމުން އަރައިގަތުމަށް އަޒުމުކޮށް ދުވެ ކަސްރަތު ކުރުމަށް ނުކުންނަ މީހުން ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ހަފުތާއެއްހާ ދުވަހު ނުވަތަ ކުޑަ ދުވަސްކޮޅަކު ކަސްރަތު ކޮށްލުމަށްފަހު  ބޭނުންވާވަރުގެ ނަތީޖާއެއް ނުލިބި އެކަމުގެ މައްޗަށް ކަންނެތްކަން އިތުރުވެ ހުއްޓޭގޮތް ވެއެވެ. ހަމަ ހުސް އެކަނި ބަރުދަން ލުއިކުރުމުގެ ނިޔަތުގައި ދާއިމީ ގޮތެއްގެ ދުވަން ދިއުމަކީ ވަަރަށް އުނދަގޫ ކަމެއްކަން އެކަމުން އެނގިގެންދެއެވެ. 

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުން ކުރުމަށް އުފައްދާފައި ހުންނަ ގިނަބޭސްތައް، އެ ބޭނުން ކުރުން އެއީ ރައްކާތެރި ގޮތެއް ކަމުގައި ދެކުމަކީ ގޯހެކެވެ. ސަބަބަކީ އެފަދަ ބާރުގަދަ ކޮންމެ ބޭހެއްގައި “ސައިޑް އިފެކްޓްސް” ހިމެނޭނެ ކަން ޔަޤީނެވެ. ވީމާ، ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް އެފަދަ ބޭސްތައް ބޭނުން ކުރުމުން ދުރުހެލިވުން އެއީ އެންމެ ފައިދާބޮޑު ގޮތެވެ.  

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވީމާ، ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް އެ މީހަކަށް ދެމިހުންނަން ފަސޭހަ ގޮތެއް ޚިޔާރު ކުރުން މުހިންމެވެ. ދާއިމީ ގޮތެއްގައި ހަށިގަނޑަށް ކަސްރަތެއް ލިއްބައި ދިނުމަށް ބޭނުން ކުރެވިދާނެ ފަސޭހަ ގޮތެއް އަޅުގަނޑުވެސް ހިއްސާ ކޮށްލުމަށް ގަސްތުކުރަމެވެ.

ބޭނުންވަނީ ހަށިގަނޑު ހަރަކާތް ކުރުވައި ހަށިގަނޑު ވަރުބަލި ކޮށްލުމެވެ. ދުވަން ގޮސްގެން ވިޔަސް އަދި ކަސްރަތު ކުލާހަކަށް ދިޔަކަމުގައި ވީނަމަވެސް ހަމަ ކުރަނީ އެކަމެވެ. ފުރަތަމަ ތިމާ ޝައުގުވެރިވާ، ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ ފަދަ ކުޅިވަރެއް ޚިޔާރު ކުރާށެވެ. އެ ކުޅިވަރަކީ ފުޓްބޯޅަ، ބެޑްމިންޓަން ނުވަތަ ފުޓްސަލް ފަދަ އެ ކުޅުމުން ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ ކުޅިވަރަކަށް ވާންވާނެއެވެ. ހަމައެކަނި ދުވެލަން ދިއުމަށްވުރެ ތިމާ ކުޅޭހިތްވާ ކުޅިވަރެއް ކުޅުމުގައި ސާބިތުވެ ހުންނަން ބޮޑުތަނުން ވެސް ފަސޭހަވާނެއެވެ. ސަބަބަކީ ކުޅިވަރަކީ އޭގައި “އެންޓަޓެއިންމެންޓް” އެކުލެވޭ ކަމަކަށް ވުމެވެ.

ކޮންމެ އުސޫލެއް ބޭނުން ކުރިކަމުގައިވީ ނަމަވެސް މީހާ ފަލަވުމާއި ދުރުވާން ބޭނުންނަމަ ކެއުން މަދުކުރުން ނުވަތަ ފަލަވާ ޒާތުގެ ކާނާ ކެއުމުން ދުރުހެލިވާން ޖެހޭނެއެވެ. އެހެންނޫން ނަމަ ކުޅިވަރު ކުޅެ ކަސްރަތު ކުރުމަކުން ހަށިގަނޑުން އެ ބަދަލު ފެނުމަކީ ވަރަށް ދުރުކަމެކެވެ. އަދި އަޒުމަކާއި “ޓާގެޓެއް”  އޮތުމަކީ ވެސް މުހިންމު ކަންކަމެވެ. އެންމެ ފަސޭހަގޮތަކީ ބަރުދަން ބޮޑުތަނުން އިތުރުވެގެން ދިއުމުގެ ކުރިން، “ފިޓްކޮށް” ހުންނަ ދުވަސްވަރު އެކަމަށް ސަމާލުކަން ދިނުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.