އަހަންނަކީ ހުވަދުއަތޮޅު ރަށަކަށް ނިސްބަތްވާ މާލޭގައި ދިރިއުޅެމުން އަންނަ 35 އަހަރުގެ ފިރިހެނަކީމެވެ. އަހަރެންގެ ނަމެއްކަމަށް މި ވާހަކައިގައި ޔޫނުސް ބޭނުންކޮށްލާނަމެވެ. އަހަރެން މި ކިޔައިދޭން އުޅޭ ވާހަކަތަކަކީ އަޑު އަހާލަން ނުވަތަ ކިޔާލަން ފަސޭހަ ވާހަކަތަކަކަށް ނުވެދާނެ އެވެ. އަދި މި ކިޔައިދޭ ކަންތައްތަކާއި އެއަކަހަލަ ކަންތައްތަކެއް ތިބާ އަށްވެސް ދިމާވެފައި ހުރެދާނެ އެވެ. މި ވާހަކައިގައި އަހަރެންގެ ހަޔާތުގެ އެކި ހިސާބުގައި ކުރިމަތިލާން ޖެހުނު ސިހުރުހާހޫރައިގެ ކަންތައްތަކާއި ޖިންނީގެ އުނދަގުލާއި ކުރިމަތިލާން ޖެހުނު ކަންތައްތައް ހިމަނާލެވިފައި ވާނެއެވެ. އުއްމީދަކީ މި ވާހަކަތަކުން ކިޔުންތެރިންނަށް ފިލާވަޅުތަކެއް ލިއްބައިދިނުމެވެ.

ކުރިންވެސް ބުނިހެން އަހަންނަކީ ހުވަދުއަތޮޅު ރަށަކަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އަހަރެންގެ ޢާއިލާ ދިރިއުޅެމުން އަންނަނީ މާލޭގަ އެވެ. އަހަންނަށް މައްސަލަތަކާއި ކުރިމަތިވާން ފެށީ އުމުރުން 21 އަހަރުގަ އެވެ. އެއީ އަހަރެންގެ ބައްޕަގެ ދައްތަގެ އަންހެންދަރިއަކާއި ކައިވެނިކުރަން ޖެހުނު ހިސާބުންނެވެ. އަހަރެން ފިރިހެނަކަސް، އަދި މިއީ އިންޑިއާ ނޫނަސް، އަހަރެންގެ ބައްޕައާއި، ބައްޕަގެ ދައްތަ ނުވަތަ އަހަރެންގެ ބޮޑުދައިތަގެ ޢާއިލާއިން ނިންމީ އަހަންނާއި ބޮޑުދައިތަގެ އަންހެން ދަރިފުޅާއި ކައިވެނި ކުރުވާށެވެ. އަހަންނަށް މަޖުބޫރު ކުރުވައިގެންނެވެ. ނަމަވެސް އަހަރެން އެކަން ކުރާކަށް ބޭނުމެއް ނޫނެވެ. އޭރު އަހަރެންގެ ހަޔާތުގައި އަހަރެން ލޯބިވާ އެހެން ކުއްޖެއް ހުރީމައެވެ. ޢާއިލާއިން ކުރިމަތިވި މަޖުބޫރީ ޙާލަތުގެ ސަބަބުން އަހަރެން ނިންމީ އަހަރެންގެ ޢާއިލާ އާއި މައިންބަފައިންނާއި ވަކިވުމަށެވެ. އަހަންނަކީ އުމުރުން 19 އަހަރުން ފެށިގެން މި ޒަމާނާ އެކަށީގެންވާ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއްގައި އުޅޭ މީހެއްކަމުން، އަހަރެން ރައްޓެހި ދެކުދިންނާއެކު ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅުން ބަދަލުކޮށްލީ އެ ކޮޓަރިއަށެވެ.

އަހަރެން ހީކުރީ ގަދަކަމުން ކައިވެނި ކުރުވަން އުޅުނު ކަންތައްގަނޑުން ސަލާމަތް ވެވުނީ ކަމަށެވެ. ބައްޕަމެންނަށް އެއްޗެއް ވިސްނި، އެމީހުން ކުރަން އުޅުނު ކަންތައް ހުއްޓާލާނެ ކަމަށެވެ. ނަމަވެސް އެމީހުން ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެމީހުން ދިޔައީ ސިހުރުފަންޑިތަ ހަދާ މީހެއްގެ ކައިރިއަށެވެ. އެމީހުން ހެއްދީ ފިސާރި އެތިފަހަރެކެވެ. އަހަރެން އެނބުރި ގެއަށްދާހިތް ޖެއްސުމަށާއި ބޮޑުދައިތަގެ އަންހެން ދަރިފުޅާއި އިންނަން ރުހޭގޮތް ހެދުމަށް ހެދި އެތިފަހަރެކެވެ. އަހަންނަށް މިކަން އެނގުނީ އަހަރެންގެ ކޮއްކޮއެއްގެ ފަރާތުންނެވެ.

ބައްޕަމެން، އެ ހެއްދި އެއްޗެއް ހެއްދިތާ ހަފުތާއެއްވެސް ނުވާނެ އެވެ. އަހަރެން އާދަޔާ ޚިލާފަށް ބިރުގަންނަން ފެށިއެވެ. ބިރުގަންނަނީ ވަކިއެއްޗެއް ދެކެ ނުވަތަ ވަކި ކަމެއް ދެކެއެއްވެސް ނޫނެވެ. ހަމަ ބިރުގަންނަނީއެވެ. ބިރުގަންނަނީ މިވެނިކަމަކާއޭ ބުނާކަށްވެސް ނޭނގެއެވެ. އަހަރެން ވަރަށް އަވަހަށް މަރުވެދާނެކަމަށް ހިތަށް އެރިއެވެ. މަރުވުމުގެ ކުރިން ޢާއިލާ ކައިރިއަށްގޮސް، އެމީހުންގެ ކައިރީގައި ހުއްޓާ މަރާއި ބައްދަލުކުރުން ރަނގަޅުވާނޭ ހިތަށް އަރަން ފެށިއެވެ. އަހަންނަށް އަޑުވީއްލާ ރޮވޭ ފަހަރުވެސް ކުރިމަތިވިއެވެ. ގައިގައި އެއްވެސް ހަކަތައެއް ނުހުރެ އެވެ. ގައިގެ ހުރިހައި ހުޅުހުޅުގައި ރިއްސަންފެށިއެވެ. ހުރެވެނީ ރުޅިވެސް ގަދަވެފައެވެ. އެއްމެފަހުން އަހަރެންގެ ރޫމް މޭޓުންނާއި ޒުވާބުވެސް ކުރެވެން ފެށިއެވެ. ކޫސަނި ކަންތައްތައް ނަގައިގެންނެވެ. ޖިންނި ޝައިޠާނުންނާއި ސިހުރުހާހޫރައިން މިފަދަ ކަންތައްތައް ވާކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ. އަހަރެން ހީކުރަމުން ދިޔައީ، ރުޅިގަދަވުމާއި، ބިރުގަތުން އަދި ގައިގެ ތަންތަނުގައި ރިއްސުންފަދަ ކަންތައްތައް ކުރިމަތިވަމުން ދިޔައީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އަހަންނަށް އެނގެއެވެ. އޭރު އެކަންކަން ދިމާވީ ސިހުރު މެދުވެރިކޮށް ޖިންނިއެއްގެ ޒަރީޢާއިން ނެވެ. އަހަރެންގެ ބައްޕައާއި ބޮޑުދައިތަ ހެއްދި އެތިފަހަރަކީ ކޮންމެ ގޮތަކުންވިޔަސް އަހަރެން އެމީހުންގެ ކައިރިއަށް ދާންޖެހޭ ވަރުގެ އެތިފަހަރެކެވެ. އެމީހުން ބޭނުންވިގޮތަށް، އަހަރެން އެމީހުންގެ ކައިރިޔަށް ދާންވެސް ޖެހުނެވެ. މުޅި ގައިގައި ރިއްސުމާއި، އާދަޔާ ޚިލާފަށް ބިރުގަތުމާއި، މަރުވެދާނެކަމަށް އަބަދު ހީވެ ހީވެ ހުރުމާއި، ކުރިއާ ޚިލާފަށް މާ ބޮޑަށް މަންމައާއި ބައްޕަ ދެކެ ލޯބިވާން ފެށުމާއި މީގެ އިތުރުން އަހަރެންގެ ރޫމް މޭޓުންނާއި ޒުވާބުކޮށް އަރައިރުންވުން ފަދަ ކަންތައްތަކުގެ ސަބަބުން އަހަންނަށް މަޖުބޫރުވީ އެނބުރި މަންމަމެން ކައިރިއަށް ދާށެވެ.

މަންމަމެން ކައިރިއަށް ދިޔަތާ ހަފުތާއެއް ތެރޭގައި އަހަންނަށް ކުރިމަތިވަމުން ދިޔަ އުނދަގޫތައް ކުޑަވާން ފަށައިފިއެވެ. އެއްމެފަހުން އަހަރެން އެ ކައިވެންޏެއް ކުރުމަށް ދެކޮޅުހެދި ކައިވެނިވެސް ކުރީމެވެ. އާއިލާގެ ޕްރެޝަރާއި މަޖްބޫރީ ހާލާތުގެ ސަބަބުން، ބޮޑުދައިތަގެ ދަރިފުޅާއި ކައިވެނި ކުރީ އެވެ. މިހިސާބުން ކަންތައް ނިމުނީކީ ނޫނެވެ. މިއީ ކަންތައްތަކުގެ ފެށުމެކެވެ.

ކައިވެންޏަށް ތިންވަނަ ހަފުތާ ފުރުނުތަނާ ވީ ކަމެކެވެ. އެއްދުވަހަކު ހެނދުނު އަހަންނަށް ހޭލެވުނީ އާދަޔާޚިލާފަށް ގަދަޔަށް ބޮލުގައި ރިއްސާތީވެ އެވެ. ހޭލެވިގެން ތެދުވަން އުޅެއުޅެ ތެދުވެވޭގޮތެއް ނުވި އެވެ. އަހަރެންގެ ދެފައިގައި އެއްވެސް ވަރެއް ނެތެވެ. އަހަންނަށް ލިބުނު ޝޮކެއްގެ ވާހަކަ ބަޔާންކުރަންވެސް ދައްޗެވެ. މަންމައާއި ބައްޕައަށް ގޮވަން ފެށީ އަޑަށް ލެވުނުހައި ބާރެއް ލާފައެވެ. މަންމަމެން އަހަރެންގެ ކޮޓަރިއަށް އައިސްވަނީވެސް ހަމަ އެހާމެ އަވަހަށެވެ. ވީ ކީއްތޯ އަހައި އޮޅުންފިލުވަން ފެށިއެވެ. އަހަންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. މުޅި މީހާ ތުރުތުރުލާން ފެށިއެވެ. އަނގައިން ފޮނު ނިކުމެފައި ފިޓްޖެހޭގޮތްވެ ގަޔަށް ބާރު އަރަން ފެށިއެވެ. ގައިގެ އެއްފަޅި ފިނިކަމުން ގަނޑުފެންކޮޅެއްހައި ފިނިއިރު، އަނެއްފަޅި ހޫނުކަމުން އެހާމެ ހޫނެވެ. މަންމަމެން އަހަރެން ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރުން އަހަރެން ބެލުމަށްފަހު ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެންގެ ހަށިގަނޑުގެ ކަނާތްފަޅި އާދަޔާ ޚިލާފަށް ހޫނުވެފައި، ވާތްފަޅި އެހާމެ ބޮޑަށް ފިނިވެފައިވަނީ ކީއްވެގެންކަން ބުނެދޭކަށް ނޭނގުނެވެ. އޭރު އަހަންނަށް އޮވެވުނީ ކުރިއަށްވުރެންވެސް ބޮޑަށް، މާބޮޑަށް ބިރުގެންފައެވެ. އޭރުވެސް މުޅި މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ޑޮކްޓަރުން މަންމަމެން ކައިރީގައި އަހަރެން އެއްވެސް ބޭހެއް ނުވަތަ މަސްތުވާއެއްޗެއް ބޭނުކުރިތޯ ސުވާލުކުރާ އަޑު އަހަންނަށް އިވެމުން ދިޔައެވެ. ނަމަވެސް އަހަންނަކީ ދުވަހަކުވެސް މަސްތުވާއެއްޗެއް ބޭނުންކުރި، އަދި ކުރާނެ މީހެއްވެސް ނޫނެވެ.

އަހަރެން ގެއަށް ގެންދިޔައީ ޑޮކްޓަރުންނަށް ވާއެއް ނުވާއެއް ނޭނގޭތީ އިތުރު ފަރުވާ ހޯދަން ބޭރު ޤައުމަކަށް ދާންޖެހޭ ކަމަށް ލިޔުމެއް ދީފައި ދޫކޮށްލުމުންނެވެ. އަހަރެންގެ ކައިވެންޏަށް ތިންވަނަ ހަފުތާ ތެރޭގައި އޮންނަން ޖެހުނީ އެނދުމަތިވެފައެވެ. ހުރިހައި ރައްޓެހިންނާއި ޢާއިލާ މެންބަރުންދެކެ އަހަރެން އިންތިހާއަށް ރުޅިއައިސް ފޫހިވާން ފެށިއެވެ. އަހަރެންގެ އެއްމެ ގާތް ރަހުމަތްތެރިޔާ، އަހަރެންގެ ހާލުބަލައިލަން ދިއުމުން އޭރު އަހަންނަށް ކަންކުރެވުނު ގޮތް މިހާރުވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ރަހުމަތްތެރިޔާ އަހަރެންގެ އެނދު ކައިރިއަށް އައިސް ހުއްޓޭއިރަށް އަހަރެން ބިތްދޮށަށް އެނބުރި އޮންނަނީ ނިދާކަމަށް ހެދިގެންނެވެ. ހުރިހައި ރައްޓެހިންނާއި ތިމާގެ މީހުންނާއި އޮތް ގުޅުން ކެނޑިއްޖެއެވެ. އޭރު އެވީ ކީއްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އަހަރެންގެ ބަލި ދިޔައީ އިންތިހާއަށް ބޮޑުވަމުންނެވެ. ރޮވޭ ވަކި ސަބަބެއް ނުއެނގި ރޮވޭގޮތްވީ ވެސް މަދަކުން ނޫނެވެ. އަބަދު އޮވެވެނީ ބިރުގެންފައެވެ. އަހަރެންގެ ހަޔާތާއި މެދު އެއްވެސް އުއްމީދެއް ނުކުރެވެއެވެ. އަހަރެންގެ މުޅި ދިރިއުޅުން އޮތީ އެފުށް މިފުށަށް ޖެހިފައެވެ.

ކައިވެންޏަށް 7 ވަނަ ހަފުތާ ތެރޭގައި އެއްދުވަހެއްގެ ހެދުނު އަހަރެން އާދަޔާ ޚިލާފަށް ބިރުގެންފައި އޮތް ވަގުތެކެވެ. އަހަރެންގެ އަންހެނުން ކޮޓަރީގެ ދޮރުލައްޕައި ތަޅުލުމަށްފަހު ބުނީ އޭނާ އަހަންނާއި އެކަނި ވާހަކައެއް ދައްކާލަން ބޭނުންކަމަށެވެ. އަހަރެން އަންހެނުންކައިރީ އާދޭސްކޮށްފައި ބުނީ އަހަރެން އެކަނި އޮންނަން ދޫކޮށްލާފައި އެތަނުން ދިއުމަށެވެ. އޭރު އަހަރެންގެ ކަންފަތާއި ބުރަކަށްޓަށް ތަދުވަމުން ދިޔައެވެ. އެވަގުތު އަހަރެންގެ އަންހެނުން ބުނި ޖުމުލަ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ އެވެ. “ޔޫނުސަށް ތި ހުރިހައި ކަމެއްވެސް ތިޔަވަނީ ފަހަރުގައި ވެދާނެ އަހަރެން ކުރި ކަމަކުން ކަމަށްވެސް!”

އަޅަމުންދިޔަ ގަދަ ވޭނުގައިވެސް އަހަންނަށް އެނދުން ތެދުވެ އިށީންދެވުނެވެ. ތެދުވެ އަންހެނުން ކައިރީގައި އިށީންނީމެވެ. މި އާދަޔާ ޚިލާފު ގިލަންވެރިކަމުން ސަލާމަތްވުމަށް އެދިއެދި ހުރެވުނުލެތް ބޮޑުކަމުންނެވެ. އަންހެނުން އަހަންނަށް ކިޔައިދޭން ފެށިއެވެ. ރޮމުންނެވެ.

“ކަލެއަށް ތި ހުރިހައި ވޭނެއް ތިޔަ އަޅަނީ ހަމަ އަހަރެންގެ ސަބަބުން.”

ވެގެންއުޅޭގޮތް ރަނގަޅަށް ކިޔައިދިނުމަށް އަހަރެން އެދުނީމެވެ.

“އަހަރެމެންގެ ކައިވެނީގެ ފަހުން ޔޫނުސް މާގިނައިން ރައްޓެހިންނާއެކު ބޭރަށްގޮސް އުޅޭތީ ޔޫނުސްގެ ބައްޕައާއި އަހަރެންގެ މަންމައާއި އަދި އަހަރެން ދިޔައީ ސިހުރު ހަދާ މީހެއްގެ ކައިރިއަށް. އެމީހާ ދިނީ ތަވީދެއް. އެ ތަވީދު ފެންތަށްޓެއްގައި ގިރާފައި ޔޫނުސަށް ބޯންދިނުމަށް އެމީހާ ބުނީ.” އެވަގުތު އަހަރެން ހަނދާނަށް އައީ ކޮންމެ ދުވަހަކުވެސް ހެނދުނު އަހަރެން އެނދުމަތީގައި އޮއްވާ ކޮފީއެއް ގެނެސްދިނުމުގެ ބަދަލުގައި ސަންކުއިކް ޖޫސްތަށްޓެއް ގެނެސްގެން އަހަންނަށް ބޯންދިން ހަނދާނެއެވެ. އެގޮތަށް ތިންދުވަހަކު ޖޫސްތަށި ގެނެސްދިނެވެ. ހެނދުނު ހޭލާއިރަށް ކޮފީގެ ބަދަލުގައި ޖޫސްތަށްޓެއް ގެނެސްދެނީ ކީއްވެގެންތޯ ސުވާލުކޮށްލުމުން އަންހެނުން ބުނީ، ދެމަފިރިންގެ ދެމެދުގައި މަޖަލަކަށް ހަދާފައި ދައްކާކަހަލަ ފުރެއްދެ ވާހަކައެކެވެ.

އަހަރެންގެ އަންނެހުންގެ ރުއިން އިތުރަށް ގަދަވާން ފެށިއެވެ. އޭނާއަކީ ކުށްވެރިއެއް ކަމަށް ތަކުރާރުކޮށް ބުނަން ފެށިއެވެ. މަޢާފަށް އެދެން ފެށިއެވެ. އަންހެނުން ހަމައަކަށް އަޅުވާފައި އަހަރެން ކޮޓަރިން ނިކުތީމެވެ.

ދެދުވަހެއްގެ ފަހެވެ. ހުކުރު ދުވަހެއްކަމުން އެއްމެން އެއް ސުފުރާމަތީގައި ކާންތިބި ވަގުތެކެވެ. ނަސީބަކުން ބޮޑުދައިތަ ވެސް އިނެވެ. އެއީ އަހަރެން ހޯދަން ބޭނުންވެފައިވާ ދަނޑިވަޅެކެވެ. އެ ދަނޑިވަޅުގެ ބޭނުން ހިފައިގެން ބައްޕައާއި ބޮޑުދައިތައާ އަހަރެން ސުވާލު ކުރީމެވެ. ސިހުރު ހަދާ މީހެއް ކައިރިއަށް ގޮސްގެން އަހަންނަށް އެއްވެސް ކަމެއް ކުރިންތޯ އެހީމެވެ. ލިބުނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. ދެމީހުންވެސް އެކަމާ ދެކޮޅު ހެދިއެވެ. އިންކާރު ކުރިއެވެ. އެވާހަކަ ދައްކާލުމުން އެވަގުތު އަހަރެންގެ އަންހެނުންވެސް އެވާހަކަތަކަށް އިންކާރު ކުރުމުން އަދި މާބޮޑަށް ހައިރާންވިއެވެ. އަންހެނުން ބުނީ އޭނާ އެކަހަލަ އެއްވެސް ވާހަކައެއް އަހަރެން ކައިރީގައި ނުވެސް ދައްކާ ކަމަށެވެ. އޭނާގެ މަންމަދެކެ ބިރުން ކަމަށްވެސް ވެދާނެއެވެ. އެވަގުތު އަހަންނަށް ހުރެވުނީ މާސިންގާ ބިޔަ ކަނޑެއްގެ މެދުގައި އެކަނިމާއެކަނި ކަމުގެ އިޙްސާސެއް ކުރެވުނެވެ. އަހަންނާ އެއްކޮޅަށް ހުރީ ހަމަ އެކަނި އަހަރެންގެ މަންމަ އެވެ. މައި ލަނގޮޑިއަކީ އެކަލައެއްޗެކެވެ. އެ އެއްމެން އަހަރެންގެ ވާހަކަތައް ޤަބޫލުނުކުރިޔަސް، މަންމައަށް އަހަރެންގެ ވާހަކަތައް ޤަބޫލު ކުރެވުނެވެ.

މަންމަ އަހަރެން ގޮވައިގެން ދިޔައީ ފަންޑިތަ ހަދާ މީހެއްގެ ކައިރިއަށެވެ. އެމީހާ ކޮންމެވެސް އާޔަތްތަކެއް ކިޔަވައި ކަމެއް ކޮށްލުމުން އަހަންނަށް ވެގެންދިޔައީ އާދަޔާ ޚިލާފް ގޮތްތަކެކެވެ. ފާޑެއްގެ ސިހުމެއްލިބި ކަންބޮޑުވާން ފެށިއެވެ. އެއީވެސް ސިހުރުހާހޫރަ ހަދާ މީހެކެވެ. މީހުން ބުނާގޮތުން އޭނާވެސް ޖިންނިއެއް ގެންގުޅެއެވެ. އޭނާ ގެންގުޅޭ ޖިންނި މެދުވެރިކޮށް އަހަންނަށް ކޮށްފައި ހުރީ ކޮން ކަމެއްތޯ ބެލިއެވެ. އެމީހާ ބުނީ އަހަރެންގެ ބައްޕަމެން މީހަކުލައްވައި އަހަންނަށް ހެދި ސިހުރު ނުބައި އަތަކަށް އަޅާފައި ވާކަމަށެވެ. އެކަމުގެ ސަބަބުން އެ ސިހުރުހެދި މީހާ ބޭނުންކުރި ޖިންނި އަހަންނަށް އަނިޔާ ކުރަނީކަމަށްވެސް ބުންޏެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.