ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ތަފާތު ބޮޑު ފަސޭހަ މޮޅެއް ހޯދައިފި އެވެ.
މިއަދު ހަވީރު ފެށި މި މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ 4 ކުލަބުން ނެވެ. އެ ކުލަބްތަކަކީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް، މޯލްޑިވްސް ސޮކަރ މޭޓްސް އަދި ދަ ގްރާންޑޭ ސްޕޯރޓްސް ކުލަބެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާޒިޔާ އާއި ސޮކަރ މޭޓްސް އެވެ.
މެޗު ފެށީއްސުރެ ނިމެންދެން މެޗު ކޮންޓްރޯލްކުރި މާޒިޔާއިން ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެންމެ ފަހުން އެކުލަވައިލި އަންހެން ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާއިން މި މެޗުގެ ލީޑު ނެގީ 20 ވަނަ މިނިޓްގައި ޝަހުލާ ތައުފީޤު ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ފުރަތަމަ ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން ފަދުވާ ޒާހިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝަހުލާ ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްދީފަ އެވެ.
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ސޮކަރ މޭޓްސްއިން ލަނޑެއް ޖެހުމުގެ ކުރިން މާޒިޔާއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަފިނާ ރުޝަނިޔާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފަދުވާ ޒާހިރު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މާޒިޔާއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފަދުވާ ޒާހިރު އެވެ.
ދެވަނަ ހާފުގައި ވެސް މާޒިޔާއިން ވަނީ ތަފާތު ބޮޑު، މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ސަފިނާ ރުޝަނިޔާ ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. އަދި ސަފިނާ ރުޝަނިޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި 56 ވަނަ މިނިޓްގައި މާޒިޔާގެ ހަތްވަނަ ލަނޑު ޖަހައިދިނީ ފަދުވާ ޒާހިރު އެވެ. މިއީ މި މެޗުގައި ފަދުވާ ޖެހި ދެވަނަ ލަނޑެވެ. މާޒިޔާއިން އެ ޓީމުގެ އަށްވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހުކޮޅު ސަފިނާ ރުޝަނިޔާ އެވެ.
8-0 އިން މާޒިޔާ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާއަށް ހަތަރު ލަނޑު ޖަހައިދިން ސަފިނާ ރުޝަނިޔާ އެވެ.
މި މުބާރާތުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. މި މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ދަ ގްރާންޑޭ އެވެ. ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:00 ގައެވެ.
