ޔުއެފާ ޔޫރޯ 2020 ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ލަގްޒެމްބޯގް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ޕޯޗުގަލް އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ލަގްޒެމްބޯގް ގެ ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ފީފާ ރޭންކިންގެ 96 ވަނައިގައި އޮތް ލަގްޒެމްބޯގް ގެ ގޯލް ހުޅުވާލެވުނީ މެޗުގެ 39 ވަނަ މިނެޓުގައެވެ. ބާނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލް ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑެޒް އެވެ. މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޕޯޗުގަލް ކަމަށްވިޔަސް، އެޓީމު ހުއްޓުވުމަށް ލަގްޒެމްބޯގުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި ކަން ފާހަގަކޮށްލެވެއެވެ.

ޕޯޗުގަލްގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗުގެ 86 ވަނަ މިނެޓުގައި ރޮނާލްޑޯ އެވެ. ޕޯޗުގަލްގެ ޒުވާން ފޯވާޑް ޑިއޯގޯ ޖޮޓާ ގޯލަށް ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވަންނަނިކޮށް، ގޯލުގެ ރޮނގުމަތިން ރޮނާލްޑޯ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ރޮނާލްޑޯގެ މި ގޯލާއެކު އޭނާ ވަނީ ގައުމީ ޓީމަށް 99 ގޯލް ހަމަކޮށް، އިރާންގެ އަލީ ދާއީ ގެ ރެކޯޑާ ކައިރިކޮށްލާފައެވެ. އަލީ ދާއީ ގެ ރެކޯޑް މުގުރާލުމަށް ރޮނާލްޑޯ ބޭނުންވަނީ 11 ގޯލް ކަން ފާހަގަކޮށްލެވެއެވެ.

ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވިއިރު، ޔޫކްރެއިން ވަނީ ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫރޯ އަށް ކޮލިފައިވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.