ދެހާސް ވިހިވަނަ އަހަރު ރިލީޒްކުރާނެ ދިވެހި ފިލްމު ތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ފިލްމަކަށް ވާނެކަމަށް ބެލެވޭ ފިލްމު “ނޮވެމްބަރ“ގެ ޝޫޓިން ސިންގަޕޫރުގައި ފަށައިފިއެވެ. ފިލްމުގެ ޝޫޓިންއަށް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ޓީމު ސިންގަޕޫރަށް ދިޔައީ އިއްޔެވެ.

ފިލްމުގެ 40 އިންސައްތައަށް ވުރެން ބޮޑު ބައި ރާއްޖޭގައި ޝޫޓްކޮށްފައިވާއިރު، އިއްޔެ ސިންގަޕޫރަށް ދިޔައީ ފިލްމުގެ ލީޑް ކާސްޓް ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާގެ އިތުރުން ޑައިރެކްޓަރ/ސިނަމޮޓޮގްރާފަރ ޢަލީ ޝިފާޢު (ޗިއްޕެ) އާއި ސިނަމޮޓޮގްރާފަރ އަޙްމަދު ޝިނާން އެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ “ނޮވެމްބަރ“ގެ ސިންގަޕޫރުގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމަށް 05 ޑިސެމްބަރުގެ ނިޔަލަށް މަސައްކަތް ކުރާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުންޏެވެ. ސިންގަޕޫރުގެ ޝޫޓިންގައި 11 ވަރަކަށް އެކްޓަރުން ހަރަކާތްތެރިވާނެ ކަަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމުގެ ލަވަ ތަކުގެ މަސައްކަތް ވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ. މި ފިލްމުގެ ލަވަތައް ނެރުމަށް ހަމަޖެހިފައިވަނީ ލަވަތައް އެއްކޮށް ނިންމުމަށް ފަހުގައި ކަމަށް މޮގާ ބުނެއެވެ.

ފިލްމުގެ “ނޮވެމްބަރ” ޝޫޓިން މާލޭގައި ފެށުމަށްފަހު، ލ. އަތޮޅުގެ ގަންފޮނަދޫ ސަރަހައްދުގައި ވެސް މަންޒަރުތަކެއް ޝޫޓްކޮށްފައިވެއެވެ. އެއަށްފަހު ކ. ތުލުސްދޫގައި ޝޫޓްކުރުމަށްފަހު އަނެއްކާވެސް މާލެ އާއި ވެލާނާ އެއާޕޯޓްގައިވެސް ވަނީ މަންޒަރުތަކެއް ނަގާފައެވެ.

ފިލްމު “ނޮވެމްބަރ”ގެ ޝޫޓިންއަށް ފަހު ބައިވެރިން ވެލާނާ އެއާޕޯޓްގައި -ފޮޓޯ: ނޮވެމްބަރ

ނޮވެމްބަރ“ގައި ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމަށް މޮގާ ބުނެފައިވާއިރު، މިދިޔަ ހަފުތާގައި މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް، ހުނަރުވެރި ލަވަކިޔުންތެރިޔާ މޭނާ ހައްސާނާއި ޝަލަބީ އިބްރާހިމް ހިމަނައިގެން މަންޒަރުތަކެއް ނަގާފައިވެއެވެ. މީގެ އިތުރުން ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ޞާދިޤް (ސޯދުބޭ) ހިމެނޭ މަންޒަރުތަކެއްވެސް ނަގާފައިވެއެވެ.

ދިވެހިބަހުގެ އުސްތާޒު، ސޯދުބޭ ހިމަނައިގެން “ނޮވެމްބަރ”ގެ މަންޒަރުތަކެއް ނަގަނީ -ފޮޓޯ: ނޮވެމްބަރ

ފިލްމުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ އާއި އައިޝަތު ޢަލީ އަދި އިސްމާޢީލް ވަޖީހު ހިމެނެއެވެ. މި ފިލްމަކީ ލޯބީގެ ފިލްމެއް ކަަމަށް ޑާކްރެއިން އިން ބުނެފައިވެއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.