އެއްމެ ތުއްތު އިރުންސުރެން، އަހަރެން ބާކީ ކޮށްލުމުން ކުރެވުނު ތަޖުރިބާ ތައް ހަމަ ކޮންމެ ދުވަހަކުވެސް އަހަރެންގެ ހަނދާނުގައި ހުރެ އެވެ. އޭރު އަހަންނަށް އަޅައިލާނެ އެއްވެސް މީހަކު ނުހުރެ އެވެ. އެއީ އަހަންނަށް ނަރަކައެއްގައި އުޅެންޖެހުނު ފަދަ ދުވަސްވަރެކެވެ.

އަހަރެންގެ މަންމައާއި ބައްޕަ އަކީވެސް މަސްތުވާތަކެތީގެ އަޅުންނަށް ވެފައިތިބި ދެމީހުންނެވެ. އަހަރެން ހެދިބޮޑުވަމުން އައި ދުވަސްވަރު، އަހަންނަށް އަސާސީގޮތުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދޭނެ ހަމަ އެކަކުވެސް ނެތެވެ. ކައްކާފައި ކާންދޭނެ މީހަކު ނެތެވެ. ފެންވަރުވައި ފުނާ އަޅައިދޭނެ ހަމަ އެކަކުވެސް ނެތެވެ. އަހަރެން ސްކޫލަށް ދޭތޯ ނުވަތަ ނުދޭތޯ މަންމަ ބަލައިވެސް ނުލަ އެވެ. މަންމަ އަބަދުހެން އޮންނާނީ ކޮޓަރީގައެވެ. މަސްތުގެ ޙާލަތުގަ އެވެ. މިހާރުގެ ގޮތަށް ބުނާނަމަ ‘ނައިސް ވެ ވާނުވާ ނޭނގިފަ’ އެވެ. އަހަރެން މަދަރުސާއަށް ދާން ބޭނުންވީ މަންމަމެން ގެ ދިރިއުޅުންފަދަ ބަނަ ދިރިއުޅުމަކަށް އަހަރެންގެ ދިރިއުޅުން ވިއަނުދިނުމަށެވެ. މަދަރުސާއަށް ދިޔުމުން، ގޭތެރޭގެ ކަންކަން ރަނގަޅުވާނެ ކަމަށް އަހަރެން ހިތަށް އަރުވަން ބޭނުންވިޔަސް، އެހެން ހިތަށް އެރުވޭކަށްވެސް ނެތެވެ. އަހަރެންގެ ގެއަށް ފުލުހުން އައިސް ބަލައި ފާސްކުރަން ފެށުމުގެ ކުރިން ވެގެން އުޅެނީ ކީއްކަމެއް ދެނެހުރި ހަމަ އެކަކުވެސް ގޭގައި ނެތެވެ.

އަހަރެންގެ އުމުރުން ވަރަށް ޅަފަތުގައި ޢާއްމުކޮށް ގޭގެ ދޮރުހުޅުވައިދީ ނުވެސް ދަންނަ ބީރައްޓެހިން ވައްދައިދޭން ވަރަށް ގިނައިން ޖެހުނެވެ. އެއީ އަހަރެން އިންތިހާއަށް ބިރުންހުރެ ކުރަން ޖެހުނު ކަމެކެވެ. އޭރު އެ އަންނަ މީހުން އައިސް މަންމަ ގެ ކޮޓަރިއަށް ވަދެއުޅުނީ ކީއްކުރަން ކަމެއް އަހަންނަކަށް އޭރަކު ނޭނގެ އެވެ. އަހަންނަށް މަންމަ ފެންނަނީ ވަރަށް މަދު ފަހަރަކު އެވެ. އެއީވެސް އަހަންނާއި ދިމާއަށް މަންމަ ހިތުހުރި އެއްޗެއް ކިޔައިލުމަށް ކޮޓަރިން ނިކުމެ އުޅުނު މަދު ފަހަރެއްގަ އެވެ.

ގިނަފަހަރަށް ގޭގައި އުޅެން ޖެހެނީ އަހަރެން އެކަންޏެވެ. މަންމަމެން ގޭގައި އުޅުނަސް އެމީހުންނަކީ ނެތްފަދަ ބައެކެވެ. އެމީހުން އަބަދުވެސް ‘ނައިސްވެފައި’ ތިބޭތީ އެވެ. އަހަންނަށް ކުރެވުނު އެއްމެ ހިތި އެއް ތަޖުރިބާ އަކީ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އަހަރެން އުޅެން ޖެހުނު އެކަނިވެރި ހާލެވެ. ސްކޫލުން ގެއަށް އާދެވުނު އިރު، މުޅި ސަރަޙައްދު އޮތީ ފުލުހުން ކޯޑަން ކޮށްފައެވެ. ގޭގެ ދޮރާށީގައި ހުރީ ފުލުހުންގެ ނޯޓިސް އެއް ތަތްކޮށްފަ އެވެ. ގެއަށް ވަންނަން އުޅެ ގެއަށް ނުވަދެވިގެން ތެޅެން ޖެހުނު ގޮތްތައް ކިޔައިދޭންވެސް ދައްޗެވެ. ފުލުސް އޮފީހަށް މަންމަ ގެންގޮސް އެ ހުރިހައި ކަމެއް ވެގެން ދިޔައިރު، އަހަރެން ސްކޫލް ގައި ހުރިކަން އަވަށްޓެރިންނަށް އެނގިތިބެ އެކަން އެއްވެސް ބައެއްގެ ސަމާލުކަމަށް އެކަކުވެސް ނުގެނެސްދެ އެވެ. އެއްމެ ކުޑަމިނުން ސްކޫލަށްވެސް އެކަން އަންގައިނުލަ އެވެ. އަވަށްޓެރިންވެސް ތިބެނީ މަންމަ މެންގެ ވިޔާނުދާ އުޅުން ހުންނަ ގޮތުން މުޅިން ފޫހިވެފަ އެވެ.

ކޮންމެއަކަސް ދަންވަރު އެއްމެން ނިދަންދެން އެތަން މިތަނުގައި އުޅެފައި އަހަރެންގެ ގެ ހުންނަ ސަރަޙައްދަށް ދިޔައިމެވެ. ޖެހިގެން ހުންނަ ގޭ ގޯތި ތެރެއަށް ސިއްރުން ވަދެ، އެ ގޭގައި ހުރި ކުންނާރު ގަހަށް އަރައިގެން އަހަރެންގެ ގޭގެ ފާޚާނާ އެއްގެ ފެންލައިޓު ތެރެއިން ގެއަށް ވަނީމެވެ. ގެއަށް ވަދެ ފެންފޮދެއް ބޮއެގެން ބަދިގެއަށް ވަދެ ބަލައިލިއިރު ކާނެ އެކައްޗެއްވެސް ނެތެވެ. ކާ މޭޒުމަތީގައި ބަހައްޓާފައި ހުރި ޕާނެއް ލޮލުގައި އަޅައިގަތުމުން ޕާން ނެގީމެވެ. ޕާނުގައި އެއްކޮށް އޮތީ ފޫޖަހާފަ އެވެ. އެހެންނަމަވެސް، ހޮޑަށް އޮބެމުން، ގަދަކަމުންވެސް ޕާން ފޮއްޗެއް ކެއިމެވެ. ޕާން ފޮތި ކައި ނިމުނުތަނުން ބައްޕަ އައިސް ގެއަށް ވަނެވެ. އޭރުވެސް ބައްޕަ ހުރީ މަސްތުގެ ހާލަތުގަ އެވެ. އެ ރޭ ވެގެން ދިޔައީ އަހަރެންގެ ހަޔާތުގައި ދިމާވި ވަރަށް ދިގު ރެއަކަށެވެ.

ބައެއް ފަހަރަށް އަހަރެންގެ އަމިއްލަ ނަފުސު ދެކެ ވަރަށް ރުޅި އާދެވެއެވެ. މަންމަ އާއި ބައްޕަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބޭއިރު އަހަރެންގެ ފަރާތުން އެމީހުންނަށް އެހީތެރިކަމެއް ނުދެވޭތީ އެވެ. މަންމަ މެންނާއި ވާހަކަ ދައްކައިގެން އެމީހުން އެ ވަބާ އިން މިންޖުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްނުދެވޭތީ އެވެ. މަންމަ ކައިރީގައި މަސްތުވާ ތަކެތި ބޭނުން ކުރަން ނުވާނެ ކަމަށް ބުނުމުން އެމީހުން އަހަންނާއިދިމާ އަށް އެތިވަރު ގޮވީކީ އަމަށަކު ވަރަކަށް ނޫނެވެ. އެއްމެފަހުން އަހަންނަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ.

މަންމަމެންގެ ހާލާއިމެދު އަހަންނަށް ވިސްނެންފެށީ ވަރަށް ބޮޑަށެވެ. އަހަރެންގެ ދިރިއުޅުމާއި މެދު ހިތާމަކޮށް ރޮއެހެދުމުގައި ހަމަ ކޮންމެ ރެއެއް ހޭދަކުރަމުން ދިޔައީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބި އެވެ. އެއްމެފަހުން އަހަރެންވެސް މާޔޫސްވެ ގޮތް ހުސްވިއެވެ. އުމުރުން އެއްމެ 14 އަހަރުގައި އަހަރެން ޑިޕްރެޝަން އަށް ދިޔަކަން ޑޮކްޓަރެއް ނުބުންޏަސް އަމިއްލައަށް ވެސް އެނގެން ފެށިއެވެ. މަންމަ މެންނަށް ނަސޭހަތްދީ މަސްތުވާތަކެތިން ލިބޭ ގެއްލުންތައް ކިޔައިދިން މީހާއަށްވެސް އެއްމެފަހުން މަސްތުވާ ތަކެއްޗާއި ކައިރިވެވިއްޖެ އެވެ. އަހަރެން ކިތަންމެ ބޭނުން ނޫނަސް ގޭތެރެއިން ލިބެން ހުރުމުން އެއްމެފަހުން މަސްތުވާ ތަކެތި ޓެސްޓުކޮށްލުމަށް ނިންމީމެވެ.

އެއީ މަންމަ އާއި ބައްޕަވެސް ގޭގައި ނޫޅޭ ރެއެކެވެ. އެމީހުން އެރޭ ވީ ކައިރީގައި އޮތް ކޮންމެވެސް ސަފާރީ އަކަށް ގޮހެވެ. ދިޔައީ ކީއްކުރަންކަން އަހަރެން ނުބުންޏަސް ކިޔުންތެރިންނަށްވެސް އެނގޭނެއެވެ. ކޮންމެއަކަސް މަންމަ ގެ ކޮޓަރިއަށް ވަދެ ތަންތަން ބަލަނިކޮށް މަސްތުވާ ތަކެތި ފެނިއްޖެ އެވެ. އެ ބޭނުން ކުރާނެ ސާމާނުވެސް މަންމަގެ އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި ހާމައަށް ހުއްޓެވެ. މަސްތުވާތަކެތި ބޭނުންކުރާގޮތް އެހާ ރަނގަޅަށް ނޭނގުނަސް އަހަންނަށް އެނގުނު ގޮތަކަށް ބޭނުންކުރީމެވެ. ކުއްލިއަކަށް އަހަންނަށް މޮޅު ގޮތެއް ވިސްނިއްޖެ އެވެ. އަހަންނަށް ވިސްނުނު ޕްލޭން ކާމިޔާބު ކުރުމަށްޓަކައި ‘އޯވަރޑޯޒް’ ވާވަރަށް ބޭނުން ކޮށްލީމެވެ. އަހަރެން ބޭނުންވީ މަންމަ މެންނަށް ފިލާވަޅެއް ދޭށެވެ. ނަމަވެސް ހިތާމައަކީ އެކަމުން މަންމަމެންނަށް ހަމަ އެއްވެސް އަސަރެއް ނުކުރި ކަމެވެ. އަހަރެން އޯވަރޑޯޒް ވެފައި އޮއްވާ ފެނުނީ މަންމަމެން ހޯދަން އައި ބަޔަކަށެވެ. ނަސީބަކުން އެމީހުން އަހަރެން ހޮސްޕިޓަލަކާއި ހަމައަށް ގެންދިޔަ އެވެ. ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރިއަށް އަހަރެން ވެއްދުމަށްފަހު އެމީހުން ފިލައިގެން ދިޔައީ އެވެ.

ހޮސްޕިޓަލުން އަހަންނަށް ފަރުވާ ދިނެވެ. އޯވަރޑޯޒް ކޭސް އަކަށް ވާތީ ފުލުހުން ނަށް އެންގިއެވެ. އަހަރެންގެ ކޭސް އާއި ފުލުހުން ހަވާލުވުމަށްފަހު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރާ ބަޔަކާއި އަހަރެން ހަވާލު ކުރި އެވެ. އަހަރެންގެ ދިރިއުޅުން މުޅިން އައު މާހައުލަކަށް ބަދަލުވި އެވެ. އަހަންނަށް ދޭން ފެށި ކައުންސިލިން ސެޝަން ތަކުގައި އަހަރެންގެ މަންމަ މެން މަސްތުވާތަކެތި ބޭނުންކުރާ ވާހަކަ އެމީހުން ކައިރީގައެއް ނުބުނަމެވެ. ކުރިން އަހަރެންގެ ހާލާއި، އަހަރެންގެ މަންމަ މެންގެ ވާހަކަތައް ސްކޫލް ގެ ލީޑިންގ ޓީޗަރަކަށް ކިޔައިދިނީމެވެ. ނަމަވެސް އެމީހުން ނިންމީ އަހަރެން ކަހަލަ ކިޔެވުމަށް ރަނގަޅު، ކިޔަމަންތެރި ކުއްޖެއް އެފަދަ ހާލެއްގައި ނޫޅޭނެ ކަމަށް ކަން މިއަދުވެސް އަހަރެންގެ ހިތަށް އަރައެވެ. މިހެން މިބުނީ އެމީހުން އެކަން އެހައި ބޮޑުކަމަކަށް ނެގިކަން އަހަންނަށް އެނގިފައި ނެތީމަ އެވެ.

އަހަރެން މިއަދު ހުންނަން ޖެހިފައި މިވާ ޙާލަތުގައި ހުރި ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ގެންދާނީ ދިރިއުޅުމުގައި އެއްވެސް ކަމެއް ގޯސް ނޫންކަން ދެއްކުމަށެވެ. ނަމަވެސް އަހަންނަށް ހިމާޔަތާއި ރައްކާތެރިކަން ދިން މީހުން އެގޮތަށް ޤަބޫލު ކުރާކަށް ބޭނުމެއް ނުވި އެވެ. “އަހަރެން އޯކޭ އޭ، އެއްވެސް ކަމެއް ނުވެޔޭ” ބުނެ ދެމުން ދިޔަ ޖަވާބު އެމީހުން ޤަބޫލެއް ނުކުރި އެވެ. އެމީހުން އަހަރެންގެ ހަށިގަނޑުގެ ޙަރަކާތްތައް (ބޮޑީ ލޭންގުއޭޖަށް) ދެނެގަނެ، އަހަރެން އޯކޭ ނޫންކަން ޔަޤީން ކުރި އެވެ. އަދި އެއްވެސް ފޮރުވުމެއް ނެތި ހުރިހައި ވާހަކަތަކެއް ކިޔައިދިނުމަށް ހިތްވަރު ދިނެވެ.

ކައުންސިލިން ގެ ސެޝަންތަކުގައި އެކި ދުވަހު ވާހަކަ ދެއްކީ އެކި މައުޟޫއަށެވެ. އެގޮތުން އެއްދުވަހަކު ވާހަކަ ދެކެވުނީ ‘ކުރެވޭ އިޙްސާސް ތަކުގެ’ މައްޗަށެވެ. އެ ސެޝަންއަށްފަހު އަހަންނަށް ހިތްވަރު ލިބިގެން ދިޔައެވެ. އެއްވެސް ކަމެއް ފޮރުވުމެއް ނެތި އެމީހުންނާއި ހިއްސާ ކުރުމަށެވެ. އަހަރެންގެ މައިންބަފައިންގެ ‘ބިތު ފަންގި’ ފިސާރި ރަނގަޅަށް ނެގީމެވެ. މީހުންނާއި ކަންކަން ހިއްސާކޮށް ވާހަކަ ދެއްކުމަކީ ކުރުން ވަރަށް މުހިއްމު ކަމެއް ކަމަށް އަހަންނަށް އެއްމެ ރަނގަޅަށް ވިސްނުނީ އެދުވަހު އެވެ.

އަހަރެން އެއްމެ ކަންބޮޑުވަނީ އަހަރެންގެ މަންމަ އާއި ބައްޕަ ހިނގި މަގުން އަހަންނަށް ހިނގިދާނެ ތީ އެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅާއި މިންވަރު ފުޅުން އަހަންނަށް ހިމާޔަތް ދިން ފަރާތްތަކުގެ އޯގާތެރިކަމާއި ފުރިހަމަ ތަރުބިއްޔަތުގެ ސަބަބުން އަހަރެންގެ ޙަޔާތުގެ ފަންސިގަނޑު ތޫފާނެއްގައި ޖެހި މިސްރާބު އޮޅޭގޮތެއް ނުވި އެވެ.

މިއީ އަހަރެންގެ ވާހަކަ އެވެ. މިއަދު އުމުރުން އެއްމެ 15 އަހަރުގެ ސޯފީ ގެ ވާހަކަ އެވެ. މިކަހަލަ ކިތައްމެ ކަމެއް އަބަދާއި އަބަދު މި ދިވެހި މުޖުތަމަޢުގައި އަންނަނީ ހިނގަމުންނެވެ. މުހިއްމު ކަމަކީ މިފަދަ ކަންކަން އަނެކުންނާއި ހިއްސާ ކުރުމެވެ. އެހީތެރި ވުމަށް ތިބޭ މީހުންނާއި ފަރާތްތަކުގެ އެހީތެރިކަން ފަސް ނުޖެހި ހޯދުމެވެ.

ސަމާލުކަމަށް

މި ޙާދިޘާ ގައި ބޭނުންކޮށްފައިވާ ހުރިހައި ނަންތައް އެވަނީ ބަދަލުކޮށްފަ އެވެ. ބޭނުންކޮށްފައިވާ ފޮޓޯތަކަކީ މޮޑެލް ކޮށްފައިވާ ފޮޓޯ އެވެ. މިއީ ޙަޤީޤީ ޙާދިޘާ އެކެވެ.

‘ޗައިލްޑް އެބިއުސް’ ގެ ކެޓަގަރީ އަށް ފެތޭ މިފަދަ ޙަޤީޤީ ޙާދިޘާއެއް ހިއްސާކޮށްލަން ބޭނުންނަމަ އެކަމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.