އިކުއެޑޯ ގެ މެދުތެރޭ ސަރަހައްދެއްގައި ހުރި ސެލާންގޯ ނަމަކަށް ކިޔާ އާކިއޮލޮޖިކަލް ސައިޓެއް ކޮންނަމުން ދަނިކޮށް ކުޑަކުދިންގެ ކަށްބޮލުން ހަދާފައިވާ ހެލްމެޓް އަޅުވާފައި އޮތް ދެ ތުއްތު ކުދިންގެ ކަށިތަކެއް ފެނިއްޖެއެވެ.
2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް މި ކަށްވަޅުތައް ކޮނުނު އާކިއޮލޮޖިސްޓުންގެ ޓީމުން އެމީހުންގެ ހޯދުންތަކާއި ބެހޭ ގޮތުން، ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ބޮލުގެ ނާށިގަނޑު ބޭނުންކޮށްގެން ހަދާފައިވާ ހެލްމެޓް އަޅުވާފައި އޮތް ދެ ތުއްތު ކުދިންގެ ކަށިތަކުގެ އިތުރުން، އެހެން ނުވަ މީހެއްގެ ކަށިތައް ވެސް ފެނިފައިވާ ކަމުގައެވެ.

އާކިއޮލޮޖިސްޓުން ބުނާގޮތުގައި އެ ތުއްތު ކުދިން ވަޅުލާފައި ވަނީ މީގެ 2100 އަހަރު ކުރީންނެވެ. މިހޯދުމަކީ މިހާތަނަށް ހޯދުނު މިފަދަ ހަމައެކަނި ހޯދުން ކަމުގައި އާކިއޮލޮޖިސްޓުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެ ތުއްތު ކުދިންނާއި، ކުޑަކުދިން މަރުވެފައިވަނީ ކިހިނެއް ކަމެއް އަދި ސައިންޓިސްޓުންނަށް ހޯދިފައިނުވެއެވެ.
ކުޑަކުދިންގެ ކަށްބޮލުން ހަދާފައިވާ މި ހެލްމެޓް، ތުއްތު ދެ ކުދިންގެ ބޮލުގައި އަޅުވާފައި އޮތީ ފުދޭ ވަރަކަށް ބާރުކޮށް ކަމަށް އާކިއޮލޮޖިސްޓުން ބުނެފައިވެއެވެ. އާކިއޮލޮޖިސްޓުން ފާހަގަކޮށްފައިވާ ގޮތުން ކުޑަކުދިންގެ ކަށްބޮލުން ހެލްމެޓް ހެދިއިރު އޭގައި މަސް ހުރުން އެކަށީގެންވެއެވެ.
މިގޮތަށް ކުޑަކުދިންގެ ކަށްބޮލުން ހެލްމެޓް ހަދައިގެން ތުއްތު ކުދިންގެ ބޮލުގައި އަޅުވާފައިވަނީ ކީއްވެގެން ކަން އާކިއޮލޮޖިސްޓުންނަށް ހޯދިފައިނުވާއިރު، އެމީހުން ލަފާކުރާ ގޮތުގައި މިކަން ކޮށްފައި ވަނީ އެ ތުއްތު ކުދިން ނުބައި ރޫހް ތަކުގެ ކިބައިން ސަލާމަތްކުރުމަށެވެ.

ތަޖުރިބާކާރުން އެސަރަހައްދުގައި މީގެ ކުރިން ހެދި ދިރާސާއެއްގައި ބުނެފައިވަނީ އެސަރަހައްދުގައި އަލިފާން ފަރުބަދަ އެއް ގޮވާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ބެލެވޭގޮތުގައި އެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ދަނޑުބިންތައް ހަލާކުވީއެވެ.
ފަހުން މި ފެނުނު ތުއްތު ކުދިންގެ ކަށިތަކުން އެކުދިން ބަނޑުހައިހޫނުކަން ތަހައްމަލުކޮށްފައިވާކަން ހޯދި ހޯދުންތަކުން ދެނެގަނެވުނު ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ.
